Noorul-islam.NET :: ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން

ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
Category »  މުޖުތަމަޢު

ތާރީޚް: 17 އޮކްޓޯބަރ 2008

ލިޔުއްވީ : ޑރ . ޢަބްދުލްމަޖީދު ޢަބްދުލްބާރީ



 

އިންސާނީ ފިޠުރަތުގައި ދުނިޔެވީ އެކިކަންކަމުގެ ދަހިވެތިކަން ލައްވާފައިވާތީވެ ، ހަވާ ނަފްސު އެމީހެއްގެ މައްޗަށް ގަދަވެގަންނަ ހިދެއްގައި ، الله سبحانه وتعالى  އެފަދަ ކަންކަމުން ރައްކާތެރި ކުރައްވައިފި މީހަކު މެނުވީ ، ކޮންމެ މީހަކީވެސް ފާފައެއް ކުރެވިދާނެ މީހެކެވެ . ނަމަވެސް އެކަން އިޙްސާސް ކުރެވުމާއެކު އެކަމާ ދެރަވެ ތައުބާވުމަށް އަވަސްވެގެންފިނަމަ الله سبحانه وتعالى އެމީހެއްގެ ފާފަ ފުއްސަވާނެއެވެ.  އެކަލާނގެ ވަޙީ ބަސްފުޅުގައިވެއެވެ.
وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللَّهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ [آل عمران 135]  ތަޤްވާވެރިންގެ ސިފަ ބަޔާން ކުރައްވަމުން މިއާޔަތުގައި އަންގަވާފައި އެވެނީ، އެބައިމީހުންނީ ހުތުރުކަންބޮޑުވެގެންވާ ފާފައެއް ނުވަތަ އެއަށްވުރެ ކުޑަފާފައެއްނަމަވެސް ކުރެވިއްޖެނަމަ ﷲ ހަނދުމަކޮށް އެބައިމީހުންގެ ފާފަ ފުއްސެވުންއެދި އެކަލާނގެ حضرة  ގައި  ދުޢާ ދަންނަވައި އުޅޭ މީހުންނެވެ. ﷲ ފިޔަވައި ފާފަ ފުއްސަވާ ދެވަނަ ފަރާތެއް ނުވާކަން އެބައިމީހުން ޔަޤީންކަމާއެކު ޤަބޫލު ކުރެއެވެ. އެހެން ކަމުން ފާފަކުރުން މަތީ އެބައިމީހުން ދެމިއެއް ނުތިބެއެވެ. އެހެނީ ތައުބާވުމުން އެކަލާނގެ ތައުބާ ޤަބޫލު ކުރައްވާކަން އެބައިމީހުން ދަންނާތީއެވެ.

رسول الله ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘެއްގެ މާނާގައިވެއެވެ. "ކޮންމެ އާދަމުގެ ދަރިއަކީ ވެސް ފާފަކުރާނޭ މީހެކެވެ. ފާފަކުރާމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑުވެގެންވަނީ އެބައިމީހުންގެ ތެރެއިން ތައުބާވާމީހުންނެވެ" .

މިއީ ފިޠްރިތުގެ ޤާނޫނު ކަމުގައިވިއަސް ތިމާ ހިތްއެދޭހާ ކަމެއްގައި ހަވާ ނަފްސަށް ހެއްލިގެން އެފަރާތަށް ލަގަން ދޫކޮށްލުމީ ތިމާގެ ހަވާ ނަފްސަށް އަޅުވެތިވުމެވެ.

 

ބޮޑެތިފާފަތަކަށް ފާޅުގައި އަރައިގަންނަމީހުންނާއި ސިއްރުގައިވިއަސް ފާފައެއް ކޮށްފައި ،  الله سبحانه وتعالى އެކަން ސިއްރު ކުރައްވާފައި ވަނިކޮށް ތިމާ އަމިއްލައަށް އެހެން މީހުންގާތުގާ އެވާހަކަ ދައްކާމީހާއަކީ ފާފަކުރުމުގައި ހައްދުފަހަނައަޅާފައިވާ މީހެކެވެ. . އެފަދަމީހާއަކީ އެމީހެއްގެ ކިބައިން ލަދުވެތިކަން ނިގުޅައިގަނެވިފައިވާ މީހެކެވެ. އަދި ﷲ ގެ ކޯފާއަށް ހުށެހެޅިފައިވާ މީހެކެވެ.

    މިފަދަ މީހުންނާ ބެހޭގޮތުން ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. "كل أمتي معافى إلا المجاهرين ، وإن من المجاهرة أن يعمل الرجل بالليل عملا ، ثم يصبح وقد ستره الله فيقول : يا فلان عملت البارحة كذا وكذا ، وقد بات الله يستره ربه ، ويصبح يكشف ستر الله عنه" [رواه البخاري ومسلم] މާނައީ : ފާޅުގައި ފާފަކުރާ މީހުންފިޔަވައި ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެންނީވެސް عفو ލިބެނިވި ބައެކެވެ. ފާފަކުރުން ފާޅުކޮށް އިޢްލާންކުރުމުގެ ތެރޭގައި ރޭގަޑުގައި ތިމާކުރާ ނުބައި ކަމެއް الله سبحانه وتعالى ސިއްރުކުރައްވާފައިވަނިކޮށް ، އޭނާ އަމިއްލައަށް އެހެން މީހެއްގެ ގާތުގައި ، އޭ މިވެނިމީހާއެވެ، އަހުރެން ރޭގައި މިވެނިކަމެއް ކުޅައީމޭ ، އެވެނިކަމެއް ކުޅައީމޭ ކިޔާ ވާހަކަ ދައްކާމީހާ ހިމެނިގެން ވެއެވެ.

    މިބާވަތުގެ މީހުން އަޅުގަޑުމެންގެ مجتمع ތަކުގައިވެސް މަދެއްނޫނެވެ. ތިމާ ކުރާ ނުބައި ކަންކަމުގެ ވާހަކަ އެހެން މީހުންގެ ގާތުގައި ދައްކާ އަދި އެކަންމައްޗަށް ފަޚްރުވެރިވާ މީހުން އަޅުގަޑުމެންގެ ތެރޭގައި މަދެއްނޫނެވެ. މިފަދަ މީހުން ﷲ ބިރުވެތިވާންޖެހެއވެ.  މިފަދަ މީހުން ﷲ ގެ ކޯފާއަށް ހުށަހެޅުން ވަރަށްވެސް ގާތެވެ.

    އިސްވެދިޔަ ޙަދީޘުގައިވެސް ވާފަދައިން، ފާޅުގައި ފާފަކުރާ މީހުންނަކީ ޢަފޫ ލިބެނިވި ބައެއް ނޫނެވެ. އަދި ކީއްތޯއެވެ؟ އާޚިރަތުގެ ޢުޤޫބާތުގެ ކުރިން ދުނިޔެމަތީގައިވެސް އެފަދަމީހުންނަށް ބޮޑުވެގެންވާ ޢުޤޫބާތް ލިބޭމެއެވެ . ނިކަން ވިސްނާ ވަޑައިގަންނަވާށެވެ! ލޫޠު ގެފާނުގެ ޤައުމުގެ މީހުންނަކީ އެންމެފުރަތަމަ އެއްޖިންސުގެ ގުޅުން މުޅި ދުނިޔެއަށްވެސް ތަޢާރަފް ކުރިމީހުންނެވެ. ފާޅުގައި ފާޙިޝް ޢަމަލުތައް މިބައިމީހުން މީސްތަކުންގެ ކުރިމަތީގައި ކޮށް އުޅުނުކަމަށް ރިވާ ވެގެންވެއެވެ. އެކަންކޮށް އެއްބަޔަކު އަނެއްބަޔަކަށް ފަޚްރުވެރިވާ ޙާލުގައެވެ . މިބައިމީހުންގެ މިނުބައި ޢަމަލުގެ ވާހަކަ ކީރިތި ޤުރުއާނުގެ އަލްޢަންކަބޫތު ސޫރަތުގެ 28-29 މިދެއާޔަތުގައިވެއެވެ.  މިދެ އާޔަތުގެ މާނައީ "އަދި لوط ގެފާނު ، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ވިދާޅުވި ހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން ތިޔަބައިމީހުން ތިޔަކުރާ ފާޙިޝް ކަންތައްތަކަކީ ދުނިޔެމަތީގައި މީގެކުރިން އެކަކުވެސް ކޮށްފައިނުވާ ކަންތަކެކެވެ. ތިޔަބައިމީހުން ފިރިހެނުންގެ ގާތުން ޝަހްވާނީ އެދުން ފުއްދަނީ ހެއްޔެވެ؟ އަދި މަގުފޭރި ނާދީތަކުގައިވެސް އެނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟ ޖަވާބުގައި އެކަލޭގެފާނުގެ ޤައުމުގެ މީހުން ބުންޏެވެ. ކަލޭގެފާނު ތިޔަދައްކަވާ ވާހަކައަކީ ތެދުކަމުގައިވާނަމަ ތިޔަވިދާޅުވާ ޢަޛާބު ނިކަން ގެނެސް ދެއްވަ ބައްލަވާށެވެ! 

ނަތީޖާއަކަށްވީ ދުނިޔެމަތީގައި އެއްވެސް ބަޔަކަށް ނުދެއްވާ ވަރުގެ ޢުޤޫބާތެއް އެބައިމީހުންނަށް ދެއްވުމެވެ. އެއީ އެބައިމީހުންގެ ރަށް އެފުށް މިފުށަށް ޖައްސަވައި އެބައިހުން ނެތިކުރެއްވުމެވެ. މިއަށް އިޝާރާތް ކުރައްވާ ﷲ ވަޙީ ކުރައްވަނީ : فَجَعَلْنَا عَالِيَهَا سَافِلَهَا وَأَمْطَرْنَا عَلَيْهِمْ حِجَارَةً مِنْ سِجِّيلٍ [الحجر : 74] ފަހެ ތިމަންރަސްކަލާނގެ އެބައިމީހުންގެ ރަށް އެފުށް މިފުށަށް ޖެއްސެވީމެވެ. އަދި އަލިފާނުން ދޮންކުރެވިފައިވާ މަށީގެ ހިލައިން އެބައިމީހުންގެ މައްޗަށް ވާރޭ ވެއްސެވީމުއެވެ.

    އާދެ ! މިއީ ފާޅުގައި މީސްތަކުންގެ ކުރިމަތީގައި ފާޙިޝް ޢަމަލު ކޮށް އުޅުނު ބަޔަކާމެދު ކަންތައް ހިގާފައިވާގޮތުގެ ވާހަކައެވެ. މިފަދަ ވާހަކަތައް ޤުރުއާނުގައި ގެންނެވުމުގެ ބޭނުމަކީ ފަހުން އަންނަމީހުން މިވާހަކަތަކުން ޢިބްރަތް ލިބިގަތުމެވެ .

ހަމަ އެފަދައިން މުޖްތަމަޢުގައި ފާޙިޝް ޢަމަލުތައް ފަތުރާ އަދި ފަތުރަން މަސައްކަތް ކުރާ މީހުންނަކީވެސް ދުނިޔެމަތީގައާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ލިބޭނޭ ބައެކެވެ. ﷲ ވަޙީ ކުރައްވައެވެ.
إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لا تَعْلَمُونَ  [النور : 19] މާނައީ : ހަމަކަށަވަރުން މުއުމިނުންގެ މެދުގައި ފާޙިޝުކަންތައް ފެތުރިގެން ދިޔުމަށް ލޯބިލުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. ކަންތައްތައް ދެނެވޮޑިގެންވަނީ ﷲ އެވެ. ތިޔަބައިމީހުންނަކަށް ނޭގެއެވެ.

    އެހެން ނުވާންވީ ކީއްވެތޯއެވެ ؟  ކޮންމެ މުޖްތަމަޢެއްގައިވެސް ފާޙިޝް ކަންތައް ފެތުރި ޢާއްމު ވުމަކީ އެ މުޖްތަމަޢެއްގައި ނުރައްކާތެރި ރޯގާތަކާއި ބަލިމަޑުކަމާއި ދަތުމަޑުކަން ޢާއްމުވެ ފެތުރެން މެދުވެރިވާ ސަބަބެއްކަން ޔަޤީނެވެ. ސަލާމާއި ޞަލަވާތްލެއްވި މާތް ނަބިއްޔާ ޙަދީޘް ކުރައްވާފައިވެއެވެ : "لَمْ تَظْهَرِ الْفَاحِشَةُ فِي قَومٍ قَطّ حَتَّى يُعْلِنُوا بِهَا إلاّ فَشَا فِيْهِمْ الطَّاعُوْنُ وَالأوْجَاعُ الّتِي لَمْ تَكُنْ مَضَتْ فِي أسْلافِهِمْ الذِّيْنَ مَضَوْا " ބައެއްގެ ތެރޭގައި ޒިނޭކުރުން ޢާއްމުވެ ފާޅުގައި އެކަން ކުރަންފަށައިފި ކޮންމެ ބައެއްގެ މެދުގައި ، އެބައިމީހުންގެ ކުރިން އެއްވެސް ބަޔަކު ދެކެފައިނުވާފަދަ ބަލިތަކާއި ރޯގާތަކާއި ދަތުމަޑުކަން ފެތުރި ޢާއްމުވެދާނޭކަން ކަށަވަރެވެ. އެހެން ޙަދީޘެއްގައިވެއެވެ : "مَا َظَهَر فِي قَوْمٍ الرِّبَا وَالزِّنَا إلاّ أحَلُّوْا بِأَنْفُسِهِمْ عِقَابُ اللهِ عز وجل " މާނައީ : ބައެއްގެ ތެރޭގައި ރިބާ ކެއުމާއި ޒިނޭކުރުން ފާޅުވެ ޢާއްމުވެއްޖެ ކޮންމެ ބަޔަކަށް ﷲ ގެ ޢުޤޫބާތް ޙައްޤު ވެދާނޭކަން ކަށަވަރެވެ.

    ނިކަން ވިސްނަވާބައްލަވާށެވެ! މިހާރަކަށްއައިސް މުޅި ދުނިޔެއަށްވެސް ޢާއްމުވެ ފެތުރެމުންމިދާ ރޯގާތަކާއި ނުރައްކާތެރި ބަލިތަކަކީ މީގެ ކުރިން ދުވަހަކުވެސް ދުނިޔެ ދެކެފައިވާ ބަލިތަކެއްނޫނެވެ. މުޅި ދުނިޔެ މިވަނީ މިހާތަނަށް އައިއިރުވެސް މިބަލިތަކަށް ފަރުވާއެއް ހޯދުމަށް ނުކުޅެދިފައެވެ . އެއިޑްސް ބައްޔާއި ސާސް ރޯގާ އާއި ދޫނި ރޯގާއާއި މިހެންގޮސް ކިތަންމެ ބައްޔެކެވެ. މިބަލިތަކަށް ފަރުވާއެއް ހޯދުމަށް ދުނިޔޭގެ ސައެންޓިސްޓުންނާއި ޑޮކްޓަރުން ވަނީ ނުކުޅެދިފައެވެ. 



 

 
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ހެނދުނާއި ހަވީރުގެ ޛިކުރުތައް
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ ….
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
މަންމަން ފަޞާޙާތްތެރިޔާ
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
ވަގުތު ފާއިތުވުމުގެ ކުރިން...
ފާޅުގައި ފާފަ ކުރުމުގެ ނުބައިކަން
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި