Noorul-islam.NET :: ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތައް ފާހަގަކުރަމުންދާ މުސްލިމުންނަށް

ޔަހޫދީންނާއި ނަޞާރާއިންގެ ޢީދުތައް ފާހަގަކުރަމުންދާ މުސްލިމުންނަށް
Category »  އެޑިޓޯރިއަލް

ތާރީޚް: 24 ޑިސެމްބަރު 2013

ލިޔުއްވީ : މުޙައްމަދު އަނީލް [ނޫރުލް-އިސްލާމް.ނެޓްގެ އެޑިޓަރ]

بســــم اللَّـه الرحمن الرحيم

 

الحمد لِلَّـهِ تعالى المنزه عن النقصان، سبحانه وتعالى عظيم الشأن. والصلاة والسلام على نبيه محمد الطاهر وآله وصحبه أهل التقى والمآثر وبعد:  

ލޮބުވެތި މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ކޮންމެ ރެއަކާއި ދުވާލެއްގެ މައްޗަށް 17 ފަހަރު އަހަރެމެން ހައްދަވާ ގެންގުޅުއްވާ އިލާހުގެ ޙަޟްރަތަށް ކުއްތަންވެ، އެއިލާހުގެ ޙަޟްރަތުގައި (اهدِنَــــا الصِّرَاطَ المُستَقِيمَ) އަޅަމެންނަށް ސީދާވެގެންވާ ތެދުމަގު ދައްކަވާނދޭވެ! އޭ ކިޔައި ދުޢާކުރަމުއެވެ. އަދި އެ ތެދުމަގަކީ ކޮބައިކަންވެސް އަޅުގަނޑުމެން އަމިއްލައަށް ބަޔާންކުރަމެވެ. (صِرَاطَ الَّذِينَ أَنعَمتَ عَلَيهِمْ) އެއީ އިބައިލާހު އެބައިމީހުންގެ މައްޗަށް ނިޢުމަތްލެއްވި މީހުންގެ މަގެވެ. އެބަހީ އެމަގެއްގެ މަތިން ނަބިއްޔުންނާއި ތެދުވެރި ޞިއްދީޤުންނާއި ޞާލިޙުން ދަތުރު ކުރެއްވި މަގެވެ. އަދި އެ މަގުގެ އިތުރު ތަޢާރަފެއްވެސް ދެނީ ހަމަ އަހަރެމެންނެވެ. (غَيرِ المَغضُوبِ عَلَيهِمْ وَلاَ الضَّالِّينَ) އިބައިލާހު އެބައިމީހުންގެ މައްޗަށް ކޯފާލެއްވި މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދުނު މީހުންގެ މަގެއްވެސް ނުމެ ނޫންމެއެވެ. ތަފްސީރު ޢިލްމުވެރިން ވިދާޅުވާގޮތުގައި މިތަނުގައި ބަޔާން މިކުރެވޭ ކޯފާލެއްވި މީހުންނަކީ ޔަހޫދީންނެވެ. މަގުފުރެދިގެން ދިޔަ މީހުންނަކީ އެއީ ނަޞާރާއިންނެވެ.

މިއީ ސޫރަތުލް ފާތިޙާއެވެ. އަޅުގަނޑުމެންގެ ތެރެއިން ލިޔަންކިޔަން ނުދަންނަމީހާވެސް މި ސޫރަތް ހިތުން ދަސްވާނެއެވެ. އަދި އަކުރު ވަކި ކުރަން ނޭނގޭ ކުޑަކުއްޖާވެސް މި އަޑުދަށުން މިސޫރަތް ދަސްކުރެއެވެ. މި މުހިއްމު ސޫރަތުގައި ﷲ ކަނޑައަޅުއްވާ ދެއްވާފައި މިވާ ފުރިހަމަ އުޞޫލަށް ވިސްނާލާށެވެ. އަޅުގަނޑުމެން އެއިލާހުގެ ޙަޟްރަތުން އެދޭ ތެދުމަގަކީ އެއީ ޔަހޫދީންނާއި ނަޞާރާއިން އުޅޭގޮތާއި މުޅިން ޚިލާފު މަގެއްކަން ސާފުކޮށް އަންގަވާފައި އެވަނީއެވެ.

އިސްލާމީ ޝަރީޢަތުގައި ޔަހޫދީންނާއި ނަޞާރާއިންނާ ގިނަ ކަންތައްތަކުގައި ތަފާތުވުމަށް އަންގަވާފައިވާކަން ދިރާސާކޮށްލައިފި މީހަކަށް އެނގޭނެއެވެ. ޚާއްޞަކޮށް އެބައިމީހުންގެ ދީނީ ޙަފްލާތަކާއި އަޅުކަންތަކާއި ދީނީ ޢީދުތަކުގައި ބައިވެރިވުމަކީ މުސްލިމުންނަށް ހުއްދަ ކަމެއް ނޫނެވެ. އަދި އެކަންތައްތަކަކީ އެބައިމީހުންގެ ދީނީ ޝިޢާރެއްކަމުގައިވާ އެއްވެސް ކަމެއްގައި މުސްލިމުން ބައިވެރިވުން ހުއްދައެއް ނޫނެވެ. ކީރިތި ޤުރުއާނުގެ އެކިއެކި އާޔަތްތަކުން މިކަންވަނީ ފާޅުކަންބޮޑުގޮތެއްގައި ބަޔާން ކުރައްވާފައެވެ.

އެހެންކަމުން އަހަރެމެން އެދޭ ސީދާވެގެންވާ ތެދުމަގަކީ އެއީ ނަރަކައިގެ އަހުލުވެރިން ކަމުގައި ވާ މީހުންގެ މަގާ ޚިލާފު މަގެކެވެ. އެބައިމީހުންގެ މަގަކީ ރަތްދޫލައިގެ މަގެކެވެ. އޭގައި ވަނީ ހިތާއި ހަވާނަފްސު އެދޭ ހުރިހާކަމެއް އެކުވެފައެވެ.

އެހެނެއްކަމަކު އަހަރެމެން މިއެދޭ މަގަކީ ހިތް ނޭދޭ ކަންތައްތައް ހިމެނޭ މަގެކެވެ. އެއީ ހަވާނަފްސު ނުރުހޭ ކަންތައްތަކެވެ. އެހެންނަމަވެސް މި މަގުގައި ދަތުރު ކުރާމީހާގެ މަންޒިލަކީ ސުވަރުގެއެވެ.

ކަން މިހެން އޮތުމާއެކު، ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އިރުޝާދުތަކުގައި ، ފޮތުގެ އަހުލުވެރިންނާ (އެބަހީ؛ ޔަހޫދީންނާއި ނަޞާރާއިންނާ) ޚިލާފުވުމަށް އަމުރު ކުރައްވާފައިވެއެވެ. އަޅުކަމާއި އާދަކާދައިގައެވެ.

ޔަހޫދީން ފައިވާނުގައި ނަމާދު ނުކުރާތީ، އެބައިމީހުންނާ ޚިލާފުވުމުގެ ގޮތުން ފައިވާނުގައި ނަމާދު ކުރެއްވިއެވެ. ތުނބުޅި ދިގުކޮށް މަތިމަސް ކުރުކުރުމަށް އަމުރުކުރެއްވީ އެބައިމީހުންނާ ޚިލާފުވުމަށެވެ. ރޯދަހިފުމަށް ހާރުކެއުމަށް ބާރުއެޅުއްވީ ފޮތުގެ އަހުލުވެރިންނާ ޚިލާފުވުމަށެވެ. އިރުއޮއްސޭ ވަގުތާއި އިރުއަރާ ވަގުތުގައި ނަމާދު ކުރުން މަނާކުރެއްވީ، އެއީ ކާފަރުން އިރަށް އެވަގުތު ސަޖިދަ ޖަހައި އުޅޭތީވެއެވެ.

އެހެންކަމުން އެކަމާ ޢަޖާއިބުވެ، އެބައިމީހުންގެ ތެރެއިން ބުނި މީހަކު ބުނި ކަމަށްވެއެވެ. " މިކަލޭގެފާނު (އެބަހީ މުޙައްމަދު ޞައްލަﷲ އަލައިހިވަސައްލަމް) އެއްވެސް ކަމެއް، އެކަމަކުން އަހަރެމެންނާ ޚިލާފުނުވެ ދޫކުރައްވާކަށް ނޫޅުއްވައެވެ."

ޢިލްމުވެރިން ބަޔާން ކުރައްވާގޮތުގައި ފޮތުގެ އަހުލުވެރިން (ޔަހޫދީންނާއި ނަޞާރާއިން) ގެ ގޮތްތަކާއި ޚިލާފުވުމާއި ޝައިޠާނާގެ ގޮތާއި ޚިލާފުވުމާއި މިއީ އެއްކަމެކެވެ. ސަބަބަކީ ޝައިޠާނާއަކީ އެބައިމީހުންގެ އުސްތާޒެވެ. އަދި އެބައިމީހުންގެ މިއްލަތުގެ އިމާމެވެ.

އަޅުކަމެއްގައި އެބައިމީހުންނާ މުސްލިމުންނާ، އޭގެ ޢަޞްލުގައި އެއްގޮތް ވެއްޖެނަމަ އެކަން ކުރުމުގައި އެބައިމީހުންނާ ޚިލާފުވުމަށް, ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދު ދެއްވާފައެވެ.

މިސާލަކަށް ޢާޝޫރާ ދުވަހުގެ ރޯދައަކީ ޔަހޫދީން ހިފާ ރޯދައެކެވެ. ހަމަ އެފަދައިން އެއީ މުސްލިމުންނަށްވެސް ސުއްނަތްވެގެންވާ ރޯދައެކެވެ. އެހެންކަމުން، މިއަޅުކަމުގައި އެބައިމީހުންނާ ޚިލާފުވުމުގެ ގޮތުން، ޢާޝޫރާ ދުވަހު ރޯދަހިފުމާއެކު، އޭގެ ކުރީ ދުވަހު ނުވަތަ އޭގެ ފަހު ދުވަހު ރޯދަހިފުން ޝަރުޢު ކުރައްވާފައިވެއެވެ.

[ޢާޝޫރާ ދުވަހަކީ ޢާޝޫރާ ދުވަހަކީ ހިޖުރީ ގޮތުން ފުރަތަމަ މައްސަރު - މުޙައްރަމް މަހުގެ (10) ދިހަވަނަ ދުވަހެވެ. އެއީ މޫސާ ޢަލައިހިއްސަލާމް އާއި އެކަލޭގެފާނުގެ ޤައުމު ފިރުޢައުނުގެ ކިބައިން ސަލާމަތްކުރައްވައި ފިރުޢައުނާއި އޭނާގެ ލަޝްކަރު ކަނޑަށް ޣަރަޤު ކުރެއްވި ދުވަހެވެ. މި ދުވަހުގެ ރޯދަހިފާއިރު ޔަހޫދީންނާ ޚިލާފުވުމުގެ ގޮތުން، މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު، ނުވަތަ 10 ވަނަ ދުވަހާއި 11 ވަނަ ދުވަހު ރޯދަ ހިފުމަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދު ދެއްވާފައެވެ.]

މިފަދަ ކަންތަކުގައިވެސް ޔަހޫދީންނާ ނަޞާރާއިންނާ ޚިލާފުވުމަށް އަމުރު ކުރައްވާފައިވާއިރު، އެބައިމީހުން ފާހަގަ ކުރާ ދީނީ ޢީދު ކްރިސްމަސް ފަދަ އިޙްތިފާލުތަކާމެދު ތިބާ ބުނާނީ ކީޔޭހެއްޔެވެ؟

ޢިލްމުވެރިން ބަޔާން ކުރައްވާފައިވާގޮތުގައި، އެބައިމީހުންގެ މިޢީދުގެ ތަހުނިޔާ ބަދަލުކުރުމާއި، ހަދިޔާ ބަދަލުކުރުމަކީ މުސްލިމުންނަށް ޙަރާމްވެގެންވާ ކަމެކެވެ. އެގޮތަށް އެމީހުންނާ ބައިވެރިވާނަމަ އޭގެ މާނައަކީ އެބައިމީހުންގެ ފާސިދު ޢަޤީދާއާމެދު އެބައިވެރިވާ ބަޔަކު ރުހެނީއެވެ.

އެބައިމީހުންގެ ޙަފްލާތަކުގައި ބައިވެރިވެ އެބައިމީހުންގެ މި ޢީދުތަކުގެ ތަހުނިޔާ ކިޔާ މީހާ އޭނާގެ ޙާލުގެ ދުލުން އެބައިމީހުންގެ މިފަދަ ބަސްތަކަށް އިޤްރާރުވަނީ އެވެ. އެބައިމީހުން ބުނެއެވެ. ﴿إِنَّ اللَّـهَ ثَالِثُ ثَلَاثَةٍ ۘ ﷲ އަކީ ތިންފަރާތުން އެއް ފަރާތެވެ. (އެބަހީ އިލާހަކު ފުރިހަމަ ވަނީ ތިން ފަރާތެއް އެކުވީމައެވެ.) ނަޢޫޛުބިﷲ މިން ޛާލިކަ

ﷲ ގަންދީ ހުވާކޮށް ބުނަމެވެ. އެބައިމީހުންގެ މި ޢީދުގައި ބައިވެރިވުމުގެ ގޮތުން ހަމައެކަނި އެޢީދުގެ މަންޒަރު ބެލުމަކީވެސް ބޮޑުވެގެންވާ މުންކަރާތެކެވެ. ޙަރާމްކަމެކެވެ.

ކަން މިހެން އޮތްއިރު އެބައިމީހުންނަށް ހިތުގެ އެންމެ ފުން މިނުން ތަހުނިޔާ ކިޔުމަކީ ކޮންފަދަ ކަމެއްތޯއެވެ؟

ހަނދުމަ ކުރައްވާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޒަމާނުގައި މީހަކު "ބުވާނާ" އޭ ކިޔޭ ސަރަޙައްދެއްގައި ﷲ އަށްޓަކައި ޖަމަލެއް ކަތިލުމަށް ނަދުރު ގަނެ، އެއާބެހޭގޮތުން އެކަލޭގެފާނާ ސުވާލުކުރިއެވެ. އެހިނދު އެކަލޭގެފާނު ސުވާލު ކުރެއްވިއެވެ.

 هل كان فيها وثن من أوثان الجاهلية يعبد؟

އެތަނުގައި ޖާހިލިއްޔަ ޒަމާނުގައި އަޅުކަން ކުރެވުނު ބުދު ތަކުގެ ތެރެއިން ބުދެއް ހުރިހެއްޔެވެ؟

އެމީހާ ނޫނެކޭ ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.

فهل كان فيها عيد من أعيادهم

އެބައިމީހުންގެ ޢީދު ތަކުގެ ތެރެއިން ޢީދެއް އެތަނުގައި ފާހަގަކޮށް އުޅުނު ހެއްޔެވެ؟

އޭނާ ދެންނެވިއެވެ. ނޫނެކެވެ.

އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.

أوف بنذرك فإنّه لا وفاء لنذر في معصية الله

ތިބާގެ ނަދުރު ފުއްދާށެވެ! (އަދި ދަންނާށެވެ!) ފަހެ ހަމަކަށަވަރުން، ﷲ އަށް އުރެދުމެއްވާ ނަދުރެއް ފުއްދުމެއް ނުވެއެވެ.

މި ޙަދީޘުން ސާބިތުވެ އެނގޭގޮތުގައި ޣައިރުމުސްލިމުންގެ ޢީދެއް ފާހަގަކުރި ތަނެއްގައި ނުވަތަ އެމީހުންގެ އަޅުކަން ކުރާ ބުދެއް ހުރި ތަނެއްގައި ﷲ އަށް އެއްޗެއް ޤުރުބާންކުރުމަކީ އެއީ އުރެދުމެކެވެ. މިއިންވެސް އެބައިމީހުންގެ ޢީދުތަކާއި އަޅުކަންތަކުގެ ބާޠިލުކަމާއި އެއީ މުސްލިމުން ފާހަގަކުރުން ޙަރާމް ކަމެއްކަން ދޭހަވެއެވެ.

އެހެންކަމުން މުޝްރިކުންގެ ޢީދު ތަކުގައި މުސްލިމުން ބައިވެރިވުން އަލްފާރޫޤް (ޢުމަރު ބުނު ޚައްޠާބު) ރަޟިޔަﷲ ޢަންހު، މަނާކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން މުޝްރިކުންގެ ޢީދު ދުވަސްދުވަހު އެބައިމީހުންގެ ފައްޅިތަކަށް ނުވަންނާށެވެ. ހަމަކަށަވަރުން ﷲގެ ކޯފާ އެބައިމީހުންގެ މައްޗަށް ބާވައިލެއްވެއެވެ.

އަޅުގަނޑުގެ މި ލިޔުން ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މި ފޯރުކޮށްދެނީ، ޢަލްމާނިއްޔަތުގެ ގާތުން ކިރުބޮއެ، އޭގެ ތަރުބިއްޔަތުން ތަރުބިއްޔަތުވެފައިވާ ޤަލަމުގެ އަހުލުވެރިންތައް މިކަން މުސްލިމުންނަށް ޙަލާލުކުރާ ދަނޑިވަޅެއްގައެވެ. އަދި އެބައިމީހުންގެ "އަޚުން" ކަމުގައިވާ ނަޞާރާއިންގެ ޢީދުތަކުގައި ބައިވެރިވުން ޙަރާމްކަމުގެ ފަތުވާ ދެއްވާ ރައްބާނީ ބޮޑެތި ޢިލްމުވެރިންނާ ދެކޮޅަށް އެބައިމީހުންގެ ޤަލަމްތައް އުފުލިފައިވާ ވަގުތެއްގައެވެ.

އެބައިމީހުންގެ ބޭނުމަކީ (އެމީހުން ދަޢުވާކުރާ ގޮތުގައި) ހުރިހާ ދީންތައް އެއްކޮށް، އެއްގަލަކަށް އެރުވުމަށެވެ. އެބައިމީހުން ނަޞާރާއިންގެ މިޢީދުގެ ދިފާޢުގައި ވާހަކަތައް ލިޔެ ޤަލަންތަކުގެ ދެލި ހުސްކުރާއިރު،  އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ދިފާޢުގައި އެއިން ޤަލަމަކުން އެންމެ ނުކުތާއެއްވެސް ލިޔެވިފައި ނެތެވެ.

އޭ މުސްލިމުންނޭވެ! ތިޔަބައިމީހުން އެބައިމީހުންނަށް ހެޔޮކޮށް ހިތުމުގެ ނަމުގައި އެމީހުންގެ ޢީދުތަކުގައި (އެއީ ތިޔަބައިމީހުންގެ ދީނުގައި ޙަރާމްކަމަކަށް ވާކަން އެނގިތިބެ) ބައިވެރި ވަމުންދާއިރު، އެބައިމީހުން އެދަނީ ﷲ އަށް ޝަރީކުކޮށް އެއިލާހުގެ ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް މަލާމާތްކުރަމުންނެވެ. ތިޔަބައިމީހުން ވިސްނަން ފަށާނީ ކޮންއިރަކުން ހެއްޔެވެ.؟؟؟

އެބައިމީހުންގެ ތެރެއިން ބުނާ މީހުން ބުނެއެވެ. އަހަރެމެންގެ ޢީދުގައި ބައިވެރި ނުވި ނަމަވެސް ހަމައެކަނި ވިޝް ކޮށްލާށެވެ. އެވަރުން ފުދޭނެއެވެ.

ނޫނެކެވެ. އެއްހާސް ފަހަރު ނޫނެކެވެ. ﷲ ގަންދީ ބުނަމެވެ. އެބައިމީހުންނަކަށް އެހާވަރަކުން ނުފުދޭނެއެވެ.

ﷲ ވަޙީ ކުރައްވާފައިވާފަދައިންނެވެ. (وَلَن تَرْضَى عَنكَ الْيَهُودُ وَلاَ النَّصَارَى حَتَّى تَتَّبِعَ مِلَّتَهُمْ) (سورة البقرة: 120) އަދި ތިޔަބައިމީހުން (މުސްލިމުން) އެބައިމީހުންގެ މިއްލަތަށް (ދީނަށް) ތަބާވެއްޖައުމަށް ދާނދެން ޔަހޫދީންނާއި ނަޞާރާއިން ތިޔަބައިމީހުން ދެކެ ނުރުހޭނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ.

لتتبعن سنن من كان قبلكم حذو القذة بالقذة حتى ولو دخلوا جحر ضب لدخلتموه

ތިޔަބައިމީހުންގެ ކުރީގެ މީހުންގެ ގޮތްތަކަށް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ތިޔަބައިމީހުން ތަބާވާނެއެވެ. އެބައިމީހުން ގޮސް ޟައްބު (ސަހަރާގެ ތެރޭގައި އުޅޭ ޖަނަވާރެއް) ގެ ހޮރުގެ ތެރެއަށް ވަދެއްޖެނަމަ ތިޔަބައިމީހުން އެބައިމީހުންގެ ފަހަތުންގޮސް އެއަށް ވަންނާނެއެވެ.

ޞަޙާބީން ދެންނެވިއެވެ. ޔަހޫދީންނާއި ނަޞާރާއިންތޯއެވެ.

ޙަދީޘްކުރެއްވިއެވެ. فمن؟ (އެމީހުން ފިޔަވައި) ދެން ކޮންބައެއް ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއީ މިދެންނެވިފަދަ ޢީދެއް ފާހަގަ ކުރުމުގައި ނަޞާރާއިން ހޭބޯނާރައި އުޅެމުންދާ ދުވަސްވަރެކެވެ. މިދުވަސްވަރު ފާހަގަ ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ބައެއް ރިސޯޓްތަކުގައި ދިވެހިންގެ ތެރެއިން ބަޔަކު ﷲ ޙަރާމްކުރެއްވި އެތައް ކަމަކަށް އަރައިގަތުމަށްފަހު ފަތިސްނަމާދު ނުކޮށް ނިދާފައިތިއްބާ ﷲ ފޮނުއްވި ޢަޛާބު ހަނދާންކުރާށެވެ. ފަހެ އެދުވަހުގެ އެ ޙާދިސާއަށް ބަޔަކު ކޮންމެ ނަމެއް ކީ ކަމުގައި ވީނަމަވެސް، އެއީ އިލާހީ ކޯފާއެއްކަމާމެދު ޝައްކެއް ނެތެވެ. އެދުވަހުގެ އެޙާދިޘާއަށް ފަހު ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއިންޒާރާމެދު ވިސްނުމެއް ނެތި އަނެއްކާވެސް ހަމަ އެކަމަށް އަރައިގަންނަން އުޅެނީ ހެއްޔެވެ؟

ނޫނެކެވެ! ދިވެހި ލޮބުވެރި އަޚުންނޭވެ. ލޮބުވެތި އުޚްތުންނޭވެ! އާދޭސް ކޮށްފައި ދަންނަވަމެވެ. ﷲ އަށް ބިރުވެތިވާށެވެ! ދީނުގައި ޙަރާމްކުރައްވާފައިވާ ކަންތަކަށް އަރައިގަތުން އެއީ ކުޑަކަމެއް ނޫނެވެ. އެއީ ވަރަށް ބޮޑު ކަމެކެވެ.

އަޅުގަނޑުމެންނަށް މިއަދު ފާފައެއް ކުރެވިއްޖެނަމަ އަޅުގަނޑުމެން ދެކެނީ އެއީ އަޅުގަނޑުމެންގެ ނޭފަތުގެ ކުރީގައި ޖައްސާލާ މެއްސެއް ފަދަ ކަމެއް ކަމަށެވެ. އެ މެހި ފައްސާލީމާ އެ ނިމުނީއެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ކުރީގައި އުޅުއްވި ޞާލިޙު އަޅުން އެފާފަތައް ދެކެވަޑައިގެންނެވީ އެއީ އެބޭކަލުންގެ ބޯމައްޗަށް ހިއްލާލެވިފައިވާ ބިޔަ ފަރުބަދައެއް ކަމަށެވެ. އެ ފަރުބަދަ ކޮންމެފަދަ ވަގުތެއްގައިވެސް ބޯމައްޗަށް ވެއްޓިދާނެކަމުގެ ބިރު ހިތުގައި ގަދަވެފައިވިއެވެ. އެހެންކަމުން އަވަސްއަވަހަށް ތައުބާވުމުގެ ފުރުޞަތު އެބޭކަލުންނަށް ލިބުނެވެ.

ލޮބުވެތި އަޚާއެވެ! ލޮބުވެތި އުޚްތެވެ! މި ޚަބަރު ވީހާވެސް ގިނަ ބަޔަކަށް ފޯރުކޮށްދެއްވާށެވެ. ނުބައިކަމަކުން މީހަކު ސަލާމަތްކުރުމަކީ އެއީ ހެޔޮކަމެކެވެ. އޭގެ ސަވާބާއި ދަރުމަ ލިބޭނެއެވެ. އެހެންކަމުން ޣާފިލުކަމުގައި ތިބި ތިބާގެ ގާތްތިމާގެ މީހުންނާއި ރަޙްމަތްތެރިންނަށް މި މެސެޖް ފޯރުކޮށްދެއްވާށެވެ.

ﷲ ތަޢާލާ ތިބާއަށް ރަޙްމަތް ލައްވާށިއެވެ.

إن أريد إلا الإصلاح ما استطعت، وما عليّ إلاّ البلاغ - وصلى اللَّه وسلّم على نبينا محمّد، وعلى آله وأصحابه أجمعين.

 

ނޯޓް: މިއީ ނޫރުލްއިސްލާމް ވެބްސައިޓްގައި މީގެ 5 އަހަރު ކުރިން، 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި