|
ރަސޫލާ صلي الله عليه وسلم އަށް ފުރައްސާރަކޮށް ނެރުނު ފިލްމާއި ގުޅިގެން އަޑުއިވިގެންދާ ކޮންމެ އަޑަކުން
އީމާނުގެ އަހުލުވެރީންގެ ހިތްތަކުގަ ޣީރަތްތެރިކަން އުފެދިގެން ދެއެވެ. ރުޅިވެރިކަމާއި
ނަފްރަތު އުފެދިގެން ދާނެއެވެ. އެހެނީ އެކަލޭގެފާނަށް ލޯބިކުރުމަކީ ތިމާގެ ޢަޤީދާއާއި
ގުޅިލާމެހިފައިކާމެކެވެ. އެމީހެއްގެ އިސްލާމްވަންތަކަން އެމީހެއްގެ ކިބައިގައި އޮންނާނީ
ޙައްޤު ގޮތުގައި އެކަލޭގެ ފާނަށް ލޯބިކޮށްގެންނެވެ. އަދި މި ދީނުގެ ހުޅުކޮޅު ނިއްވާލަން
އަޅުގަނޑުމެންގެ ތެރޭގައި މަސައްކަތް ކުރަމުންދާ ޢަދާވާތްތެރިންނާއި ބޭރުގައި އުޅޭ
އިސްލާމްދީނުގެ ދީނުގެ ޢަދާވާތްތެރިންނަށް އެފުރުސަތު ނުދޭނަކަން ހާމަކޮށް މިމަތިވެރި
ޝިއާރުގެ ދަށުން ރާއްޖޭގައި ދީނަށް ލޯބިކުރާ ޒުވާނުންކޮޅެއް އިސްނަގައިގެން އެއްވުމެއް
އިންތިޒާމު ކުރިއެވެ.
އެގޮތުން އެދުވަހުގެ މެންދުރު
ކުރިން އަޅުގަނޑު މާލެ ކައިރީ ރަށެއްގައި ހުއްޓާ މިއެއްވުން އިންތިޒާމު ކުރުމުގައި
އިސްކޮށް އުޅުނު ކުއްޖެއްގެ ފަރާތުން މެސެޖް ލިބުމުން އެކަމުގައި ބައިވެރިވާނެކަން
ހާމަކުރީމެވެ. އަދި ރަށެއްގައި ހުރުމުން "ދެވޭތޯބަލާނަން" މި ގޮތަށްވެސް
އިޝާރާތްކޮށްލީމެވެ. ކަން ދިމާކުރި ގޮތުން މުޒާހަރާ ކުރާތަނަށް އާދެވުނީ ފެށުނުތާ ވަޤުތުތަކެއް
ދިޔަފަހުންނެވެ.
އަޅުގަނޑަށް ދެވުނު ގަޑީގައި
ޒުވާނުންގެތެރޭގައި ކޮންމެވެސް ވަރެއްގެ ދެބަސްވުންތަކެއް ހިނގާކަމަށް ކުއްޖަކު ޚަބަރު
ދިނެވެ. އަދި އަޅުގަނޑު އެތެރެއަށް ވަނުން ބުއްދިވެރި ނޫންކަމުގައި އެތާގައި ތިބި ބައެއް
އަޚުން ލަފާދިނެވެ. ނަމަވެސް އެއިވުނު ޚަބަރުތައް އަމިއްލައަށް ޔަޤީންކޮށްލުމަށް ސަފުތަކުގެ
ތެރެއަށް ޖެހިލީމެވެ. އެހިނދު އެންމެ ފުރަތަމަވެސް އަޑުއިވިގެން ދިޔައީ އިސްލާމިކް
މިނިސްޓަރުގެ އިސްތިއުފާއަށް ގޮވި އަޑެވެ. ދެން ރައީސުލް ޖުމްހޫރިއްޔާގެ އިސްތިއުފާއަށް
ގޮވާއަޑެވެ. ދީން ޙިމާޔަތްކުރާ ޝޭޚުން ކޮބައިހެއްޔެވެ. މިއީ އަޅުގަނޑަށް ސީދާ އަޑު
އިވުނު ބައެއް ބަސްތަކެވެ. ބައެއް އަޚުން އެތަނުން ޚަބަރު ދިންގޮތުގައި ދިވެހި ފުލުހުންނަކީ
ޠާޣޫތުންނޭ ކިޔާފަވެސް ބަޔަކު އަޑުގަދަ ކުރަމުން ދެއެވެ.
އެވަޤުތު އަޅުގަނޑަށް ޤަބޫލު
ކުރެވުނުގޮތުގައި އެމުޒާހަރާގެ މަޤްޞަދާއި މަންޒަރު އެވަނީ ގެއްލިފައެވެ. ރަސޫލާ صلى الله عليه وسلم ގެ ނަންފުޅު ދިފާޢު ކުރުމުގައި އަޚްލާޤީގޮތުން ބަލާއިރުވެސް އެއީ އެކަށީގެންވާކަމެއް
ނޫނެވެ. އެތާގައި ތިލާވަތު ކުރެވެންވާނީ މާތް ﷲ ގެ ކަލާމް ފުޅެވެ. މަތިވެރި ކުރެވެންވާނީ
ރަސޫލާ صلى الله عليه وسلم ގެ ނަންފުޅެވެ. ސިޔާސީގޮތުން ބަޔަކަށް މަންފާވާނެ އެއްވެސް ޢަމަލެއް އެތާގައި
ހިނގައިގެން ނުވާނެއެވެ. އެތާގައި ވަށައިގެންތިބި މީހުންގެ މޫނަށް ބަލާލީމެވެ. ރަނގަޅު
މަޤްޞަދުގައި ހެޔޮ ވާހަކައާއި ނަޞޭޙަތް ލިބިގަންނަން އެދިގެން ތިބި ހެޔޮ ލަފާ މޫނުތައް
ފެނިގެން ދިޔައެވެ. ބައެއް ބޭފުޅުންނަށް މާޔޫސްކަން ވެރިވެފައިވާ މަންޒަރު ފެނުނެވެ.
ހަމަ އެވަޤުތު އެމުޒާހަރާގައި
އިސްކޮށް އުޅުނު ކުއްޖަކު ފޯނު ކުރިއެވެ. އަދި އެއްވެފައިތިބި ޒުވާނުންނަށް ކޮންމެވެސް
ނަޞޭހަތެއް ދިނުމަށް އެދުނެވެ. އަދި ކުދިންގެތެރޭގައި ޚިޔާލު ތަފާތުވެފައިވާތީވެ ފަހަރެއްގައި
ކޮންމެވެސްވަރެއްގެ އިރުޝާދެއް ދެވިއްޖެކަމުގައިވާނަމަ ޞުލްޙަވެރިކަން އިސްކުރެވި އެންމެންނަކީ
އެއްމަޤްޞަދެއްގައި މަސައްކަތްކުރާ ބަޔަކަށް ވެގެންގޮސް އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް
ކުޑަކުރެވިދާނެކަމަށް ބުނުމުން އަޅުގަނޑަށްވެސް އެކަން ޤަބޫލު ކުރެވުނެވެ.
އެހެންކަމުން ކުޑަ ހިއްވަރަކާއެކު
މައިދާނުގެ އެންމެ އެތެރެއަށް ޖެހިލީމެވެ. އާދެ! އެފިޔަވަޅުމަތީ އަޅުގަނޑުގެ އެންމެ
ފުރަތަމަ ވާޖިބެއްގެގޮތުގައި ދެކުނީ އަޅުގަނޑުމެންގެ ތޭރަގައި އެވަޤުތު އޮތް ބައިބައިވުން
ކުޑަ ކުރުމަށެވެ. އެހެންކަމުން މިފަދަ ކޮންމެކަމަކީ މާތް ﷲގެ ރުއްސެވުން ޙާޞިލްވާ ގޮތަށް
ކުރެވޭ ކަމެއްގެގޮތުގައި ހެދުމަށް އެދުނީމެވެ. އަދި އެއަށްފަހު މާތްނަބިއްޔާ ދެއްކެވި
ނަމޫނާގައި ހިފުމަށް ގޮވާލީމެވެ. އެގޮތުން އެކަލޭގެފާނާ އެކަލޭގެފާނާއެކުވާ ބޭކަލުންނީ
ކާފިރުންނާމެދު ހަރުކަށި މުއުމިނުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރި
ބައެއްގެގޮތުގައި ވާކަން ހާމަކުރުމުގެ ގޮތުން ކީރިތި ޤުރުއާނުގެ އާޔަތެއްގެ މާނަ ކިޔާލިތަނާ
އެތާގައި އިން އަޚަކު ރުޅިވެރިކަމާއެކު ތެދުވެ
އަޑުގަދަ ކުރަން ފެށިއެވެ. ދެން އެޒުވާނާގެ ފަހަތުން ތަބާވެގެން އެހެން ބައެއް އަޚުން
އަޑުގަދަކުރުމުގެ ސަބަބުން މުޅި މައިދާން ހަލަބޮލި ވިއެވެ.
އަޅުގަނޑާ ދިމާލަށް އެކި އެއްޗެހި
އުކިއެވެ. އިނގިލި ދިއްކޮށް އިންޒާރުގެ ބަސްތައް ރައްދު ކުރަމުން ދިޔައެވެ. މޫނުމަތީގައި
ވަނީ ރުޅިވެރިކަމެވެ. ހަޤީޤަތުގައިވެސް ވަރަށްބޮޑު ހައިރާންކަމެއް ގެނުވިއެވެ. ހިތަށް
އެރިއެވެ. އަނެއްކާ ކިޔުނީ ކީކޭ ބާވައެވެ. އަދި ދެރަވެސް ވިއެވެ. އެއީ އެތަނުން ފެނުނު
ބައެއް އަޚުންނަކީ ޢިލްމީ މަޖްލިސްތަކުންނާއި މާތް ﷲ ގެ ގެކޮޅުން ބައްދަލުވާ ވުމުގައި
ރައްޓެހި ގާތްގުޅުމެއް އުފެދިފައިވާ ﷲ ޓަކައި އެކަކު އަނެކަކުދެކެ ލޯބިވާ ކުދިން ކޮޅެކެވެ.
އެ ހާލަތުގައި އަޅުގަނޑަށް އެންމެ ކައިރިން ރައްކާތެރިކަންދީ ޙިމާޔަތް ކުރަންވެސް ތިބީ
ހަމަ އެއަޚުންނެވެ. މީގެ ކުރީން މިފަދަކަމެއް ޙަޔާތުގައި ދުވަހަކުވެސް ތަޖުރިބާ ކޮށްފައެއް
ނުވެއެވެ. ވަަރަށް ތަފާތު ޝުޢޫރުތަކެއް އެދުވަހު ވެރިވެގެން ދިޔައެވެ.
ރާއްޖޭގެދީނުގެ ދަޢުވަތުގައި
މަސައްކަތްކުރާ ފަރުދެއްގެ ޙައިސިއްޔަތުން އެންމެހާ ޒުވާނުންނަށް ދޭން ބޭނުންވާ ނަޞީޙަތަކީ
ކުދިންނޭވެ. ޢިލްމުގެ މައިދާނުގައި ޙަރަކާތް ތެރިވަމުންދާ ތިކުދީންގެ ލޮބުވެތި ޝައިޚުންނަށް
އިތުބާރު ކުރާށެވެ. އެބޭފުޅުންނަކީ ރާއްޖޭގައި މިބުރަ މަސްއޫލިއްޔަތު އުފުލައިގެން
އެކިއެކި މައިދާންތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. ސިޔާސީ މި ހަލަބޮލި ދުވަސްވަރުގައި
ދީނީ ދަޢުވަތަށް އެޅެމުންދާ އެކި ހުރަސްތަކުގައި އެންމެބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަނީ
ހަމަ އެބޭފުޅުންނެވެ. އެހެންކަމުންް ދީނަށްޓަކައި ހިންގޭ އެންމެހާ ޙަރަކާތްތަކަކީ އެބޭފުޅުން
ފުރިހަމަ ލަފާއާއި އިރުޝާދުގެ މަތީން ކުރިއަށް ގެންދެވޭ ޕްރޮގްރާމް ތަކެއްގެ ގޮތުގައި
ހަދާށެވެ. އޭރުން އިންޝާﷲ އަހަރެމެންގެ ސަފުތައް އެކުވެ އެއް ޤިޔާދަތެއްގެ ދަށުން ކުރިއަށް
ދާނެވެ. އަދި ފިތުނަ ފަސާދަ އުފައްދަން މަސައްކުރާ މީހުންގެ ފިތުނައިން ސަލާމަތް ވާނެއެވެ.
ޤިޔާދަތެއް ނެތި ޖޯޝާއި ފޯރީގައި ކުރެވޭ އެންމެ ކަމަކުން ދީނީ ދަޢުވަތުގެ މައިދާނަށް
އެއްވެސް ކަހަލަ ހުރަހެއް އެޅޭކަށް ހަމަ އެއްވެސް އަޚަކު ބޭނުން ނުވާނެކަން ގައިމެވެ.
އެކަން އިނގެނީ އަހަރެމެންގެ ގޯތި ގެދޮރަށް ވަދެލީމައެވެ. އަވައްޓެރީންގެ ޙާލަތު ފެނުނީމައެވެ.
ޒުވާނުން ފިރިހެން ކުދީންނާއި އަންހެން ކުދީންގެ ޙާލަތު ފެނުނީމައެވެ. ސްކޫލުތަކާއި
ކްލާސް ރޫމްތަކުގެ ޙާލަތު ފެނުނީމައެވެ. މަގުމައްޗާއި ގޯޅިގޯޅި ޙާލަތު ފެނުނީމައެވެ.
ވަށައިގެންވާ މުޖަތަމަޢަށް ފުންކޮށް ވިސްނާލުމުން ދީނީ ދަޢުވަތުގެ މުހިއްމުކަން ތިޔަ
އެންމެހާ ލޮބުވެތި އަޚުން ޤަބޫލު ކުރާނެއެވެ.
ނިމިދިޔަ މުޒާހަރާއަށްފަހު އަޅުގަނޑުގެ
ޢަބުރަށް އަރައިގަނެ ދޮގު ވާހަކަަތަކެއްވަނީ ބަޔަކު މީހުން ފަތުރާފައެވެ. އަދި އަޅުގަނޑު
އެތަނަށް ދިޔައީ ސަރުކާރުން ފޮނުވައިގެންކަމަށް ބުނެ އަޅުގަނޑުގެ ބޮލުގައި އެތައް އިލްޒާމުތަކެއް
އެޅުވި ފަރާތްތަކަށް ބުނެލަން ބޭނުންވަނީ މާތް ﷲ އަށް ތަޤްވާވެރިވާށެވެ. އެއިލާހުގެ
ދަރުބާރުގައި ޢަމަލްތަކުގެ ފަތް ހުޅުވާލެވޭ ދުވަހަށް ބިރުވެތިވާށެވެ. އަޅުގަނޑުގެ ހިތުގައި
އެ ޢަމަލް ހިންގި އެއްވެސް ފަރާތަކަށް ހިތްބުރަ ކަމެއް ނެތެވެ. ނަމަވެސް އެފަދަ ޢަމަލެއްގެ
ސަބަބުން މުޅި މުޖްތަމަޢަށް ވިސްނާއިރު ލިބިގެންދާނެ ގެއްލުމަކާމެދު ބުނާނެއް އެއްޗެއް
ނެތެވެ. މާތް ﷲ އަޅަމެން އެންމެންގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށި ! އާމީން
|