Noorul-islam.NET :: ރަމްޒީ ގޮތުން ވިޔަސް ޣައިރު މުސްލިމުން ރާއްޖޭގައި ކައިވެނިކުރުމާ ދެކޮޅު: އިސްލާމިކް މިނިސްޓްރީ




ރަމްޒީ ގޮތުން ވިޔަސް ޣައިރު މުސްލިމުން ރާއްޖޭގައި ކައިވެނިކުރުމާ ދެކޮޅު: އިސްލާމިކް މިނިސްޓްރީ
Category »  ޚަބަރު

ތާރީޚް: 31 އޮކްޓޯބަރ 2010

ޚަބަރު : ހަވީރު އޮންލައިން

ޣައިރު މުސްލިމުން ރާއްޖޭގައި ކައިވެނިކޮށްދޭ ނަމަ ގާނޫނާ ފުށުއެރުންތަކެއް އެބަހުރި: މިނިސްޓްރީ

 

ރަމްޒީ ގޮތުން ވިޔަސް އަދި އެ ނޫން ގޮތަކުން ވެސް ޣައިރު މުސްލިމުންނަށް ރާއްޖޭގައި ކައިވެނި ކުރުމުގެ ފުރުސަތު ދިނުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި އެކަމާ ދެކޮޅު ކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރިސޯޓްތަކުގައި ޓޫރިސްޓުން ރަމްޒީ ކައިވެނި ކުރުމާ ބެހޭ ގަވާއިދެއް ސަރުކާރުން އެކުލަވާލަމުން ގެންދާތީ އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަދި މިނިސްޓަރު ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީގެ ޕާސަނަލް އެސިސްޓެންޓް އަލީ ޒާހިރު ވިދާޅުވީ ޣައިރު މުސްލިމުން ރާއްޖޭގައި ރަމްޒީ ގޮތުން ވިޔަސް ކައިވެނިކުރާ ނަމަ އެ މީހުން ބޭނުންވާ ގޮތަށް ކައިވެނި ކުރުމަށް ޑިމާންޑްތައް އަންނާނެ ކަމަށެވެ.

"އެ މީހުން ޑިމާންޑްކުރާނެ އެ މީހުން ބޭނުންވާ ގޮތަށް ކައިވެނި ކުރަން. ބައެއް މީހުން ކައިވެނިކުރަން ފާދިރީން ބޭނުންވާނެކަން ނޭނގޭ. އެކަމަކު އެއީ ރާއްޖޭގެ ގާނޫނުތައް ހުރި ގޮތުން ކުރެވޭނެ ކަމެއް ނޫން،" އަލީ ޒާހިރު ވިދާޅުވި އެވެ. "ރާއްޖޭގައި އެހެން ދީންތަކުގެ މީހުންގެ ޝިއާރުތައް ފާޅުކުރުމަކީ ގާނޫނުގައި [ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގައި] ހުއްދަ ކަމަކަށް ނުވާތީ އަޅުގަނޑުމެން އެކަމާ ދެކޮޅު މި ހަދަނީ. ރަމްޒީ ގޮތަކުން ވިޔަސް އަދި އެހެން ގޮތަކުން ވެސް ޣައިރު މުސްލިމުން ރާއްޖޭގައި ކައިވެނި ކުރާނަމަ އެ ގާނޫނާ ފުށުއެރުންތަކެއް އެބަހުރި."

ރަމްޒީ ގޮތުން ވިޔަސް ޣައިރު މުސްލިމުން ރާއްޖޭގައި ކައިވެނި ކުރުމާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީން ތެދުވިއިރު ވިލު ރީފް ރިސޯޓުގައި ރަމްޒީ ކައިވެންޏެއް ދިވެހި ސަގާފަތާ ގުޅޭ ގޮތަށް ކޮށްދިނުމުގެ ތެރޭގައި އެ ރިސޯޓުގެ މުވައްޒަފުން ޓޫރިސްޓް ދެމަފިރިއަކާ ދިމާލަށް އައުގުރާނަ ގޮވައި އިސްލާމްދީނަށް ފުރައްސާރަކޮށް އަދި ވަރަށް ހުތުރުބަހުން ދެއްކި ވާހަކަތަކެއްގެ ވީޑިއޯ ޔޫޓިއުބުގައި އާންމުވެ ވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފަ އެވެ. އަދި އެ ކައިވެނިކޮށްދިން މީހާ އާއި އެކަމުގައި ދެން އިސްކޮށް އުޅުނު މީހާ ފުލުހުން ވަނީ ހައްޔަރުކޮށް ތަހުގީގު ފަށައިފަ އެވެ.

އަދި އެ ވީޑިއޯ އާންމުވުމާ ގުޅިގެން ރައީސް މުހައްމަދު ނަޝީދު އިއުލާން ކުރައްވާފައި ވަނީ ރިސޯޓްތަކުގައި ބިދޭސީން ކައިވެނީގެ ކަންކަން ފުރިހަމަ އުސޫލެއްގެ ތެރެއިން ރާއްޖޭގައި ހިންގޭނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފައި ވަނީ ރިސޯޓްތަކުގައި ޓޫރިސްޓުންގެ ރަމްޒީ ކައިވެނިކުރުމާ ބެހޭ ގަވާއިދު އެކުލަވާލުމުގެ މަސައްކަތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ޣައިރު މުސްލިމުން ރާއްޖޭގައި ކައިވެނި ކުރުމާ ބެހޭ އުސޫލެއް ކަނޑައެޅުމުގައި ސަރުކާރުގެ އެއްވެސް ފަރާތަކުން މިހާތަނަށް އެ މިނިސްޓްރީއާ އެކު މަޝްވަރާ ކޮށްފައި ނެތް ކަމަށެވެ.

"އަޅުގަނޑުމެން މި ވާހަކަ ދައްކަނީ މިހާތަނަށް އަޅުގަނޑުމެންނަށް އެނގި ހުރި މައުލޫމާތުތަކަށް ބެލުމަށް ފަހު،" އިސްލާމިކް މިނިސްޓްރީން އަލީ ޒާހިރު ވިދާޅުވި އެވެ. "މިހާތަނަށް ޣައިރު މުސްލިމް ރާއްޖޭގައި ކައިވެނި ކުރަނީ އަޅުގަނޑުމެންނަށް އެނގިގެނެއް ނޫން. އަދި މި އެނގުނީ އަޅުގަނޑުމެންނަށް އެކަން މި އެނގުނީ. އެކަމަކު މިހާރު އަޅުގަނޑުމެންނަށް އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ގުޅަމުން އެބަގެންދޭ މި މައްސަލައިގައި. އަޅުގަނޑުމެން އެދެން ރައްޔިތުންގެ އިހުސާސްތަކަށް ހުރިހާ ފަރާތްތަކުން ވެސް ބެލުމަށް ފަހު މިކަން ކުރުމަށް."

އޭނާ ވިދާޅުވީ ވިލު ރީފް ރިސޯޓުގައި ހިނގި ކަންތައް އެ މިނިސްޓްރީން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

"އެ ވީޑިއޯގައި އަޅުގަނޑުމެންގެ ދީނަށް އެބަ ފުރައްސާރަ ކުރޭ. އަޅުގަނޑުމެންގެ ގަވާއިދުތަކާ އެބަ ފުށުއަރާ. އެއާއެކު ރާއްޖޭގެ އަގު ވެއްޓި ވަރަށް ބޮޑަށް ރާއްޖެ އަށް އެބަ ގެއްލުންވޭ. އަދި ރަމްޒީ ގޮތުން ކައިވެނި ކޮށްދިން މައްސަލަ ވަރަށް ބޮޑަށް ކުށްވެރި ކުރަން،" އަލީ ޒާހިރު ވިދާޅުވި އެވެ.

ޣައިރު މުސްލިމް ރާއްޖޭގައި ކައިވެނި ކުރުމާ ދެކޮޅަށް އިސްލާމިކް މިނިސްޓްރީ ތެދުވިއިރު މީގެ ކުރިން ވެސް ސަރުކާރުން އެކުލަވާލި ބައެއް ގަވާއިދުތަކާ ދެކޮޅަށް އެ މިނިސްޓްރީން ވަނީ އަޑު އުފުލައި އެ ކަންތައް ކާމިޔާބު ކޮށްފަ އެވެ. އެ ގޮތުން އެންމެ ފާހަގަ ކުރެވެނީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުން ހުއްދަކޮށް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލި ގަވާއިދެވެ. އެ ގަވާއިދަށް ސަރުކާރުން އަމަލު ނުކުރި އެންމެ ބޮޑު ސަބަބަކީ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިސްލާމިކް މިނިސްޓްރީގެ އިތުރުން ގިނަ ބަޔަކު އެކަމާ ދެކޮޅަށް އަޑު އުފުލުމެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި