Noorul-islam.NET :: ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން

ޝަޢްބާން މަހުގައި ރޯދަ ހިފުމުގެ މާތްކަން
Category »  ދީނީ ލިޔުން

ތާރީޚް: 25 ޖޫން 2012

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަޠީފް

'

ޝަޢްބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބައެއް ރިވާޔަތްތަކުގައި އައިސްފައިވާ ގޮތުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ.

މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ ޝަޢްބާން މަހާރި ރަމަޟާން މަސް ފިޔަވާ ވިދިވިދިގެން ދެމަސްދުވަހު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަނެއް ތިމަން ކަމަނާ ދެކިވަޑައި ނުގަންނަވަމުއެވެ. رواه أحمد (26022) , وأبو داود (2336) والنسائي (2175) وابن ماجه (1648)

އަބޫދާވޫ ގައި އައިސްފައިވެއެވެ. ( أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ ) أبو داود. ޝައްބާން މަސް ފިޔަވާ އެހެން މަހެއްގައި، މުޅި އަހަރުތެރޭގައިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ އެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ޝަޢްބާން މަހާއި ރަމަޟާން މަސް އެއްކޮށް ގުޅުވާލައްވައެވެ.

އިސްވެދިޔަ ނައްޞުތަކުން ދޭހަވަނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މުޅި ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕެވި ކަމަށެވެ. އެހެން ބައެއް ރިވާޔަތް ތަކުގައި އައިސްފައިވަނީ އެކަލޭގެފާނު ޝަޢްބާން މަހުގެ ބޮޑު ބައެއްގައި ރޯދަ ހިއްޕެވި ކަމަށެވެ. އަބޫސަލަމާ- ރަޟިޔަﷲ ޢަންހު-ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ރޯދަ ހިއްޕަވާ ގޮތާއި ބެހޭ ގޮތުން ތިމަންކަލޭގެފާނު ޢާއިޝާ ރަޟިޔަﷲ ޢަންހާ އާއި ސުވާލު ކުރީމެވެ. އެކަމަނާ ވިދާޅުވިއެވެ. كَانَ يَصُومُ حَتَّى نَقُولَ قَدْ صَامَ ، وَيُفْطِرُ حَتَّى نَقُولَ قَدْ أَفْطَرَ ، وَلَمْ أَرَهُ صَائِمًا مِنْ شَهْرٍ قَطُّ أَكْثَرَ مِنْ صِيَامِهِ مِنْ شَعْبَانَ ، كَانَ يَصُومُ شَعْبَانَ كُلَّهُ ، كَانَ يَصُومُ شَعْبَانَ إِلا قَلِيلا - رواه مسلم (1156) މާނައީ: ތިމަންމެން އެކަލޭގެފާނު ރޯދަ ހިއްޕަވައިފިޔޭ ބުނަންދެން ރޯދަ ހިއްޕަވައެވެ. އަދި ތިމަންމެން އެކަލޭގެފާނު ރޯދަ ވިއްލަވައިފިޔޭ ބުނަންދެން ރޯދަ ނުހިއްޕަވާ ހުންނަވައެވެ. ޝަޢްބާން މަހަށްވުރެ ގިނައިން އެކަލޭގެފާނު ރޯދަ ހިއްޕެވި މައްސަރެއް ތިމަން ކަމަނާ ނުދެކެމެވެ. ބައެއްފަހަރު މުޅި ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. އަދި އަނެއްބައި ފަހަރު ޝަޢްބާން މަހުން މަދު ބައެއް ފިޔަވާ ރޯދަ ހިއްޕަވައެވެ.

އިސްވެދިޔަ ދެޙަދީޘް ގުޅުއްވާލައްވައި ޢިލްމުވެރިން ވިދާޅުވަނީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބައެއް އަހަރުތަކުގައި މުޅި ޝަޢްބާން މަހު އެއްކޮށް ރޯދަ ހިއްޕަވައެވެ. އަދި އަނެއްބައި އަހަރުތަކުގައި ޝަޢްބާން މަހުގެ ބޮޑު ބައެއްގައި ރޯދަ އަށް ހުންނަވައެވެ.

މާތް ﷲ ރުއްސުންލެއްވި އުސާމާ ބިން ޒައިދު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވިއެވެ. (لَمْ أَرَك تَصُومُ مِنْ شَهْر مِنْ الشُّهُور مَا تَصُوم مِنْ شَعْبَان , قَالَ : ذَلِكَ شَهْرٌ يَغْفُلُ النَّاس عَنْهُ بَيْنَ رَجَبٍ وَرَمَضَان , وَهُوَ شَهْر تُرْفَعُ فِيهِ الأَعْمَال إِلَى رَبّ الْعَالَمِينَ ، فَأُحِبُّ أَنْ يُرْفَعَ عَمَلِي وَأَنَا صَائِمٌ) اهـ حسنه الألباني في صحيح النسائي (2221). ޝަޢްބާން މަސް ފިޔަވާ އެހެން މައްސަރެއްގައި ކަލޭގެފާނު އެހާ ގިނައިން ރޯދަ ހިއްޕަވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައި ނުގަންނަވަމުއެވެ. ޙަދީޘް ކުރެއްވިއެވެ، އެއީ މީސްތަކުން ޣާފިލުވެފައިވާ މަހެކެވެ. ރަޖަބާއި ރަމަޟާން އާއި ދެމެދުގައިވާ މަހެކެވެ. އެމަހަކީ ﷲ ގެ ޙަޟްރަތަށް އަޅުތަކުންގެ ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. އެހެންކަމުން ތިމަންކަލޭގެފާނުގެ ޢަމަލުތައް ރޯދައަށް ހުންނަވަނިކޮށް އުފުއްލެވުމަށް ލޯބި ކުރައްވަމެވެ.

އެހެންކަމުން ޝަޢްބާން މަހު ރޯދަ ހިފުން ގިނަ ކުރުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެކެވެ. ﷲ ގެ މަގުގައި ރޯދަ ހިފުމުގެ މާތް ކަން ބަޔާން ކުރައްވާ ޙަދީޘް ކުރައްވާފައިވެއެވެ.  مَنْ صَامَ يَوْمًا فِى سَبِيلِ اللَّهِ بَاعَدَ اللَّهُ بِذَلِكَ الْيَوْمِ وَجْهَهُ عَنِ النَّارِ سَبْعِينَ خَرِيفًا މާނައަކީ: މާތް ﷲ ގެ މަގުގައި އެންމެ ދުވަހަކު ރޯދަ ހިފި މީހެއްގެ މޫނު ހަތްދިހަ ހާސް ޚަރީފުގެ ދުރުމިނަށް ނަރަކައިން ދުރު ކުރައްވާނެއެވެ. ވީމާ، މި ރަނުގެ ފުރުޞަތު ނަންގަވާ ނުލައްވާށެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި