Noorul-islam.NET :: މަރުގެ ޙުކުމް ތަންފީޛުކުރުމާ ބެހޭގޮތުން، ރައީސް ވަޙީދު، ދައުލަތުގެ ކަމާބެހޭ އެންމެ އިސް ދާއިރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
މަރުގެ ޙުކުމް ތަންފީޛުކުރުމާ ބެހޭގޮތުން، ރައީސް ވަޙީދު، ދައުލަތުގެ ކަމާބެހޭ އެންމެ އިސް ދާއިރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި
Category »  ޚަބަރު

ތާރީޚް: 10 އޮކްޓޯބަރ 2012

 : ނޫރުލްއިސްލާމް ނިއުސް ޓީމް

މަރުގެ ޙުކުމް ތަންފީޛުކުރުމާ ބެހޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު، ދައުލަތުގެ ކަމާބެހޭ އެންމެ އިސް ދާއިރާތަކުގެ ވެރިންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދުގެ އިތުރުން ބައިވެރިވެވަޑައިގެންނެވީ، ނައިބު ރައީސް އަލްފާޟިލް މުޙައްމަދު ވަޙީދުއްދީނާއި، އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު ފާއިޒް ޙުސައިނާއި، ޕްރޮސެކިޔުޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދް މުޢިއްޒާއި، ހިޔުމަން ރައިޓްސް ކޮމިޝަންގެ ރައީސާ އަލްފާޟިލާ މަރިޔަމް ޢަޒްރާ އަޙްމަދާއި، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި، މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދާއި، އެޓަރނީ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިޔުމަން ރައިޓްސް އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.

މި ބައްދަލުވުމަކީ، އިސްލާމީ ޝަރީޢާ އާއި، ރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި މަރުގެ އަދަބު އޮވެފައި، އަދި މި އަދަބަކީ، ރާއްޖޭގައި ޙުކުމްކުރެވެމުންދާ އަދަބެއްކަމުގައިވީ ނަމަވެސް، ރާއްޖޭގައި މަރުގެ އަދަބު ތަންފީޛު ކުރެވެމުން ނުދާތީ، ދައުލަތުން މަރުގެ ޙުކުމް ތަންފީޛުކުރުމުގައި، ކަމާބެހޭ ދައުލަތުގެ ހުރިހާ މުއައްސަސާއެއްގެ މަޝްވަރާއާއި ޚިޔާލުފުޅު ހޯއްދެވުމަކީ، މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާތީ ބޭއްވެވި ބައްދަލުވުމެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މަރުގެ ޙުކުމަކީ، އިސްލާމީ ޝަރީޢަތުގެ ދަށުން މަރުގެ ޙުކުމް ތަންފީޛުކުރާ ޤާނޫނީ އިޚްތިޞާޞްތަކުގައިވެސް، އެއަދަބު ދިނުމަށް ޙުކުމްކުރެވޭ ކުށްތަކުގައި، ތަޙްޤީޤާއި ދަޢުވާކުރުން ހިމެނޭގޮތުން، ޝަރީޢަތުގެ މަރުޙަލާގައްޔާއި، ޙުކުމް ތަންފީޛުކުރުމުގެ މަރުޙަލާގައި ވަކި ޤާނޫނީ ހަމަތަކެއް ކަނޑައަޅާފައި އޮންނަ ޙުކުމެއް ކަމަށާއި، އަދި ކަމާބެހޭގޮތުން ހެދިފައިވާ އެކިއެކި ޢިލްމީ އަދި ފަންނި ދިރާސާތަކާއި، ޢިލްމުވެރިންގެ ރަޢުޔަށް ރިޢާޔަތްކުރައްވައި، މަރުގެ މައްސަލަތަކުގައި ޝަރީޢަތުގެ ހުރިހާ މަރުޙަލާއަކާއި، ޙުކުމް ތަންފީޛުކުރުމުގައި ކަންކުރާނޭ ގޮތެއް ކަނޑައަޅާނީ ޤާނޫނަކުން ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ. އެހެންކަމުން، އެފަދަ ޤާނޫނެއްގެ މަސައްކަތް ކުރިޔަށް އޮތް 3 ހަފްތާގެ ތެރޭގައި ނިންމަވައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅުއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށްވެސް އެ އޮފީހުން ބުނެއެވެ.

ފަހަކަށް އައިސް ރާއްޖޭގައި ލާއިންސާނީ ޢަމަލުތައް ގިނަވެ، ގިނަ ބަޔަކު ވަނީ ރަޙުމު ކުޑަ ގޮތެއްގައި މަރާލެވިފައެވެ. މިކަން ޙައްލު ވެވޭނެ ހަމަ އެކަނި ގޮތަކީ އިސްލާމީ ޝަރީޢަތުގައިވާ މަރަށް މަރު ހިފުމުގެ އަދަބު ތަންފީޛު ކުރެވިގެން ކަމަށް ދީނީ ޢިލްމުވެރިންނާއި، ޤާނޫނީ ވަކީލުންނާއި ޤައުމަށް ހެޔޮއެދޭ މުސްލިމުން ފާޅުގައި ދަނީ ވަކާލާތު ކުރަމުންނެވެ.

މިގޮތުން ދާދި ފަހުން އިސްލާމިކް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ މަރަށް މަރުހިފުމުގެ މައްޗަށް ބާރުއަޅުއްވައި ޤައުމީ ޓީވީގައި ވާހަކަފުޅު ދައްކަވާފައެވެ. އަދި މަރުގެ ޙުކުމް ތަންފީޛު ކުރުމަށް ހުރަހެއް ނެތްކަމަށް ދައުލަތުގެ ބަންޑާރަނާއިބާއި، ހޯމް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެންގެ އުއްމީދަކީ، މިއީ ހަމައެކަނި ދެކެވޭ ވާހަކައަކަށްވުމަށްވުރެ، ޢަމަލު ކުރެވޭ ކަމަކަށް ވެގެން ދިޔުމެވެ. އަދި މިކަމުގައި ކަމާއިބެހޭ ހުރިހާ ފަރާތަކަށް ހެޔޮ ވިސްނުމާއި ތައުފީޤު ދެއްވުން އެދި އަޅުގަނޑުމެން ﷲގެ ޙަޟްރަތުގައި ދުޢާދަންނަވަމެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި