Noorul-islam.NET :: ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވި އެއްޗެއްވިއްޔާ އޭގައި ހިފާށެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދެއްވި އެއްޗެއްވިއްޔާ އޭގައި ހިފާށެވެ.
Category »  محمد صلى الله عليه وسلم

ތާރީޚް: 6 މާޗް 2009

ލިޔުއްވީ : މުޙައްމަދު ޝަމްޢޫން

`

الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين. نبينا وحبيبنا وقدوتنا محمد   وعلى آله  وأصحابه  ومن تبعهم بإحسان إلى يوم الدين. أما بعد.

ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުން ޚަލްޤުކުރައްވަވާފައިވަނީ އެއިލާހަށް އަޅުކަންކުރުމަށްޓަކައެވެ.  وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ " އަދި ތިމަންއިލާހަށް އަޅުކަންކުރުމަށް މެނުވީ، ތިމަންއިލާހު އިންސީންނާއި ޖިންނީން ނަހައްދަވަމެވެ." އެހެންކަމުން އަޅުކަންކުރާނޭ ގޮތް ބަޔާންކޮށްދެއްވެވުމަށްޓަކައި ހުރިހާ އުންމަތަކަށްވެސް، އެއިލާހުވަނީ ރަސޫލުބޭކަލުން ފޮނުއްވަވާފައެވެ. وَإِن مِّنْ أُمَّةٍ إِلَّا خلَا فِيهَا نَذِيرٌ " އަދި އެ އުންމަތަކަށް އިންޒާރުކުރައްވަވާނޭ ބޭކަލަކު އިސްވެގޮސްފައިނުވާ އެއްވެސް އުންމަތެއްނުވެއެވެ." މިގޮތުން އަޅުގަނޑުމެންގެ އުންމަތައް އެއިލާހު ފޮނުއްވެވީ އެއިލާހުގެ ލޮބުވެތި ޙަބީބް، ނަބީކަމާއި ރަސޫލުކަން ޚަތިމުކުރެއްވެވި މާތް ނަބިއްޔާ، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

އާދެ! ﷲ ތަޢާލާ އެކަލޭގެފާނު ފޮނުއްވެވީ އަޅުގަނޑުމެންނަށް އެއިލާހުގެ ދީން ބަޔާން ކޮށް ދެއްވެވުމަށްޓަކައެވެ. އެއިލާހުގެ ފޮތް އުގަންނަވައި ދެއްވެވުމަށްޓަކައެވެ. ޖާހާލަތުގެ އަނދިރިކަމުން އީމާންކަމުގެ އަލިކަމަށް އަޅުގަނޑުމެން ނެރުއްވެވުމަށްޓަކައެވެ. އެހެންކަމުން އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ތަބާވުމަށް އެއިލާހު ވަނީ އަޅުގަނޑުމެންނަށް އަމުރުކުރައްވަވާފައެވެ. وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا " އަދި ރަސޫލާ ތިޔަބައިމީހުންނަށް ދެއްވިކަމެއްވިއްޔާ، އެކަމެއްގައި ހިފާށެވެ. އަދި ނަހީ ކުރެއްވެވި ކަމެއްވިއްޔާ އެކަމަކުން ދުރުވެގަންނާށެވެ." އެހެނީ އެކަލޭގެފާނު އަޅުގަނޑުމެންނަށް ބަޔާންކޮށް ދެއްވަވަނީ އެއިލާހުގެ ވަޙީއެވެ. وَمَا يَنطِقُ عَنِ الْهَوَى * إِنْ هُوَ إِلَّا وَحْيٌ يُوحَى" އަދި އެކަލޭގެފާނު ހަވާ ނަފްސަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެއެވެ. (އެކަލޭގެފާނުގެ ބަސްފުޅު) އެއީ ބާވައިލެއްވެވޭ ވަޙީކަމުގައި މެނުވީ ނުވެއެވެ."

އާދެ! އަޅުގަނޑުމެން ކާމިޔާބު ބޭނުންވާ ކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް އޮތީ އެކަލޭގެފާނަށް ތަބާވުމެވެ. އެހެނީ އެކަލޭގެފާނު މަގުދައްކަވަނީ ސުވަރުގެއަށެވެ. وَإِنَّكَ لَتَهْدِي إِلَى صِرَاطٍ مُّسْتَقِيمٍ " އަދި ހަމަކަށަވަރުން ކަލޭގެފާނު މަގުދައްކަވަނީ ސީދާވެގެންވާ ތެދުމަގަށެވެ." އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްފުޅުކުރެއްވެވިއެވެ. كُلُّ أُمَّتِيْ يَدْخُلُوْنَ الْجَنَّةَ إِلاَّ مَنْ أَبَى. "އިންކާރުކޮށްފި މީހެއް މެނުވީ، ތިމަންކަލޭގެފާނުގެ އުއްމަތުގެ ހުރިހާ އެންމެން ސުވަރުގެ ވަންނާނެތެވެ." އެހިނދު ޞަޙާބީން ސުވާލު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ އެވެ. ސުވަރުގެވަންނަން އިންކާރުކުރާނީ ކާކުތޯއެވެ؟ ޖަވާބުގައި އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވެވިއެވެ. مَنْ أَطَاعَنِيْ دَخَلَ الْجَنَّةَ وَمَنْ عَصَانِيْ فَقَدْ أَبَى " ތިމަންކަލޭގެފާނަށް ތަބާވެއްޖެމީހާ ސުވަރުގެ ވަންނާނެތެވެ. އަދި ތިމަންކަލޭގެފާނަށް އުރެދިއްޖެމީހާ ސުވަރުގެ ވަންނަން އިންކާރުކޮށްފިއެވެ."

ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުން ވަނީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ގެނެސްދެއްވި ސާފުސީދާމަގު ދޫކޮށްލާފައެވެ. އެބައިމީހުން އެކަލޭގެފާނަށް އީމާން  ނުވާ ކަހަލައެވެ. އެކަލޭގެފާނުގެ އަމުރުފުތަކަށް އެބައިމީހުން ދެމުންގެންދަނީ ބީރުކަންފަތްތަކެކެވެ. އަދި އެއަށް ތަބާނުވުމަށްޓަކައި އެބައިމީހުން ދައްކަނީ ބަހަނާތަކެކެވެ. ﷲ ތަޢާލާ އެބައިމީހުންނަށް ހިދާޔަތުދައްކަވާށިއެވެ.

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާ މީހުންގެ ތެރެއިން ވެނުލައްވަވާށެވެ. ދުނިޔެއާއި އާޚިރަތުގައިވެސް އެބައިމީހުންނަށް އޮތީ ނިކަމެތި ކަމެވެ. فَلْيَحْذَرِ الَّذِينَ يُخَالِفُونَ عَنْ أَمْرِهِ أَن تُصِيبَهُمْ فِتْنَةٌ أَوْ يُصِيبَهُمْ عَذَابٌ أَلِيمٌ " ފަހެ އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާމީހުންނަށް، (ދުނިޔޭގައި) މުޞީބާތެއް ނުވަތަ (އާޚިރަތުގައި) ވޭންދެނިވި އަޒާބު ކުރިމަތިވެދާނޭކަމަށް އެބައިމީހުން ބިރުވެތިވާ ހުށިކަމެވެ."

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! އަޅުގަނޑުމެން ބޭނުންވަނީ ﷲ ގެ ރުހިވޮޑިގަތުމެވެ. އެ އިލާހުގެ ފުއްސެވުމެވެ. އެހެންކަމަށްވަނީނަމަ އަޅުގަނޑުމެންނަށް އޮތީ އެކަލޭގެފާނު ގެނެސްދެއްވި ގޮތުގައި ހިފުމެވެ. އެކަލޭގެފާނަށް ތަބާވުމެވެ. قُلْ إِن كُنتُمْ تُحِبُّونَ اللّهَ فَاتَّبِعُونِي يُحْبِبْكُمُ اللّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللّهُ غَفُورٌ رَّحِيمٌ " ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲ އަށް ލޯބިކުރާކަމަށް ވަނީނަމަ ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން ﷲ ތަޢާލާ ތިޔަބައިމީހުންދެކެ ލޯބިވެވޮޑިގަންނަވާނެތެވެ. އަދި ތިޔަބައިމީހުންގެ ފާފަތަށް ފުއްސަވައި ދެއްވާނެތެވެ. ﷲ އީ ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ."  އެހެނީ އެކަލޭގެފާނަށް ތަބާވުމަކީ ﷲ އަށް ތަބާވުމެވެ.  مَّنْ يُطِعِ الرَّسُولَ فَقَدْ أَطَاعَ اللّهَ " ރަސޫލާ އަށް ތަބާވެއްޖެމީހާ، ފަހެ ﷲ އަށް ތަބާވެއްޖެއެވެ." އެހެންކަމުން އަޅުގަނޑުމެންގެ ސަލަފުންވަނީ އެކަލޭގެފާނަށް ތަބާވުމުގައި ލާމަޘީލު ނަމޫނާތަކެއް ދައްކަވާފައެވެ. އިބްނު ޢުމަރު ރަޟިޔަﷲ ޢަންހުމާ އަށް ބައްލަވާށެވެ. އަދި އެކަލޭގެފާނުގެ ބައްޕާފުޅު ޢުމަރު ރަޟިޔަﷲ ޢަންހަށް ބައްލަވާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ކަމަކަށް އަމުރުކުރައްވަވައިފިނަމަ، އެބޭކަލުންގެ ބަހަކަށް ވަނީ سَمِعْنَا وَ أَطَعْنَا " އަޑުއަހައި ކިޔަމަން ވެއްޖައީމެވެ." އެބޭކަލުން ހުރިހާ ކަމެއްގައިވެސް ނަމޫނާ އަކަށް ބައްލަވަނީ އެކަލޭގެފާނަށެވެ. لَقَدْ كَانَ لَكُمْ فِي رَسُولِ اللَّهِ أُسْوَةٌ حَسَنَةٌ لِّمَن كَانَ يَرْجُو اللَّهَ وَالْيَوْمَ الْآخِرَ وَذَكَرَ اللَّهَ كَثِيرًا "ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި، ގިނަގިނައިން ﷲ ހަނދުމަކޮށް ﷲގެ ދަރުމައާއި އާޚިރަތްދުވަހުގެ ކާމިޔާބަށް އެދޭމީހަކަށްޓަކައި ރިވެތިވެގެންވާ ނަމޫނާއެއްވެއެވެ."  ޢަބްދުﷲ ބިން ސަރްޖިސް ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ޙަޖަރުލްއަސްވަދަށް ބޮސްދެއްވެވުމަށްފަހު އެއާ މުޚާޠަބުކުރައްވަވާ ދެންނެވިއެވެ. ތިބާ އަކީ ގެއްލުމެއްވެސް އަދި ފައިދާއެއްވެސް ދެވޭނޭ އެއްޗެއް ނޫންކަން ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންނަވައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ބޮސްދެއްވެވިތަން ތިމަންކަލޭގެފާނަށް ފެނިވަޑައި ނުގަންނަވާ ނަމަ، ތިމަން ކަލޭގެފާނު ތިބާ އަކަށް ބޮސް ނުދެއްވެވީމުހެވެ. الله أكبر. މިއީ ސުވަރުގޭގެ އަހުލުވެރިންގެ ސިފައެވެ. މިއީ މުމިނުންގެ ސިފައެވެ. ﷲ ތަޢާލާ އަޅުގަނޑުމެންނީ އެފަދަ ބައެއްކަމުގައި ލައްވަވާށިއެވެ. އާމީން...

و صلى الله وسلم على نبينا و حبيبنا محمد و على آله و صحبه أجمعين. و الحمد لله رب العالمين

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި