ކަނޑައެޅިގެން ޚާލިޤު ވަންތަ ﷲގެ ޙަޟްރަތުގައި ޤަބޫލު ކުރެއްވިގެންވާ ހަމައެކަނި ދީނަކީ މާތްވެގެންވާ އިސްލާމް ދީނެވެ. ނަބިއްޔުންނާއި ރަސޫލުންނަށްފަހު މިދީން ބިންމަތީގައި ފެތުރުމުގެ ޒިއްމާވަނީ ނަބިއްޔުންގެ ވާރިޘުންގެ ކޮނޑުގައެވެ. އާދެ! އެއީ ޢިލްމުވެރިންނެވެ.
ތަފާތު ޕޯޑިއަމްތަކުގައި، ނަމުގެ ކުރިޔަށް ޢިއްޒަތްތެރިއޭ ނުލައިގެން އެކިފަހަރުމަތިން މައްސަލަ ޖައްސަމުންދާއިރު، އިސްލާމް ދީނަށާއި އަދި މުސްލިމުނގެ ހިތުގެ ވިންދު ކަމުގައިވާ މާތް ނަބިއްޔާއަށް ފުރައްސާރަކުރަމުން ދާބަޔަކަށް އޮންނާނީ ކޮން ޢިއްޒަތެއްތޯއެވެ؟ ކޮން ޝަރަފެއްތޯއެވެ؟
ޢިއްޒަތަކީ ﷲތަޢާލާގެ މިލްކެކެވެ. ޢިއްޒަތްވަނީ ﷲއަށެވެ. އެކަލާނގެ ރަސޫލާ އަށެވެ. އަދި މުއުމިނުންނަށެވެ.
އަބޫޖަހުލާއި އަބޫލަހަބުމެން ނުވަތަ މުނާފިގުންގެ ލީޑަރ ޢަބްދުﷲ ބުނު އުބައްޔު ބިން ސަލޫލުމެން ފަދަ، އިސްލާމީޝަރީޢަތުގެ ޙައްދުން ބޭރުވެފައިތިބި މީހުން ނުދައްކާފަދަ ދަށު ދަރަޖައިގެ ވާހަކަ މި އުއްމަތުގެ ނަބިއްޔާ އާއި ބެހޭގޮތުން ދައްކަމުން ގޮސް އެކަމުގައި ކާމިޔާބެއް ނުވާނެކަން ޔަގީންވުމުން ދެން މަސައްކަތްފެށީ ދިވެހި އުއްމަތުގެ ޢިލްމު ވެރިންގެ އަގު ވައްޓާލާށެވެ.
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކުޑަކުއްޖަކާއި ކައިވެނި ކުރިކަމަށް އެބުނާ ބުނުމަކީ މައްކާގެ މުޝްރިކުންވެސް އެކަލޭގެފާނު އިސްތަށި ފުޅުގައި ނާޅުވާ އިލްޒާމެކެވެ. ފަހެ އެއީ ކުށެއްކަމުގައި ނުވަތަ ގޯސްކަމެއްކަމުގައި ވީނަމަ އެކަން އެދުވަހު ނިވާވެފައި އޮންނާނެހެއްޔެވެ؟
މާތްވެގެންވާ އިސްލާމްދީނާއި އެދީނުގެ ކަންކަން ޙަޖަމު ނުކުރެވިގެން، އެދީނާ ދިވެހިން ދުރުކުރުމުގެ ނަޒަރިއްޔާ އަކީ މިބައިމީހުންގެ މައިގަނޑު އެއް މަޤްޞަދެވެ. ސަބަބަކީ އިސްލާމީ ވަޙްދަތުގެ ދިވެހި ފެނަށް މިމީހުންގެ ލާދީނީ (އެބަހީ؛ އިސްލާމްދީނާ ދުރު) ޚިޔާލާއި ފިކުރު ނުދިރާނެކަމަށް މިމީހުންންނަށް ޔަޤީންވުމެވެ. ޔަހޫދީންނާއި ނަޞާރާއިންނަކީ ތިމާމެން ހިނގަންވާ މަގު ދައްކައިދޭ ބައެއްކަން މުޅިދުނިޔޭގެ މީޑިއާ ކުރިމަތީގައި ބުނަމުންދާ ކަމީ މިމީހުންގެ ލާދީނީ ފިކުރާއި ޚިޔާލު މުޅި އިސްލާމީ އުއްމަތަށް ބޭޒާރުވެ ފަޟީޙަތް ވެގެންދާނެ އަލިގަދަ ހެއްކެކެވެ.
ދީނާއި ދީންވެރިން ނިކަމެތި ކުރުމުގެ ހިތިނަތީޖާ މިއަދު ތަޖުރިބާ ކުރަމުންދާ މިބައިމީހުން އަނެއްކާވެސް އިތުރު ހިތި ތަޖުރިބާއަކަށް އުއްމީދު ކުރަނީ ބާއޭ ހިތަށް އަރައެވެ.
ނަމާދު ކުރުމާ އިންތިހާއަށް ދުރު ބަޔަކު، ދިވެހި ރާއްޖޭގެ ޢިލްމުވެރިންނާ ދެކޮޅަށް މިދައްކާ ވާހަކައަކީވެސް އެމެރިކާ ބުނާ ގޮތަށް އަދި ފަލަޞްޠީނުގައި ތިބި ޔަހޫދީ ޓެރަރިސްޓުން ރުއްސަން ކުރާކަމެއް ބާވައެވެ!
އިމާންވާ މުއުމިނުން ދިފާޢު ކުރެއްވުމުގައި ﷲދެމިވޮޑިގެންވާ މިމީހުންނަށް ޤަބޫލު ނުކުރެވުނުކަމުގައި ވިޔަސް، ﷲ އިރާދަކުރެއްވިއްޔާ، އެކަން އަހަރުމެން ޤަބޫލުކުރަމެވެ.
މިބައިމީހުންނަކީ މާތް ނަބިއްޔާގެ ޞަހާބީންނަށް އިހާނާތްތެރި ބަދު ބަސްބުނުމަކީ ކުށެއްކަމަށް އޮތް ވާހަކަ ދީނީ އެއްބައިވަންތަ ކަމުގެ ގަވާއިދުން އުނިކުރި މީހުންނެވެ. މިބައިމީހުންނަކީ ދިވެހި މުއައްސަސާތަކުގެ ލިޔެކިޔުންތަކުގައި ސުންނީ މުސްލިމުން ގެ ބަދަލުގައި ސޫފީ މުސްލިމުން ޖަހަން ބާރުއެޅި މީހުންނެވެ. މިބައިމީހުންނަކީ، މީހުންގެ ރުހުންނެތި ﷲގެ ޙައްދުތައް ޤާއިމް ނުކުރެވޭނެ ކަމަށް ބުނާ މީހުންނެވެ. މިބައިމީހުންނަކީ ކީރިތި ޤުރުއާނަކީ އޮޕްޝަނަލް މާއްދާ އަކަށް ހަދަން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ މީހުންނެވެ. އިސްލާމް މާއްދާގެ އަހައްމިއްޔަތުކަން ކުޑަކުރުމަށްޓަކައި އެދެމާއްދާ އޮޕްޝަނަލް ކުރަން އުޅުނު މީހުންނެވެ. މިބައި މީހުންނަކީ ދިވެހި ފަސްގަނޑުގައި އެއްމެ ފުރަތަމަ ދީނީ މިނިވަންކަމަށް ގޮވާލުމުގެ ފުރުޞަތު ދިން މީހުންނެވެ.
ދިވެހި ރައްޔަތުންނެވެ! ދީނީ ޢިލްމުވެރިންގެ ޢިއްޒަތާއި ޝަރަފު ނަގާލުމަށް މަސައްކަތް އެކުރަނީ އަޑިގައި ވަރަށް ނުބައި ރޭވުމެއް އޮވެގެންނެވެ. ބަޔާންކުރުމުގައި ލާމަސީލު، ފަޟީލަތުއްޝައިޚް އިލްޔާސް ޙުސައިން މެންފަދަ ދަންނަބޭކަލުންގެ އަގުވައްޓާލުމަށް މަސައްކަތް ކުރުމަކީ ދިވެހި އިސްލާމީ އުއްމަތުގެ މެޔަށް ހަރާލާ ޙަންޖަރެއް ނޫންތޯއެވެ؟
ފަސް އަހަރުގެ 6 ދައުރުގެ ދިގު އަނިޔާވެރި ވެރިކަން ނިމުމަކަށް ގެނެސްދެއްވުމަށް އެދި ﷲގެ ޙަޟްރަތުގައި ދުޢާ ކުރެއްވި ދުވަހު ޝެއިޚް އިލްޔާސްފަދަ ބޭކަލަކު މިބައި މީހުންނަކަށް ނެތެވެ. އެހެނަސް މިއަދު، ބުދު ބަހައްޓައި އަދިވެސް ބަހައްޓާނެކަމަށް ބުނެ، އަދި ބުދު ބެހެއްޓީމާ ކުރާނީ ކީންހޭ ކިޔައި އެކަމަށް ދީނަށް ގޮންޖަހަމުންއައި މީހުންގެ ވެރިކަން ނިންމަވައި ހެޔޮ ވެރިކަމެއް ދެއްވުން އެދި ދުޢާ ކުރުމުން މިއަދު ޝެއިޚް އިލްޔާސް "ނުބައިމީސް" ވީއެވެ.
((ބުދު ބެހެއްޓުމުން ކުރާނީ ކީއްހޭ އަހައި ގޮންޖެހުމުން އޭގެ ނަތީޖާ ތިއޮތީ ސަލާންޖެހުމުގެ ނާށިގަނޑުގެ ތެރޭގައި ނޫންތޯއެވެ؟ ﷲތަޢާލާގެ ހުސް ޠާހިރުވަންތަ ކަމާއެވެ. އެއިލާހުހެ ނިންމެވުމުގެ ފުރިހަމަ ކަމާއެވެ. މޮޅު ދޮގު ހެދުން ތެރިޔާއަށް އެދުވަހު ތިމަންނަ ގާނޫނުއަސާސީ ނަގަހައްޓާނަމޭ ބުނެ ދޮގެއް ހަދާލައިގެން ސަލާމަތްވެގަތުމުގެ ތައުފީޤުވެސް ނުލިބުނެވެ. الله أكبر))
ރާއްޖޭގެ ދީނީ ދަންނަބޭކަލުންވަނީ ﷲގެ ވާގިފުޅާއެކު ދިވެހިފަސްގަނޑުން އިސްލާމް ދީން ފޮހެނުލެވޭހާ ވަރުގެ ވަރުގަދަ ފަހުލަވާނުން އުފައްދަވާފައެވެ. ވީމާ މިސްކިތަށް ނާރައި ހުރެ މީސްތަކުން މިސްކިތްތަކާ ދުރުކުރާ މީހާއެވެ! ކޮށްލާނީ އަސަރެކެވެ. ﷲގެ ވާގިފުޅައެކު މިސްކިތަށް އަރާމީހުންވާނީ ހަމަ އިތުރެވެ.
|