ލިޔުއްވީ: އައްޝައިޚް މުޙައްމަދު އަނީލް
ރާއްޖެއަށް އިސްލާމްދީނުގެ އަލިކަން ލިބުނުތާ 800 އަށްވުރެ ގިނަ އަހަރު ވީއިރުވެސް، އަޅުގަނޑުމެންގެ ތެރޭގައި ދީނީ ފޮތްތައް ވަރަށް މަދު ކަމީ، އެންމެން އެއްބަސްވާ ޙަޤީޤަތެކެވެ. މިގޮތުން ދިވެހިބަހުން އިސްލާމްދީނާބެހޭ މަޢުލޫމާތު ހޯދާނޭ ރެފަރެންސްތަކެއް ނެތުމަކީ ދިވެހިރާއްޖޭގައި މިއަދު ޔުނިވާސިޓީ ފެންވަރަށް ކިޔަވާ ގިނަ ދަރިވަރުންގެ އެންމެ ބޮޑު ޝަކުވާއެވެ.
އަޅުގަނޑުމެންގެ ރާއްޖެ ކިތަންމެ ކުޑަނަމަވެސް، ރާއްޖޭގައި ދެވޭ ދީނީ ނަސޭހަތްތަކާއި ދަރުސްތައް ނިސްބަތުން ކިތަންމެ މަދު ނަމަވެސް، އެދެވޭ ދަރުސްތަކުގެ ފައިދާ އެންމެ ފުރިހަމަގޮތުގައި ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރުމަކީ ނުކޮށް ދޫކޮށްލައިގެން ތިބުން ހެޔޮވާނޭ ކަމެއް ނޫން ކަމަށް އަޅުގަނޑު ޤަބޫލު ކުރަމެވެ.
30 ނޮވެމްބަރ 2012 ވީ ހުކުރު ދުވަހުގެ ރޭ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ފަރާތުން އައްޑޫސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި ބޭއްވި ދަރުސްގައި ފަޟީލަތުއްޝައިޚް މުޙައްމަދު މޫސާ ވިދާޅުވި ބަސްފުޅެއް މިހާރުވެސް އަޅުގަނޑުގެ ހަނދާނުގައި އެބަހުއްޓެވެ. ދުނިޔޭގެ އިސްލާމީ ބައެއް ޤައުމުތަކުގައި ޝޭޚުން ދަރުސް ދެއްވުމަށްފަހު، އޭގެ ފަހު ދުވަހު ދަރުސްގެ ރެކޯޑިން ނެރެވޭ ކަމަށާއި، އަދި ހަފްތާއެއް ހާ ދުވަހުގެ ތެރޭގައި ދަރުސް ލިޔެވި ޝޭޚަށް ދެއްކުމަށްފަހު، ކުށްފިލުވުމަށްފަހު، ފޮތެއްގެ ސިފައިގައި ނެރެވޭ ކަމަށް ޝޭޚް ވިދާޅުވިއެވެ.
އެއަށްފަހު ޝޭޚް ވިދާޅުވި ގޮތުގައި، އެހެން ނަމަވެސް މިހާރު މިއޮންނަ ގޮތަކީ، ހުރިހާ ކަމެއް ޝޭޚް ކުރަން ޖެހުމުން މިއިން އެއްވެސް ކަމެއް ނުވެފައި ދާގޮތް ދިމާވެފައި ވުން ކަމަށެވެ. އެއީ ދަރުސް ބާއްވަން ތައްޔާރު ކުރުމުން ފެށިގެން ދަރުސް އަށް ތައްޔާރުވެ، ދަރުސް ދީ، ދަރުސް ރެކޯޑްކޮށް، ދަރުސް ލިޔެ ހަދަންޏާ އެކަންވެސް ކުރަން ޝޭޚުންނަށް ޖެހިފައިވާ ކަމަށްވެސް ޝޭޚްވިދާޅުވިއެވެ.
އެރޭވެސް އަޅުގަނޑަށް ހިތާ ހިތާ ބުނެލެވުނެވެ. ޝޭޚެވެ! ތިޔައީ ތެދުފުޅެކެވެ!
އެހެންކަމުން ތިރީގައި އަޅުގަނޑު މިހުށަހަޅާލަނީ، ދީނީ ޢީލްމުވެރިން ދެއްވާ ދަރުސްތައް ލިޔެ، ޢާއްމުކުރުމުގެ މަސައްކަތް ކުރާނެ ގޮތުގެ ފިކުރެކެވެ. މިއީ އެންމެ ފުރިހަމަ ގޮތް ކަމުގައި ނުވެދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެހެން ނަމަވެސް މިފިކުރުގެ މައްޗަށް ތިޔަބޭފުޅުންގެ ޚިޔާލުތައް އިތުރު ކުރައްވައި މުއްސަނދި ކުރައްވާށެވެ. ދުޢާއަކީ މީގެ ފައިދާ އަޅުގަނޑުމެން އެންމެންނަށްވެސް ﷲ ދެއްވުމެވެ.
އެންމެ ފުރަތަމަ:
އެންމެ ފުރަތަމަ، އަދި އެންމެ ހެޔޮ ވަޞިއްޔަތަކީ، ތަޤްވާގެ ވަޞިއްޔަތެވެ. އެއަށްފަހު މި މަސައްކަތް ފެށުމުގެ ކުރިންނާއި މަސައްކަތުގެ ތެރޭގައްޔާއި ނިންމުމަށްފަހުގައިވެސް، އިޚްލާޞްތެރިވުމަށް އަޅުގަނޑުގެ އަމިއްލަ ނަފްސަށާއި ތިޔަ އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނަށް ވަޞިއްޔަތްކުރަމެވެ.
ހަދަންވީ ގޮތް:
ދީނީ ދަރުސްތަކަށް އަޅުގަނޑުމެން އެބަ ދަމެވެ. އަދި ގިނަ ފަހަރަށް ދަރުސްތައް ރެކޯޑުވެސް އެބަ ކުރަމެވެ. ނުވަތަ ރެކޯޑިންގ އިންޓަނެޓްގެ ކޮންމެވެސް ސައިޓެއްގައި ވަނިކޮށް ފެނިގެން ދެއެވެ. އެހެންކަމުން މި ދަރުސްގެ ރެކޯޑިންގ ހޯއްދަވާށެވެ. އެއަށްފަހު، އެދަރުސް އަޑުއަހާލާށެވެ.
ލިޔާނީ ކޮން ދަރުސެއް؟
ކޮންމެ ދަރުސެއްވެސް ލިޔެވިދާނެއެވެ. އެހެންނަމަވެސް ބޮޑަށް ބަލަންވީ، ދީނީ ލިޔުންތަކުގެ ގޮތުގައި އަޅުގަނޑުމެންނަށް ފެންނަ ލިޔުންތަކުގައި ނުހުންނަ މައުލޫމާތު އެކުލެވޭ ދަރުސްތަކެވެ. އޭރުން އެއިގެ ފައިދާ ބޮޑުވާނެކަމަށް ބެލެވެއެވެ.
ދަރުސް ލިޔުން:
ދަރުސް ކޮމްޕިޔުޓަރުން އަޑުއަހަމުން ލިޔާށެވެ. ފުރަތަމަ ލިޔާއިރު، ދަރުސް ދެއްވި ޝެއިޚް ދެއްވި ޢިބާރާތުން ލިޔާށެވެ. އަދި އެއަށްފަހު ލިޔުމުގައި ބޭނުންކުރާ ގޮތަށް ޖުމްލަ ފުރިހަމަކޮށް، އެވެ ށެވެ ލައިގެން ޖުމްލަ ހަމަޖައްސާލާށެވެ. އެއަށްފަހު ދީނީ ޢިލްމު އުނގެނޭ ކުއްޖެއްގެ އެހީތެރިކަން ހޯދައިގެން، އާޔަތްތަކާއި ޙަދީޘްތައް ރަނގަޅަށް ލިޔެލާށެވެ. އަދި އާޔަތާއި ޙަދީޘްގެ ރެފަރެންސް ވެސް ހޯދައި ލިޔެލާށެވެ.
އެޕްރޫވަލް:
މިއީ ތިމާ ކުރާ ވަރަށްބޮޑު ޢިލްމީ މަސައްކަތެއް ކަމަށް ބަލާށެވެ. އެހެންކަމުން، މި ގޮތަށް ދަރުސް ލިޔެ ނިންމުމަށްފަހު އެދަރުސް ދެއްވި ޝޭޚަކަށް ދައްކާލައި، އެލިޔުމަށް އެބޭފުޅަކު ގެންނަވަން ބޭނުންފުޅު ބަދަލެއް ގެނެވިޔަ ދޭށެވެ.
މިގޮތަށް ކޮންމެ ދަރުސެއް ބަލައި ޗެކް ކުރަން ޝޭޚަށް އުނދަގޫ ވެދާނެއެވެ. އެހެން ވެއްޖެނަމަ، ދަރުސް ދިން ޝޭޚް ނޫން އެހެން ޝޭޚަކު ލައްވާ ޗެކް ކުރުވާށެވެ.
ޝާއިޢު ކުރުން:
އެއަށްފަހު، އިންޓަނެޓްގެ ކޮންމެވެސް އިސްލާމީ ވެބްސައިޓަކަށް ފޮނުވާލައިގެން އެ މަސައްކަތް ޝާއިޢު ކުރައްވާށެވެ. އެއީ ނޫރުލްއިސްލާމް ވެބްސައިޓް ކަމުގައި ވިޔަސް، ދިއިސްލާމް ވެބްސައިޓް ކަމުގައި ވިޔަސް، ރާއްޖެއިސްލާމް ވިޔަސް، ދިސަލަފިއްޔާ ނުވަތަ އެހެން އިސްލާމީ ވެބްސައިޓަކަސް އެންމެ ރަނގަޅެވެ.
ގުރޫޕް މަސައްކަތް:
ވަކިން އެކަނި ހުރެ މި މަސައްކަތް ކުރުމަށްވުރެ، ހަތަރު ފަސް ބޭފުޅުން އެކުގައި މި މަސައްކަތް ކުރުމަކީ އެދެވިގެންވާ ކަމެކެވެ. އޭރުން 45 ވަރަކަށް މިނެޓްގެ ދަރުސް ކޮންމެ ބޭފުޅަކަށް ބަހާލުމުން ދިހަ ވަރަކަށް މިނެޓްލިޔުމުން ވާނެއެވެ. ދެން އެ ލިޔުންތައް އެއްކުރުމަށްފަހު، ކުރީގައި މި ދެންނެވުނު ގޮތަށް އިޞްލާޙުކުރުމުން، ފަސޭހަވެފައި ލޯޑު ކުޑަވާނެކަމަށް ޤަބޫލުކުރެވެއެވެ.
ދަޢުވަތަށްޓަކައި އުޚްތުންނަށް ރަނުގެ ފުރުޞަތެއް:
ދަރިންނާއެކު ގޭގައި ތިއްބަވާ، ނުވަތަ އަދި ކައިވެނި ބައްލަވައި ނުގެން ތިއްބެވި، ނުވަތަ އަދި ދަރިއަކު ނެތް، އުޚްތުންނަށް އެބޭފުޅުންގެ ވަގުތު ހޭދަކުރައްވައިގެން ޘަވާބު ހޯދުމަށާއި، ދެމިގެންވާ ޞަދަޤާތެއް ކުރުމަށް މިއީ ރަނުގެ ފުރުޞަތެކެވެ. ތިމާ ބިޒީ ވުމުގެ ކުރީގައި، ނުވަތަ މިފަދަ ކަމެއް ކުރުމަށް ތިމާއަށް ހުސް ވަގުތުކޮޅެއް ލިބޭނެ ނަމައޭ ހިތަށްއަރާފަދަ ވަގުތެއް އައުމުގެ ކުރިން، މިކަން ތަޖުރިބާ ކޮށްލުން ކިހިނެއް ވާނެބާވައެވެ؟
ފޭސްބުކާއި ޓުވިޓާއަށް ހޭދަކުރާ ވަގުތުން މިކަމަށް ވަގުތު ސަލާމަތް ކުރައްވާށެވެ!:
އަޅުގަނޑުމެންގެ ތެރޭގައި ދީނަށް ލޯބިކުރާ ދީނަށްޓަކައި ޤުރްބާންވާ ކިތަންމެ ދިވެހި ދަރިން އެބަ ތިއްބެވެ. އެޒުވާނުންގެ ވަގުތުތައް ފޭސްބުކްގައި ބޭކާރު ގޮތުގައި ދުއްވާލުމުގެ ބަދަލުގައި، މިފަދަ ގޮތަކަށް ވަގުތު ހޭދަކުރުމުން އެއިގެ ފައިދާ ތިމާއަށާއި، ތިމާގެ މުސްލިމު އުއްމަތަށް ކުރާނެއެވެ.
އަދި ވިސްނާލަމާ ހިނގާށެވެ! އަޅުގަނޑުމެން މިގޮތަށް ލިޔެލާ ދަރުސެއްގެ ލިޔުމެއް ކިޔުމަށްފަހު، މީހަކަށް ހިދާޔަތު ލިބި، ހެޔޮ މަގަށް ރުޖޫޢަވެއްޖެނަމަ، އޭނާއަށް ހިދާޔަތުގެ ސަބަބަކަށް އަޅުގަނޑުމެންނަށް އެވެވުނީއެވެ. އޭގެ ސަބަބުން، ﷲގެ ޙަޟްރަތުން ލިބޭނޭ ދަރުމައާއި ސަވާބާމެދު ވިސްނާލާށެވެ!
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ހެޔޮކަންތައްތަކަކީ އެއީ ކުޑަކަމެއް ކަމުގައިވިޔަސް ފަރުވާ ކުޑަނުކުރާށެވެ.
އަލްއިމާމް މުސްލިމް ރަޙިމަހުﷲ، އަބޫ ޛައްރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ހެޔޮކަންތައްތަކުގެ ތެރެއިން އެއްވެސް ކަމެއް އެއީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ. އެއީ ތިބާގެ އަޚާއާއި ހިނިތުން މޫނަކާއެކު ބައްދަލުކުރުން ކަމުގައި ވިޔަސްމެއެވެ.
ﷲ އަޅުގަނޑުމެންނަށް ހެޔޮ މަގު ދައްކަވައި އެމަގުގައި ހިނގުމުގެ ތައުފީޤް ދެއްވާށި! އަދި އަޅުގަނޑުމެން އެންމެންނަކީ، އެމީހެއްގެ މިންވަރުން ދީނީ ޢިލްމުވެރިންގެ މަޝްވަރާގެ އަލީގައި، މިދީނުގެ ދަޢުވަތު، ފަތުރަން މަސައްކަތްކުރާ ބައެއް ކަމުގައި ލައްވާށި! އާމީން.
މިލިޔުމަކީ 3/10/2013 ގައި ނޫރުލްއިސްލާމްގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.