Noorul-islam.NET :: ނަމާދު ކުރާނެ ގޮތް
ނަމާދު ކުރާނެ ގޮތް
Category »  ފިޤްހު

ތާރީޚް: 17 މޭއި 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފް

ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވި އެވެ. "ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ތިޔަބައިމީހުންނަށް ފެނުނު ގޮތަށް ނަމާދު ކުރާ ހުށިކަމެވެ." އެހެންކަމުން އެކަލޭގެ ފާނު ނަމާދު ކުރެއްވި ގޮތް ކުރުގޮތަކަށް ބަޔާން ކޮށްލެވޭތޯ ބަލައިލާނަމެވެ. މާތް ﷲ މިއަޅާ އަށް ތައުފީގް ދެއްވާށި. އާމީން.

ފުރަތަމަކަމަކަށް: ގިބްލަ އަށް ކުރިމަތިލުން

-        ފަރްޟު ނަމާދެއްނަމަވެސް އަދި ސުންނަތް ނަމާދެއް ނަމަވެސް ކުރަން ގަސްދުކޮށްފިނަމަ ފުރަތަމަ ކަމަކަށް ގިބްލައަށް ކުރިމަތިލާށެވެ. އެއީ ނަމާދު ގެ ރުކުނެކެވެ. އެޔާއި ނުލާ ނަމާދު ޞައްޙަ ނުވާނެ ކަމެކެވެ. ނަމަވެސް ހަނގުރާމާއިގެ މައިދާނުގައި ނަމާދު ކުރާމީހުން ގިބްލައަށް ކުރިމަތިލާކަށް ނުޖެހެއެވެ. އަދި ބަލިމީހުންނާއި، ކާރު، މަތިންދާބޯޓު ނުވަތަ ދޯނިފަދަ ތަކެތީގައި ދަތުރު ކުރަމުންދާމީހުން ނަމާދު ވަގުތު ގެެއްލިދާނެކަމަށް ބިރުގަންފިނަމަ ގިބްލައަށް ކުރިމަތިނުލާ ނަމާދު ކުރުން ހުއްދަވެގެންވެއެވެ.

-        ދަތުރެއްގެ މަތީގައި ހުރެގެން ނަމާދު ކުރަނީނަމަ، ނަމާދުފެށޭ އިރުގައި ގިބްލައަށް ކުރިމަތިލުން ހުއްޓެވެ. އޭގެ ފަހުން ސަވާރީ އެނބުރޭނެ ގޮތަކަށް އެނބުރުނަކަސް މައްސަލަ އެއް ނެތެވެ.

-        ކަޢްބަތުﷲ ގެފުޅު ފެންނަ ހިސާބުގައި ހުރިނަމަ ސީދާ ގެފުޅާ ދިމާލަށް ކުރިމަތިލާންވާނެއެވެ. ފެންނަ ހިސާބުގައި ނެތްނަމަ ގެފުޅު ހުރި ދިމާލަކަށް ކުރިމަތިލާނީއެވެ.

-        ގިބްލަހުރީ ކޮންފަރާތަކަށް ކަން ނޭގި ނަމާދުކޮށް ނިމުނުފަހުން ގިބްލަހުރީ އެހެން ދިމާލަކަށް ކަން އެގުމަކުން ނަމާދު އިޢާދަ ކުރާކަށް ނުޖެހޭނެއެވެ. އިންޝާ ﷲ އޭނާގެ ނަމާދު ޞައްޙަވާނެއެވެ،

-        ނަމާދުގައި ހުއްޓާ އިތުބާރު ހިފޭވަރުގެ މީހަކު އައިސް ގިބްލާ ހުރީ އެހެން ދިމާލަކަށް ކަމަށް ބުނެފިނަމަ އެދިމާލަކަށް އެނބުރެންވާނެއެވެ.

 

 

ދެވަނަކަމަކަށް: ކޮޅަށް ހުރެ ނަމާދު ކުރުން

ކުޅަދާނަކަން ލިބިގެންވާމީހާގެ މައްޗަށް ވާޖިބުވެގެންވަނީ ކޮޅަށް ހުރެ ނަމާދު ކުރުމެވެ. އެއީ ނަމާދު ގެ ރުުކުނެކެވެ. ނަމަވެސް ހަނގުރާމައިގެ މައިދާނުގައި ނަމާދު ކުރާމީހުންނާއި، ބަލިމީހުން، އިށީނދެ އިނދެގެން ނަމާދު ކުރުމަކުން މައްސަލައެއް ނެތެވެ. އިށީނދެ އިނދެގެން ނުކުރެވެނީނަމަ އޮށޯވެ އޮވެގެން ނަމަވެސް ނަމާދު ކުރަން ޖެހެއެވެ. އަދި ސުންނަތް ނަމާދު ކުރާއިރުގައި އިށީނދެ އިނދެގެން ކުރިޔަސް މައްސަލަ އެއް ނެތެވެ.

ދޯނީގައްޔާއި މަތިންދާބޯޓުގައި ނަމާދު ކުރުން.

-        ފަރްޟު ނަމާދު ދޯނިމަތީގައްޔާއި މަތިންދާބޯޓުގައި ކުރުމަކުން މައްސަލަ އެއް ނެތެވެ. ކޮޅަށް ހުރެގެން ނުކުރެވޭނެ ނަމަ އިށީނދެ އިނދެގެން ކުރުމަކުން މައްސަލައެއް ނެތެވެ.

-        ޢުމުރުން ދުވަސްވެފައިވާ މީހުންނާއި ބަލިމީހުން ޢަސައެއްގެ އެހީގައި ނުވަތަ ތަނބެއްގައި ލެނގިގެން ހުރުން ހުއްދަވެގެންވެއެވެ.

ކޮޅަށް ހުރުމާއި އިށީނދެ އިނދެ ނަމާދު ކުރުމާއި ދެގޮތް އެއް ކުރުން.

ދަމުނަމާދު ކުރާއިރުގައި ޢުޛުރެއްނެތި ވެސް އިށީނދެ އިނދެގެން ނަމާދު ކުރެވިދާނެއެވެ. އަދި މިދެގޮތް އެއް ކުރުމަކީވެސް ހުއްދަ ކަމެކެވެ. އިށީނދެ އިދެގެން ހަށަމްބަނދެ ކިޔަވަމުން ގޮސް ރުކޫޢަށް ދާން ކައިރި ވުމުން ތެދުވެ ބާކިބައި ކިޔަވާލާފައި ރުކޫޢަށް ދާނީ އެެވެ. ދެވަނަ ރަކްޢަތުގައި ވެސް ހަމައެފަދައިން ކަންތައް ކުރަމުން ގެންދާނީއެވެ.

ފައިވާނުގައި ނަމާދު ކުރުން

ފައިވާނަށް އަރައިގެންނާއި ބާލައިގެން ނަމާދު ކުރުން ހުއްދަ އެވެ. އެންމެ ރަގަޅު ގޮތަކީ ބައެއްފަހަރު ފައިވާނަށް އަރައިގެން އަނެއްބައިފަހަރު ފައިވާން ބާލައިގެން ހުރެ ނަމާދު ކުރުމެވެ. މިޒަމާނުގެ މިސްކިތްތަކަކީ ޓައިލްސް ޖަހާފައި ނުވަތަ ކާރޕެޓް އަޅާފައި ހުންނަ މިސްކިތްތައް ކަމުން އެފަދަ މިސްކިތްތަކުގައި ފައިވާނާއި އެކު ނަމާދަށް އަރައިގެން ނުވާނެއެވެ. މިސްކިތުން ބޭރުގައި، މިސްކިތު ގޯތި ތެރޭގައި ނުވަތަ މަގުމަތީގައި ނަމާދު ކުރާނަމަ، ފައިވާނާއި އެކު ނަމާދު ކުރުން ރަގަޅެވެ. ފައިވާން ބާލައިފިނަމަ ނަމާދު ކުރާމީހާގެ ކަނާތްފަރާތުގައި ނުބެހެއްޓުން ހުއްޓެވެ. އަދި ވާތްފަރާތުގައި އެހެންމީހަކު ނަމާދަށް ހުރިނަމަ ދެފައިދޭތެރޭގައި ބަހައްޓާނީއެވެ.

 

މިންބަރުމަތީގައި ހުރެގެން ނަމާދު ކުރުން.

އިމާމް މީހާ ކުޑަކޮށް އުސްކޮށް ހުންނަތަނެއްގައި ނުވަތަ މެންބަރުމަތީގައި ނަމާދު ކުރުން ހުއްދަވެގެންވެއެވެ. އަދި ސަޖިދަ އަށް ދާންވުމުން ހަމަބިމަށްފައިބާފައި ސަޖިދަކޮށް، ދެވަނަ ރަކްޢަަތުގައިވެސް ހަމައެފަދައިން ކަންތައް ކުރުމަކީ ހުއްދަވެގެންވާ ކަމެކެވެ.

ނަމާދު ކުރާ އިރުގައި ސުތްރާއެއް ބެހެއްޓުން.

-        މިސްކިތުގައިވެސް އަދި މިސްކިތުން ބޭރުގައި ނަމާދު ކުރާއިރުގައިވެސް ސުތްރާ އެއް ބަހައްޓަންވާނެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لَا تُصَلِّ إِلَّا إِلَى سُتْرَةٍ  , وَلَا تَدَعْ أَحَدٌ يَمُرُّ بَيْنَ يَدَيْكَ , فَإِنْ أَبَى فَلْتُقَاتِلْهُ ؛ فَإِنَّ مَعَهُ الْقَرِيْنُ) މާނައަކީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކު ނަމާދު ކުރާނަމަ ސުތްރާ އެއް ބަހައްޓާށެވެ. އަދި އެއްވެސް މީހަކަށް ކުރިމަތިން ހުރަސް ކުރެވުނަ ނުދޭށެވެ. އެކަމާ އިންކާރުކޮށްފިމީހަކާ ހަނގުރާމަކުރާށެވެ. ހަމަކަށަވަރުން އެމީހަކާއި އެކުގައި ޝައިޠާނަކުވެއެވެ".

-        ސުންނަތްވެގެންވަނީ ސުތްރާއާއި ވީހާވެސް ކައިރީގައި ހުރެގެން ނަމާދު ކުރުމެވެ. ސުތްރާ އާއި މީހާ އާއި ދެމެދުގައި ހުންނަންވާނީ އެދެމެދުން ބަކައްޓަކަށް ދެވޭވަރުގެ ޖާގަ އެކެވެ.

-        ސުތްރާ ހުންނަންވާނީ ބިމަށް ވުރެ ކައިވަތެއް ނުވަތަ ދެކައިވަތް ވަރު އުފުލިފައެވެ. މިސްކިތުގައި ހުންނަތަނބެއް، ގަހެއް، ނުވަތަ ކޮޓަރީގައި ނިދާފައިވާ އަނބިމީހާ ނުވަތަ ދަތުރުކުރަމުންދާ ސަވާރީ އަކީ ސުތްރާ އެއްކަމުގައި ހެދުމަކުން މައްސަލައެއް ނެތެވެ.

-        ގަބުރެއްގެ ފަހަތުގައި ހުރެގެން ނަމާދު ކުރުން ހުއްދަވެގެންނެއް ނުވެއެވެ. އެއީ ނަބީބޭކަލެއްގެ ގަބުރަކަށްވީނަމަވެސް އެވެ.

-        ނަމާދަށް ހުއްޓާ ބާލިޣްވެފައިވާ އަންހެނަކު، ނުވަތަ ޙިމާރެއް ނުވަތަ ކަޅުކުއްތާ އެއް ހުރަސް ކަނޑައިފިނަމަ ނަމާދު ބާޠިލްވާނެއެވެ.

 

 

ތިންވަނަކަމަކަށް: ނިޔަތް ގަތުން.

ނަމާދު ކުރަން ފެށުމުގެ ކުރިން އެނަމާދެއް ކުރަން ހިތުން ނިޔަތް ގަންނަންވާނެއެވެ. ދުލުން ނިޔަތް ކިޔުމަކީ ސުންނަތާއި ޚިލާފު ކަމެކެވެ. ބިދުޢަ އެކެވެ.

ހަތަރުވަނަކަމަކަށް: ތަކްބީރު.

ނަމާދުފަށާނީ (اَللهُ أَكْبَرُ) ކިޔާފައެވެ. އެއީ ނަމާދުގެ ރުކުނެކެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مِفْتَاحُ الصَّلَاةِ الطَّهُوْرُ , وَتَحْرِيْمُهَا التَّكْبِيْرُ , وَتَحْلِيْلُهَا التَّسْلِيْمُ) މާނައަކީ: "ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. ފެށުމަކީ ތަކްބީރެވެ. ނިމުމަކީ ސަލާމްދިނުމެވެ". އިމާމް މީހާ ފިޔަވާ އެހެންމީހަކު އަޑުހަރުކޮށް ތަކްބީރު ކިޔައިގެން ނުވާނެއެވެ. ނަމަވެސް އިމާމްމީހާގެ އަޑު ފަހަތުގައި ތިބިމީހުންނާއި ހަމައަށް ނުދާނަމަ ކޮންމެވެސް އެކަކު އަޑުހަރުކޮށް ތަކްބީރު ކިޔުމަކީ މައްސަލައެއް ނޫނެވެ. މައުމޫމުން ތަކްބީރު ކިޔަންވާނީ އިމާމް މީހާގެ ފަހުންނެވެ.

ހަށަމް ބަންނަމުން، ނުވަތަ ހަށަމްބަނުމުގެ ކުރިން، ނުވަތަ ހަށަމް ބަނުމަށްފަހުގައި ވެސް ތަކްބީރު ކިޔިދާނެއެވެ. މިއިން ކޮންމެ ގޮތަކީ ވެސް ސުންނަތުން ޘާބިތު ގޮތްތަކެވެ. ދެެއަތް އުފުލާ އިރުގައި އިނގިލިތައްވެސް ހުންނަންވާނީ ސީދާކޮށް ކޮޅަށެވެ. ކޮނޑާ ހަމައަށް ނުވަތަ ކަންފަތު ފޫޅުގަނޑާއި ހަމަ އަށް އަތްއުފުލުން ޘާބިތްވެގެންވެއެވެ.

އަތްބާއްވާނެގޮތް.

-        ތަކްބީރު ކިޔުމަށްފަހުގައި ވައަތްމަތީ ކަނާއަތް ބާއްވާނީއެވެ. ދެއަތް ދޫކޮށް ލައިގެން ހުރުމަކީ ސުންނަތުން ޘާބިތުވާ ގޮތެއް ނޫނެވެ. ވައަތްތިލަމަތީ އަތްބޭއްވުން، ނުވަތަ ކުޑަހުޅުގައި ހިފެހެއްޓުން ނުވަތަ މުލަށްދަނޑީގައި ހިފެހެއްޓުމަކީ ހުއްދަވެގެންވާ ގޮތްތަކެވެ.

-        ހަށަމް ބަނދެގެން އަތް ބާއްވާނީ މޭމަތީގައެވެ. ބަނޑުގައި ނުވަތަ އެޔަށްވުރެ ތިރީގައި ހަށަމުގައި އަތް ބޭއްވުމަކީ ސުންނަތުން ޘާބިުތުވާ ގޮތްތަކެއް ނޫނެވެ.

-        ހަށަމްބަނުމަށްފަހުގައި ސުންނަތުން ޘާބިތުވާން ހުރި ދުޢާ ތަކުގެ ތެރެއިން ދުޢާ އެއް ކިޔާނީއެވެ. އޭގެ ތެރޭގައި (الله أَكْبَرُ كَبِيْرًا وَالْحَمْدُ لِلّهِ كَثِيْرًا وَسُبْحَانَ اللهِ بُكْرَةً وَأَصِيْلًا) އަދި މިނޫންވެސް އެތައް ދުޢާ އެއް ވާރިދުވެފައިވެއެވެ.

 

ބިރުވެރިކަމާއި އެކު ސަޖިދަ ޖަހާތަނަށް ބެލުން

ނަމާދު ކުރަން ވާނީ މާތް ﷲ އަށް ބިރުވެތިވެ ހުރެގެންނެވެ. ބިރުވެތިވުމުން ދުރުހެލިކުރުވާ ކޮންމެ ކަމަކުން ދުރުހެލިވާން ޖެހޭނެއެެވެ. އެއީ ފާޚަނާއަކަށް ދާންޖެހިފައި ހުއްޓާ ނަމާދު ކުރުން ކަމުގައިވީނަމަވެސް އަދި ބަނޑުހައިވެގެން ހުރެ ނަމާދު ކުރުން ކަމުގައިވީނަމަވެސް އެވެ. އަދި ކޮޅަށް ހުންނައިރުގައި ހުންނަންވާނީ ސަޖިދަޖަހާ ތަނަށް ބަލަހައްޓައިގެންނެވެ. ނަމާދަށް ހުރެ އެކިކޮޅުކޮޅަށް ބަލާ އެނބުރި ހަދައިގެން ނުވާނެއެވެ.

 

ދުޢާއުލް އިސްތިފްތާޙް

ހަށަމްބަން ތަކްބީރު ކިޔުމަށްފަހުގައި ސުންނަތުން ޡާބިތުވާން ހުރި ދުޢާތަކުގެ ތެރެއިން ދުޢާއެއް ކިޔާނީ އެވެ. އޭގެ ތެރޭގައި އަންނަނިވި ދުޢާ ހިމެނިގެންވެއެވެ. (اَللَّهُمَّ بَاعِدْ بَيْنِيْ وَبَيْنَ خَطَايَايَ كَمَا بَاعَدْتَّ بَيْنَ الْمَشْرِقِ وَالْمَغْرِبِ : اَللَّهُمَّ نَقِّنِيْ مِنْ الخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ ، اَللَّهُمَّ اغْسِلْ خَطَايَايَ بِالْمَاءِ وَالثَّلْجِ وَالْبَرَدِ).

ފަސްވަނައަށް: ކިޔެވުން

-        އެއަށްފަހުގައި (أَعُوْذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ، بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ) ކިޔުމަށް ފަހުގައި ސޫރަތުލްފާތިޙާ (އަލްޙަމްދު) ކިޔަވާނީއެވެ. ނަމާދުގައި ހުރިހާ ރަކްޢަތެއްގައި ވެސް  ސޫރަތުލްފާތިޙާ ކިޔެވުމަކީ ނަމާދުގެ ރުކުނެކެވެ. އެހެންކަމުން އެސޫރަތް ހިތުދަސްކުރަން ޖެހެއެވެ. އަލަށްއިސްލާމްވެ، ސޫރަތުލްފާތިޙާ ކިޔަން ނޭގޭނަމަ (سُبْحَانَ اللهِ , وَالْحَمْدُ لِلَّهِ , وَلَا إِلَهَ إِلَّا اللهُ , وَاللهُ أَكْبَرُ , وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ) މިފަދައިން ކިޔުމުން ފުދޭނެއެވެ.

-        ސޫރަތުލްފާތިޙާ ކިޔެވުމުގައި ބޮޑަށް ސުންނަތްވެގެންވަނީ ކޮންމެ އާޔަތަކަށް ވަކިވަކިން ހުއްޓުމަށްފަހު ކިޔެވުމެވެ.

-        ސޫރަތުލްފާތިޙާ ކިޔެވުމަށްފަހު ގައި ޤުރްއާނުން ފަސޭހަ ތަނެއް ފުރަތަމަ ދެރަކްޢަތުގައި ކިޔެވުން ސުންނަތް ވެގެންވެއެވެ. ފަހު ދެރަކްޢަތުގައި ސޫރަތުލްފާތިޙާގެ ފަހުން ބައެއްފަހަރަށް  އިތުރު ސޫރަތެއް ނުވަތަ އާޔަތްތަކެއް ކިޔެވުން ސުންނަތްވެގެންވެއެވެ. ނަމަވެސް ދާއިމީކޮށް ފަހުދެރަކްޢަތުގައި ސޫރަތުލްފާތިޙާ އަށްފަހުގައި އިތުރު ސޫރަތެއް ނުވަތަ އާޔަތް ތަކެއް ކިޔެވުމަކީ ސުންނަތާއި ދުރުގޮތެކެވެ.  މައުމޫމުންނަށް އުދަގޫވާ ވަރަށް ދިގުކޮށް ކިޔެވުމަކީ ރަގަޅުކަމެއް ނޫނެވެ. ސަބަބަކީ މައުމޫމުންގެ ތެރޭގައި މުސްކުޅިންނާއި ބަލިމީހުން އަދި ކިރުމައިންވެސް ތިބުން އެކަށީގެންވެ އެވެ. އެހެންކަމުން އިމާމާ ކިޔަވަންވާނީ މައުމޫމުންނަށް އުނދަގޫ ނުވާވަރަށެވެ.

ބާރަށް ކިޔެވުމާއި މަޑުން ކިޔެވުން

-        ފަތިސްނަމާދު، ހުކުރުނަމާދު، ޢީދުނަމާދު، އިސްތިސްގާ ނަމާދު، ކޭތަނަމާދު އަދި މަޣްރިބާއި ޢިޝާގެ ފުރަތަމަ ދެރަކްޢަތުގައި އިމާމާ ބާރަށް ކިޔެވުމަކީ ސުންނަތްވެގެންވާ ކަމެކެވެ. އަދި މެންދުރާއި ޢަޞްރު އަދި މަޣްރިބް ގެ ފަހުރަކްޢަތުގައްޔާއި، ޢިޝާގެ ފަހު ދެރަކްޢަތުގައި ކިޔަވާނީ މަޑުންނެވެ.

-       ގުރްއާން ކިޔެވުމުގައި ސުންނަތްވެގެންވަނީ އަވަސްވެސް އަރުވާ ނުލާ ތަޖްވީދު މަގަށް ކިޔެވުމެވެ.
ހަވަނައަށް: ރުކޫޢު

ކިޔަވާ ނިމުމުން ހަރަމްބަނުމަށް އަތްއުފުލިފަދައިން އަތްއުފުލުމަށްފަހުގައި ރުކޫޢަށް ދާނީއެވެ. ރުކުޢަށް ދަމުން (اَللهُ أَكْبَرُ) ކިޔަންވާނެއެވެ.

 

ރުކޫޢު ކުރާނެގޮތް

-        ރުކޫޢަށް ގޮސް ހުންނާނީ ދެކަކުލުގައި އަތްއަޅައިގެންނެވެ. އިނގިލިތައް ބަހައްޓާނީ ހުޅުވާލާފައެވެ. ބުރަކަށި ބާއްވާނީ ސީދާކޮށް ދަމާލާފައެވެ. ފެންތައްޓެއް ބެހެއްޓުމުން ނުވެއްޓި ހުންނަވަރަށެވެ. ބޯބަހައްޓާނީ ބުރަކައްޓާ އެއްވަރަށެވެ. މައްޗަށް އުފުލާ ނޫންނަމަ ތިރިކޮށް ހަދައިގެން ނުވާނެއެވެ.

-        ރުކޫޢުގައި ކިޔާ ޛިކުރުތައް ބައިވަރެވެ. އޭގެ ތެރެއިން ކޮންމެވެސް އެއް ޛިކްރެއް ކިޔުމުން ފުދޭނެއެވެ. ރުކޫޢޫގައި ކިޔުމަށް ވާރިދުވެފައިވާ ޛީކުރު ތަކުގެ ތެރޭގައި (سُبْحَانَ رَبِّيَ الْعَظِيْمِ) ތިންފަހަރަށް ނުވަތަ އެއަށްވުރެ ގިނައިންވެސް ކިޔިދާނެއެވެ.

-        ރުކޫޢާއި ސުޖޫދުގައި ގުރްއާން ކިޔެވުމެއް ނެތެވެ.

އިޢްތިދާލުގައި ހުރުން:

ރުކޫޢު ނިންމުމަށްފަހުގައި ބުރަކަށި ތެދުކޮށްލާނީއެވެ. ތެދުވަމުން (سَمِعَ اللهُ لِمَنْ حَمِدَهُ) ކިޔަންވާނެއެވެ. އަދި ކުރިން ބަޔާން ކުރެވުނު ފަދައިން ދެއަތް އުފުލަންވާނެއެވެ. ރީތިކޮށް ބުރަކަށި ތެދުކޮށްލުމަށްފަހުގައި (رَبَّنَا وَلَكَ الْحَمْدُ) ކިޔަންވާނެއެވެ. މިނޫންވެސް ދުޢާތައް އިޢްތިދާލުގައި ކިޔުމަށް ވާރިދުވެފައިވެއެވެ. ނަމަވެސް ކޮންމެވެސް އެއް ދުޢާ އެއް ކިޔުމުން ފުދޭނެއެވެ.

ހަތްވަނައަށް: ސަޖިދަ ކުރުން

ދެން (اَللهُ أَكْبَرُ) ކިޔަމުން ސަޖިދަ އަށް ތިރިވާނީއެވެ. ސަޖިދަ އަށް ދާއިރުގައި ކަކޫ ޖެއްސުމުގެ ކުރިން ދެއަތް ޖައްސަންވާނެއެވެ. ސަޖިދާގައި އޮންނައިރުގައި އަތުގެ ހުރިހާ އިނގިލިތަކެއް ބަހައްޓަންވާނީ ހުޅުވާލާފައި، ގިބްލައަށް ވާ ގޮތަށެވެ. ބުރަކަށި ބާއްވާނީ ބިމުގައި ނުޖެހި ކުޑަކޮށް ހިއްލާލާފައެވެ. ނޭފަތް ހުންނަންވާނީ ބިންމަތީގައި ޖެހިފައެވެ. ފައިގެ އިނގިލިތައް ވެސް ބަހައްޓަން ވާނީ ގިބްލަ އާއި ވީ ކޮޅަށް ލަންބާފައެވެ. ސަޖިދާގައި އޮންނަ އިރުގައި ކިޔުމަށް ވާރިދުވެފައިވާ ބައިވަރު ޛިކުރުތައް އެބަހުއްޓެވެ. އޭގެ ތެރޭގައި (سُبْحَانَ رَبِّيَ الْأَعْلَى) ތިންފަހަރު ކިޔުން، ނުވަތަ އެޔަށްވުރެ އިތުރަށް ކިޔުން ހިމެނެއެވެ.

-        އެެއަށްފަހުގައި ސަޖިދައިން ތެދުވެ ވައަތުފައިގެ މަތީގައި އިށީދެލާނީއެވެ. އަދި ކަނާތުފައި ގެ އިނގިލިތައް ގިބްލައަށް ވީ ކޮޅަށް ލަނބާލާފައި ބަހައްޓާނީ އެވެ.

-        ދެސަޖިދަ ދެމެދުގައި ކިޔާ ދުޢާ އަކީ: (رَبِّ اغْفِرْ لِيْ وَارْحَمْنِيْ وَاجْبُرْنِيْ وَارْفَعْنِيْ وَارْزُقْنِيْ وَاهْدِنِيْ وَعَافِنِيْ وَاعْفُ عَنِّيْ) މިއެވެ. (رَبِّ اغْفِرْ لِيْ رَبِّ اغْفِرْ لِيْ) މިފަދައިން ކީ ނަމަވެސް މައްސަލަ އެއް ނެތެވެ.

-        އެއަށް ފަހުގައި (اَللهُ أَكْبَرُ) ކިޔާ ދެވަނަ ސަޖިދަ އަށް ދާނީ އެވެ. ކުރީގެ ސަޖިދާ ގައި ކަންތައް ކުރިގޮތަށް ކުރުމަށްފަހުގައި ސަޖިދައިން ތެދުވަމުން (اَللهُ أَكْبَرُ) ކިޔަމުން  ވައަތުފައި މަތީގައި އިށީނދެލާފައި ކުޑަ ހިނދުކޮޅަކު މަޑުކޮށްލުމަށްފަހުގައި ދެވަނަ ރަކްޢަތަށް ތެދުވާނީ އެވެ. އަދި ކުރީގެ ރަކްޢަތުގައި ކަންތައް ކުރިގޮތަށް ސޫރަތުލްފާތިޙާ ކިޔަވާ އިތުރު ސޫރަތެއް ނުވަތަ އާޔަތް ތަކެއް ކިޔަވައިލާނީ އެވެ.

އައްތަޙިއްޔާތުގައި އިށީނުން

ދެވަނަ ރަކްޢަތް ކޮށް ނިމުމުން އައްތަޙިއްޔާތަށް އިށީންނަންވާނެއެވެ. ދެސަޖިދަ ދެމެދުގައި އިށީންނަފަދައިން އިށީނދެ އައްތަޙިއްޔާތު ކިޔާނީ އެވެ.

ފުރަތަމަ އައްތަޙިއްޔާތު

اَلتَّحِيَّاتُ لِلَّهِ, والصَّلَوَاتُ والطَّيِّبَاتُ, السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِيْنَ، أَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ ،  وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ

އައްތަޙިއްޔާތުގައި އިންނައިރުގައި ބޮޑުވާ އިނގިލިން މެދުއިނގިލީގައި ހިފަހައްޓާ، ޝަހާދަތް އިނގިލި ގިބްލައާއި ވީ ދިމާލަށް ކުރިމަތިކުރުވާ، އެހެން އިނގިލިތައް އެތެރެއަށް ލަނބާލަންވާނެއެވެ. އަދި އައްތަޙިއްޔާތު ފެށުނީއްސުރެ ނިމެންދެން ޝަހާދަތް އިނގިލި ތަޅުވަން ވާނެއެވެ.

-        އެއަށްފަހުގައި ތިންވަނަ ރަކްޢަތަށް ތެދުވާނީ އެވެ. ކުރީ ރަކްޢަތްތަކުގައި ވެސް ކިޔެވިފަދައިން ތިންވަނަ އަދި ހަތަރުވަނަ ރަކްޢަތުގައި ވެސް ސޫރަތުލް ފާތިޙާ ކިޔަވާނީ އެވެ. އަދި އެއަށްފަހުގައި ރުކޫޢަށް ގޮސް ކުރީގެ ރަކްޢަތް ތަކުގައި ވެސް ކަންތައް ކުރި ގޮތަށް ކުރާނީ އެވެ.

ފަހު އައްތަޙިއްޔާތު

ނަމާދުގެ ހުރިހާ ރަކްޢަތްތަކެއް ނިންމުމަށް ފަހުގައި ފަހު އައްތަޙިއްޔާތަށް އިށީންނާނީ އެވެ. ފަހު އައްތަޙިއްޔާތަށް އިށީންނާނެ ގޮތަކީ ވައަތުފައި ކަނާތުފައިގެ ދަށަށް ލައްވާ ފޫކޮޅު ބިންމަތީގައި ޖެހޭ ގޮތަށް އިށީންނާނީ އެވެ. އަދި ކަނާތު ފައިގެ އިނގިލިތައް ހުންނަންވާނީ ގިބްލަ އާއި ދިމާލަށް ލަނބާލާފައެވެ.

ފަހުއައްތަޙިއްޔާތު ގެ ޞީޣާ

اَلتَّحِيَّاتُ لِلَّهِ, والصَّلَوَاتُ والطَّيِّبَاتُ, السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِيْنَ، أَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ ،  وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ

اَللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَّجِيْدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ فِي الْعَالَمِيْنَ إِنَّكَ حَمِيْدٌ مَّجِيْدٌ،

މިހިސާބަށް ކިޔުމުން ފަހު އައްތަޙިއްޔާތު ކިޔާ ނިމުނީ އެވެ. އަދި މި ހިސާބުން ސަލާމް ދިން ނަމަވެސް ފުދޭނެއެވެ. ނަމަވެސް ފަހު އައްތަޙިއްޔާތުގެ ފަހަތުގައި ދުޢާ އެއް ކުރުމަށް ކިޔުމަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދަސްކޮށްދެއްވާފައިވެއެވެ. އެދުޢާ އަކީ:

اَللَّهُمَّ اغْفِرْ لِيْ مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّيْ أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لَا إِلَهَ إِلَّا أَنْتَ، اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ وَمِنْ فِتْنَةِ الْمَسِيْحِ الدَّجَالِ، اَللَّهُمَّ إِنِّيْ ظَلَمْتُ نَفْسِيْ ظُلْمًا كَبِيْرًا كَثِيْرًا وَلَا يَغْفِرُ الذُّنُوْبَ إِلَّا أَنْتَ فَاغْفِرْ لِيْ مَغْفِرَةً مِّنْ عِنْدِكَ وَارْحَمْنِيْ إِنَّكَ أَنْتَ الْغَفُوْرُ الرَّحِيْمِ.

މިހިސާބަށް ދުޢާ ކިޔުމަށްފަހުގައި ސަލާމްދީ ނަމާދު ނިންމާލާނީ އެވެ.

ސަލާމް ދޭނެ ގޮތް

اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ މިފަދައިން ކިޔުމަށްފަހުގައި ކަނާތްފަރާތަށް ބޯއަނބުރާލާނީއެވެ. ކަނާތްފަރާތުގައި ހުރި މީހާ ގެ ވާތު ކޮނޑުފެންނަ ވަރަށެވެ. އަދި އެއަށް ފަހުގައި اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ މިފަދައިން ކިޔުމަށްފަހުގައި ވައަތްފަރާތަށް ބޯއަނބުރާލާނީ އެވެ. ވައަތްފަރާތުގައި ހުރި މީހާގެ ކަނާތު ކޮނޑުފެންނަވަރަށެވެ.

މިހިސާބުން ނަމާދުކޮށް ނިމުނީ އެވެ.

ސަލާމް ދިނުމުގެ ޞީޣާ(ޢިބާރާތް) ތައް

ސަލާމް ދިނުމުގައި ތަފާތު ޞީޣާ(ޢިބާރާތް) ތައް ވެއެވެ.

ފުރަތަމަ ޞީޣާ: ކަނާތްފަރާތަށް ސަލާމްދޭ އިރުގައި اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُهُ އަދި ވައަތް ފަރާތަށް ސަލާމް ދޭ އިރުގައި اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ މިފަދައިން ކިޔުން.

ދެވަނަ ޞީޣާ: ދެފަރާތަށްވެސް اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ މިފަދައިން ކިޔުން.

ތިންވަނަ ޞީޣާ: ކަނާތްފަރާތަށް ސަލާމް ދޭ އިރުގައި اَلسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ އަދި ވައަތް ފަރާތަށް ސަލާމް ދޭ އިރުގައި اَلسَّلَامُ عَلَيْكُمْ މިފަދައިން ކިޔުން.

ހަތަރުވަނަ ޞީޣާ: ކަނާތްފަރާތަށް އެކަނި ސަލާމްދީ ނިންމާލުން.

ނޯޓް: މިއިން ކޮންމެ ޞީޣާ އެއް ބޭނުން ކުރިނަމަވެސް މައްސަލަ އެއް ނެތެވެ. ކޮންމެ ގޮތަކީ ވެސް- އިންޝާ ﷲ- ޞައްޙަ ގޮތްތަކެވެ. والله أعلم.

 

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި