Noorul-islam.NET :: ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ، އަނެއްބަޔަށް ކާފަރު ވަނީ ހެއްޔެވެ؟

ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ، އަނެއްބަޔަށް ކާފަރު ވަނީ ހެއްޔެވެ؟
Category »  އެޑިޓޯރިއަލް

ތާރީޚް: 29 މާޗް 2013

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

ޢާލަމްތައް ހައްދަވާ ގެންގުޅުއްވާ ﷲ، ކީރިތި ޤުރްއާން  ބާވައިލެއްވީ އަޅުގަނޑުމެންނަށް ހިދާޔަތެއްގެ ގޮތުގައެވެ. ﷲ ވަޙީކުރެއްވިއެވެ. ذَٰلِكَ الْكِتَابُ لَا رَيْبَ ۛ فِيهِ ۛ هُدًى لِّلْمُتَّقِينَ ﴿ سورة البقرة:٢﴾ މިއީ އެ ފޮތެވެ. އެ ފޮތާމެދަކު شك އެއް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި هداية އެކެވެ.

މި ފޮތް ބާވައިލެއްވީ ފޮތުގައިވާ ޙުކުމްތަކާ އެއްގޮތަށް ޙުކުމް ކުރުމަށެވެ. އެއްވެސް ޙާލެއްގައި ހަމައެކަނި ކިޔަވާލެވޭ ފޮތެއްގެ ގޮތުގައެއް ނޫނެވެ. ﷲ ވަޙީކުރެއްވިއެވެ. إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّـهُ ۚ ﴿ سورة النساء: ١٠٥﴾ ހަމަކަށަވަރުން، حق ގޮތުގައި ތިމަންއިލާހު ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ.

މިހާރު ދިވެހި ފަޒާގައި އެންމެ ހަރު އަޑުން ބަހުސް ކުރެވޭ އެއް މައުޟޫޢަކީ ޤާނޫނު ޢުޤޫބާތުގެ ބަހުސެވެ. ރައްޔިތުންގެ މަޖިލީހުން ކޮށާ މަށާފައި ޢާއްމުންގެ ޚިޔާލަށް ދޫކޮށްލި މި ބިލަށް ދިވެހި ދީނީ ޢިލްމުވެރިން އިޞްލާޙު ހުށަހެޅުމަށް 2013 ވަނަ އަހަރު ޖެނުއަރީ މަހު ބޭއްވި ޢިލްމުވެރިންގެ މަހާސިންތާއިން ވަނީ ފާސްކޮށްފައެވެ.

އެހެންކަމުން ފިޤުހު އެކެޑެމީގެ ގިނަ ބައްދަލުވުންތަކެއް ބާއްވައި، ގިނަ އިޞްލާޙުތަކެއް ހުށަހެޅިއެވެ. މަދަނީ ޖަމްޢިއްޔާތަކުން އިޞްލާޙު ހުށަހެޅިއެވެ. ޢަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ހުށަހެޅިއެވެ. އެހެންނަމަވެސް، އެ ހުރިހާ އިޞްލާޙަށް ބީރުކަންފަތެއް ދިނެވެ.

މި ބިލަށް ޢިލްމުވެރިން ނޫނެކޭ ބުނަންފެށީ މިއަދަކު ނޫނެވެ.

2008 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައި ޢިލްމުވެރިން ވަނީ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފައިވާ ޤާނޫނުލް އުޤޫބާތަށް ބޮޑެތި ބަދަލުތަކެއް ނުގެނެސް ފާސްވެއްޖެނަމަ ރާއްޖެއިން އިސްލާމް ދީން ފުހެވިގެން ހިނގައިދާނެ ކަމުގެ އިންޒާރު, ދެއްވާފައެވެ. އަދި އަލަށް އެކުލަވާލައި ސަރުކާރުން ހުށަހަޅާފައިވާ ގާނޫނުލް އުގޫބާތުގެ ސަބަބުން އިސްލާމްދީން ފޮހެވިގެން ހިނގައިދާނެ ކަމުގެ އިންޒާރު ދީނީ އިލުވެރިން ދެއްވާފައި ވެއެވެ.

4 ސެޕްޓެމްބަރ 2008 ވީ ބުރާސްފަތި ދުވަހުގެ ރޭ ޢިމާދުއްދީން ސްކޫލްގެ ހޯލުގައި އޮތް ޖަލްސާއެއްގައި ގުރުއާނާ ބެހޭ މަރުކަޒުގެ ކުރީގެ މުޝްރިފު މުސާޢީދު އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު, އަދި މިހާރުގެ އިސްލާމިކް މިނިސްޓަރު އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ،  މިޤާނޫނުލް އުޤޫބާތުގައި ވަރަށް ނުރައްކާތެރި ނުކުތާތަކެއް ހުރިކަމަށާއި މިޤާނޫނު މިއޮތްގޮތަށް ފާސްވެގެން ދިވެހި މުޖުތަމަޢަށް ނުކުމެއްޖެ ނަމަ ދިވެހިރާއްޖެއިން އިސްލާމްދީން ފުހެވިގެން ހިނގައިދަނެ ކަމީ ޝައްކެތް އޮތް ކަމެއް ނޫން ކަމަށެވެ.

އަދި ޤާނޫނުލް ޢުޤޫބާތުގެ ބިލުގެ ގާތްގަނޑަކަށް 75 ޕަސެންޓަކީ ހަމަ އަންދާލަން ޖެހޭ އެއްޗެއް ކަމަށާއި އިސްލާމީ ޝަރީއަތާ ފުށުއަރާ ކިތަންމެ ނުކުތާއެއް އޭގައި އެބަހުރި ކަމަށާއި، މިޤާނޫނު ފާސްކުރަން (މިހާރު އޮތްގޮތަށް) އަތް އުފުލާ މީހުން ދީނުން ބޭރުވާވަރުވާނޭ ކަމަށްވެސް ވިދާޅުވިއެވެ.

ޤާނޫނުލް ޢުޤޫބާތު ނުވަތަ ޕީނަލް ކޯޑު ހުށަހަޅާފައި އޮތީ ވަރަށް ގޯސްކޮށް ކަމަށާއި ވަރަށް ނުބައިކޮށް ކަމަށާއި އަދި އެއޮތްގޮތަށް އޭތި ފާސް ވެއްޖިއްޔާ ރާއްޖޭގައި އިސްލާމް ދީން އޮތަސް އޮންނާނީ ނަމެއްގައި ކަމަށާއި، ޖުމްލަކޮށް ބުނަންޏާ ޤާނޫނުލް އުޤޫބާތު އެއީ މިހާރު އޮތްގޮތަށް ފާސްކުރަން ހެޔޮވާ ވަރުގެ އެއްޗެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚް މުހައްމަދު ނަސީމް (ބީއޭ ނަސީމް) 2008 ގައި ވިދާޅުވިއެވެ.

ހަމަ އެއަހަރު އަދާލަތުޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުގެ އޭރުގެ ރައީސް އަދި އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ޑިރެކްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވީ  ބޮޑެތި މައްސަލަތައް ޤާނޫނުލް ޢުޤޫބާތުގައި އެބަހުރި ކަމަށާއި އެމައްސަލަތަކަކީ އިސްލާމީ ޝަރުޢުތަކަށް ބެލުމެއް ނެތި ކޮމަން ލޯއަށް ބަލައިގެން ޤާނޫނުލް ޢުޤޫބާތު ފަރުމާކުރުމުގެ ނަތީޖާއެއް ގޮތުން ކުރިމަތިވެފައިވާ މައްސަލައެއް ކަމަށެވެ.

ދީނީ ޢިލްމުވެރިޔާ އައްޝައިޚް އިބްރާހީމް ފަރީދު ވިދާޅުވީ " ޒިނޭ ކުރުމާއި ލިވާތު ކުރުން ފަދަ ތަފާތު ބޮޑެތި ފާފަތަކަށް އެއް ނަމެއް ކިޔުމަކީ މީހުންގެ މެދުން މި ފަދަ ފާފަތަކަށް އޮންނަ ބިރުވެރިކަން ފިލައި ހިގައިދާނެ ކަމެއް." ކަމަށާއި ބަނގުރަލުގެ ނަމަކަށް ނަހަމަ ޖޫސް ކިޔައިފި ނަމަ މީހުން އޭގެ އާއި ދޭތެރޭ ދެކެމުން އަންނަ ގޮތް ވަރަށް ބޮޑަށް ބަދަލު ވެގެންދާނެ ކަމަށެވެ.

ސަލަފް ޖަމްޢިއްޔާގެ މިހާރުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބުނު މުޙައްމަދު އިބްރާހީމް ވިދާޅުވެފައިވަނީ ޝަރީއަތާ ހިލާފު ގިނަ ކަންތައްތަކެއް ހުރެ އެ ގާނޫނު އޮތް ގޮތަށް ފާސް ވެއްޖެ ނަމަ އޭގެ މައްޗަށް ރައްޔިތުން ކިޔަމަނވާކަން ނުޖެހޭނެ. އެ ތަންފީޒުކުރުމަކީ އިސްލާމީ މުޖުތަމައެއްގައި ކުރަން ހެޔޮވާރުގެ ކަމެއް ނޫން. ކަމަށެވެ.

މަތީގައި އެވަނީ 2008 ސެޕްޓެމްބަރ މަހުގެ ތެރޭގައި ރާއްޖޭގެ ބައެއް ޢިލްމުވެރިން މިޤާނޫނު ޢުޤޫބާތާމެދު ދައްކަވާފައިވާ ބައެއް ވާހަކަތަކެވެ.

މިހާރުގެ ވާހަކަ ދައްކަމާ ހިންގަވާށެވެ.

ކުރިއާ ޚިލާފަށް ޤައުމީ ފިޤްހު އެކެޑެމީއެއް އުފަންވެފައި އެބައޮތެވެ. ދީނީ ޢިލްމުވެރިންގެ މަޖިލިސްތައް ގިނައެވެ. އެބޭފުޅުންގެ ދިރާސާތައް ކުރައްވައި، ގިނަ ވަގުތު ހޭދަކުރެއްވުމަށްފަހު މަޖިލީހަށް މި ޤާނޫނަށް ހުށަހެޅި އެތައް އިސްލާހުގެ ތެރެއިން އެއްމެ އިމްލާ ކުށެއް ބަލައިގަނެ، ދެންހުރި މުހިއްމު މައްސަލަތައް ފާރު ބުޑަށް ޢިއްޒަތްތެރިން ޖަހާލައިފިއެވެ. ޒިނޭ ފަދަ ބޮޑެތި ކުށްތަކަށް އިސްލާމްދީނުގައި ހުރި ޙުކުމްތައް އެއްކޮށް ނައްތާލާފަދަ ގޮތަކަށް ޤާނޫނު ޑްރާފްޓު ކުރާ މީހުން ނިންމަނީއެވެ.

އެހިސާބުން މިހާރު އަނެއްކާ އިވެންފެށީ އާ އަޑެކެވެ.

އަތް ކަނޑަންޖެހޭ ގޮތަށް ގުރުއާނުގައިވާ ހައްދުތައް ގާއިމް ކުރުމަށް މާއްދާއެއް އިތުރުކުރި ވާހަކައެވެ.

ޒިނޭ ފަދަ ޙައްދުތަކަށް ޤުރްއާނުގެ ހުކުމް ކަނޑަ ނާޅައި، ކުއްލިއަކަށް ވައްކަމުގެ ޙުކުމް ޤުރްއާނުގައި އޮތް ގޮތަށް ކަނޑަ އެޅުމުން ސުވާލު އުފެދެއެވެ. މިއީ ޤުރްއާނުން އެއްބަޔަށް އީމާންވެ އަނެއް ބަޔަށް ކާފަރުވުން ނޫން ބާވައެވެ؟

ކީރިތި ޤުރްއާނުގައި ޒިނޭގެ ޙުކުމް ކުރައްވައި ﷲ ވަޙީކުރެއްވި އެވެ.

الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّـهِ إِن كُنتُمْ تُؤْمِنُونَ بِاللَّـهِ وَالْيَوْمِ الْآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ ﴿النور: ٢﴾

ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހަކުގެ ގައިގައި، ސަތޭކަ އެތިފަހަރުން (حد) ޖަހާށެވެ! އަދި اللَّه އަށާއި آخرة ދުވަހަށް ތިޔަބައިމީހުން إيمان ވާކަމުގައިވަނީނަމަ، اللَّه ގެ دين ގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ! އަދި އެ ދެމީހުންނަށް ދެވޭ عقوبات، مؤمن ންގެ ބަޔަކު ދެކޭހުށިކަމެވެ!

ވައްކަމުގެ ޙުކުމް ބަޔާންކުރައްވައި ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.

وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ وَاللَّـهُ عَزِيزٌ حَكِيمٌ﴿المائدة: ٣٨﴾

ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ.

ކީރިތި ޤުރްއާނުގައި މި އާޔަތްތައް ހުރިއިރުވެސް ބައެއް އާޔަތްތަކަށް އީމާންވެ ޢަމަލު ކޮށް، އަނެއް އާޔަތްތަކަށް ކާފަރު ވުމުގެ މި މަންޒަރާމެދު ﷲ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ ۚ فَمَا جَزَاءُ مَن يَفْعَلُ ذَٰلِكَ مِنكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا ۖ وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَىٰ أَشَدِّ الْعَذَابِ ۗ ﴿سورة البقرة:٨٥﴾

ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން إيمان ވެ، އަނެއްބަޔަށް كافر ވަނީ ހެއްޔެވެ؟  ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ حياة ގައި ދެރަކަމާއި ނިކަމެތިކަން ލިބުންކަމުގައި މެނުވީ ނުވެއެވެ. އަދި قيامة ދުވަހުން ގަދަފަދަ عذاب ގެ ތެރެޔަށް އެއުރެން ފޮނުއްވާހުށްޓެވެ

އެހެން ކަމުން ޤުރްއާނުގެ އެއްބައި އާޔަތްތަކަށް އީމާންވެ، އަނެއްބައި އާޔަތްތަކަށް ކާފަރުވާ ބަޔަކަށް ނުވުމަށް މުސްލިމު ދިވެހި ލޮބުވެތި ރައްޔިތުންނަށް ނަސޭހަތްތެރިވަމެވެ. ކީރިތި ޤުރްއާނުގެ އެއްމެ އާޔަތަކަށް އިންކާރުކޮށްފި މީހާވެސް އިސްލާމްދީނުންބޭރު ވާނެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި