Noorul-islam.NET :: އިސްލާމްދީނާއި އަންހެނުން

އިސްލާމްދީނާއި އަންހެނުން
Category »  އުޚްތުން

ތާރީޚް: 3 ޑިސެމްބަރު 2010

ލިޔުއްވީ : ޢަބްދުލްހާދީ ޙުސައިން (ޑެޕިއުޓީ އެޑިޓަރ)

اَلْحَمْدُ لِلَّهِ رَبِّ الْعَالَمِيْن، خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً، وَجَعَلَ الرِّجَال قَوَّامِيْنَ عَلَى النِّسَاءِ بِمَا فَضَّلَ بَعْضُهُمْ عَلَى بَعْض وَبِمَا أَنْفَقُوا مِنْ أَمْوَالِهِمْ، وَأَشْهَدُ أَنْ لَا إِلَه إِلَّا الله وَحْدَهُ لَا شَرِيْكَ لَهُ، شَرَعَ لِعِبَاِدِه مَا فِيْهِ صَلَاحِهِمْ وَفَلَاحِهِمْ وَهُوَ الْعَلِيْمُ بِمَا يُصْلِحُهُمْ، وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ صَلَّى الله عَلَيْهِ وَعَلَى آلِهِ وَأَصْحَابِهِ أَجمعِيْنَ.

މިއަދު ޢާއްމު ކޮށް ދެކެވޭ އެއްވާހަކައަކީ އަންހެނުންގެ ވާހަކައެވެ. އެބައިމީހުންގެ ޙައްޤުތަކުގެ ވާހަކައެވެ. އިސްލާމްދީން އެބައިމީހުން ނިކަމެތި ކުރި ވާހަކައެވެ. އިސްލާމްދީނުގެ ޢަދާވާތްތެރިން އިސްލާމް ދީނުގައި އަންހެނުންނަށް ދެވިފައިވާ މަޤާމު އޮޅުވާލުމަށްޓަކައި އިސްލާމްދީނުގެ ކުރީގައްޔާއި އަދި ފަހުގައި އަދި ކާފަރު ޤައުމުތަކުގައި އަންހެނުންގެ ހާލަތު ނޭންގޭ މީހުންގެ ގާތު މިފަދަ ވާހަކަތައް ދައްކާ ހަދައެވެ.

ޖާހިލިއްޔަ ޒަމާނުގައި އަންހެނުންނަކީ އެއްވެސް ބައެއް ނޫނެވެ. އެމީހުން އަންހެން ކުދިން ލިބިއްޖެ ނަމަ އެކަމާ ނުރުހުންވެއެވެ. އަދި އެކުދިން ދިރި ތިއްބާ ވަޅުލައެވެ. މާތް ﷲ މިކަން އެ އިލާހުގެ ފޮތުގައި ވަނީ ބަޔާން ކުރައްވާފައެވެ. އެކަލާނގެ ވަހީ ކުރައްވަނީ: (( وَإِذَا بُشِّرَ أَحَدُهُمْ بِالْأُنْثَى ظَلَّ وَجْهُهُ مُسْوَدًّا وَهُوَ كَظِيْمٌ, يَتَوَارَى مِنَ الْقَوْمِ مِنْ سُوءِ مَا بُشِّرَ بِهِ أَيُمْسِكُهُ عَلَى هُونٍ أَمْ يَدُسَُهُ فِي التُّرَابِ أَلَا سَاءَ مَا يَحْكُمُونَ.)) (النحل:58-59) މާނައީ: " އަދި އެއިން މީހަކަށް، އަންހެންދަރިއެއް ލިބިއްޖެކަމުގެ خَبَرُ ދެވިއްޖެނަމަ، އެމީހެއްގެ މޫނު އަނދިރިވެގެންދެތެވެ. އޭނާއަށް އެކަމުގެ ހިތާމަ ލިބިގެންވާ حَالُ ގައެވެ. އެމީހާއަށް ދެވުނު خَبَرُ ގެ ނުބައިކަމުން، މީސްތަކުންގެ ކިބައިން އޭނާ ނިވައިވެގަނެތެވެ. ނިކަމެތިކަންމަތީގައި، އޭނާ އެ ކުއްޖާ ގެންގުޅޭނީ ބާވައެވެ؟ ނުވަތަ ފަސްގަނޑުގެ ތެރެޔަށް އެ ކުއްޖާ ކޮށްޕައިލާނީ ބާވައެވެ؟ ދަންނާށެވެ! އެއުރެންކުރާ حُكُمْ ހާދަހާ ނުބައިވެގެންވެއެވެ."  

އަދި ﷲ ތަޢާލާ ސުވާލު ކުރައްވާނެތެވެ. (( وَإِذَا الْمَوْءُودَةُ سُئِلَتْ ,  بِأَيِّ ذَنْبٍ قُتِلَتْ )) (التكوير:8-9) މާނައީ: " އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سُؤَالُ ކުރައްވާ ހިނދެވެ. އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ "

ޖާހިލިއްޔަ ޒަމާނުގައި އަންހެން ކުއްޖަކު ނުމަރައި ބޮޑު ވެއްޖެނަމަ އެކުއްޖާ ތަރިކަ މުދަލުން މަހުރޫމު ކުރެއެވެ. އަދި އެ ކުއްޖާއަކީ ތަރިކަ މުދަލެއްގެ ގޮތުގައި ހަދައި ބޭނުންކުރެއެވެ. އިބްނު އައްބާސްގެ ކިބައިން އަލްއިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. ( كَانُوا إِذَا مَاتَ الرَّجُلُ كَانَ أَوْلِيَاؤُهُ أَحَقُّ بِإِمْرَأَتِهِ، إِنْ شَاءَ بَعْضُهُمْ تَزَوَجَّهَا، وَإِنْ شَاءُوْا زَوِّجُوْهَا، وَإِنْ شَاءُوْا لَمْ يُزَوِّجُوْهَا فَهُمْ أَحَقُّ بِهَا مِنْ أَهْلِهَا ) މާނައީ: "އެބައިމީހުންގެ ތެރެއިން މީހަކު މަރުވެއްޖެނަމަ އޭނާގެ ވާރުތަވެރިންނަކީ އޭނާގެ އަނބިމީހާއަށް ބާރުފޯރުވައި އުޅޭ އޭނާގެ ސާހިބުން ކަމުގައިވިއެވެ. އެވާރުތަވެރިންގެ ތެރެއިން ބައެއް މީހުން ބޭނުންވެއްޖެނަމަ އެއަންހެންމީހާއާ ކައިވެނި ކުރެއެވެ. އަދި އެމީހުން ބޭނުންވެއްޖެނަމަ އޭނާ އެހެން މީހަކާ ދެވައެވެ. އަދި އެމީހުން ބޭނުންވެއްޖެނަމަ އެއަންހެންމީހާ އެހެންމީހަކާ ނުދެވައެވެ. ފަހެ (އެމީހުންގެ ނަޒަރުގައި) އެއަންހެން މީހާގެ ގާތްތިމާގެ މީހުންނަށްވުރެ އޭނާގެ މައްޗަށް ބާރުވެރިވެ ޙައްޤުކަން ބޮޑުވެގެންވަނީ އެބައިމީހުންނެވެ."

 

މިކަމާ ބެހޭގޮތުން މާތް ﷲ ވަހީ ކުރައްވަނީ: (( يَا أَيُّهَا الَّذِيْنَ آمَنُوْا لَا يَحِلُّ لَكُمْ أَنْ تَرِثُوْا النِّسَاءَ كَرْهًا)) (النساء:19) މާނައީ: " އޭ إِيْمَان ވެއްޖެ މީސްތަކުންނޭވެ! ނުރުހުމުގައި އަންހެނުން ވާރުތަކޮށް ގަތުމަކީ، ތިޔަބައިމީހުންނަށް حَلَالُ ވެގެންވާ ކަމެއްނޫނެވެ. "

އެމީހުން އެއްފަހަރާއި އެތައް އަންހެނުންނަކާ ދިޔައީ ކައިވެނި ކުރަމުންނެވެ.  ވަކި އަދަދެއް ނޯވެއެވެ. ނަމަވެސް އިސްލާމް ދީން އައުމާއެކީ މިކަންވަނީ ވަކި އުޞޫލަކަށް ފައްތާފައެވެ. ގިނަ ވެގެން އެއްވަގުތެއްގައި ފިރިހެނަކަށް ޙައްޤުވަނީ ހަތަރު އަނބީންނެވެ. އެއީ ވެސް އެބައިމީހުންގެ ތެރޭގައި ޢަދުލުވެރިކަމާއެކު ކަންތައްތައް ބެހެއްޓޭނަމައެވެ. މާތް ﷲ ވަޙީ ކުރައްވަނީ: (( فَانْكِحُوْا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنىَ وَثُلَاثَ وَرُبَاعَ فَإِنْ خِفْتُمْ أَلَّا تَعْدِلُوْا فَوَاحِدَةٍ أَوْ مَا مَلَكَتْ أَيْمَانُكُمْ ذَلِكَ أَدْنَى أَلَّا تَعُوْلُوْا)) (النساء:3) މާނަ: " އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عَدُلُ ވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ނުވަތަ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅު އަންހެނުންނާއެވެ. އެގޮތް ތިޔަބައިމީހުން އަނިޔާވެރިނުވުމާ ގާތްކަން ބޮޑެވެ. " .

އާނއެކެވެ! އިސްލާމްދީން ވަނީ އަންހެނާ މަތިވެރި ކުރައްވާފައެވެ. ޤަދަރު ދެއްވާފައެވެ. އެބައިމީހުންގެ ޙައްޤުތަކުގެ ގެރެންޓީ ދެއްވާފައެވެ. ދީނީ ގިނަ ކަންތައްތަކެއްގައި ފިރިހެނުންނާ އެންހަމަ ކުރައްވާފައެވެ. ކަންކަމުން ޢަޒާބު ލިބުމާއި ޘަވާބު ލިބުގައެވެ. މިކަން އަންގަވާ އެކަލާނގެ ވަޙީ ކުރައްވަނީ: (( مَنْ عَمِلَ صَالِحًا مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً وَلَنَجْزِيَنَّهُمْ أَجْرَهُمْ بِأَحْسَنِ مَا كَانُوْا يَعْمَلُونَ.)) (النحل:97) މާނަ:" މުއުމިނަކު ކަމުގައިވާ حَالُ، ފިރިހެނުންގެ ތެރެއިންވިޔަސް، ނުވަތަ އަންހެނުންގެ ތެރެއިންވިޔަސް، صَالِحُ عَمَل އެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ރަނގަޅު، ބާއްޖަވެރި ދިރިއުޅުމެއް، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. އަދި ހަމަކަށަވަރުން، އެއުރެން عَمَلُ ކޮށް އުޅުނު އެންމެ ހެޔޮގޮތުގެ ދަރުމައިން، އެއުރެންނަށް، ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ."  އަދިވެސް ވަޙީކުރައްވާފައިވެއެވެ. (( إِنَّ الْمُسْلِمِيْنَ وَالْمُسْلِمَاتِ وَالْمُؤْمِنِيْنَ وَالْمُؤْمِنَاتِ وَالْقَانِتِيْنَ وَالْقَانِتَاتِ وَالصَّادِقِيْنَ وَالصَّادِقَاتِ وَالصَّابِرِيْنَ وَالصَّابِرَاتِ وَالْخَاشِعِيْنَ وَالْخَاشِعَاتِ وَالْمُتَصَدِّقِيْنَ وَالْمُتَصَدِّقَاتِ وَالصَّائِمِيْنَ وَالصَّائِمَاتِ وَالْحَافِظِيْنَ فُرُوْجَهُمْ وَالْحَافِظَاتِ وَالذَّاكِرِيْنَ اللهَ كَثِيْرًا وَالذَّاكِرَاتِ أَعَدَّ اللهُ لَهُمْ مَغْفِرَةً وَأَجْرًا عَظِيْمًا.)) (الأحزاب:35) މާނައީ"  ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ."

އެހެންނަމަވެސް ބައެއްކަންތައްތަކުގައި މާތްﷲ ވަނީ ފިރިހެނާ އަންހެނާގެ މައްޗަށް މާތްކުރައްވާ އިސްކުރައްވާފައެވެ. ތަރިކަމުދަލާއި ހެކިބަސްދިނުމާއި ވެރިކަމާއި ވަރިއާއި މިފަދަ ކަންކަމުގައެވެ. އެއީ ފިރިހެނާ އުފެއްދެވުމުގައިވެސް ތަފާތުތަކެއްވާތީއެވެ. އަދި ދިރިއުޅުމުގެ ހަޔާތުގައި އަންހެނާއަށް ވުރެ ފިރިހެނާގެ މަސްއޫލިއްޔަތު ބޮޑުވީމައެއެވެ. މާތް ﷲ ވަޙީ ކުރައްވައެވެ. (( الرِّجَالُ قَوَّامُوْنَ عَلَى النِّسَاءِ بِمَا فَضَّلَ اللهُ بَعْضَهُمْ عَلَى بَعْضٍ وَبِمَا أَنْفَقُوْا مِنْ أَمْوَالِهِمْ.)) (النساء:34) މާނައީ" ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު اللَّه މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ."  އަދިވެސް ވަޙީ ކުރައްވައެވެ. (( وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ.)) (البقرة:228) މާނައީ: "އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ."

މާތް ﷲ ތަރަކިމުދަލުގައި އަންހެނުންނަށްވެސް ވަނީ ބައެއް ކަނޑައަޅުއްވާފައެވެ. މާތްﷲ ވަޙީ ކުރައްވައެވެ. (( لِلرِّجَالِ نَصِيْبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُوْنَ وَلِلنِّسَاءِ نَصِيْبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُوْنَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيْبًا مَّفْرُوْضًا لِلرِّجَالِ نَصِيْبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُوْنَ وَلِلنِّسَاءِ نَصِيْبٌ مِّمَّا تَرَكَ الْوَالِدَانِ وَالْأَقْرَبُوْنَ مِمَّا قَلَّ مِنْهُ أَوْ كَثُرَ نَصِيْبًا مَّفْرُوْضًا.)) (النساء:7) މާނައީ " މައިންބަފައިންނާއި، ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން، ފިރިހެނުންނަށް ބަޔެއް ވެއެވެ. އަދި، މައިންބަފައިންނާއި ތިމާގެމީހުން ދޫކުޅަ ތަކެތީގެ ތެރެއިން އަންހެނުންނަށްވެސް ބަޔެއް ވެއެވެ. އެ ދޫކުޅަ ތަކެތީގެ ތެރެއިން މަދު އެއްޗަކުންނާއި، ގިނަ އެއްޗަކުންވެސް ކަނޑައެޅިގެންވާ ބަޔެއްގެ ގޮތުގައެވެ. "

މިގޮތަށް ހަމަ ކައިވެނި ކުރުމުގައިވެސް އަންހެނާއަށް އޭނާ ބޭނުން ރަނގަޅު މީހެއް އިޚްތިޔާރު ކުރުމުގެ ޙައްޤު އިސްލާމް ދީނުގައި ދީފައިވެއެވެ.

އަންހެނާއަކީ ގޭގެ ވެރިއެވެ. އެބަހީ، ގޭތެރޭގެ ހުރިހާކަމެއް ބަލަހައްޓަމުން އަންނަ ފަރާތެވެ. ދަރީންނާއި ފިރީންގެ ކަންތައްތަކެވެ. އެހެން ނަމަވެސް ގެއިން ބޭރަށް ދާން ޖެހިއްޖެ ހާލަތެއްގައި ގެއިން ބޭރަށް ދިއުން މަނައެއް ނުކުރެއެވެ. އިސްލާމް ދީނުގެ ގިއުގަނޑުގެ ތެރޭގައި ވަޒީފާވެސް އަދާކުރެވޭނެއެވެ. ދުނިޔޭގެ ބޮޑެތި ރަސްރަސްކަލުންނަށް ނުދޭހާ ޤަދަރު އިސްލާމްދީނުގައި އަންހެނާއަށް ދީފައިވެއެވެ. އެބައިމީހުންގެ ޢިއްފަތްތެރިކަން ރައްކާތެރިކުރުމަށް ފުރިހަމައަށް ނިވާވުމާއި ދަތުރުފަތުރު ކުރާއިރު މަހުރަމަކާއި އެއްކޮން ދިއުން ފަދަ ކަންތައްތައް ވަނީ ދީނުގައި އަންގަވާފައެވެ. އެއީ އެއަންހެނާގެ ކަރާމާތްތެރިކަމަށް ޓަކައެވެ.

މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަންހެނާއަށްޓަކައި ޚާއްޞަ ވަޞިއްޔަތެއްވަނީ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި ކުރައްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރައްވަނީ: ( وَاتَّقُوْا اللهَ فِيْ النِّسَاءِ فَإِنَّهُنَّ عِنْدَكُمْ عَوَانٌ ) މާނައީ: " އަދި ތިޔަބައިމީހުން އަންހެނުންނާމެދު ﷲ އަށް ބިރުވެތިވާށެވެ! ފަހެ ހަމަކަށަވަރުން އެކަނބަލުންނަކީ ތިޔަބައިމީހުންގެ ގާތުގައި އެހީތެރިކަން ބޭނުންވާ ބައެކެވެ."

އަޅުގަނޑުމެންނަށް މިއަދު އަޑުއިވި ފެންނަމުން މިދަނީ މުޖުތަމަޢުތަކުގައި އަންހެނުންނަށް ދީފާއިވާ ނިކަމެތިކަމެވެ. އަންހެނުންގެ ޙައްޤުތަކޭ ކިޔާ ވާހަކަ ދައްކަމުން ދާ ފަރާތްތަކުން ޙަޤީޤަތުގައި ވަނީ އަންހެނާ ނިކަމެތި ކޮށްފައެވެ. ޖާހިލިއްޔަ ޒަމާނުގައި އަންހެނާ އުޅުނު ދަށު ދަރަޖައަށް ގެންގޮސްފައެވެ. އަންހެނާ އޮރިޔާންކޮށް ފިރިހެނުންގެންގުޅޭ އަސައަކަށް ވަނީ ހަދާފައެވެ. ވިޔަފާރީގެ އިސްތިހާރުކުރަން ގެންގުޅޭ ބުދަކަށް ވަނީ ހަދާފައެވެ. ކައިވެންޏެއްނުކޮށް އެތައް އަންހެނުންނެއްގެ ބޭނުން އަންނަނީ ކުރަމުންނެވެ. އެކަނބަލުންގެ ޢިތްފަތެރިކަން ވަނީ ބިމުގެ ވެއްޔާ މޮޑެލާފައެވެ. އެކަނބަލުންގެ ވަނާތަށް ކަޝްފުކޮށް އޮފީސްތަކާއި ސްޓޭޖްތަށް ފަޅުފިލުވާ ބަޔަކަށް އެކަނބަލުން މިވަނީ ހަދާފައެވެ. އަންހެން ކުދީން ވަނީ އެކުދީންގެ ކައިވެނި ތަކުން މަހްރޫމުކޮށްފައެވެ. އެކުދީންނަށް ކިޔަވައިދިނުމުގެ ނަމުގައްޔާއި ނުވަތަ ވަޒީފާގައި ބޭތިއްބުމުގެ ބަހަނާގައެވެ. ފައިސާއަށްޓަކައި އެކުދިން ދަނީ ބާޒާރުގައި ވިއްކަމުންނެވެ. މާލީ ފައިދާއަކަށް އެކުދިންގެ ނުރުހުމުގައި ދަނީ ކައިވެނިކުރުވަމުންނެވެ. ފައިސާގެ ދަހިވެތިކަމުގައި ހަށިވިއްކާ ކަސްބީއަކަށް ހަދާފައެވެ. ހުދު އަޅުގަނޑުމެންގެ ކުޑަކުޑަ މުޖުތަމަޢުގައި މިކަންތައްތައް ދަނީ ފެންނަމުންނެވެ.

ތިޔަބައިމީހުންގެ އަދުއްވުންގެ މަޅިތަކުގައި ނުޖެހޭށެވެ! އެކަންކަމުން ހުށިޔާރުވެ ތިބޭށެވެ! ތިޔަބައިމީހުން ތެދުމަގުން އެއްކިބާކުރުވާ ވަޞީލަތަކަށް މިއަދު އަންހެނާ ވަނީ ހަދާފައެވެ. މި ހުރިހާ ކަމެއްގެ އަސްލަކީ އަޅުގަނޑުމެން އަޅުގަނޑުމެންގެ ދީނާ ދުރުވުމެވެ. އަޅުގަނޑުމެން އެދެއްއެއްޗެއްގައި ހިފައިފިނަމަ ގެއްލިގެން ނުދާނެ ދެއެއްޗެއް މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދޫކުރައްވާފައެވެ. އެއީ ﷲގެ ފޮތާއި އެކަލޭފާނުގެ ސުންނަތެވެ.  މިއީ އެބައިމީހުންގެ ދޮގުތަކުން ސަލާމަތް ވެގެންވާ ދޭއްޗެވެ. އަޅުގަނޑުމެން ތަބަޢަވާންވީ މާތްﷲ ގެ ފޮތާއި ރަސޫލާ ޞައްލަﷲ ޢަލައިފި ވަސައްލަމް ގެނެސްދެއްވި ގޮތަށެވެ.

އަޅަމެންނަށް ލިބިގެންވާ ނިޢުމަތްކަށް ޝުކުރުކޮށް އެކަލާނގެއަށް ޙަމްދު ކުރަމެވެ. މާތް ﷲ އަޅުގަނޑުމެން އެންމެންނަށް ހިދާޔަތު ދައްކަވާށި. އާމީން!


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި