ދިވެހި މުޖުތަމަޢްގައި ޢުމުރުފުރާ ބަހާފައި މިއޮންނަނީ ވަރަށް ޙައްސާސް ގޮތަކަށެވެ. މި ގޮތަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކުގައި ޢުމުރުފުރާ ބަހާފައި އޮންނަގޮތާ ޚިލާފު ގޮތަކަށް ވުމަކީ ދުރުގައިވާ ކަމެއްނޫނެވެ. ޢުމުރުފުރާ ބެހިފައި މިއޮންނަގޮތުން، ކުށްކުރުމާއި ކުށް ކުރުވުމާއި ކުށުން މުޖުތަމަޢް ސަލާމަތް ކުރުމާއި ކުށުގެ ވެއްޓަށް ޖާގަ ހަނިކުރުމަށާއި ކުށްކުރުން ހުއްޓުވުމަށް މަސައްކަތް ކުރާ މުއައްސަސާތަކަށް ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހޭކަން ޢިޙްސާސް ކުރެވެއެވެ.
ދީނީ ނަޒަރަކުން ބަލާއިރު ކުޑަކުދިންނަކީ ދެޖިންސުގެ ކުދިންގެ ތެރެއިން ބާލިޢު ނުވާ ކުދިންނެވެ. ބައެއް ޙާލަތްތަކުގައި ބާލިޢު ނުވިކަމުގައި ވިޔަސް ހެވައި ނުބައި ވަކި ކުރަން އެނގޭނަމަ އެކުއްޖާ ބޮޑުމީހެއްގެ ޙުކުމައް އާދެއެވެ. ވީމާ ޢާއްމުގޮތެއްގައި ބާލިޢު ވުމަށް ފަހު އެމީހާ އަކީ ބޮޑު މީހެއްކެވެ.
ދިވެހި މުޖުތަމަޢްގެ ސްކޫލް ދައުރު ނިމޭ ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ވަރަށް ފަހަކާ ޖެހެންދެން ޖީ.ސީ.އީ އޯލެވެލް ފިޔަފައި އޭ.ލެވެލް ހަދަން ނުވަތަ އެއަށް ވުރެ މައްޗަށް ކިޔަވަން ތަފާތު ހުރަސްތަކާހުރެ ޢުޒުރުވެރިވާ ކުދިންނެވެ. މިގޮތުން އޯލެވެލް ނިމޭ އިރު ޢާއްމު ޢުމުރަކީ 16 ނުވަތަ 17 އަހަރެވެ. މި ޢުމުރުގައި އަދި އެއީ ދިވެހިންގެ ނަޒަރިއްޔާގައި ކުޑަ ކުއްޖެކެވެ. އޭގެ ކުރިން އެއީ ސްކޫލް ކުއްޖެކެވެ.
18 އަހަރު ނުވަނީސް މީހަކާ އިނުމުގެ ހުއްދަ ނުލިބެއެވެ. ދީނާ ޚިލާފުކަމެއް ކަމުގައި ވިޔަސް ލޯބީގެ ޙަޔާތް އޮންނަނީ ފެށިފައެވެ. ދެފަރާތުގެ ޢާއިލާގެ ރުހުން އެ ދެ މީހުންނަށް އޮވެއެވެ. އެހެންނަމަވެސް ދިވެހި ޤާނޫނު އަސާސީ މިކައިވެންޏަށް ހުއްދަ ނުދެއެވެ. ސިއްރުން އަމިއްލަ ގޮތަކަށް ނޫނީ ބިދޭސީ ޤައުމަކުން ކައިވެނި ކުރުމުގެ ފުރުޞަތު ފިޔަވައި އެހެން ޖާގައެއް އެމީހުންނަކަށް ނުލިބެއެވެ. ދުވަސްކޮޅަކުން އަންހެންމީހާ ނަހަލާލަށް ބަލިވެ އިނދެއެވެ. މިކަމުގެ ސަބަބުން ޝަރަފްވެރި ޢާއިލާއެއްގެ އަގު ވެއްޓި ނިކަމެތި ކަމާއެކު ބުރަކޮށް އަތްވައި ވާރޭގައި ރެއާއި ދުވާލު ގުދާރު ބިންދައިގެން ދަރިން ބަލައި ބޮޑުކުރި ބައްޕަ މުޅިޢުމުރަށް ކަރުނަ އޮއްސަން މަޖުބޫރުވެއެވެ. އެޙަޔާތް އެކިއެކި ހަނގުރާމަތަކާއި ކުރިމަތި ކުރުވި ލޮބުވެތި މަންމަ އެހިތާމައެއްގައި ދުނިޔެއާ އަލްވަދާޢް ކިޔައެވެ. ސަބަބަކީ ދަރިން ފުރާފުރިހަމަވި އިރުވެސް ދިވެހި ޤާނޫނު އެކަން ޤަބޫލު ނުކުރިކަމެވެ.
ވަރަށް ހިތާމަ ހުރިކަމެކެވެ. ރަޙްމެއް ހަމްދަރުދީއެއްނެތި ކަތިލެވެމުންދާ ދިވެހި ދަރިންގެ ޙައްގުގައި މަސައްކަތް ކުރެވޭނެ ޖާގަވަނީ އިންތިހާއަށް ހަނިވެފައެވެ. ސަބަބަކީ އެޖަރީމާ ހިންގި "އުޑުފަޅާފަ" ހުރިމީހާއަކީ ބޮޑު މީހެއްކަމުގައި ދިވެހި ޤާނޫނު ބަލައި ނުގަތް ކަމެވެ.
މަސްތުވާތަކެއްޗާއި ބަނގުރާ ވިއްކާ މީހާއަކީ 17 އަހަރުގެ ފިރިހެނެކެވެ. ނުވަތަ އަންހެނެކެވެ. ދެމީހުންގެ ދެމެދަށް ނުވަތަ ކޮންމެ މީހަކަށް ނަހަލާލަށް ދަރިފަތްޗެއް އޮވެއެވެ. އެހެން ނަމަވެސް އެމީހުންނާ މެދު އެކަށީގެންވާ ފިޔަވަޅު އެޅުމައް ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ސަބަބަބަކީ ދިވެހި ޤާނޫން އެމީހުންގެ ނަން ބޮޑު މީހުންގެ ދަފްތަރުގައި ޖެހުމަށް ތަން ނުދޭތީއެވެ.
މިއީ މަދު މިސާލުކޮޅެކެވެ. ކަމުގެ ޙަގީގަތަކީ މިއީ ކަމަށްވާއިރު މިކަމަށް އެކަށީގެންވާ މަސައްކަތް ކުރަން ނުވޭތޯއެވެ؟ ޙައިވާނުންނާއި އިންސާނުންގެ ޙައްގުތަށް ހިމާޔަތް ކުރުމަށް އެކިއެކި މުއައްސަސާތައް ހުރުމުގެ މަޤްޞަދަކީ ކޮބައިތޯއެވެ.
ވީމާ ދިވެހި ޤައުމުގެ ކަމާބެހޭ މުއައްސަސާ ތަކަށް މިކަމުގެ އެކަށީގެންވާ އަވަސް ޙައްލު ހޯދުމަށް ދަންނަވަމެވެ.
|