ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަކީ ޢަދާލަތުޕާޓީގެ އެއް ތަނބެވެ. ޢިލްމުވެރިންގެ މަޖްލީހުގެ ރައީސެވެ. ޕާޓީގެ ވެސް ފުރަތަމަ ރައީސެވެ. ޢަދާލަތުޕާޓީގެ މުއައްސިސެކެވެ. ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ މިނިސްޓަރކަމުގެ ދައުރަކީ އަޅުގަނޑުގެ ނަޒަރުގައި ދިވެހިރާއްޖޭގެ އިސްލާމީ ތާރީޚު ދުށް މުހިންމު ރަންދުވަސްތަކެކެވެ. ދީނީ ކަންތައްތަކަށް އިތުރުކުރިއެރުން ލިބިގެން ދިޔަ ޒަމާނެކެވެ. ބައިބައިވުން ކުޑަވެގެން ދިޔަ ދުވަސްތަކެކެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވޭ ކަންކަމީ އިސްލާމީ ޤައުމުތަކާ ގުޅުން ބަދަހިކުރުމުގެ އިތުރުން ބައިނަލްއަޤުވާމީ މުޖްތަމަޢާ ޑައިލޮގެއް ޤާއިމުކޮށް ޚާއްޞަގޮތެއްގައި އެކްސްޓްރީމިޒަމާއި، ޓެރަރިޒަމް ނުރައްކަލުން އިންސާނިއްޔަތު ރައްކާތެރިކަމުގެ އައްސޭރިއަށް ގެނައުމަށް ދީނީގޮތުން އެހީތެރިކަން ދެއްވިއެވެ. އަދި ޑޮކްޓަރ ޢަބްދުލްމަޖީދުގެ ދައުރު ފާހަގަވެގެންދިޔައީ ދިވެހިތާރީޚުގައި މުދަލު ޒަކާތް އެންމެ ގިނަ ޢަދަދަކަށް ރައްޔިތުން ސަރުކާރަށް ދެއްކި އަހަރަށެވެ. އަދި ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ދައުރު ފާހަގަވެފައިވަނީ ޒަކާތުން ޚަރަދުކުރުމުގެ ދާއިރާތަކުން ފީ ސަބީލިﷲ ގެ ބައިން ޚަރަދުކުރުން ފުޅާކޮށް މަތީ ތަޢުލީމަށާއި، ސްކޫލްތަކުގައި ނަމާދުކޮޓަރިއުޅުމުގެ މަޝްރޫޢު ފައްޓަވައި 184 ތަނުންކުރެ 13 ތަން ނިންމާފައިވެއެވެ. މިކަން ކުރައްވާފައިވަނީ ޑޮކްޓަރ ޢަބްދުލްމަޖީދުގެ ދައުރުގައި ފުރަތަމަ ފަހަރަށް ޤާއިމުވެގެން ދިޔަ އިސްލާމީ ފިޤުއެކަޑަމީގެ މަޝްވަރާތަކާއެކުގައެވެ. މިއެކަޑަމީގެ ސަބަބުން ޢިލްމުވެރިންގެ މެދުގައި މަޝްވަރާކުރުމުގެ ފުރްޞަތު ހުޅުވިގެންދިޔައެވެ.
ޑޮކްޓަރ ޢަބްދުލްމަޖީދުގެ ދައުރުން އެންމެ ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއްކަމަކީ ހިމަންދޫ މައްސަލަ ޙައްލުވެގެން ދިއުމެވެ. އެތައް ފަހަރަކު، މީގެ ކުރީން ލަޝްކަރީން ފޮނުއްވައިގެން ހަލަބޮލިވެފައިވާ މުޖްތަމަޢު އެކުވެރިކުރުވައި ޢަސްކަރީ ބާރުތަކާ ނުލައި މައްސަލަ ހައްލުކޮށް ވަކިން ޖަމާޢަތް ހެދުމުގެ ކަންތައްތައް ހުއްޓުވައި މުޅި ރަށް އެވަނީ ބަދަލުވެފައެވެ.
ޑޮކްޓަރ ޢަބްދުލްމަޖީދުގެ ދައުރުން ފާހަގަވާ އަނެއްކަމަކީ މުޅިތާރީޚުގައި ވެސް ބޭއްވި އެންމެ ގިނަ ޢަދަދަކަށް މީހުން އެއްވި ޑޮކްޓަރ ޒާކިރުގެ އިވެންޓެވެ. މިފަދަ އެތައް ކަމަކަމުން ޑޮކްޓަރ އަބްދުލްމަޖީދުގެ ދައުރު ފާހަގަވެއެވެ. މިއީ އަޅުގަނޑު މިފުރްޞަތުގައި ފާހަގަކޮށްލާ ކަންކަމެވެ. މީގެ އިތުރުން، އިސްލާމީ ފޮތް މަޢްރަޟާއި، އަތޮޅުތަކުގައި ހިންގުނު އެތައްތައް ޙަރަކާތްތަކާއި، ރައްޔިތުންގެ މަޖްލީހަށް ދީނީ ގޮތުން އެކިކަންކަމުގައި ލަފާއެރުވުމާއި، މިސާލަކަށް ރަލުގެ މައްސަަލައިގައި ވެސް ލަފާއެރުއްވިއެވެ. ނަމަވެސް އެއަށް މަޖްލީހުން ޢަމަލުކުރެއްވިތޯ ސުވާލުކޮށްލުން މި ފުރްޞަތުގައި މުހިންމުކަމުގައި ދެކެމެވެ.
އަޅުގަނޑަކީ ޑޮކްޓަރ ޢަބްދުލްމަޖީދުގެ އަރިހުގައި އެތައް އަހަރު މަސައްކަތްކޮށްފައިވާ މީހަކީމެވެ. ޑޮކްޓަރ މަޖީދަކީ އަޅުގަނޑުގެ ވަރަށް ގާތް އަޚެކެވެ. ބައްޕައެއް ފަދައިން އިޙްތިރާމްކުރާ ބޭފުޅެކެވެ. ރަޙްމަތްތެރިއެއްވެސް މެއެވެ. ސިޔާސީ ޕާޓީ ނިޒާމުގެ ކުރީންނާއި ފަހުންނެވެ. ޑޮކްޓަރ ޢަބްދުލްމަޖީދަކީ ޙިކުމަތްތެރި ވިސްނުންތެރި، އޯގާތެރި ރިވެތި އަޚްލާޤެއްގެ ވެރި އަބުރުވެރި ބޭފުޅެކެވެ. ޑޮކްޓަރ ޢަބްދުލްމަޖީދު އިސްލާމިކް މިނިސްޓަރ ކަމުން އިސްތިޢުފާދެއްވި ޚަބަރުން އެތައް ބަޔެއްގެ ލޯތައް ފެންކަޅިވެގެން ދިޔައެވެ. ކަންކަމުގެ ނިމުންވަނީ ﷲގެ ޙަޟްރަތަށެވެ. މާތް ﷲ ޑޮކްޓަރ ޢަބްދުލްމަޖީދު ޢަބްދުލްބާރީ އަށް ތައުފީޤު ދެއްވާށިއެވެ. އަދި ޑޮކްޓަރ މަޖީދުގެ ޚިދުމަތް އަބަދުވެސް ސަރުކާރަށާއި، ދިވެހި އުންމަތަށް މިންވަރުކުރައްވާށިއެވެ. އާމީން.
|