Noorul-islam.NET :: އިސްލާމްދީން ފެތުރުމުގައި މީހުންނަށް ފުރައްސާރަކުރުމާއި ޖެއްސުންކުރުން ދޫކޮށްލާށެވެ.
އިސްލާމްދީން ފެތުރުމުގައި މީހުންނަށް ފުރައްސާރަކުރުމާއި ޖެއްސުންކުރުން ދޫކޮށްލާށެވެ.
Category »  އެޑިޓޯރިއަލް

ތާރީޚް: 3 އޮކްޓޯބަރ 2012

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

މީގެ 6 އަހަރުކުރިއަށް ދަމާ ހިނގާށެވެ. ދިވެހި ބަހުން އިސްލާމްދީނުގެ މަޢުލޫމާތެއް އިންޓަނެޓުން ހޯދުމަކީ ވަރަށްވެސް އުނދަގޫ ކަމެކެވެ. ދިވެހި ބަހުން އެކުލަވާލެވިފައިވާ ޚަބަރު ވެބްސައިޓްތައް ހުރި ކަމުގައި ވިޔަސް، އެބައިމީހުންގެ ވިޔަފާރި ހިންގުމަށް ބޭނުންވާ މިންވަރަށް ނޫނީ އެސައިޓްތަކުން ދީނީ މަޢުލޫމާތެއް ނުލިބެއެވެ.

އެގޮތަށް އެކަން އޮއްވާ، 2003 ވަނަ އަހަރު އަޅުގަނޑުމެންގެ ވަރަށްގާތް އަޚެއް ކަމަށްވާ އަލްފާޟިލް އިސްމާޢީލް ނާޖީ، ކަވާސާގެ ނަމުގައި ވެބްސައިޓެއް ހިންގަވަން ފެއްޓެވިއެވެ. އޭގައި ދީނީ ލިޔުންތަކުގެ އިތުރުން އަދަބީ، އަޚްލާޤީ، ޞިއްޙީ އަދި އެހެނިހެން މައުޟޫޢުތަކުގެ ލިޔުއްވުން ހިމަނުއްވަން ފެއްޓެވިއެވެ.

އެއީ ދިވެހި އިންޓަނެޓުގެ ދުނިޔޭގައި އިސްލާމްދީނުގެ އަޑު އިވެން ފެށި ހިސާބޭ ދެންނެވުމީ ދޮގަކަށް ނުވާނެއެވެ. އޭރުގެ ސަރުކާރުން ދީނީ މަޢުލޫމާތު ފެތުރުން ހިފަހައްޓާފައި އޮތް ނަމަވެސް، އިންޓަނެޓުގެ ޒަރީޢާއިން ކަވާސާ ދިޔައީ ވަރަށް ބޮޑު ޚިދުމަތެއް ދީނަށްޓަކައި ކުރަމުންނެވެ.

އޭގެފަހުގައި މުސްލިމުން އާއި އިސްލާމްދީން ގެ ނަމުގައި ދެ ސައިޓް ހަމައެކަނި ދީނީ މަޢުލޫމާތު ހިމަނައިގެން ފެށިނަމަވެސް، ދިމާވި ސަބަބުތަކާހުރެ، އެދެސައިޓްވެސް ވަނީ ވަރަށް ޢުމުރުން ޅައިރު ދުނިޔެއާ އަލްވަދާޢުކިޔާފައެވެ.

އޭގެ ފަހުން 2006 ވަނަ އަހަރުގެ ކުރީކޮޅު ނޫރުލްއިސްލާމް ވެބްސައިޓް ދުނިޔެއަށް ނޭވާލުމަށްފަހު، މިދާއިރާގައި މަސައްކަތް ކުރަން ފެށިއެވެ. ނޫރުލްއިސްލާމް ވެގެން ދިޔައީ ހަމައެކަނި އިސްލާމްދީނުގެ ތަޢުލީމާއި މަޢުލޫމާތު ފެތުރުމަށް، ފާޅުގައި، ކޮންބައެއްކަން އެނގޭ ގޮތަށް، ހިންގެން ފެށި ފުރަތަމަ ވެބްސައިޓަށެވެ. ވެބްސައިޓްގެ މަސައްކަތް ފެށިތާ ދެތިން މަހުގެ ތެރޭގައި ސައިޓްގެ މުޝްރިފެއް ހަމަޖެހި، ސައިޓްގައި ލިޔެވޭ ލިޔުންތަކަކީ ކިޔުންތެރިންގެ އިތުބާރު ހުރި ލިޔުންތަކަކަށް ހެދޭތޯ ބުރަ މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ. މިގޮތުން ކާކުކަން ނޭނގޭ ގޮތަށް ލިޔުމަކީ ނޫރުލްއިސްލާމްގެ ސިޔާސަތުން ބޭރުގެ ކަމެއްކަމަށް ހަމަޖެހިގެން ދިޔައެވެ.

ނޫރުލްއިސްލާމް ފަށައިގަތް ދުވަސްކޮޅު އޭރު މަދީނާގައި ކިޔަވާ ވިދާޅުވަމުން ގެންދެވި، އަދި މިހާރު ދިވެހިރާއްޖޭގައި އިސްލާމްދީނުގެ ދަޢުވަތުގައި އެންމެ އިސްސަފުގައި ގުނާލެވޭ، ފަޟީލަތުއްޝައިޚް އަޙްމަދު ސަމީރުއާއި ފަޟީލަތުއްޝައިޚް ޙަސަން މޫސާ ފިކުރީވެސް މިގޮތަށް ދީނުގެ މަޢުލޫމާތު ފެތުރުމުގައި ފާޅުގައި އެކަން ކުރަނީ ކޮންބައެއްކަން އެނގިގެން ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ގެންދެވިއެވެ.

ދީނީ ޚަބަރުގެ ނަމުގައި އޭރުގެ ސަރުކާރުން ދީނީ ކަންތައްތަކުގައި ގެންގުޅުނު ހަރުކަށި ސިޔާސަތާހުރެ، އެންމެ ފުރަތަމަ ސިއްރިއްޔާތުގައި އެހެނަސް ފަހުން ފާޅުގައި ހިންގަވަން ފެއްޓެވި މި ސައިޓުންވެސް ގިނަގުނަ ދީނީ މަޢުލޫމާތު ޢާއްމުވެގެން ދިޔައެވެ.

ވިސާ ކާޑުތަކާއި އިންޓަނެޓުން ވިޔަފާރި ކުރުން ޢާއްމުވެގެން ދިޔުމުން ވެބްސްޕޭސް ތަކާއި ޑޮމެއިންތައް ގަނެގެން ކޮންމެ މީހަކަށްވެސް ކުޑަ މަސައްކަތަކުން ސައިޓެއް ނުވަތަ ހިލޭ ބްލޮގެއް ހެދުމުގެ ފުރުސަތު ފެށިގެން ދިޔުމުގެ ނަތީޖާއަކަށްވީ ކޮންމެ މީހަކުވެސް ސައިޓެއް ނުވަތަ ދީނީ ބްލޮގެއް ހަދަން ފެށުމެވެ.

އެއީ އޭގެ ޒާތުގައި ވަރަށް މުހިއްމު ކަމެކެވެ. ސަބަބަކީ ތިންލައްކަ ފަންސާސްހާހެއްހާ މީހުންގެ އާބާދީއެއްގެ ތެރެއިން އިންޓަނެޓް ބޭނުންކުރާ ދިވެހިންނަށްޓަކައި ހުރި އިސްލާމީ ވެބްސައިޓްތަކުގެ ޢަދަދު އިތުރުވެގެންދިޔުމަކީ ވަރަށްބޮޑު ކުރިއެރުމެކެވެ. އަދި އިންޓަނެޓުގައި ކޮންމެ މައުޟޫޢަކަށް ހޯދާލި ނަމަވެސް އެ މައުލޫމާތެއް ލިބުމުގެ ފުރުސަތު ލިބިގެން ދިޔުމަކީވެސް ކުރިއެރުމެކެވެ. ޢަލްމާނިއްޔަތާއި، ލާދީނިއްޔަތާއި ދެކޮޅަށް އެބައިމީހުންގެ ވާހަކަތަކަށް ރައްދުދޭނެ ބްލޮގްތަކެއް ހުރުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެހެން ނަމަވެސް ހިތާމައަކީ، އިސްލާމްދީން ކުރިއެރުވުމުގެ ނަމުގައި މިހާރަކަށް އައިސް، ފާއިތުވި ދެތިން އަހަރުގެ ތެރޭގައި ދުނިޔޭގެ އަލިކަން ފެނިފައިވާ ، ބައެއް ވެބްސައިޓްތަކުގައި އިސްލާމްދީނުގެ އަޚްލާޤިއްޔާތުން ބޭރުގެ ބައެއް ކަންތައް ފެންނަކަމެވެ.

އިސްލާމްދީނުގެ ދަޢުވަތަކީ ކުޑަކަމެއް ނޫނެވެ. އެކަން ކުރުމުގެ ސަވާބާއި ދަރުމަ ބޮޑު ފަދައިން، އެކަން ކުރާ ބައެއްގެ މަސްއޫލިއްޔަތުވެސް ބޮޑު ކަމެކެވެ. އެ ދަޢުވަތުގެ ތެރޭގައި ތިމާމެން ފަތުރާ ހެޔޮ އެއްޗެއްގެ ސަބަބުން އޭގެ ސަވާބާއި ދަރުމަ ޤިޔާމަތާ ހަމައަށް ދެމިގެންދާ ގޮތުގައި ތިމާއަށް ލިބޭ ފަދައިން، ނުބައި މަޢުލޫމާތެއް ފެތުރިއްޖެ ނަމަ، އޭގެ ފާފަ ޤިޔާމަތާ ހަމައަށް ތިމާއަށް ލިބޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މި ޙަދީޘްފުޅުގައި ވާފަދައިންނެވެ.

ދީނީ ވެބްސައިޓެއް ނުވަތަ ބްލޮގެއް ހިންގުމަކީ ޕާސަނަލް ނުވަތަ ސިޔާސީ ބްލޮގެއް ނުވަތަ ސައިޓެއް ހިންގުން ކަހަލަ ކުޑަ ކަމެއް ނޫނެވެ. އަމިއްލަ ނުވަތަ ސިޔާސީ ބްލޮގުގައިވެސް ލިޔަން ޖެހޭނީ ނުވަތަ ޝާއިޢު ކުރަންޖެހޭނީ އިސްލާމީ ޝަރީޢަތް ހުއްދަކުރާ ތަކެއްޗެވެ. އެބްލޮގުގައި ލިޔާއެއްޗަކާމެދުވެސް ﷲގެ ޙަޟްރަތުގައި ތިމާއާއި ސުވާލުކުރެވޭނެކަން ދަންނަން ޖެހޭނެއެވެ.

އިސްލާމްދީނުގެ ނަމުގައި ނުވަތަ ދީން ފެތުރުމަށް ނުވަތަ ސުއްނަތް ފެތުރުމަށް ހިންގާ ސައިޓަކީ އެއީ ވަރަށް ޒިންމާދާރުކަމާއެކު، ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ އެސައިޓަށް ނުވަތަ ބްލޮގަށް ޒިޔާރަތްކުރާ މީހުން ދީން ނަގަނީ އެސައިޓުން ނުވަތަ ބްލޮގުންނެވެ. އެހެން ވީހިނދު، ތިމާމެންގެ މި މަސައްކަތަކީ، ﷲގެ ނަންފުޅުގައި، ނުވަތަ އެއިލާހުގެ ނަބިއްޔާގެ ނަންފުޅުގައި، ﷲގެ ދީން މީސްތަކުންނާ ހަމައަށް ފޯރުކޮށްދިނުންކަން ހިތުގައި އަބަދުވެސް ބާއްވަން ޖެހޭނެއެވެ. އަދި އެއިގެ މަސްއޫލިއްޔަތަކީ ބޮޑުވެގެންވާ އަމާނާތެއްކަން އަބަދުމެ ހިތުގައި ބާއްވަން ޖެހެއެވެ.

ތިމާމެން ހިންގާ ބްލޮގްގައި އިސްލާމްދީނުގައި މާފު ކުރުމާއި މުސްލިމުން އެކަކު އަނެކެއްގެ ޢައިބު ފޮރުވުމުގެ ވާހަކަ ލިޔެ، ޝާއިޢު ކުރުމަށްފަހު، އެއާ ޚިލާފަށް މުސްލިމުން ފަޟީޙަތްކޮށް ލިޔުންތައް ހަމަ އެސައިޓްތަކުގައި ލިޔުމަކީ އިސްލާމް ދީނަށް ތިމާމެން އަމިއްލައަށް ޖަހާ ޖޯކަކަށް ފުދެއެވެ.

ހަމަ އެގޮތަށް އެހެން ދީންތަކުގެ މީހުންނަށް މަލާމާތްކޮށް، ފުރައްސާރަކުރުމަކީ އިސްލާމްދީން ފެތުރުމުގެ ނަމުގައި ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. މީގެ މާނައަކީ އެއްވެސް ޙާލެއްގައި ޣައިރު މުސްލިމުންގެ ބާޠިލު ޢަޤީދާގެ ވާހަކަ ސިއްރު ކުރުމެއްވެސް ނޫނެވެ. އެހެނެއްކަމަކު، އެކަންވެސް ކުރަންވާނީ ރިވެތި އުސްލޫބާއެކުގައެވެ.

ވަކިން ޚާއްޞަކޮށް މުސްލިމުންގެ ތެރެއިން ކުށްކުރެވޭ މީހުންނަށް ނަސޭހަތްތެރިވާން ޖެހޭނީ އޯގާތެރިކަމާއެކުގައެވެ. އިސްލާމީ އުއްމަތުގެ މީސްތަކުންގެ ފަރާތުން، ކުށްތައް ފެނިވަޑައިގެންނެވި ހިނދު އެކަންތައް އިސްލާހު ކުރެއްވުމުގައި ލޮބުވެތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދައްކަވާފައިވާ ރިވެތި ނަމޫނާގައި ހިފަހައްޓައިގެންނެވެ.

އެއްވެސް މީހަކު ފަޟީޙަތްކުރުމަކީ ތިމާމެންގެ މަޤްޞަދު ކަމުގައި ހަދައިގެން ނުވާނެއެވެ. އޭގެ ބަދަލުގައި، ތިމާމެންގެ މަޤްޞަދަކީ އެއްމެ ފަރުދަކަށް ކަމުގައި ވިޔަސް، ތެދުމަގު ލިއްބައިދިނުން ކަމުގައި ހަދަން ޖެހޭނެއެވެ. ތިމާމެންގެ ބްލޮގްގައި ނުވަތަ ސައިޓްގައި ލިޔާ ލިޔުން ކިޔުމަށްފަހު، ނުބައިކަމުގެ އަހުލުވެރިޔާއަށް އެއީ ނުބައެއްކަން އިޙްސާސްވެ، އެ ނުބައިކަންތައް ދޫކޮށް ޙައްޤުގެ މަގަށް އެނބުރި ރުޖޫޢަވުމަކީ އެއީ ތިމާމެންގެ ލަނޑުދަނޑި ކަމުގައި ހަދަން ޖެހޭނެއެވެ.

ޚައިބަރުގެ ދުވަހު، ހަނގުރާމައިގެ ދިދަ ޢަލީ ރަޟިޔަﷲ ޢަންހަށް ދެއްވުމަށްފަހު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި މި ޙަދީޘަކީ ތިމާމެންގެ މޮޓޯކަމުގައި ހަދަން ޖެހޭނެއެވެ. އެދުވަހު އެކަލޭގެފާނު ވަނީ ޢަލީ ރަޟިޔަﷲ ޢަންހު އަށް ހަނގުރާމައިގެ ދިދަ ދެއްވުމަށްފަހު، "ކަލޭގެފާނުގެ ސަބަބުން އެއްމެ މީހަކަށް ހިދާޔަތު ލިބިގެން ދިޔަ ކަމުގައި ވިޔަސް، އެކަން ކަލޭގެފާނަށްޓަކައި، ރަތް ޖަމަލަށްވުރެ ހެޔޮކަން ބޮޑުވެގެން" ވާކަން ބަޔާން ކޮށްދެއްވާފައެވެ. ރަތް ޖަމަލަކީ އޭރުގެ އެންމެ އަގުބޮޑު މުދަލެވެ.

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ހެޔޮ ކަމަކަށް މަގުދައްކައިފި މީހަކަށް އެމަގަށް ތަބާވާ މީހުން، އެ ހެޔޮކަން ކުރުމުގެ ސަވާބު، އެ ހެޔޮކަން ކުރާ މީހާގެ ދަރުމައިން އެއްވެސް މިންވަރެއް އުނި ވުމަކާއި ނުލައި، އެ ގޮވާލި މީހާއަށް ލިބޭނެ ކަމަށް ބަޔާން ކޮށްދެއްވާފައެވެ.

ހަމަ އެގޮތަށް ނުބައިކަމަކަށް މަގުދައްކައިފި މީހަކަށް، އެނުބައި ކަމެއް ކުރާ މީހާއަށް ލިބޭ ފާފައިން އެއްވެސް މިންވަރެއް އުނިވުމަކާ ނުލައި، ލިބޭނެކަމަށްވެސް ވަނީ އިރުޝާދު ދެއްވާފައެވެ.

އެހެންކަމުން ދީނުގެ ވާހަކަ މީސްތަކުންނަށް ބަޔާންކޮށްދޭ މީހުންނަކީ، ވަރަށްވެސް ބިރުބޮޑު މަސައްކަތެއްގައި ވާ ބައެކެވެ. އެއީ އެބައިމީހުންގެ މަސައްކަތުގައި ސަވާބާއި ދަރުމަ ހޯދުމުގެ ފުރުސަތު ބޮޑު ފަދައިން، ނުބައި ކަމަކަށް ދީނުގެ ނަމުގައިވިޔަސް މަގު ދައްކައިފިނަމަ، ފާފަވެރިވުމުގެ ފުރުސަތުވެސް އެހާ ބޮޑު ކަމެކެވެ.

އެހެންކަމުން ދީނީ ވެބްސައިޓްތަކާއި ބްލޮގްތައް ހިންގަވާ ފަރާތްތަކަށް ނަސޭހަތްތެރިވަމެވެ. ވަޞިއްޔަތް ކުރަމެވެ. މި ނަސޭހަތާއި ވަސިއްޔަތް އެންމެ ފުރަތަމަ ރައްދުވާ ފަރާތަކީ އަޅުގަނޑާއި އަޅުގަނޑުމެންގެ އެޑިޓޯރިއަލް ބޯޑު ކަންވެސް ޤަބޫލު ކުރަމެވެ.

ވެބްސައިޓްގައި ލިޔުއްވާއިރު ވިސްނަވާށެވެ. އިސްލާމްދީނުގެ ނަމުގައި އަމިއްލަ ވާހަކަތަކެއް ނުދައްކާށެވެ. އަމިއްލަ ގޮތްތައް ފަތުރަން ނޫޅޭށެވެ. އަދި އަމިއްލަ ފަރުދީ ކަންތައްތަކާއި އެޖެންޑާތައް އިސްކުރުމަށްވުރެ، ތިމާގެ ޚާލިޤްވަންތަ އިލާހުގެ ރުހިވޮޑިގަތުން އެދި ލިޔާށެވެ. ޢާއްމުކޮށް މުސްލިމުންގެ މެދުގައި، ޚާއްޞަކޮށް އިސްލާމްދީނަށް ލޯބިކޮށް ސުއްނަތަށް އުޅެން މަސައްކަތް ކުރާ މީހުންގެ މެދުގައި ފިތުނަ ފަސާދަ އުފެދޭ ފަދަ ލިޔުންތަކާއި ޚަބަރުތައް ނުފަތުރާށެވެ.

އިސްލާމްދީން ފެތުރުމުގެ ނަމުގައި މީހުންނަށް ފުރައްސާރަކުރުމާއި ޖެއްސުންކުރުން ދޫކޮށްލާށެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި