Noorul-islam.NET :: މާތް ﷲ ރުއްސުންލެއްވި މުޢާޛް އިބްނު ޖަބަލް

މާތް ﷲ ރުއްސުންލެއްވި މުޢާޛް އިބްނު ޖަބަލް
Category »  އިސްލާމީ ޝަޚްޞިއްޔަތު

ތާރީޚް: 27 ނޮވެމްބަރ 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ އަންޞާރިއްޔަ ބޭކަލުންނާއެކު ޢަޤަބާގެ ދެވަނަ ބައިޢަތު ހިއްޕެވިއިރު، އެހަތްދިޔަ ބޭކަލުންގެ ވަފުދުގެ ތެރޭގައި ސަމައްތަރު ރީތި، ހިނިތުން މޫނުފުޅެއްގެ ވެރި ވަރަށް ޒުވާން ބޭކަލަކު އިންނެވިއެވެ.

މިބޭކަލަކީ މާތް ﷲ ރުއްސުންލެއްވި މުޢާޛު އިބްނު ޖަބަލެވެ. އެކަލޭގެފާނުންގެ ކުއްނިއްޔަތަކީ އަބޫ ޢަބްދުއްރަޙްމާނެވެ. އެއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ އަށާރަ އަހަރުފުޅެވެ. އެކަލޭގެފާނުވެސް އެހެނިހެން އަންޞާރިއްޔަ ބޭކަލުންނާއެކު ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގެން ބައިޢަތު ހިއްޕެވިއެވެ.

މާތް ﷲ ރުއްސުންލެއްވި މުޢާޛުގެފާނަކީ ކީރިތި ރަސޫލާގެ އަރިހުން ގިނަ ޙަދީޘުތަކެއް ރިވާކުރަށްވާފައިވާ ބޭކަލަކެވެ. ނަމަވެސް އެކަލޭގެފާނަކީ އެހެން ޞަޙާބީންނާ ޚިލާފަށް ބުއްދިފުޅު ތަނަވަސް، ވަރަށް ހުށިޔާރު، ހިއްވަރުފުޅު ގަދަ، ދުރުވިސްނި ވަޑައިގަންނަވާ ސިޔާސީ ބޭކަލެކެވެ. އެކަލޭގެފާނުންގެ ޢިލްމާއި ޙިލްމުގެ މަތިވެރިކަމާހުރެ، ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން އެކަލޭގެފާނާ އެންމެ އެއްގޮތްވަނީ މާތް ﷲ ރުއްސުންލެއްވި ޢުމަރު އިބްނުލް ޚައްޠާބާއެވެ.

رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَގެ އަރިހުގައި މުޢާޛުގެފާނު ގިނަ ދުވަސްތަކެއް ހޭދަކުރެއްވިއެވެ. رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَގެ މަދީނާއަށް ހިޖުރަކުރެއްވުމާ އެކު އިތުރު އެކަލޭގެފާނުގެ އަރިހުން މުޢާޛުގެ ފާނު ކީރިތި ޤުރުއާނުން އެއިރަކަށް ބާވައިލެއްވެވޭހައި އާޔަތްތައް އުނގެނިވަޑައިގަންނަވައި، އިސްލާމީ ޝަރީޢަތް ފުރިހަމައަށް ހޯއްދަވަން ފެއްޓެވިއެވެ. އެހެންކަމުން ކީރިތި ޤުރުއާނާއި އިސްލާމީ ޝަރީޢަތް އެންމެ ބޮޑަށް އުނގެނިވަޑައިގެން ހުންނެވި ބޭކަލަކަށް އެކަލޭގެފާނު ވެވަޑައިގެންނެވިއެވެ. އަދި މިކަމަށް ޚުދު رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ހެކިވެ ވަޑައިގަތެވެ. އެކަލޭގެފާނުގެ ޙަދީޘުފުޅެއްގައި މިފަދައިން ރިވާވެގެން ވެއެވެ. އަދި އެކަލޭގެފާނަކީ ލޮބުވެތި ރަސޫލާގެ ދުވަސްވަރުގައި ތިއްބެވި ޤުރުއާން ދަސްފުޅު މަޝްހޫރު ހަބޭކަލުންގެ ތެރެއިން އެއްބޭކަލެކެވެ. އެކަލޭގެފާނުގެ މާތްކަމާއި ޢިލްމީ ޤާބިލިއްޔަތުގެ ވާހަކަ ހަމައެކަނި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ގެ މިބަސްފުޅުން އަޅުގަނޑުމެންނަށް ފުދޭނެއެވެ. އިތުރު އެކަލޭގެފާނު މިފަދައިން ޙަދީޘު ކުރަށްވާފައި ވެއެވެ. اسْتَقْرَئُوا الْقُرْآنَ مِنْ أَرْبَعَةٍ مِنْ ابْنِ مَسْعُودٍ وَسَالِمٍ مَوْلَى أَبِي حُذَيْفَةَ وَأُبَيٍّ وَمُعَاذِ بْنِ جَبَلٍ[1] މާނައީ: ތިޔަބައިމީހުން ހަތަރު ބޭކަލެއްގެ ކިބައިން ކީރިތި ޤުރުއާން އުނގެނި ޝަރުޢީ ޢިލްމު ހޯދައި ދަސްކުރާށެވެ. އެއީ ޢަބްދުﷲ އިބްނު މަސްޢޫދާއި އަބޫ ޙުޛައިފާގެ އަޅު، ސާލިމާއި އުބައްޔު އިބްނު ކަޢުބާއި މުޢާޛު އިބްނު ޖަބަލާއި މިހަތަރު ބޭކަލުންނެވެ. އަދިވެސް އިތުރު އެކަލޭގެފާނުގެ މިޙަދީޘުފުޅު މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން މަރްފޫޢު ރިވާޔަތެއްގައި އައިސްފައި ވެއެވެ. " މުޢާޛުގެފާނަކީ ޢަޤަބާގެ ބޭކަލެކެވެ. ބަދްރުގެ ބޭކަލެކެވެ. ތިމަން ކަލޭގެފާނުންގެ ޞަޙާބީންގެ ތެރެއިން އަރާހުއްނެވި ދީނުގެ ފިޤުހުވެރި ބޭކަލެކެވެ."[2] މުޢާޛުގެފާނާ ބެހޭގޮތުން އަނަސްގެފާނުވެސް ލޮބުވެތި ރަސޫލާގެ އަރިހުން މަރްފޫޢު ޙަދީޘެއް ރިވާކުރަށްވާފައި ވެއެވެ. أَعْلَمُ أُمَّتِي بِالْحَلاَلِ وَالْحَرَامِ مُعَاذُ بْنُ جَبْلٍ[3] މާނައީ: ތިމަން ކަލޭގެފާނުގެ އުއްމަތުގައި ޙަލާލާއި ޙަރާމް އެންމެ ބޮޑަށް ދެނެވަޑައިގަންނަވާ ބޭކަލަކީ މުޢާދު އިބްނު ޖަބަލެވެ. ޞައްޙަ މަގުން މާތް ﷲ ރުއްސުންލެއްވި ޢުމަރުގެފާނު ވިދާޅުވި ބަސްފުޅެއްގައި މިފަދައިން އައިސްފައި ވެއެވެ. مَنْ أَرَادَ الْفِقْهَ فَلْيَأْتِ مُعَاذًا މާނައީ: ތިޔައިގެ ތެރެއިން ފިޤްހީ މައްސަލައެއް އަހަން ބޭނުންވެއްޖެ މީހަކުނަމަ މުޢާޛުގެފާނުގެ އަރިހަށް ދާށެވެ!

މުޢާޛުގެފާނަކީ ދީނުގައި މިހާ މަތިވެރި ބޭކަލަކަށްވީތީވެ، ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ގެ ޔަމަނު ކަރައަށް ޤާޟީއަކު ފޮނުއްވަން ޤަޞްދުކުރަށްވައި، އެކަމަށް އިޚްތިޔާރު ކުރެއްވި ބޭކަލަކީ މުޢާޛުގެފާނެވެ. އެހިނދު އިތުރު އެކަލޭގެފާނު މުޢާޛުގެފާނުގެ ސިކުނޑިފުޅާއި ޢިލްމީ ފެންވަރު ބެއްލެވުމުގެ ގޮތުން ސުވާލުތަކެއް ކުރެއްވިއެވެ. އަދި މިފަދައިން އެއްސެވިއެވެ. އޭމުޢާޛެވެ! ކަލޭގެފާނު އެތަނަށް ވަޑައިގެން އެއުރެންގެ މެދުގައި ޙުކުމް ކުރަށްވާނީ ކޮން އެއްޗަކުންތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ދެންނެވިއެވެ. ތިމަން ޙުކުމްކުރާނީ މާތް ﷲގެ ފޮތުންނެވެ. ދެން ކީރިތި ރަސޫލާ ސުވާލު ކުރެއްވިއެވެ. ﷲ ގެ ފޮތުން ފެނިވަޑައި ނުގަންނަވައިފިނަމަ ދެން ކޮން އެއްޗަކުންތޯއެވެ؟ އެކަލޭގެފާނު ދެންނެވިއެވެ. ދެން ޙުކުމް ކުރުމަށް ތިމަން ބަލާނީ ﷲގެ ރަސޫލާގެ ސުއްނަތަށެވެ. އަނެއްކާ އިތުރު އެކަލޭގެފާނު ސުވާލުކުރެއްވިއެވެ. ﷲގެ ރަސޫލާގެ ސުއްނަތުންވެސް ލިބިވަޑައިނުގެންފި ޙާލަތެއްގައި ޙުކުމް ކުރަށްވާނީ ކޮން އެއްޗަކުންތޯއެވެ؟ މުޢާޛުގެފާނު ދެންނެވިއެވެ. އެހެންކަމަށް ވާނަމަ ދެން ތިމަން ކަލޭގެފާނު ޖެހިލާނީ ތިމަން ކަލޭގެފާނުގެ ބުއްދިން އެކަމަކާމެދު އިޖްތިހާދު ކުރަށްވައި ޙައްލު ހޯއްދެވުމަށެވެ. މިއަޑު އައްސަވާފައި ލޮބުވެތި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ މުޢާޛުގެފާނުންގެ މިބަސްފުޅާމެދު ސަނާވިދާޅުވެ އެކަލޭގެފާނުންގެ މޭފުޅުގައި އަތްޕުޅުން ޖައްސަވާފައި ގަދަ ކީރިތިވަންތަ މާތް ﷲ އަށް ޙަމްދު ކުރެއްވިއެވެ. އަދި ﷲ ގެ ޙަޟުރަތަށް ކުއްތަންވެ ވަޑައިގެން މިފަދައިން ދެންނެވިއެވެ. އޭﷲ! ތިމަންކަލޭގެފާނު ޤާޟީއެއްގެ ގޮތުގައި ޔަމަނަށް މިފޮނުއްވާ ޒުވާނާއަށް ހެއުގޮތަށް ޢަމަލުކުރުމަށާއި ޙުކުމް ކުރުމަށް ތައުފީޤު ދެއްވީތީ ތިޔަ އިލާހަށް ޙަމްދުކުރަމެވެ.

މާތް ﷲ ރުއްސުންލެއްވި މުޢާޛުގެފާނު ގިނަ ދުވަސްތަކެއް ވަންދެން ﷲގެ ރަސޫލާގެ ފަރާތުން ގަވަރުނަރެއްގެ ގޮތުގައްޔާއި ޤާޟީއެއްގެ ގޮތުގައި ޔަމަނުގައި އުޅުއްވުމަށް ފަހު އެނބުރި މަދީނާއަށް ވަޑައިގަންނަވަނީ ލޮބުވެރި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ސުވަރުގެ ވަޑައިގަތުމަށްފަހު އަބޫބަކުރުގެފާނުގެ ދެންނެވުމަކަށެވެ. މާތް ﷲ ރުއްސުންލެއްވި އަބޫބަކުރުގެފާނުގެ ދައުރާއި ޢުމަރުގެފާނުންގެ ދައުރާއި މިދެދައުރުގައިވެސް ވެރިކަން ހިނގެވުމުގައި އެބޭކަލުން އެންމެ ގިނައިން މަޝްވަރާ ކުރަށްވައި ރައުޔު ހޯއްދަވައި އުޅުއްވި އެއް ބޭކަލަކީ މުޢާޛުގެފާނެވެ. އެކަލޭގެފާނުންގެ ވިސްނުންފުޅު ތޫނުކަމާއި އީމާންކަމުގެ ވަރުގަދަ ކަމާއި ޢިލްމަށް އަރާހުންނެވިލެއް ބޮޑުކަމުންނެވެ. މުޢާޛުގެފާނާ މުޚާޠަބުކުރަށްވައި ޢުމަރުގެފާނު ވިދާޅުވެފައި ވަނީ މުޢާޛުގެ ފާނުންގެ އެހީތެރިކަން ލިބިވަޑައި ނުގަންނަވާނަމަ ވެރިކަން ހިންގެވުމުގައްޔާއި ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އެކަލޭގެފާނު ﷲގެ ކޯފާއަށް ހުށަހެޅުނީސް ކަށަވަރުކަމަށެވެ. އެހެންކަމުން މުޢާޛުގެފާނުންގެ ކިބައިން ޢުމަރުގެފާނަށް ލިބިވަޑައިގަންނަވާ ތަފާތު އެހީތެރިކަމަށް އެކަލޭގެފާނު ޝުކުރުކުރަށްވާ ﷲ އަށް ޙަމްދު ކުރަށްވާ ކަމުގައި ވެއެވެ.

މުޢާޛުގެފާނާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު މަސްޢޫދު ވިދާޅުވެފައިވަނީ އެކަލޭގެފާނަކީ ﷲ އަށް ޚާލިޞްވެ ހުންނެވި ފުރިހަމަ މުސްލިމެއް ކަމަށާއި ޢިލްމީގޮތުން ބޮޑު އުއްމަތެއް ފަދަ ބޭކަލެއް ކަމަށެވެ. އެކަލޭގެފާނުންގެ މިސާލަކީ އިބްރާހީމުގެފާނުންގެ މިސާލު ކަމަށެވެ. އެހެންކަމުން ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންވެސް އެއަށްފަހު ތާބިޢީ ބޭކަލުންވެސް ދީނުގެ ކަމަކާމެދު ސުވާލެއް ކުރަށްވަން ވެއްޖެނަމަ އަވަސްވެ ވަޑައިގަންނަވާ ކަމަށްވަނީ އެމައްސަލައަކާ މެދު މުޢާޛުގެފާނުގެ ރައުޔާއި ފަތުވާއަކީ ކޮބައިތޯ ބެއްލެވުމަށެވެ.

މާތް ﷲ ރުއްސުންލެއްވި މުޢާޛުގެފާނުގެ ހިތްތިރިކަމާއި ވަރަޢަވެރިކަމާއި ތަޤްވާވެރިކަމަށް ބަލާއިރުގައި ވެސް އެކަލޭގެފާނަކީ ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރޭގައި އެސިފަތަކުގައި އަރާހުންނެވި ބޭކަލެކެވެ. ﷲ އަށް ކުއްތަންވެ ވަޑައިގަތުމުގައި އެކަލޭގެފާނު ފަދަ ދެވަނަ ބޭކަލަކު ނެތްފަދައެވެ. އަޅުކަމާއި ދިރިއުޅުއްވުމާއި ހުރިހާ ފަރާތެއްގެ ޙައްޤު އަދާކުރެއްވުމުގައި އެއްވެސް ފަރާތަކަށް އިތުރުވެ އަނެއް ފަރާތަކަށް އުނިވާ ގޮތަކަށް އެކަލޭގެފާނުން އަޅުކަން ކުރެއްވުމުގައި ޢަމަލުކުރަށްވަމުން ނުގެންދަވަތެވެ. އެއްފަހަރެއްގައި މީހަކު އައިސް އޭނާއަށް ދީނާބެހޭގޮތުން ނަޞީޙަތެއް ދެއްވުމަށް މުޢާޛުގެފާނުގެ އަރިހުގައި ދެންނެވުމުން އެކަލޭގެފާނު ކުރެއްވި ސުވާލަކީ އެކަލޭގެފާނު ވިދާޅުވާގޮތް ޤަބޫލުކުރާނަންހެއްޔެވެ؟ އެމީހާ އާދޭހޭ، ދެންނެވުމުން މިފަދައިން ވިދާޅުވިއެވެ. އަޚާއެވެ! ބައެއްދުވަހު ރޯދަ ހިފާށެވެ. އަނެއްބައި ދުވަހު ރޯދަ ނުހިފާ އުޅޭށެވެ! ނަމާދުވެސް ކޮށް އުޅޭށެވެ. ނިދުމުގެ ހައްޤު ހަށިގަނޑަށް ދިނުމުގައި އުނިކަމެއް ގެނެސް ނުގަންނާށެވެ! ދިރިއުޅުމަށް މަސައްކަތް ކުރުމުގައި ފަސްޖެހި ނުގަންނާށެވެ! ހިތްމަތާއެކު މަސައްކަތް ކުރާށެވެ. އެކަމަކު ދަންނާށެވެ! އެއިން ކަމެއް ކުރުމުގައި ﷲ ނަހީކުރެއްވި ކަމަކަށް އަރައިނުގަންނާށެވެ! އަދި ދަންނާށެވެ! ދުނިޔޭގައި އުޅެފައި ދުނިޔެ ދޫކޮށްފައި ދާންޖެހޭ އިރު ދެކަމެއްގެ މަތީ ދެމިހުންނާށެވެ! އެއްކަމަކީ އީމާންކަންމަތީ ހުރެގެންނޫނީ ތިމާގެ ފުރާނަ ތިމާގެ ހަށިގަނޑާ ވަކިވެގެން ދިޔަ ނުދިނުމެވެ. އަނެއް ކަމަކީ މީހަކަށް އަނިޔާވެރިވެ އެމީހާގެ ކިބައިން އަތުވެދާނެ ބަދް ދުޢާއަކާ ކުރިމަތި ނުލުމެވެ. މިއެވެ.

މުޢާޛުގެފާނު ދެކެވަޑައިގަންނަވާ ގޮތުގައި ޢިލްމާއި މަޢުރިފާއަކީ ޢަމަލެއްނެތި ފައިދާ ނުކުރާނެ އެއްޗެކެވެ. އެކަލޭގެފާނުގެ ބަސްފުޅެއްގައި މިފައިން އައިސްފައި ވެއެވެ. " ތިޔަބައިމީހުން އުނގެނޭށެވެ! ބޭނުންހައި ޢިލްމެއް އުނގެނޭށެވެ! އެކަމަކު ލިބިގަންނަ އެއްވެސް ޢިލްމެއްގެ މަންފާއެއް، އެއަށް ޢަމަލުކޮށްގެންނޫނީ ނުވާނެކަން ދަންނާށެވެ!

އަމީރުލްމުއުމިނީން ޢުމަރު އިބްނުލް ޚައްޠާބުގެ ދައުރުގައި މުޢާޛުގެފާނު ވަނީ ޝާމުކަރައަށް ފޮނުއްވާފައެވެ. އެއީ އެތާނގެ މީހުންނަށް ކީރިތި ޤުރުއާނާއި އިސްލާމީ ޝަރީޢަތް އުނގަންނަވައި ދެއްވުމަށެވެ. އެކަލޭގެފާނު އެތަނަށް ވަޑައިގެން ވަރަށް ފުރިހަމަ ގޮތުގައި އެމަސައްކަތް ކުރެއްވިއެވެ.

އެހެންކަމުން އެކަލޭގެފާނުގެ ޢިލްމާއި ޙިލްމުގެ މަތިވެރިކަމާހުރެ އެއްފަހަރެއްގައި އެކަލޭގެފާނުގެ އަރިހުގައި رَسُولُ اللَّهِ صَلَّى اللَّهِ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. އޭމުޢާޛެވެ! އަހުރެން ކަލޭގެފާނު ދެކެ ވަރަށް ލޯބިވެވަޑައިގަންނަވަމެވެ. ނަޞީޙަތެއްގެ ގޮތުގައި ބުނަންއޮތް ވާހަކައެއް އެބައޮތެވެ. އެއީ ކޮންމެ ނަމާދެއްގެ ފަހުގައި އަންނަނިވި ދުޢާ ކުރެއްވުން ހަނދުމަ ނައްތާ ނުލައްވާށެވެ! އެއީ اَللَّهُمَّ أَعِنِّي عَلَى ذِكْرِكَ وَشُكْرِكَ وَحُسْنِ عِبَادَتِكَ މިއެވެ.

މާތް ﷲ ރުއްސުންލެއްވި މުޢާޛުގެ ފާނު ޝާމުކަރައިގެ ދިމިޝްޤުގައި އުޅުއްވަނިކޮށް އެކަލޭގެފާނު އަޖަލު އައިސް ގާތްވިއެވެ. ދުނިޔޭގެ އުޞޫލާ އެއްގޮތަށް އެކަލޭގެފާނުވެސް މިފަނާވަނިވި ދުނިޔެ ދޫކޮށްލައްވަން ޖެހިވަޑައިގެންފިއެވެ. ޝާމުކަރައިގައި އެއިރުއޮތް ބައްޔެއް ކަމުގައިވާ ޠާޢޫނު ބަލި އެކަލޭގެފާނާ އައިސް ލައިގަތެވެ. އެބަލިން އެކަލޭގެފާނުގެ ހަށިކޮޅަށް އަސަރުކުރަން ފެށިއެވެ. އާލާސްކަންފުޅު ބޮޑުވެ ދެން ދުނިޔެއަށް އަލްވަދާޢުކިއުއްވަން ޖެހިވަޑައިގެންފިކަން އެކަލޭގެފާނަށް އިޙްސާސްވެ ވަޑައިގެންފިއެވެ.

އެހިނދު އެކަލޭގެފާނުގެ ފުރާނަފުޅާ މުޚާޠަބުކޮށް މިފަދައިން ވިދާޅުވިއެވެ. އޭމަގޭ ފުރާނައެވެ. ކަލެއަށް ފަށްފަށުން މަރުޙަބާ ހުއްޓެވެ. ކަލެއަކީ ނުފެންނަ ހިސާބުގައި އެތަކެއް ދުވަސްތަކެއް ވޭތުކުރުމަށްފަހު ޒިޔާރަތް ކުރި މެހްމާނެކެވެ. ކަލޭ ތިޔައައީ ކަލޭ ދެކޭ ހިތުން އެތަކެއް އިންތިޒާރެއް އަހަރެން ކޮށްފި ފަހުންނެވެ. އެއަށްފަހު މަތިވެރި މާތް ﷲ އަށް ކުއްތަންވެ، އުޑާދިމާއަށް ބަލަހައްޓަވައިގެން ހުއްނަވާފައި މިފަދައިން ދުޢާކުރެއްވިއެވެ. އޭ އަޅުގެވެރި އިލާހެވެ! ތިޔަ އިލާހަށް އަޅު ބިރުވެތި ވަމެވެ. މިއަދު މިއޮތީ އަޅު އިންތިޒާރު ކުރި ކުރުން އައިސް ލައިގެންފައެވެ. ތިޔަ އިލާހަށް އެނގިވޮޑިގަންނަވާނެ ފަދައިން ދުނިޔެއަކަށް އަޅު ދަހިވެތި ނުވަމެވެ. އަޅު ދުނިޔޭގައި މިވެއިތުކުރި ދުވަސްތައް ވެއަތުކުރީއަކީވެސް ދުނިޔެ ހޯދާކަށެއް، ނުވަތަ ދުނިޔޭގެ މުއްސަނދިކަން ޖަމާކުރާކަށެއް ވެސް ނޫނެވެ. އަދި ދުނިޔޭގެ އުފަލާއި އަރާމަށް ހެއްލިގަނެ، އެތާނގައި ދެމިހުންނާކަށެއް ވެސް ނޫނެވެ. އަޅުގެ އުއްމީދަކީ ހަމައެކަނި ޢިލްމުވެރިންގެ ބަރަކާތްތެރި ޢިލްމީ ބައްދަލުވުންތަކުގައި ބައިވެރިވެލުމާއި މީސްތަކުންގެ މެދުގައި ޢިލްމީ އާލާކޮށް ފެތުރުމެވެ. އަމިއްލަ ވަޠަން ދޫކޮށް އެއްތަނުން އަނެއްތަނަށް ހިޖުރަކޮށް އުޅުނީވެސް ހަމައެކަނި ޢިލްމީ ވިލާތަކުގެ ތެރެއަށްވަދެ، އެއިން ފެންބޮވޭތޯއެވެ. އޭ ހައްދަވައި ގެންގުޅުއްވާ އިލާހެވެ! އަޅާއާމެދު ހެއު ނިންމުމެއް ނިންމަވާނދޭވެ! މުއުމިނަކަށް ތިޔައިލާހު ދެއްވާނެ ނިޢުމަތް މިއަޅާއަށް ދެއްވާނދޭވެ!

މާތް ﷲ ރުއްސުންލެއްވި މުޢާޛުގެފާނުގެ ދޫފުޅުން މިބަސްފުޅު ބޭރުވުމާއެކު އެކަލޭގެފާނުގެ ހަށިކޮޅާއި ފުރާނަފުޅާ ވަކިވެ، ދެތަންވެއްޖެއެވެ. މިކަންހިނގީ ހިޖުރައިން 17 ވަނަ އަހަރުއެވެ. އެއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 33 އަހަރުފުޅެވެ. މާތް ﷲ މުޢާޛުގެފާނުގެ ފުރާނަފުޅަށް ރަޙްމަތް ލައްވާނދޭވެ! އެކަލޭގެފާނަކީ ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން އެއިލާހު އެންމެ ލޮބުވެތިވެ ވޮޑިގެންވާ ބޭކަލެއްކަމުގައި މުޢާޛުގެފާނު ލައްވާނދޭވެ! އާމީން!



[1] މިޙަދީޘު ރިވާކުރެއްވީ އިމާމު އަޙްމަދާއި ބުޚާރީއާއި މުސްލިމާއި ތިރުމިޛީއެވެ.

[2] މިޙަދީޘު ރިވާކުރަށްވާފައިވަނީ އިމާމު އިބްނު ޙިއްބާނާއި ތިރްމިޛީއާއި މިދެބޭކަލުންނެވެ.

[3] މިޙަދީޘު ރިވާކުރެއްވީ އިމާމު ތިރްމިޛީއާއި އިބްނުމާޖާއެވެ. މިޙަދީޘުގެ ރާވީންތައް ޘިޤާ ކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި