ދުނިޔޭގައި އަޅުގަނޑުމެން ދިރިއުޅުމުގައި އެކަކު އަނެކެއްގެ އެހީތެރިކަމަށް އެކި ގޮތްގޮތުން ބޭނުން ޖެހެއެވެ. އެހެންކަމުން، އެހެން މީހުންނާ މުޢާމަލާތު ކުރަން ނުޖެހޭ މީހަކު އަޅުގަނޑުމެންގެ ތެރޭގައި ނުހުރެއެވެ.
މީހުންނާ މުޢާމަލާތު ކުރުމުގައި އެންމެ ރިވެތި ގޮތްތައް އިސްލާމްދީނުގައި ދަސްކޮށް ދެއްވާފައިވެއެވެ. އެގޮތުން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އަނެކާއާ މުޢާމަލާތު ކުރަންޖެހޭ ގޮތުގެ ހަރުދަނާ ޤަވާޢިދެއް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދަސްކޮށްދެއްވާފައެވެ. އެއީ، ކޮންމެ މީހަކުވެސް، އަނެކާއާ މުޢާމަލާތުކުރުމުގައި، އޭނާ ތިމަންނައާ މުޢާމަލާތު ކުރުމަށް ތިމަންނަ ލޯބިކުރާ ގޮތަށް އޭނާއާ މުޢާމަލާތު ކުރުމެވެ.
މުޖުތަމަޢުގެ ތެރޭގައި އެކިއެކި މީހުންގެ މިޒާޖާއި އުޅުމާއި އަޚްލާޤުވެސް ވަރަށް ތަފާތެވެ. އެގޮތުން ބައެއް މީހުންނަށް އެހެން މީހުންގެ ކިބައިގައި ހުންނަ ނުބައި ސިފަތައް އެކަނި ފެންނަ އިރު، އަނެއްބައިމީހުންނަކީ މީސްތަކުންގެ ކިބައިގައި ހުންނަ ރަނގަޅު ސިފައަށް ފޯކަސްކުރާ ބައެކެވެ.
އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ވަނީ، މީސްތަކުންގެ ހުންނަ އުނި ކަންތައް ހޯދައި ބަލައި ހެދުން މަނާކުރައްވާފައެވެ. މީސްތަކުންގެ ޢައިބުތައް(ކުށްތައް) ހޯދައި އުޅުމަށް އެމީހުންނަށް ފާރަނުލުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމުރު ކުރައްވާފައިވެއެވެ.
ހަމައެހެންމެ، މީހާގެ ކިބައިން ގޯހެއް ފެންނަހިނދު، އެކަމަށް ފޯކަސް ކުރުމުގެ ބަދަލުގައި އޭނާގެ ކިބައިގައި ހުންނަ ރަނގަޅު ކަމަށް، ނުވަތަ ކަންތައްތަކަށް ފޯކަސް ކުރުމަށް ދަސްކޮށްދެއްވާފައިވެއެވެ. އަނބިމީހާ ނުވަތަ ފިރިމީހާގެ ކިބައިން ހިތްހަމަނުޖެހޭ، އުނި ކަމެއް ފެނިއްޖެނަމަ، އޭނާގެ ކިބައިން ލިބިފައިވާ ނުވަތަ ފެނިފައިވާ ހެޔޮ ރަނގަޅު ކަމަކަށް ފޯކަސްކުރުމަށް އިސްލާމްދީނުގައި އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައިވެއެވެ. މިއީ ހަމައެކަނި ދެމަފިރިންނަށް ޚާއްޞަ ކަމެއް ނޫނެވެ. މުޖުތަމަޢުގައި އުޅޭއިރު، ތިމާގެ މުސްލިމު އަޚުންނާއި އުޚްތުންގެ ކިބައިން ފެންނަ ކަންތައްތަކުގައިވެސް މިކަމަށް ސަމާލުވާންޖެހޭނެއެވެ.
މުޖުތަމަޢުގައި މިދެންނެވި ގޮތަށް ބަލާއިރު މީސްތަކުން ދެބަޔަކަށް ބެހިގެން ދެއެވެ. އެދެބައިމީހުންގެ މިސާލަކީ، މެއްސާއި، މާމުއި ކުޅަނދުރުގެ މިސާލެވެ.
މާމުއިކުޅަނދުރަކީ، މާމެލާމެލިން ފޮނި ބޮއެ، އެޖަމާކުރާ އެއްޗެކެވެ. ކިތަންމެ ނަޖިސްތަނެއްގައިވިޔަސް، މަލެއް ހުރެއްޖެނަމަ، އޭގެ ފޮނި ބޯނެއެވެ. އަދި ނަޖިސް، ނުވަތަ ހަޑިވެފައިވާ ތަނުގައި ނީށީންނާނެއެވެ.
އެއީ މީސްތަކުންގެ ތެރެއިން އެހެންމީހުންގެ ކިބައިގައި ހުންނަ ހެޔޮ ކަންތައްތަކަށް ފޯކަސްކުރާ މީހުންނެވެ. އެމީހުން، ބޮޑަށް ފޯކަސްކުރާނީ މީހާގެ ކިބައިގައި ހުންނަ ހެޔޮ ކަމަށެވެ. ރަނގަޅު ކަމަށެވެ. އޭނާގެ ކިބައިގައި ހުންނަ އުނި ކަމަށް މިފަދަ މީހުންގެ ސަމާލުކަން ނުހުއްޓޭނެއެވެ.
މެއްސަކީ، ތަންތަނުގައި ހުންނަ ނަޖިސް، ނުވަތަ ކުނިވެފައިހުންނަ ތަކެތީގައި އާއްމުކޮށް ޖައްސައި އުޅޭ އެއްޗެކެވެ. ކިތަންމެ ރީތި މާ ބަގީޗާއެއްގެ ތެރޭގައި ކަމުގައިވިޔަސް، އެމެހި ޖައްސާނީ އެތަނުގައި ކުނިވެފައި ހުރި، ނުވަތަ ނަޖިސް އެއްޗެއް ހުރެއްޖެނަމަ އޭގައެވެ. ނަތީޖާއަކަށްވަނީ ބަލިފެތުރުމާއި، މީސްތަކުން ނަފްރަތު ކުރާ އެއްޗެއްކަމުގައި، މެހި ވެގެން ދިޔުމެވެ.
މިއީ ކުރިން ދެންނެވުނު ގޮތަށް، މީހުންގެ ތެރެއިން އުނިސިފަތަކާއި ކުށްތައް ހޯދައި ބަލައި އޭގެ ފަހަތުން ސަލާމަތް ނުވެގެން ދުވެ އުޅޭ މީހުންގެ މިސާލެވެ. އެމީހުންގެ ސިކުނޑިތައް ފުރިފައިވާނީ މީހުންގެ ކިބައިގައި ހުންނަ ގޯސް ކަންތައްތަކުންނެވެ. އެމީހުންނަށް މީހެއްގެ ކިބައިގައި ކިތަންމެ ގިނަ ރަނގަޅު ކަމެއް ހުރި ކަމުގައި ވިޔަސް، ގޯސްކަމެއް ހުރެއްޖެނަމަ، އެމީހާގެ އެކަމަށް ނޫނީ ސަމާލުކަން ނުދެވެއެވެ.
އެހެންކަމުން އަޅުގަނޑުމެން އަމިއްލަ ނަފްސުތަކާ ސުވާލު ކޮށްލަންވީ އަޅުގަނޑުމެން ވާން ބޭނުންވަނީ، މެއްސަކަށްތޯ ނުވަތަ މާމުއި ކުޅަނދުރަކަށްތޯއެވެ.
މީގެ މާނައަކީ އުނި ސިފަތައް ހުންނަމީހާގެ އެކަންތައްތަކަށް ފަރުވާ ހޯދުމަށް މަސައްކަތް ނުކުރުމުގެ ވާހަކައެއް ނޫނެވެ. އޭނާއަށް ރިވެތި ގޮތުގައި ކިޔައިދީ، އެކަހެރިން ނަސޭހަތްދީ އެ ކުށަކުން، ނުވަތަ އުނި ކަމަކުން ސަލާމަތް ކޮށްދެވޭތޯ އެހީތެރިވާން ވާނެއެވެ.
މިއީ 14 ފެބްރުއަރީ 2020 ގައި ނޫރުލްއިސްލާމްގައި ޝާއިޢުކުރެވުނު ލިޔުމެކެވެ.