Noorul-islam.NET :: އިސްލާމްދީނާމެދު ރައްކާތެރިވަމާ

އިސްލާމްދީނާމެދު ރައްކާތެރިވަމާ
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 16 އޮކްޓޯބަރ 2008

ލިޔުއްވީ : އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

އަޅުގަނޑުމެންނަށް ﷲ ދެއްވި އެންމެ ބޮޑު ނިޢުމަތަކީ އިސްލާމްދީނެވެ. އަދި އަޅުގަނޑުމެންގެ ޤައުމުގެ ވަޙުދަތުގެ އަސާސަކީ ނުވަތަ ބިންގަލަކީ އިސްލާމްދީނެވެ. ދީން ޙިމާޔަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ. އެއްވެސް ބަޔަކު މިކަމުގައި އިހުމާލުވެއްޖެނަމަ، ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ.

ދިވެހިރާއްޖޭގެ ފަސްގަނޑުގައި އެހެން ދީނަކަށް ފުރުޞަތު ދެވިގެންނުވާނެއެވެ. ނަމަވެސް އެކި ގޮތްގޮތުން މިކަމަށްޓަކައި ބަޔަކު މަސައްކަތްކުރަމުން ދާކަމީ ހިތާމަ ހުރި ކަމެކެމެވެ. އެއްވެސް ޙާލެއްގައި  އެހެން ދީންތަކަށް އުޅުމުގެ އެފުރްޞަތު މުސްލިމުންނަށް ދެވިގެން ނުވާނެއެވެ. އެފަދަ ދުވަހެއް އަތުވެއްޖެނަމަ، ރާއްޖޭގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެދި، އެއްބައިވަންތަކަން ގެއްލި ދާޚިލީ ހަމަނުޖެހުން މިހާރަށް ވުރެން ބޮޑަށް އުފެދި، ލޭ އޮހޮރެން ދިމާވުމަކީ ވަރަށް ކައިރީގައިވާ ކަމަކެވެ.

މާތް ﷲ ގެ ޙަޟްރަތުގައި ދީންނަކީ އިސްލާމްދީނެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ((  إِنَّ الدِّينَ عِندَ اللّهِ الإِسْلاَمُ وَمَا اخْتَلَفَ الَّذِينَ أُوْتُواْ الْكِتَابَ إِلاَّ مِن بَعْدِ مَا جَاءهُمُ الْعِلْمُ بَغْيًا بَيْنَهُمْ وَمَن يَكْفُرْ بِآيَاتِ اللّهِ فَإِنَّ اللّهِ سَرِيعُ الْحِسَابِ ))  آل عمران 19 'މާނައީ: ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ޙައްޤު ދީނަކީ އިސްލާމްދީނެވެ. އެނޫން ދީނެއް އެކަލާނގެ ޤަބޫލެއް ނުކުރައްވާނެއެވެ. ޔަހޫދީންނާއި ނަޞާރާއިން ކާފިރުވެ، ދީނާމެދު ދެބަސްވާންފެށީ ދުނިޔޭގެ އެދުމަށްޓަކައްޔާއި، ޙަސަދަވެރިކަމުގެ ސަބަބުންނެވެ. އެއީ އެބައިމީހުންގެ ގާތަށް ރަސޫލު ބޭކަލުން ޙައްޤު ދީނައިގެން ވަޑައިގަތުމަށްފަހު އެބައިމީހުންގެ މައްޗައް ޙުއްޖަތް ޤާއިމުވުމަށް ފަހުގައެވެ. ފަހެ ހަމަކަށަވަރުން ﷲ ގެ އާޔަތްތަކަށް ކާފިރުވެ، އެއާޔަތްތައް ދޮގުކޮށް އުޅޭ މީހުންގެ ޙިސާބު ބެއްލެވުމުގައި ﷲ އަވަސްވެވޮޑިގެންވެއެވެ.''  

އިސްލާމްދީނަކީ ޙައްޤުދީން ކަމުން، އެންމެހައި މީސްތަކުން އެދީނަށް ވަނުމަށް އިސްލާމްދީން ވަނީ ގޮވާލާފައެވެ. އެދީން ނޫން ދީނެއް ޤަބޫލުކޮށްފި މީހާގެ ކިބައިން އެއްވެސް ކަމެއް ޤަބޫލު ނުކުރައްވާނޭ ކަމަށް ﷲ ވަނީ އަންގަވާފައެވެ. (( وَمَن يَبْتَغِ غَيْرَ الإِسْلاَمِ دِينًا فَلَن يُقْبَلَ مِنْهُ وَهُوَ فِي الآخِرَةِ مِنَ الْخَاسِرِينَ ))   آل عمران 85  މާނައީ : ' ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން އެހެން ދީނެއް ޤާބޫލުކޮށް، ﷲ އަށް އަޅުވެތިވުމާއި، އެކަލާނގެ އެއްކައުވަންތަކަން ޤަބޫލު ނުކޮށް،  އަދި މުޙައްމަދުގެ ފާނަށް ކާފިރުވާ މީހެއް ގެ ކިބައިން ﷲ އެއްވެސް ކަމެއް ޤަބޫލެއް ނުކުރައްވާނެއެވެ. އަދި އެމީހަކު ވާހުށީ އާޚިރަތުގައި ނާކާބިޔާބުވެ، ގެއްލެނިވެފައިވާ މީހުންގެ ތެރެއިންނެވެ.'

ދީނަށް  ވެއްދުމަށް މީހުންނަށް މަޖްބޫރު ކުރުމެއްނެތެވެ. ނަމަވެސް އިސްލާމް ދީނުގެ ޢަޤީދާ ޤަބޫލުކޮށްގެން އެމީހެއްގެ އަމިއްލަ އިޚުތިޔާރުގައި އިސްލާމްދީނަކީ ޙައްޤުދީންކަން ޤަބޫލުކޮށް، އެދީނަށް ވަނުމަށް ފަހު، ދީން ދޫކޮށްފިނަމަ، އެމީހަކީ މުރުތައްދުވެފައިވާ މީހެކެވެ. އެމީހެއްގެ ޙުކުމަކީ ތައުބާ ނުވެއްޖެ ނަމަ، ޤަތުލުކުރުމެވެ. އެއީ އިސްލާމީ ޢަޤީދާގެ މަތިވެރި ކަމަށްޓަކައިއެވެ. މީހުން ހިތަން އެރިހާގޮތަކަށް ވަދެ ވަދެފަ، ނިކުމެ ނިކުމެ، ޢަޤީދާގެ ކަރާމަތް ގެއްލުވާލުމުގެ ފުސަތެއް ނެތެވެ. އިސްލާމްދީން ބާވާލެއްވުނު ފަސް މަޤުޞަދުގެ ތެރޭހައި ދީން ޙިމާޔަތްކުރުން ހިމެނިފައިވެއެވެ. މިއީ އިސްލާމް ދީނުގައި މިކަން އޮތް ގޮތެވެ. ޞައްޙަ ޙަދީސްތަކުން ބަޔާންކުރާ ގޮތުން މުރުތައްދުވާ މީހާ ޤަތުލުކުރުމަކީ އިސްލާމީ ދައުލަތުގެ ޙާކިމުގެ ވާޖިބެކެވެ.

މާތް ރަސޫލާގެ އަޞްޙާބު ބޭކަލުންނާއި، އުންމަތު ސަލަފުން އިޖުމާޢުވެފައިވާ މި މަފަދަ މައްސަލައެއްގައި، ފަހަކަށް އައިސް ހުޅަނގުގެ ނަޒަރިއްޔާ ތަކަށް ތަބާވެ، އިސްލާމީ މިފަދަ ޙުކުމަކާމެދު އިހުމާލުވެ، ދީނުން އެ ޙުކުމް ފޮހެލުމަށް މުސްތަޝްރިޤުންނާއި، އެމީހުންގެ މަގުން ހިނގާ މީހުން މަސައްކަތްކުރެއެވެ. މިއީ މުސްލިމުން އެހެން ދީންތަކަށް ވަނުމަށް މަގު ކޮށައި ދިނުން ފަދަ ކަމެކެވެ. މިފަދަ ކަންކަމުގެ ކުރިމަތީގައި ދިވެހިރައްޔިތުން ސާބިތުވާންވާނެއެވެ. މިފަދަ ނަޒަރިއްޔާތަކަށް ހެއްލިގެން ނުވާނެއެވެ.

ހުޅަނގުގެ ޑިމޮކްރަސީއާއި، ޕެރިސް ޕްރިންސިޕަލްސްތައް އެކީ އެކަށްޗަކަށް ރާއްޖޭގައި ތަންފީޒު ކުރުމަށް ބޭރުގެ ބައެއް ފަރާތްތަކުން ޕެރެޝަރ ދެމުން އެބަދެއެވެ. މިފަދަ ދަނޑިވަޅެއްގައި ދިވެހިރާއްޖޭގެ ދީން ޙިމާޔަތްކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ރައްޔިތުން ތިބެންވާނީ ދީންމަތީގައި ސާބިތުވެގެންނެވެ. މީހަކު އައިސް އަދި، ދައްކާވާހަކައަކަށް ހެއްލިގެންދާފަދަ ބަލިކަށި ޢަޤީދާއެއްގެވެރިބަޔަކަށް ވެގެން ނުވާނެއެވެ.އަޅުގަނޑުމެން މިތިބީ ޙައްޤު ގޮތުގައެވެ.

ހުޅަނގުގެ ޑިމޮކްރަސީގެ އެންމެ އިސް ރުކުރަނީ ދައުލަތުން ދީން ވަކިކޮށްލުމެވެ. ދީނަކީ އެމީހެއްގެ އަމިއްލަ ކަމެއްކަމަށް ހެދުމެވެ. ނަމަވެސް މިއީ އިސްލާމްދީނުގެ މައިގަނޑު އުޞޫލުތަކާ ވަރަށް ބޮޑަށް ތަޢާރުޟްވާ ނަޒަރިއްޔާއެކެވެ. އިސްލާމީ ދައުލަތުގެ އެންމެ އިސް ރުކުނަކަށްވާންޖެހޭނީ ދީނެވެ. ދީން ޙިމާޔަތްކުރުމެވެ. ﷲ ގެ ޝަރުޢު ޤާއިމުކުރުމެވެ. މިހެންކަމުން އިސްލާމީ ޝަރީޢަތް ޤަބޫލުކޮށްގެން ތިބި ބަޔަކަށް މުރުތައްދު ވުމުގެ ފުރްޞަތު ދެވިގެން ނުވާނެއެވެ. އެފަދަ ކަމަކަށް އިސްލާމީ ޖަމާޢަތުގެ ތެރޭގައި އެއްވެސް ޙާލެއްގައި ފުރްޞަތު ދެވިގެން ނުވާނެއެވެ.

މިއީ ދީނީ މިނިވަންކަން އޮންނަންޖެހޭނޭ ކިޔައިގެން ބަޔަކު މީހުން ވާހަކަ ދައްކަމުންދާ ދުވަސްވަރަކަށް ވީތީވެ، މިކަމާމެދު އަޅުގަނޑުގެ އެންމެހައި އަޚުންނާއި އުޚުތުންނަށް ދަންނަވާލަން ބޭނުންވި ވާހަކަކޮޅެކެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހިދާޔަތާއި ތައުފީޤު ދެއްވާށި، އާމީން.

12 އޮގަސްޓް 2006

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި