Noorul-islam.NET :: އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
Category »  މުޖުތަމަޢު

ތާރީޚް: 26 އޮކްޓޯބަރ 2008

ތަރުޖަމާ ކުރެއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

الحمد لله والصلاة والسلام على رسول وعلى آله وصحبه وبعد

ފަހެ ހަމަކަށަވަރުން މުސްލިމު ދަރިވަރު އޭނާގެ ދިރާސީ އިމްތިޙާނުތަކާއި ކުރިމަތިލާނީ، ﷲ އަށް ފުރިހަމައަށް ވަކީލުކޮށް، އެއިލާހުގެ ޙަޟްރަތުން ވާގި އެދޭ ޙާލުގައި، އިސްލާމީ ޝަރީޢަތުގައި ހުއްދަވެގެންވާ ސަބަބު ތަކުގައި ފުރިހަމައަށް ހިފަހައްޓައިގެންނެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘްފުޅުގެ އަލީގައެވެ. [الْمُؤْمِنُ الْقَوِيُّ خَيْرٌ وَأَحَبُّ إِلَى اللَّهِ مِنْ الْمُؤْمِنِ الضَّعِيفِ وَفِي كُلٍّ خَيْرٌ احْرِصْ عَلَى مَا يَنْفَعُكَ وَاسْتَعِنْ بِاللَّهِ وَلا تَعْجَزْ . صحيح مسلم حديث رقم 2664.] މާނައީ؛ ނިކަމެތި މުއުމިނާއަށްވުރެ ބާރުގަދަ މުއުމިނާ ﷲގެ ޙަޟްރަތުގައި ލޮބުވެތިވެގެން ވެއެވެ. އަދި އެދެމީހުންގެ ކިބައިގައިވެސް ހެޔޮ(ރަނގަޅު) ވެއެވެ. ތިބާއަށް ފައިދާހުރި ކަންތަކުގެ މައްޗަށް ރައްކާތެރިވާށެވެ. އަދި ﷲގެ ޙަޟްރަތުން ވާގިއަށް އެދޭށެވެ. އަދި އުއްމީދު ކަނޑާ ނުލާށެވެ."

މިދެންނެވި ސަބަބުތަކުގެ ތެރޭގައި:

1. އިސްލާމްދީނުގައި ޝަރުޢު ކުރެވިގެންވާ ކޮންމެވެސް މޭރުމަކުން، ﷲއަށް ދުޢާ ދަންނަވައި، އެއިލާހުގެ މަދަދާއި އެހީއަށް އެދުން. މިސާލަކަށް [رَبِّ اشْرَحْ لِيْ صَدْرِيْ وَيَسِّرْ لِيْ أَمْرِيْ] މިދުޢާވެސް ކީދާނެއެވެ. މި ދުޢާގެ މާނައީ: އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާގެ މޭ ތަނަވަސްކޮށްދެއްވާނދޭވެ. އަދި މިއަޅާގެ ކަންތައް މިއަޅާއަށް ފަސޭހަކޮށްދެއްވާނދޭވެ!

2. ރޭގަނޑު އަވަހަށް ނިދުމާއި، އިމްތިޙާނަށް ކަނޑައެޅިފައި އޮންނަ ވަގުތަށް ދިޔުން.

3. އިމްތިޙާނަށް ބޭނުންވާ ތަކެތި ގެންދިޔުން. (މިސާލަކަށް؛ ޤަލަމާއި، ފަންސުރާއި، ފޮހޭރަބަރާއި، ފަރުގާލު ފޮށްޓާއި، ކަލްކިއުލޭޓަރު ފަދަ ތަކެތި) އަދި އަތުކުރީ ގަޑިއެއް ގެންދިޔުންވެސް މުހިއްމެވެ. އެހެނީ ޖަވާބު ދިނުމުގައި ވަގުތު ބަހާލައިގެން ޖަވާބު ދިނުމަށް ފަސޭހަވާނެތީއެވެ.

4. ގެއިން ނިކުންނަމުން ކިޔާދުޢާ ކިޔުމަށް ހަނދުމަކުރާށެވެ. ( بِسْمِ اللهِ ، تَوَكَّلْتُ عَلَى اللهِ ، وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللهِ ، اللَّهُمَّ إِنِّيْ أَعُوْذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ ، أَوْ أَزِلَّ أَوْ أُزَلَّ ، أَوْ أًظْلِمَ أَوْ أُظْلَمَ ، أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ ) އަދި ގެއިން ނިކުތުމުގެ ކުރިން މައިންބަފައިންގެ ރުހުން ހޯދުމަށް ސަމާލުވާށެވެ. ފަހެ މައިންބަފައިންގެ ދުޢާއަކީ ދަރިންގެ ޙައްޤުގައި އިޖާބަވެވޭ ދުޢާއެކެވެ.

5. ޖަވާބުދޭން ފެށުމުގެ ކުރީގައި ﷲގެ އިސްމުފުޅުން ފެށުން. (މިސާލަކަށް بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ މިފަދައިން ކިޔުން.) އެހެނީ، ކޮންމެ ހުއްދަ ކަމެއް ފެށުމުގެ ކުރީގައި ﷲގެ އިސްމުފުޅުން ފެށުމަކީ އެދެވިގެންވާ ކަމެކެވެ. އެއީ ﷲގެ އިސްމުފުޅުން ފެށުމުން އެކަމުގައި ބަރަކާތް ހިމެނިދެއެވެ. އަދި ﷲގެ ޙަޟްރަތުން ވާގިލިބުމުގެ ސަބަބަކަށްވެސް ވެއެވެ.

6. ތިބާގެ ކްލާސް ކުދިންނާއި އެހެނިހެން ކުދިންނާމެދު ﷲ އަށް ބިރުވެތިވާށެވެ. އެކުދިންނަށް އިމްތިޙާނު އުނދަގޫވެދާނެކަމަށް ހީވާގޮތަށް ބިރުދައްކައި ވާހަކަ ނުދައްކާށެވެ. އޭގެ ބަދަލުގައި، ﷲއިރާދަކުރެއްވިއްޔާ ، އިމްތިޙާނު ވަރަށް ފަސޭހަވާނޭކަމަށާއި، އަދި އެންމެންވެސް ފާސްވާނޭކަމަށް ވާހަކަ ދައްކާށެވެ. އަދި އިމްތިޙާނު ރަނގަޅަށް އެންމެންނަށްވެސް ހެދޭނެކަމަށް ވިސްނާށެވެ.

7. ﷲ ހަނދުމަކުރުމުން ހިތުގައި އުފެދޭ ބިރުވެރިކަންނެތިގޮސް، ހިތް ހަމަޖެހުން ލިބިގެން ދާނެއެވެ. އަދި ޖަވާބެއް ނޭނގި ނުވަތަ އުނދަގޫވެއްޖެ ޙާލަތުގައި އެކަން ފަސޭހަކޮށްދެއްވުން އެދި ﷲ އަށް ދަންނަވާށެވެ. ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ - ރަޙިމަހުﷲ- އެކަލޭގެފާނަށް އެއްޗެއް ފަހުމުވުން ދަތިވެއްޖެނަމަ ވިދާޅުވެއެވެ. [يَا مُعَلِّمَ إِبْرَاهِيْمَ عَلِّمْنِيْ وَيَا مُفَهِّمَ سُلَيْمَانَ فَهِّمْنِيْ] އޭ އިބްރާހީމް ޢަލައިހިއްސަލާމް އަށް އުނގަންނަވައިދެއްވި އިލާހު! މިއަޅާއަށް އުނގަންނަވައި ދެއްވާނދޭވެ! އޭ ސުލައިމާނު ޢަލައިހިއްސަލާމްއަށް ފަހުމުކޮށްދެއްވި އިލާހު! މިއަޅާއަށް ފަހުމުކޮށްދެއްވާނދޭވެ!

a. އަދި އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ކަމެއް ދަތިވެއްޖެނަމަ ކިޔުމަށް ވަރަށް ފުރިހަމަ ދުޢާއެއް އަޅުގަނޑުމެންނަށް ދަސްކޮށްދެއްވާފައެވެ. [ اللَّهُمَّ لاَ سَهْلَ إِلاَّ مَا جَعَلْتَهُ سَهْلاً : وَ أَنْتَ تَجْعَلُ الْحَزْنَ إِذَا شِئْتَ سَهْلاً ] އޭ ﷲ! އިބައިލާހު ފަސޭހަކޮށްދެއްވައިފި ކަމެއް މެނުވީ ފަސޭހަވެގެނެއް ނުވެއެވެ. އަދި އިބައިލާހު އިރާދަކުރައްވައިފިނަމަ، ބިޔަބޮޑެތި ފަރުބަދަ ވެއްޔަށް ހައްދަވަމުއެވެ.

8. އިމްތިޙާން ހޯލުގައި އިންނައިރު، ރަނގަޅަށް ހަމަޖެހިލައިގެން ގޮނޑީގައި އިށީނދެ އިންނާށެވެ.

9. އިމްތިޙާނުގެ ވަގުތުގެ 10 ވަރަކަށް އިންސައްތަ، ސުވާލުތައް ކިޔައި ވިސްނުމަށާއި ސުވާލުތަކަށް ވަގުތު ބަހާލުމަށް ނަގާށެވެ. ދަންނާށެވެ! ސުވާލު ފަހުމު ވުމަކީ ޖަވާބުގެ ދެބައިކުޅަ އެއްބައެވެ.

10. ފަސޭހަ ސުވާލުތަކަށް ފުރަތަމަ ޖަވާބު ދޭށެވެ. އަދި އުނދަގޫ ނުވަތަ ނޭނގޭ ސުވާލުތަކަށް ޖަވާބުދިނުން ފަސްކޮށްލާށެވެ. އަދި ސުވާލުތައް ކިޔަމުންދާއިރު، ޖަވާބުދިނުމުގައި ބޭނުންވާނެ ނުކުތާތައް ފަންސުރުން ނޯޓު ކުރަމުންދާށެވެ.

11.ސުވާލުތަކަށް ޖަވާބު ދިނުމުގައި ސުވާލުތަކުގެ އަހައްމިއްޔަތަށް ބަލައިގެން ޖަވާބުދެމުންދާށެވެ.

12. ޖަވާބުދިނުމުގައި އަވަސްއަރައި ނުގަންނާށެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. [الْعَجَلَةُ مِنَ الشَّيْطَانِ . " حديث حسن : صحيح الجامع 3011] އަވަސްއަރައިގަތުންވަނީ ޝައިޠާނާގެ ކިބައިންނެވެ.

13. އިޚްތިޔާރީ ސުވާލުތަކަށް ޖަވާބު ދިނުމުގައި ރަނގަޅަށް ވިސްނާށެވެ. އަދި ސަމާލުކަމާއެކު ކިޔުމަށްފަހު ޖަވާބު ދެމުން ގެންދާށެވެ. އަދި މި ކަންތައްތަކަށް ވިސްނާށެވެ. ރަނގަޅު ޖަވާބު އެނގޭ ނަމަ އަވަހަށް ފާހަގަ ލާށެވެ. ވަސްވާސްތަކަށް ހެއްލިނުދާށެވެ. އަދި ޖަވާބު ނޭނގޭނަމަ، ހުރިހާ ޖަވާބުތައް ކިޔުމަށްފަހު ނުބައިކަން ޔަޤީންވާ ޖަވާބުތައް ފާހަގަކުރާށެވެ. އެއަށްފަހު ބާކީ ހުރި ޖަވާބުތަކުގެ ތެރެއިން ރަނގަޅު ޖަވާބު ކަމަށް އެންމެ ބޮޑަށް ލަފާކުރެވޭ ތަނުގައި ފާހަގަލާށެވެ. ހޯދުންތައް ދައްކާގޮތުގައި މިގޮތަށް ދަރިވަރު އެންމެ ފުރަތަމަ އަޅައިގަންނަ ޖަވާބަކީ އެއީ ރަނގަޅު ޖަވާބެވެ.

14. ލިޔުމުން ޖަވާބުދޭން ޖެހޭ ސުވާލުތަކަށް ޖަވާބުދޭއިރު، އެންމެ ފުރަތަމަ ސިކުނޑީގައި ޖަވާބު ރާވާލާށެވެ. އެއަށްފަހު ފަންސުރުން އެ ޖަވާބުގައި ހިމެނޭ ބަސްތައް ނޯޓު ކޮށްލާށެވެ. އެއަށްފަހު ރަނގަޅަށް ސިކުނޑީގައި ޖުމްލަ އަތުރާލުމަށްފަހު ޖަވާބު ލިޔާށެވެ.

15. ޖަވާބު ލިޔުމުގައި މުހިއްމު ޕޮއިންޓުތައް ފުރަތަމަ ފޮޅުވަތުގައި ނޯޓްކޮށްލާށެވެ! އަދި އޭގެ މައްޗަށް ބިނާކޮށް ތިރީގައި ޖަވާބު ލިޔުމަށްފަހު އެ ފޮޅުވަތް ކަނޑާލާށެވެ. މިގޮތަށް ހެދުމުން ދަރިވަރަށް ޖަވާބު އެނގޭކަން މާކްކުރާމީހާއަށް، ހާމަވާނެއެވެ. އެހެން ނޫންނަމަ، ޕެރެގްރާފްގެ ތެރޭގައި އޮންނަ އިރު މާކްކުރާމީހާ އަވަސްއަރައިގަނެގެން މާކް ކުރާއިރު، އޭނާއަށް ނުފެނި އެ ޕޮއިންޓަށް ލިބެންޖެހޭ މާކްސް ނުލިބިވެސް ހިނގައިދާނެއެވެ.

16. ވަގުތުގެ ގާތްގަނޑަކަށް 10 އިންސައްތަ ޖަވާބުތައް މުރާޖަޢާ ކުރުމަށް ޚާއްޞަކޮށްލާށެވެ. ވަގުތު ނަގައިގެން ޖަވާބުތައް އަލުން މުރާޖަޢާ ކުރާށެވެ. ޚާއްޞަކޮށް ހިސާބު ކަލްކިޔުލޭޝަން ތަކާއި ޢަދަދުތައް ޗެކް ކުރާށެވެ.

17. ޖަވާބެއް ދެވުނީ ނުބައިކޮށް ކަމަށް، ޕޭޕަރު ނިމޭ ފަހުން އެނގިއްޖެނަމަ، އެކަމުން ފިލާވަޅެއް ލިބިގަންނާށެވެ. ކުރީބައިގައި އިމްތިޙާނަށް ތައްޔާރުވުމުގެ މުހިއްމުކަން ވިސްނާށެވެ. އަދި ޖަވާބު ދިނުމުގައި އަވަސްއަރައިނުގަތުމުގެ މުހިއްމުކަންވެސް ވިސްނާށެވެ. އަދި ﷲ ތަޢާލާގެ އިރާދަކުރެއްވުމަށް ރުހިގެންވާށެވެ. އެކަމާމެދު ހިތާމަކޮށް ކުރިއަށްއޮތް އިމްތިހާނުތަކާމެދު އުއްމީދު ކަނޑާ ނުލާށެވެ. އަދި ރަސޫލުﷲ صلى الله عليه وسلم ގެ މި ބަސްފުޅު ހަނދުމަ ކުރާށެވެ. (وَإِنْ أَصَابَكَ شَيْءٌ فَلا تَقُلْ لَوْ أَنِّي فَعَلْتُ كَانَ كَذَا وَكَذَا وَلَكِنْ قُلْ قَدَرُ اللَّهِ وَمَا شَاءَ فَعَلَ فَإِنَّ لَوْ تَفْتَحُ عَمَلَ الشَّيْطَانِ ) (صحيح مسلم) އަދި ތިބާއަށް މުޞީބާތެއް ކުރިމަތިވެއްޖެ ހިނދު، ތިމަންނަ މިވެނި އެވެނި ކަމެއް ކުރި ނަމަ މިވެނި އެވެނިހެން ވީހޭ، މިފަދައިން ނުބުނާށެވެ. އެހެނެއްކަމަކު ބުނާށެވެ. އެއީ ﷲ ގެ ޤަދަރެވެ. އަދި އެއިލާހު އިރާދަކުރައްވާ ކަމެއް ކުރައްވައެވެ. ފަހެ ހަމަކަށަވަރުން ނަމަ ޝައިޠާނާގެ ޢަމަލުތައް ހުޅުވައިދެއެވެ.

18. ދަންނާށެވެ! ހަމަކަށަވަރުން މަކަރު ހެދުމަކީ ޙަރާމް ކަމެކެވެ. އެއީ ދީނީ މާއްދާއަށް ވިޔަސް އަދި ދުނިޔަވީ މާއްދާއަކަށް ވީނަމަވެސް ވެހެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. مَنْ غَشَّ فَلَيْسَ مِنَّا މަކަރު ހަދައިފި މީހާ އަކީ އަހަރެމެން (މުސްލިމުން)ގެ ތެރެއިން ވާ މީހެއް ނޫނެވެ. އަދި އެއީ އަނިޔާއެކެވެ. އެހެނީ އެއީ ތިމާއަށް ޙައްޤު ނުވާ ސެޓުފިކެޓެއް ޙަރާމް މަގަކުން ހޯދުމަށް ކުރެވޭ މަސައްކަތަކަށް ވާތީއެވެ. އަދި އިމްތިޙާނުގައި ކޮޕީކޮށް މަކަރު ހެދުމަށް އެއްބަސްވެ އެހީ ވުމަކީ ވެސް ޙަރާމްކަމެކެވެ. އެހެނީ އެ އެހީ ވެވެނީ ޙަރާމްކަމެއްގެ މައްޗަށެވެ. ޙަރާމް ކަންތަކަށް އަރައިނުގަންނާށެވެ. އަދި ﷲ އަށްޓަކައި ކަމެއް ދޫކޮށްލައިފި މީހާއަށް އެއަށްވުރެ ހެޔޮ ގޮތެއް އެއިލާހު މިންވަރު ކޮށްދެއްވާނެއެވެ. އަދި ކުދިބަޔަކު އިމްތިޙާނުގައި މަކަރުހަދާކަން އެނގިއްޖެނަމަ ކަމާބެހޭ ފަރާތަށް އެކަން ރިޕޯޓު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނޭ ކަމެކެވެ. އެއީ ޙަރާމްކުރެއްވިގެންވާ ދެބައޮޑުވުމަކަށް ނުވާނެއެވެ. އެހެނެއްކަމަކު އެއީ ނުބައިކަމެއް މަނާކުރުން ކަމުގައި މެނުވީ ނުވާނެއެވެ. ނުބައިކަންތައް މަނާކުރުމަކީ ވާޖިބެކެވެ.

19. ކަށްވަޅުގައި ތިމާއާއި ކުރިމަތިވާނޭ ސުވާލުތަކާމެދު ވިސްނާށެވެ. އަދި އެ ސުވާލުތަކަށް ފުރިހަމަ ޖަވާބު ދެވޭފަދަ ގޮތަކަށް ޢަމަލުތައް ބައްޓަން ކުރާށެވެ. އަދި ޙިސާބު ކިތާބުގެ ދުވަހު ސަލާމަތްވާނޭ މަގު ހޯދައި އެމަގުން ހިނގާށެވެ.

20. އިންޓަނެޓާއި އެހެނިހެން ވަސީލަތްތަކުން އިމްތިޙާނުގެ ޕޭޕަރުތައް ލީކްކޮށް އޭގެ ވަގު ވިޔަފާރި ކުރާމީހުން ﷲ އަށް ބިރުވެތިވާށެވެ! އެ ލިބޭ ދުނިޔަވީ ލާރިކޮޅަށްވުރެ ﷲ ގެ ޙަޟްރަތުގައި އެފަދަމީހާއަށް ވާ ޢަޛާބު ބޮޑެވެ. އަދި ދަރިވަރުންނަށް ބުނަމެވެ. އެފަދަ ޙަރާމް މުޢާމަލާތްތަކުގައި ވަގުތު ބޭކާރު ކުރުމުގެ ބަދަލުގައި ފޮތްތަކުން ފިލާވަޅުތައް މުޠާލަޢާ ކުރުމުގައި ވަގުތު ހޭދަކުރާށެވެ. އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބިގެން ދާނެއެވެ.

ކީރިތި ﷲ ، އަހަރެމެން އެންމެންނަކީ ދުނިޔެއާއި އާޚިރަތުގެ އިމްތިޙާނުން ކާމިޔާބާއި ފަލާޙު ލިބެނިވި ބަޔަކު ކަމުގައި ލައްވާށި! ހަމަކަށަވަރުން އެއިލާހީ އައްސަވާ ވޮޑިގަންނަވާ އިޖާބަކުރައްވަވާ އިލާހެވެ.

 

ނޯޓް: މިއީ މަޝްހޫރު ސުވާލާއި ޖަވާބު ވެބްސައިޓް އިސްލާމްކިޔުއޭ ޑޮޓް ކޮމްގެ ވެރިޔާ، ފަޟީލަތުއްޝައިޚް މުޙައްމަދު ބުނު ޞާލިޙު އަލް މުނައްޖިދު، ލިޔުއްވާފައިވާ ލިޔުއްވުމެއްގެ އަވަސް ތަރުޖަމާއެވެ.


 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި