އެންމެހާ ޚިދުމަތްތެރިންނަށް ދިވެހިރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރިއްޔާ

 އައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

މިއަދު މައިދާނުގައި ހިތްވަރާއެކު މި ނުރައްކާތެރި ވަބާއާ ދެކޮޅަށް ވަރުގަދަ ޖިހާދެއްގައިވަނީ ތިޔަ ބޭފުޅުންނެވެ.

އަޅުގަނޑުމެން ގެތަކުގައި އަމާންކަމާއެކު ތިބިއިރު، ތިޔަ ބޭފުޅުން ތިޔަ ގެންދަވަނީ، ނުރައްކާތެރި މި ވައިރަހާ ކުރިމަތި ލައްވައި، އޭގެ ނުރައްކަލަށް ހުށަހެޅޭ ހާލުގައިވެސް އަޅުގަނޑުމެންގެ ސަލާމަތަށްޓަކައި ޤުރުބާންވެ ލައްވަމުންނެވެ.

ތިޔަ ބޭފުޅުންނަށްޓަކައި ﷲގެ ޙަޟްރަތުގައިވާ ހެޔޮކަންތަކުގެ ބޮޑުކަމާއެވެ!

ތިޔަބޭފުޅުންނަށްޓަކައި ﷲގެ ޙަޟްރަތުގައި ވާ ދަރަޖަތަކުގެ މަތިވެރިކަމާއެވެ!

ތިޔައިގެ ތެރެއިން އެތައް ބޭފުޅުން ތިޔަ ތިއްބެވީ، އަމިއްލަ އަނބިދަރިންނާއި ފިރިންނާއި މައިންބަފައިންނާ ދުރުގައި، މަސައްކަތް ކުރައްވާ ތަނުގައި ބަންދުވެގެންނެވެ. އެއީ ޢާއިލާތަކުގެ ރައްކާތެރިކަމަށްޓަކައެވެ.

މިއަދު ތިޔަބޭފުޅުންގެ ހިތްޕުޅުތަކުގައި ވަނީ ހަމައެކަނި އަމިއްލަ ދަރިންގެ ރައްކާތެރިކަމެއް ނޫނެވެ. އެހެނެއްކަމަކު މި ލޮބުވެތި ވަޠަނުގެ ކޮންމެ ދަރިއަކާއި، މި ފަސްގަޑުގައި ދިރިއުޅޭ ކޮންމެ މީހެއްގެ ރައްކާތެރިކަމާ ސަލާމަތަކީ ތިޔަބޭފުޅުންގެ އަމިއްލަ ޒިންމާއެއް ކަމުގައި ބައްލަވަމުއެވެ. އެއިން ކޮންމެ މީހަކީ ތިމާގެ އަޚެއް ކަމުގައި، އުޚްތެއް ކަމުގައި، އެކުވެރިއެއް ކަމުގައި، ދަރިއެއް ކަމުގައި، މަޔެއް ކަމުގައި ނުވަތަ ބަފައެއްކަމުގައި ބައްލަވަމުއެވެ.

ތިޔަބޭފުޅުންގެ އިޚްލާޞްތެރި މަސައްކަތަށް ﷲގެ ޙަޟްރަތުން ހުރި ހެޔޮކަމާއި ސަވާބާއި ދަރުމައިގެ ބޮޑުކަމުގެ އުފާވެރިކަން ހުއްޓެވެ.

ތިޔަ އުފުއްލަވާ ބުރައާއި، ތިޔަ ވެލައްވާ މަތިވެރި ޤުރުބާނީގެ ސަބަބުން ﷲގެ ޙަޟްރަތުގައި ހައްދެއް ނެތި، ހުރި ދަރުމައާއި ސަވާބުގެ ގިނަގުނަކަމާއެވެ!

އޭ މި ކާރިޘާގެ ވަގުތުގައި އަޅުގަނޑުމެންނަށްޓަކައި ތެދުވި ހުރިހާ ބޭފުޅުންނޭވެ!

ޤައުމީ ޓާސްކްފޯސް، ކޯވިޑް19 ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގް)، އެޗްޕީއޭ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ، ޑޮކްޓަރުން، ނަރުހުން، ލެބްޓެކްނީޝަނުން، ޞިއްޙީ ދާއިރާގެ ހުރިހާ އިދާރާތަކެއްގެ ހުރިހާ މުވައްޒަފުން، ދިވެހި ސިފައިން، ދިވެހި ފުލުހުން، ސޯޝަލް ސަޕޯޓް ޑެސްކުތަކުގެ މެންބަރުން، ދަރުމަވެރިން …. މިފަދަ ހުރިހާ ބޭފުޅުންނޭވެ!

 އޭ ލޮބުވެތި ޚިދުމަތްތެރިންނޭވެ! ތިޔަ ބޭފުޅުންނަކީ މި ނުރައްކާތެރި ޙާލަތުގައި މައިދާނުގައި ހަރަކާތެރިވާ ހިތްވަރުގަދަ ފަހުލަވާނުންތަކެކެވެ.

ﷲގެ ރަޙްމަތަށްފަހު އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމަށް ލިބޭ އެހީތެރިކަމަކީ ތިޔައީ އެވެ. ތިޔައީ މި ބަލީގެ ޝިކާރައަކަށްވާ މީހުންނަށް ޝިފާއަކަށް އެދި، އެމީހުންނަށް ފަރުވާ ހޯދައިދިނުމަށް މަސައްކަތްކުރާ ޚިދުމަތްތެރީންނެވެ. ޢާއިލާއާއި އަނބިދަރިންނާއި މައިންބަފައިންނާއި ގާތްތިމާގެ މީހުން ވެސް އެ ބަލިމީހުންނާދުރުގައި ތިބެން ޖެހޭ ވަގުތުގައި އެމީހުންނަށް އޯގާތެރިކަމާއި ރަޙުމާއި ޙަމްދަރުދީގެ އަތެއް ފޯރުކޮށްދޭ އޯގާތެރި އަތްތަކެއްގެ ވެރިންނަކީ ތިޔައީއެވެ.

ތިޔަބޭފުޅުންނަށް އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން ޝުކުރިއްޔާ އެވެ!

އަޅުގަނޑުމެންގެ ސަޖިދައިގައި ތިޔަ ބޭފުޅުންނަށް ހެޔޮދުޢާ ކުރުން އަޅުގަނޑުމެން ހަނދާން ނައްތައެއް ނުލާނަމެވެ! އިން ޝާ ﷲ.

ﷲ ތަޢާލާ ތިޔަ ހުރިހާ ބޭފުޅުންގެ ހަށިތައް މި ނުރައްކާތެރި ވައިރަހަށް ޙަރާމް ކުރައްވާށިއެވެ!

އެބަލީގެ ނުރައްކަލުން ތިޔަ ބޭފުޅުންނާއި ތިޔަބޭފުޅުންގެ ދަރިންނާއި ޢާއިލާތައް ރައްކާތެރިކޮށްދެއްވާށިއެވެ.!

ތިޔައިގެ ތެރެއިން ބައެއް ބޭފުޅުންގެ މަސައްކަތް ހުރި ގޮތުން، މި ބަރަކާތްތެރި ރަމަޟާންމަހުގެ ރޭގަނޑުގެ ތަރާވީޙާއި، ދަމުނަމާދު ކޮންމެ ރެއަކު ނުކުރެވުމަކީ ބައެއް ބޭފުޅުންގެ ހިތްތަކަށް ހިތާމަވެރިކަން ވެރިކޮށްދޭ ކަމަކަށް ވެދާނެއެވެ. އެހެން ނަމަވެސް، ހިނިތުންވެލައްވާށެވެ!

ހަމަ ޔަޤީނުން ތިޔަބޭފުޅުން ތިޔަ ހާޞިލު ކުރައްވަނީ، ގިނަ ބަޔަކަށް މި ރަމަޟާންމަހުގައި ޙާޞިލު ނުކުރެވޭނެހާ ގިނަ ސަވާބާއި ދަރުމައެއްކަން ޔަޤީނެވެ.

ތިޔަ ބޭފުޅުން ﷲގެ ފަރުޟުތަކަށް ރައްކާތެރިވެލައްވާށެވެ! ނަހީތަކުން ދުރުހެލިވެއްލައްވާށެވެ! އަދި ވަގުތު ވީވަރަކުން، މަދު އަދަދެއް ކަމުގައި ވީނަމަވެސް ސުއްނަތް އަޅުކަން ކުރުމާއި، ޤުރްއާން ކިޔެވުމުގައި ވަގުތު ހޭދަކުރެވޭ ތޯ ބައްލަވާށެވެ! ހުރިހާ ވަގުތެއްގައިވެސް ﷲމަތިން ހަނދުމަކޮށް ޛިކުރުތައް ކުރެއްވުމާއި، ދުޢާ ކުރެއްވުން ހަނދާނުގައި ބަހައްޓަވާށެވެ!

 އަޅުގަނޑުމެން ދެއަތް އުފުލައި، މި ބަރަކާތްތެރި މައްސަރުގެ ފަހުދިހައިގެ މި ރޭތަކާއި ދުވަސްތަކުގައި، ﷲގެ ޙަޟްރަތުގައި ދުޢާކުރަމެވެ.

ހައްދަވާ ގެންގުޅުއްވާ އިލާހު! އިބައިލާހުގެ އެންމެ މަތިވެރި ނަންފުޅުން އިބައިލާހަށް ދުޢާ ދަންނަވަމުއެވެ. މި ޚިދުމަތްތެރި ބޭފުޅުންނަށް އިބައިލާހުގެ ރައްކާތެރިކަން ދެއްވާނދޭވެ! އަދި އިބައިލާހުގެ އަޅުތަކުންގެ ޚިދުމަތުގައި މިބޭފުޅުން ކުރައްވާ ބުރަ މަސައްކަތުގެ ބަދަލު ހެޔޮގޮތުގައި، މިދުނިޔެއާއި އާޚިރަތުގައިވެސް އެބޭފުޅުންނަށް ދެއްވާނދޭވެ!

އަޅުގަނޑުމެން، ދިވެހި ހުރިހާ ޢާއްމު ރައްޔިތުންގެ ފަރާތުން، ތިޔަބޭފުޅުންގެ ނިތްކުރިފުޅުތަކުގައި ބޮސްދިނުމާއެކު، ޝުކުރުގެ މި މެސެޖު ރައްދުކުރަމެވެ.

ސާބިތުވެވަޑައިގަންނަވާށެވެ! ކެތްތެރިވެ ވަޑައިގަންނަވާށެވެ!

ވަރަށް ބޮޑަށް ޝުކުރިއްޔާ!

ވައްސަލާމް ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

މިއީ، 18 މޭއި 2020 ގައި ނޫރުލްއިސްލާމް ވެބްސައިޓްގައި ޝާއިޢު ކުރެވުނު ލިޔުމެކެވެ.