The New Version Of Noorul-islam.Net
Noorul-islam.NET

 
 
##siteName##


މަރުވުމަށް ފަހު ފާފަވެރިންނަށް ދެން ވާނީ ކިހިނެއް؟ 1

Category »  ދީނީ ލިޔުން
Sunday, June 28, 2009
ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު


 

 

ދުނިޔެއަކީ އަބަދަށް ދެމިތިބޭނެ ތަނެއްނޫންކަމީ އެއްވެސް މީހަކަށް އިންކާރު ކުރެވޭނޭ ކަމެއް ނޫނެވެ. މިއީ ވަގުތީ ގޮވައްޗެއް ކަމުގައިވާތީއެވެ. ދާއިމީ ދިރިއުޅުމަކީ އުޚުރަވީ ޙަޔާތުގެ ދިރިއުޅުން ކަމުގައިވާތީއެވެ.
މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ މިދުނިޔެއަށް ފޮނުއްވީ ދާއިމީ ގޮވައްޗަށް ދިއުމަށްޓަކާ ތައްޔާރު ވުމަށްޓަކައެވެ. އޭނާއަށް މިދުނިޔޭގައި ކާމިޔާބުވަނީ ކިހާ މިންވަރަކަށް ކަމާއި، އޭނާ ހައްދަވައި ގެންގުޅުއްވާ އިލާހުގެ އަމުރުފުޅަށް އޭނާ ކިޔަމަންތެރިވަނީ ކިހިނަކުންކަމާއި އެއިލާހަށް ނުކިޔަމަންތެރިވާ ވާރަކީ ކޮބައިކަން އޭނާއަށް ދެއްކެވުމަށްޓަކައެވެ. އެކަމުގައި އޭނާ އިމްތިޙާނު ކުރެއްވައި އޭނާއަށް އޭނާގެ ޢަމަލުގެ ފަތުގެ ނަތީޖާ ދެއްކެވުމަށް ޓަކައެވެ.
އަޅާ ދުނިޔޭގައި ދިރިއުޅެމުންދާއިރު އޭނާ އޭނާގެ ސާހިބުވަންތަ ﷲއަށް ކިޔަމަންތެރި އަޅެއްގެ ގޮތުގައި އުޅޭނަމަ އޭނާއަކީ އެއިލާހުގެ ޙަޟުރަތުގައި ލޮބުވެތި އަޅެކެވެ. އަދި އޭނާ އެއިލާހުގެ އަމުރުފުޅުތަކަށް ތަބާނުވެ ނުކިޔަމަންތެރިވާނަމަ އޭނާއަކީ ކުށްވެރި އެކެވެ. ފާފަވެރިއެކެވެ. ﷲގެ ޙަޟުރަތުގައި ކޯފާވެ ވޮޑިގެންވާ އުރެދުންތެރި އެކެވެ. މަރުވުމަށް ފަހު ޢަޛާބު ޙައްޤުވެގެންވާ ނަރަކަ ވެރިއެކެވެ. މިގޮތުން މީހާ މަރުވުމަށް ފަހު ކޯފާޔާއި ޢަޛާބުގެ ޙައްޤުދާރު އުރެދުންތެރިންނަކީ ކޮބައިކަން ކީރިތި ޤުރުއާނާއި ލޮބުވެތި ރަސޫލާގެ ޙަދީޡުފުޅުތަކުގެ އަލީގައި ބަޔާންކޮށްލާނަމެވެ.

ނަމާދު އަޅާމީހާގެ ޙާލު :
ނަމާދު އެޅުމަކީ ފާފަތަކުގެ ތެރެއިން އެންމެ ފާފަކަން ބޮޑު އެއްފާފައެވެ. ކުފުރާ ކައިރިކުރާ ޢަމަލެކެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ.
" العَهْدُ الَّذِى بَيْنَنَا وَبَيْنَهُمْ الصَّلَاةُ فَمَنْ تَرَكَهَا فَقَدْ كَفَرَ" (އަޙްމަދު، ނަސާއީ، އިބްނުމާޖާ) މާނައީ: ތިމަންމެނާއި އެބައިމީހުންނާ (އެބަހީ މުސްލިމުންނާއި ކާފިރުންނާ) ދެމެދުގައިވާ ޢަހުދުކަށަވަރަކީ ނަމާދެވެ. ފަހެ ނަމާދު އަޅައިފިމީހާ ކުފުރުވެރި ވެއްޖެކަން ކަށަވަރެވެ.
ނަމާދު ކުރާ ކަމުގައި ވިއަސް ނަމާދަށް ފަރުވާކުޑަ ކުރުމާއި ނަމާދު ވަގުތުން ފަސްކުރުމާއި ނަމާދު ކުރުމުގައި މަޑުމޮޅިކަމާއި ތަވާޟުޢުވެރިކަމެއް ނެތި އަދާކުރުމާއި ނަމާދަށް ރައްކާތެރި ނުވުމަކީ އެކަމަށްޓަކައި ދީނުގައި ބޮޑުވެގެންވާ ވަޢީދުގެ ބަސްފުޅުތައް އައިސްފައިވާ ކަމެކެވެ. ކަށްވަޅުގެ ޢަޛާބު ލިބެނިވި ކަންތައްތަކުގެ ތެރެއިން ކަމެކެވެ. ނަރަކަވެރިއަކަށް ވުމުގެ މަގުހުޅުވޭ ކަމެކެވެ. ދުނިޔެއަށް ފޮނުއްވުނު އެންމެ ނުބައިވެގެންވާ ޤާރޫނާއި ފިރުޢައުނާއި ޙާމާނާއި އުބައްޔުބުނު ޚަލަފާއި މިފަދަ ނުބައިކަންބޮޑު މަލްޢުނުންނާއެކު ނަަރަކައިގެ އެންމެ އަޑީ ވަތްގަނޑުގައި ވޭންދެނިވި ޢަޛާބު ލިބިލިބި އޮންނަން ޖެހޭކަމެއް ކަމުގައި ލޮބުވެތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެ ބަސްފުޅުގައި އައިސްފައި ވެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައި ވެއެވެ.
﴿ عَنِ الْمُجْرِمِينَ (*) مَا سَلَكَكُمْ فِي سَقَرَ (*) قَالُوا لَمْ نَكُ مِنَ الْمُصَلِّينَ ﴾ (އަލްމުއްދައްޘިރް: 41-43) މާނައީ: "ފާފަވެރިންގެ ގާތުން ކަނާތުގެ އަހުލުވެރިން ސުވާލުކުރާނެތެވެ. ބަލަ ކަލޭމެން ނަރައަށް ދާން ދިޔަޖެހުނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ އެއުރެން ބުނާނެތެވެ. ތިމެންމެން ނަމާދުކުރާ މީހުންގެ ތެރެއިން ނުވަމުއެވެ."

ޒަކާތް ނުދޭމީހާގެ ޙާލު :
ޒަކާތަކީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. ނަމާދު ފިޔަވައި ދީނުގައި އެންމެ އިސް މަޤާމު ދެވިފައިވާ ފަރުޟެވެ. އެއާ އިންކާރު ކޮށްފިމީހާ ދީނުން ބަރީއަ ވެދެއެވެ. އެއަށް އިހުމާލުވާ މީހާ ބޮޑުފާފަ ވެރިއަކަށް ވެދެއެވެ. ﷲގެ ޙަޟުރަތުން ލަޢުނަތް ޙައްޤުވާ މީހަކަށް ވެދެއެވެ. ނަރަކަވެރިއެއް ކަމުގައި ސިއްކަޖެހިދެއެވެ. ކީރިތި ޤުރުއާނުގައި މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
﴿ يَا أَيُّهَا الَّذِينَ آَمَنُوا إِنَّ كَثِيرًا مِنَ الْأَحْبَارِ وَالرُّهْبَانِ لَيَأْكُلُونَ أَمْوَالَ النَّاسِ بِالْبَاطِلِ وَيَصُدُّونَ عَنْ سَبِيلِ اللَّهِ وَالَّذِينَ يَكْنِزُونَ الذَّهَبَ وَالْفِضَّةَ وَلَا يُنْفِقُونَهَا فِي سَبِيلِ اللَّهِ فَبَشِّرْهُمْ بِعَذَابٍ أَلِيمٍ (34) يَوْمَ يُحْمَى عَلَيْهَا فِي نَارِ جَهَنَّمَ فَتُكْوَى بِهَا جِبَاهُهُمْ وَجُنُوبُهُمْ وَظُهُورُهُمْ هَذَا مَا كَنَزْتُمْ لِأَنْفُسِكُمْ فَذُوقُوا مَا كُنْتُمْ تَكْنِزُونَ ﴾ (އައްތައުބާ: 34-35) މާނައީ: "އަދި ރަނާއި ރިހީގެ ޚަޒާނާ ރައްކައުކޮށް ޖަމާކޮށް، ﷲގެ މަގުގައި ހޭދަނުކުރާ މީހުނަށް ޚަބަރު ދެއްވާށެވެ. އެމީހުނަށްޓަކައިހުރީ ވޭންދެނިވި ޢަޛާބެވެ. އެދުވަހުގައި އެތަކެތި ވިރުވައިލެވި އޭގެމައްޗަށް އެމީހުން ވައްޓާލެވޭނެއެވެ. އެހައިރުން އެމީހުންގެ މޫނުތަކާއި އަރިކަށިތަކާއި ބުރިކަށިތައް ފިއްސާލެވޭނެއެވެ. (އަދި އެމީހުންގެ ގާތުގައި ބުނެވޭނެއެވެ.) މިއީ ކަލޭމެން ތިމާމެންނަށްޓަކައި ޚަޒާނާކުރަމުންދިޔަ ތަކެއްޗެކެވެ. ފަހެ އެތަކެތީގެ ރަހަ ރަނގަޅަށް ލިބިގަންނާށެވެ." ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައިވެއެވެ. " އެމީހަކަށް މާތް ﷲ މުދާ ދެއްވުމުން އެމުދަލުން އޭނާ ޒަކާތް ނުދޭކަމުގައިވާނަމަ ޤިޔާމަތް ދުވަހުގައި ﷲ އޭނާގެ މައްޗަށް ގަދަފަދަ ވެގެންވާ ވިހަގަދަ ބިޔަ ނާގަހަރުފައެއް ފާކުރައްވާނެތެވެ. އެސޮރުގެ އަނގައިން ބޮޑު ދެފޭރާދަތް ނިކުމެފަ ހުންނާނެއެވެ. ދެން އޭނާގެ ފަހަތުން ފަހަމުން ފަހަމުން ދުވާނެތެވެ. އޭނާ އަތުޖެހުމާއެކު އެއްކަލަ ފޭރާދަތުން އޭނާގެ ދަތްދޮޅިދަށުގައި ލައްވާފައި އުފުލާނެތެވެ. އަދި ބުނާނެތެވެ. އަހަންނަކީ ކަލޭގެ ޚަޒާނާއީމެވެ. އަހަންނަކީ ކަލޭގެ މުދަލީމެވެ. ދެން އެއަށްފަހު ލޮބުވެތި ރަސޫލާ ކީރިތި ޤުރުއާނުގެ އާލުޢިމްރާން ސޫރަތުގެ 180 ވަނަ އާޔަތް ކިޔަވައި ވިދާޅުވިއެވެ. މާނައީ:"އަދި ﷲ އެއިލާހުގެ ފަޟުލުވަންތަ ވެރިކަމުން އެބައިމީހުނަށް ދެއްވި މުދަލަށް ދަހިވެތިވާ މީހުން، އެއީ ތިމެންމެނަށްޓަކައި ހުރި ހެވެއްކަމުގައި ހީނުކުރާހުށިކަމެވެ. އަދި ކިއެއްހެއްޔެވެ؟ އެއީ އެމީހުންގެ މައްޗަށް ހުރި ނުބައެކެވެ. ޤިޔާމަތް ދުވަހުގައި އެމީހުން ވެގަތް ދަހިވެތިކަން އެމީހުންގެ ކަރުގައި ކަސްދަޅުއެޅި ފާވެގަންނާނެއެވެ.

ރިބާގެ މުޢާމަލާ ކުރާމީހާގެ ޙާލު :
ރިބާގެ މުޢާމަލާ ކުރާމީހުންނަކީ ކަނޑައެޅިގެން ދީނުގެ ޢަދުއްވުންނެވެ. ﷲއާއި އެއިލާހުގެ ރަސޫލާއާ ހަނގުރާމަ ކުރުމަށް ނިކުމެއުޅޭ މީހުންނެވެ. ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 278-279ގައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ: "އޭ އީމާންވެތިބި މީހުންނޭވެ. ﷲއަށް ބިރުވެތިވެ ރައްކައުތެރިވާށެވެ. އަދި ރިބާގެ ގޮތުގައި ތިޔަބައިމީހުންގެ އަތުގައި ހުރިތަކެތި ދޫކޮށްލާށެވެ. އެއީ ތިޔަބައިމީހުން ޙައްޤުގޮތުގައި ﷲއަށް އީމާންވާ ނަމައެވެ. ފަހެ ތިޔަބައިމީހުން ﷲ މަނާކުރެއްވި މިކަންތައް ދޫކޮށްލަން ނޭދޭނަމަ ﷲއާ އެއިލާހުގެ ރަސޫލާއާ ހަގުރާމަކުރުމަށް ތައްޔާރަށް ތިބޭށެވެ. އަދި ތިޔަބައިމީހުން ތައުބާވެ، ރިބާކެއުން ހުއްޓާލާ އެއިލާހުގެ ޙަޟުރަތަށް އެނބުރި ރުޖޫޢަވެއްޖެ ކަމުގައި ވަނީނަމަ ތިޔަބައިމީހުން ހޯދިމުދަލުގެ ރައުސުމާލުވަނީ ތިޔަބައިމީހުނަށެވެ. އެއިރުން ތިޔަބައިމީހުން އެއްވެސް މީހަކަށް ދަރަންޏަށް ދީގެން ރިބާ އިތުރަށް ހޯދައި އެއްވެސް މީހަކަށް އަނިޔާވެރި ނުވާނޫއެވެ. އަދި ތިޔަބައިމީހުންނަށް ވެސް ނަގާ ދަރަނީގެ ސަބަބުން އަނެކާއަށް އިތުރަށް ދީ އަނިޔާވެރިކަން ނުލިބޭނެއެވެ."
އާޚިރަތުގެ ޢަޛާބު ޙައްޤުވުމުގެ އެންމެ މުހިއްމު އެއްކަމަކީ ރިބާކެއުމެވެ. އެމީހުން ޤިޔާމަތް ދުވަހުގައި އެމީހުންގެ ކަށްވަޅުން ތެދުވާއިރު ތެދުވާނީ މީހަކު ގަދަޔަށް ތެޅުމުން އަނިޔާވެރިވެ ވަރުބަލިވެފައިވާ މީހަކު ތެދުވާ ފަދައަކުންނެވެ. ނުވަތަ ޖިންނިއަޅައިގަނެ ތެޅިފޮޅި ވަރުބަލި ވެފައިވާ މީހެއް ފަދައިންނެވެ. މާތް ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ: " ރިބާގެ މުޢާމަލާކުރާ މީހުން (ޤިޔާމަތް ދުވަހު) ކަށްވަޅުން ތެދުވާއިރު ތެދުވާނީ ޖިންނި މޮޔަވެގެންހުރެ ވަރުބަލިވެފައިވާ މީހަކު ފަދައިންނެެވެ. އެއީ އެމީހުން ރިބާ ޙަލާލުކޮށް ވިޔަފާރި ފަދައިން ޙަލާލު އެއްޗެއް ކަމުގައި ބުނެއުޅޭތީއެވެ. އެހެންނާ ﷲ ވަނީ ވިޔަފާރި ހުއްދަ ކުރައްވައި ރިބާ ޙަރާމް ކުރައްވާފައެވެ." (އަލްބަރާ 275)

ޒިނޭކުރާ މީހާގެ ޙާލު :
ޒިނޭ އަކީ އިސްލާމް ދީނުގައި ޙަރާމް ކުރެވިގެންވާ ކަމެކެވެ. މާތްﷲ ލަޢުނަތް ލައްވާފައިވާ އެއްކަމެކެވެ. މިކަމުގެ ފާފައިގެ ބޮޑުކަން އެއްވެސް މުސްލިމަކަށް އޮޅިފައި ނުވާ ބޮޑުފާފައެކެވެ. ޤިޔާމަތް ދުވަހުގައި ދެގުނަ ޢަޛާބު އެމީހެއްގެ މައްޗަށް ދެމިގެންވާނެ ކަން އަންގަވާފައިވާ މީހެކެވެ. އެއިލާހު ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. މާނައީ: "ތިޔަބައިމީހުން ޒިނޭއާއި ޒިނޭއަށް މަގުފަހިވާނެ އެއްވެސް ކަމަކާ ކައިރިވެ ނުގަންނާށެވެ. ހަމަކަށަވަރުން އެއީ ހަޑިކަންބޮޑު މުޑުދާރު ކަމެކެވެ. އަދި ނުބައި ވެގެންވާ މަގެކެވެ." (އަލްއިސްރާ: 32)
ކަށްވަޅުގެ ޢަޛާބުގެ ވާހަކައިގައި އައިސްފައި ވެއެވެ. ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ހުވަފެންފުޅެއްގައި، ޒިނޭކުރާ ފިރިހެނާއާއި ޒިނޭކުރާ އަންހެނާ ދެކެވަޑައިގެންފައި ވެއެވެ. އޭގައި އެކަލޭގެފާނު ޙަދީޘުކުރައްވާފައި ވެއެވެ. "ދެން ތިމަންމެން ވަޅުއުނދުނެއްފަދަ އެއްޗެއްގެ ކައިރިއަށް އައިމެވެ. އެހިދު އެތަނުން ބާރު ހަޅޭކާއި އަޑުފަށްގަނޑު އިވެއެވެ. ތިމަންމެން އެތަނަށް ބެއްލެވި ހިނދު އެތާނގައި ތިބީ ރޯބަރަހަނާ ތިބި ފިރިހެނުންތަކަކާއި އަންހެނުންތަކެކެވެ. އެމީހުންގެ ދަށުން އަލިފާނުގެ ހުޅުގަނޑު ރޯވެގެން އަރައަރަ ހުއްޓެވެ. އެއަލިފާންގަނޑު އެމީހުންގެ ގައިގައި ޖެހޭހިނދު އަމީހުންގެ ހަޅޭގެ އަޑުފަށްގަނޑު ބޮޑަށް ގަދަވެގަނެއެވެ. އެކަލޭގެފާނުގެ އަރިހުގައި ތިއްބެވި މަލާއިކަތުން ދެންނެވިއެވެ. މިއީ ދުނިޔެމަތީގައި ޒިނޭކޮށް އުޅުނު މީހުންނެވެ. (އަޙްމަދު، ބުޚާރީ، މުސްލިމް، ނަސާއީ)



(ނުނިމޭ)

 

 
 

 :: Noorul-islam Site Search

 
 

 :: Noorul-islam Updates Newsletter

 
އެންމެ މަޤްބޫލު ލިޔުންތައް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Powered by Noorul-islam

ދަރުސްލައިވް
ދީނީ ހެޑްލައިންސް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1430
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި