ފަޟީލަތުއްޝައިޚުލްއައްލާމާ ޔޫސުފުލްޤަރަޟާވީ ރަޙިމަހުﷲ
الحمد لله رب العالمين، والعاقبة للمتقين، ولاعدوان إلاعلى الظالمين، والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين، وبعد :
އިންސާނާ ޝަހާދަތުގެ ދެކަލިމަ ކިޔައި އެއަށް އިޤްރާރުވެ އިސްލާމްދީނަށް ވަނުމުން އޭނާގެ އެ އިސްލާމްކަމުގެ ސަބަބުން ދީނުގެ އެންމެހައި ޙުކުމްތަކަށް ތަބާވުމަކީ އޭނާގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. އެ ޙުކުމްތަކަށް ޢަމަލުކުރުމަކީ އެ ޙުކުމްތަކުގެ ޢަދުލުވެރިކަމާއި އޭގެ މާތްކަން ހިތުގެ އަޑިން ޤަބޫލުކޮށް އީމާންވެ އެއަށް ޢަމަލުކުރުމެވެ. އަދި އެއަށް ބޯލަނބައި ކިޔަމަންގަތުމަކީ ވާޖިބުކަމެއްކަމުގައި ދުށުމެވެ. މިދެންނެވީ ޞަރީޙަކޮށް ޤުރްއާނާއި ސުންނަތުން ސާބިތުވާ ޙުކުމްތަކުގެ ވާހަކައެވެ.
މިފަދަ އެއްވެސް ޙުކުމެއް ދޫކޮށްލުމަކީ ނުވަތަ ބަލައިނުގަތުމަކީ އެއްގޮތަކަސް ވެސް ހުއްދަވެގެންވާނެ ކަމެއްނޫނެވެ. ކިއެއްހެއްޔެވެ؟ މުސްލިމު އިންސާނާގެ މައްޗަށް ވާޖިބުވެގެންވަނީ ހިތުންރުހުމުން އެޙުކުމްތަކަށް ތަބާވުމެވެ. ޙަލާލު ކަންތައްތައް ޙަލާލު ކުރާ ޙާލުގައެވެ. ޙަރާމްކަންތައްތައް ޙަރާމްކުރާ ޙާލުގައެވެ. ވާޖިބުކުރައްވާފައިވާ ކަމެއް ވާޖިބު ކަމަށް ދެކިހުރެއެވެ. މުސްތަޙައްބުކުރައްވާފައިވާ ކަމެއް މުސްތަޙައްބުކަމަށް ދެކިހުރެއެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالا مُّبِينًا ) الأحزاب : 36
“ﷲ އާއި އެކަލާނގެ ރަސޫލާ ކަމަކާމެދު ވަކި ގޮތެއް ނިޔާކުރައްވާފައި ވަނިކޮށް، އެބައިމީހުންގެ އެކަންތަކުގައި އެނޫންގޮތެއް ޚިޔާރުކުރުމަކީ މުއުމިން ފިރިހެނަކަށްވެސް އަދި މުއުމިން އަންހެނަކަށް ވެސް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ އަށާއި އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ހަމަކަށަވަރުން ބަޔާންވެ ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު މަގުފުރެދިއްޖެއެވެ.”
(إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ). النور 51
” އެބައިމީހުންގެ މެދުގައި ޙުކުމެއްކުރައްވައި އިންޞާފެއް ކުރެއްވުމަށްޓަކައި ﷲއާއި އެކަލާނގެ ރަސޫލާގެ އަރިހަށް
( ސުންނަތަށް) އެބައިމީހުންނަށް ގޮވާލެވޭ ހިނދު މުއުމިނުންގެ ބަހެއްކަމުގައި ވާކަން ކަށަވަރީ ތިމަންމެން އަހައިފީމުއޭ އަދި، ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނުމެވެ. ދިންނަވައި ނަޞީބު ލިބޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ. ”
( فَلاَ وَرَبِّكَ لاَ يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لاَ يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا). النساء : 65
ހަމަކަށަވަރުން ވެސް އެހެނެއްނޫނެވެ. ކަލޭގެފާނު ހައްދަވާބޮޑުކުރެއްވި ރަސްކަލާނގެ ގަންދެއްވައި ވަޙީކުރައްވަމެވެ. އެމީހުންގެ މެދުގައި އުފެދޭ ދެކޮޅުވެރިކަމުގައި ކަލޭގެފާނުގެ ޙުކުމް ވެރިކޮށްފުމަށް ދާންދޭން އެބައިމީހުން އީމާނެއް ނުވާނެއެވެ. އެހިނދު ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެމީހުން ހިތްތަކުގައި ކުޑަވެސް ދަތިކަމެއް އެބައިމީހުން ނުދެކޭނެއެވެ. އެހިނދު އެބައިމީހުން އެނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެއެވެ. “
މިތަނުގައި އަޅުގަނޑުމެން ދަނެގަތުން މުހިންމު ކަމަކީ، ދީނުގެ ޙުކުމްތަކުގެ ތެރޭގައި ވާޖިބުކަންކަމާއި ޙަރާމްކަންކަމާއި ޢުޤޫބާތްތަކާ މި ނޫންވެސް ޝަރުޢީ އެހެން ޙުކުމްތަކުގެ ތެރޭގައި ޤަޠުޢީ ގޮތުން ޘާބިތުވެފައިވާ ޙުކުމްތައް ވާކަމެވެ. އެޙުކުމްތަކަކީ އެއާމެދު އެއްވެސް ޝައްކެއްނުވާ ޔަޤީނީ ޙުކުމްތަކެވެ. ހަމަކަށަވަރުން އެއީ ﷲގެ ދީނާއި ޝަރީޢަތެވެ. މި ފަދަ ޙުކުމްތަކަށް ދަންނަބޭކަލުން ވިދާޅުވަނީ ‘ ދީނުގެ ޙުކުމްތަކުގެ ތެރެއިން ކަނޑައެޅިގެން އެނގޭ ޙުކުމްތަކެވެ. “
މިފަދަ ޙުކުމްތަކުގެ ޢަލާމާތަކީ ޢިލްމުވެރީންނާއި ޢާއްމު މުސްލިމުންނަށް އެޙުކުމްތަށް އެނގުމެވެ. އެޙުކުމްތައް ދެނެގަތުމަށްޓަކައި ނަޡަރީ އިޖުތިހާދެއް އިސްތިންބާޠުކުރުމެއް ބޭނުމެއްނުވާނެއެވެ. މިސާލަކަށް ނަމާދާއި ޒަކާތާއި އެނޫންވެސް ދީނުގެ ރުކުންތަކުގެ ފަރުޟުވަންތަކަމުގެ ޙުމުކާއި ނުޙައްޤުން މީހުން ޤަތުލުކުރުމުގެ ޙުކުމާއި ޒިނޭގެ ޙުކުމްކަމުގައިވާ އޭގެ ޙައްދާއި ރިބާނެގުމުގެ ޙުކުމާއި ރާބުއިމުގެ ޙުކުމާއި މިނޫނަސް ބޮޑެތި ފާފަތަކުގެ ޙުކުމްތަކެވެ. އަދި ހަމަ އެހެންމެ ކައިވެންޏާއި ވަރިޔާއި ވާރުތަމުދަލާއި ޙައްދުތަކާއި ޤިޞާޞް ފަދަ ކަންކަމުގެ ޤަޠުޢީ ޙުކުމްތަކެވެ.
މިގޮތުން ‘ ދީނުގެ ޙުކުމްތަކުގެ ތެރެއިން ކަނޑައެޅިގެން އެނގޭ ޙުކުމްތަކެވެ. ” މިފަދަ ޙުކުމަކަށް އިންކާރު ކުރާ މީހާ ނުވަތަ އެޙުކުމެއްގެ ޤަދަރުކުޑަކޮށްލާމީހާ ނުވަތަ އެޙުކުމަކަށް މަލާމާތްކުރާ މީހާ ހަމަކަށަވަރުން ވެސް ޞަރީޙަ ކާފިރުވުމަކުން ކާފިރު ވެއްޖެއެވެ. އެހެނީ މިފަދަ ޙުކުމްތަކަކީ އާޔަތްތަކުން ޞަރީޙަކޮށް ބަޔާންކުރައްވާފައިވާ ޙުކުމްތަކެކެވެ. އަދި އެޙުކުމްތަކާމެދު އުންމަތުގެ ޖީލަކަށް ފަހު ޖީލެއްވަނީ އިޖުމާޢުވެފައެވެ. އެއިން ޙުކުމެއް ދޮގުކުރުމަކީ ޤުރްއާނާއި ސުންނަތުގެ ނައްޞު ދޮގުކުރުމެކެވެ. އެއީ ކުފުރެކެވެ.
މީގެން އިސްތިޘްނާވެގެންވަނީ އަލަށް އިސްލާމްވާ މީހުންނާއި މުސްލިމުން ދިރިއުޅޭ ރަށްތަކާ ދުރު ތަންތަނާ ދިރިއުޅޭ މީހުންނާއި ރަނގަޅަށް ޢިލްމު ލިބިފައި ނުވާ މީހުންނެވެ. މިފަދަ ބަޔަކު ކަނޑައެޅި ބަޔާންވެގެންވާ ޙުކުމަކަށް އިންކާރުކުރުމަކުން ފަހެ ކާފިރު ނުވާނެއެވެ. އެމީހުން ބެލެވޭނީ ޢުޒުރުވެރީން ކަމުގައެވެ. އެއީ ދީނުގެ ކަންކަމުގެ މަޢްލޫމާތާއި ޢިލްމު އެބައިމީހުންނަށް ލިބިއްޖައުމަށް ދާންދެންނެވެ. އެއަށް ފަހު އެންމެހައި މުސްލިމުންގެ މައްޗަށް ހިނގާ ޙުކުމް އެމީހުންގެ މައްޗަށް ވެސް ހިނގާނެއެވެ…..
(ފަތުވާގެ ތަރުޖަމާ ނިމުނީ)
އަދި މިލިޔުމަކީ 10/9/2013 ގައި ނޫރުލްއިސްލާމްގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ.