ލިޔުއްވީ: އައްޝައިޚް މުޙައްމަދު އަނީލް
“އަހަރެންގެ މަންމަ (ރަޙިމަހަﷲ) އަކީ ތަސްބީޙަ(1) ކިޔުމާއި ތަހްލީލު(2) ކިޔުމަށް ލޯބި ކުރެއްވި ބޭކަނބަލެކެވެ. އަބަދުވެސް މަންމަގެ ދުލުން ޛިކުރު ކުރުންމަތީ ހުންނަވާ ކަމުގައި ވިއެވެ.
އަހަރެމެންނަކީވެސް ﷲ މަތިން ހަނދުމަކޮށް، ޛިކުރު ކުރާ ބައެއް ކަމުގައި ހެދުމަށްޓަކައި މަންމަ ބޭނުންކުރެއްވީ ނިކަން މޮޅު އުފެއްދުންތެރި ގޮތެކެވެ. އެގޮތުން މަންމަ ހެއްދެވި ގޮތަކީ، މަގުތަކަށް އާއްމުކޮށް ކިޔައިއުޅޭ ނަންތައް ފިޔަވައި އެހެން ނަންތަކެއް މަގުތަކަށް ދިނީއެވެ. މިސާލަކަށް؛ “ނަޞްރު މަގު” މިނަން ކިޔާ މަގަށް އެއިގެ ބަދަލުގައި އަހަރެމެން ކިޔަން ދަސްކޮށްދެއްވީ “سبحان الله މަގު” މިފަދައިންނެވެ.
އަހަރެމެން އެމަގުން ދާ ކޮންމެ ފަހަރަކު “سبحان الله” މި ޛިކުރު ކުރަން އާދަ ކޮށްދެއްވިއެވެ.
އެގޮތަށް، ބާޒާރު މަގު” ގެ ބަދަލުގައި އެމަގަށް، “الحمد لله މަގު” ގެނަން ދެއްވިއެވެ. މިގޮތަށް ނަންދިނުމަށްފަހު، އަހަރެމެން އެމަގުގައި ހިނގާ ކޮންމެ ފަހަރަކު އަހަރެމެން ތިބެނީ އެ ޛިކުރު ކުރުން މަތީގައެވެ.
އަހަރެމެން އެންމެ ކުޑައިރު، (އެއީ މީގެ ގާތްގަނޑަކަށް ތިރީހަކަށް އަހަރު ކުރިއްސުރެ ފެށިގެން) މަންމަ މިގޮތަށް މިކަންތައް ކުރައްވާ ހަނދާން އަހަރެން ވެއެވެ.
މިއަދު އަހަރެންގެ ޢުމުރުން 40 އަހަރެވެ. މިއަދުވެސް ” سبحان الله ” މަގާއި، ” الحمد لله ” މަގާއި، “لا حول ولا قوة إلا بالله” މަގުން އަހަރެން ދަތުރުކުރާ ކޮންމެ ފަހަރަކު، އަހަރެންގެ މަންމަ އަހަރެންނަށް ދަސްކޮށްދެއްވި ގޮތަށް އަހަރެން އެ ޛިކުރުތައް ކުރަމެވެ.
(1) ތަސްބީޙަ – އެއީ سبحان الله ކިޔުމެވެ.
(2) ތަހްލީލު – އެއީ لا إله إلا الله ކިޔުމެވެ.
ނޯޓް: މިއީ މަޝްހޫރު މުރައްބީ، ޑރ. ޢަބްދުﷲ ޢަބްދުލްމުޢުޠީ ލިޔުއްވާފައިވާ ފޮތަކުން ނަކަލުކޮށް ތަރުޖަމާ ކޮށްފައިވާ ލިޔުމެކެވެ. ﷲ ތަޢާލާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާށި! އާމީން.