ބައްޕާއެވެ. އަހަރެންނާއެކު ބަދިގެއަށް ނުވަންނާނަން ހެއްޔެވެ؟

ލިޔުއްވީ: އައްޝައިޚް މުޙައްމަދު އަނީލް

“އަހަރެން ކުޑައިރު، ބަދިގެއަށްވަދެ، ތަށިދޮވެ ހެދުމާއި ކެއްކުމަކީ އަހަރެން ކުރާ ހިތް ނުވާ ކަމެކެވެ. ނުވަތަ އުނދަގޫ ކަމެކެވެ. އެހެންނަމަވެސް އަހަރެންގެ ބައްޕަ ވިދާޅުވެއެވެ. “ދަރިފުޅާއެވެ. ބައްޕަ ބަދިގޭގެ ކަންތަކުގައި ދަރިފުޅަށް އެހީތެރިވާނަމެވެ.”
އެއަށްފަހު ބައްޕަ އަހަރެންނާއެކު ބަދިގޭގެ ކަންތައްތަކުގައި އެހީތެރިވެ ދެއްވިއެވެ. އަހަރެންނަށް އެއްތަށި، ބައްޕައަށް އެއްތަށި، މިގޮތަށް ބަހާލައިގެން ތަށިތައް ދޮވެ ހެދީމެވެ. ބައެއްފަހަރަށް ބައްޕަ އަހަރެން ގަޔަށް ފެން ބުރުވާލައްވައެވެ.
ބައްޕަގެ ވަގުތު ހުންނަގޮތުން ކުޑަ ވަގުތުކޮޅަކަށް ކަމުގައިވިޔަސް ބަދިގޭގެ ކަންތައްތަކުގައި އަހަރެންނަށް ބައްޕަ އެހީތެރިވެލެއްވިއެވެ.
ޗުއްޓީ ދުވަހެއް އަތުވެއްޖެނަމަ ބައްޕަ، މަންމަ އަށް ވިދާޅުވެއެވެ. “މިއަދު ބަދިގޭގެ ކަންތަކާ ޙަވާލުވާނީ އަހަރެންނާއި އަހަރެންގެ މި އަންހެން ދަރިފުޅެވެ. މިއަދު އަހަރެމެން އެންމެ މީރު ކާތަކެތި ތައްޔާރުކޮށްދޭނަމެވެ.”
ބަދިގޭގެ މަސައްކަތާއި، ގޭގެ އެހެން މަސައްކަތްތައް ކުރުމަށް އަހަރެންގެ ހިތުގައި ލޯބި ޖެއްސި މީހަކީ ބައްޕައެވެ. ބައްޕަ އަހަރެންނާއެކު އެ މަސައްކަތުގައި ބައިވެރިވެލެއްވީތީއެވެ.
ތެދެކެވެ. ބައްޕަގެ މަސައްކަތް ހުންނަގޮތުން ބައެއް ފަހަރަށް އަހަރެންނާއެކު ބަދިގޭގެ މަސައްކަތްތައް ކުރަން ފެއްޓެވުމަށްފަހު، ވަޑައިގަންނަވާނެއެވެ. ދެން އަހަރެން އެކަމެއް ފުރިހަމަކޮށް ނިންމާލަމެވެ.
އެހެންނަމަވެސް، ބައްޕަ އަހަރެންނާއެކު ބަދިގޭގައި ހުންނަވާ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އަހަރެންގެ ހިތް ލޯތްބާއި އުފާވެރިކަމުނެ ފުރުއްވާލައްވައެވެ.
މިއަދުވެސް އަހަރެން ބަދިގެއަށް ވަންނަ ކޮންމެ ފަހަރަކު ބައްޕަ މަތިން ހަނދާންވެއެވެ. އަދި ބައްޕައަށްޓަކައި ހެޔޮ ދުޢާ ކުރަމެވެ.”

ނޯޓް:  މިއީ މަޝްހޫރު މުރައްބީ، ޑރ. ޢަބްދުﷲ ޢަބްދުލްމުޢުޠީ ލިޔުއްވާފައިވާ ފޮތަކުން ނަކަލުކޮށް ތަރުޖަމާ ކޮށްފައިވާ ލިޔުމެކެވެ. ﷲ ތަޢާލާ ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ތައުފީޤު އަޅަމެން އެންމެންނަށް ދެއްވާށި! އާމީން.