ސިޔާސަތަކީ ސާފު ޢަރަބި ބަހެކެވެ. މީސްތަކުންގެ މެދުގައި ކަންކަން ހަމަ މަގަށް އެޅުވުމަށް "ސިޔާސަ" މިބަސް ބޭނުން ކުރެވޭ ކަމަށް އައްޒުމަޚްޝަރީ "އަސާސުލް ބަލާޢާ" ގައި ބަޔާން ކުރައްވާފައި ވެއެވެ.
އިސްލާމީ ޝަރީޢަތުގައި ސިޔާސަތަކީ، އުއްމަތުގެ މަސްލަހަތާއި ގުޅިގެން އެކަމަކާ މެދު އިސްލާމީ ޝަރީޢަތުގެ މަސްދަރަކުން ކަނޑައެޅިގެން ޚާއްސަ ދަލީލެއް ވާރިދުވެގެންނުވާ ކަންކަމުގައި ވެރިއެއްގެ ފަރާތުން ޝަރީޢަތާއި ޚިލާފުނުވާނޭހެން އަންނަ ޙުކުމްތަކާއި އެކިއެކި އިޖުރާއާތު ތަކެވެ.
އިސްލާމް ދީނުގައި ސިޔާސަތުގެ ބޭނުން
· ރައްޔަތުން އިޞްލާހުކޮށް އެމީހުން އިސްލާމީ ހަމަމަގަށް އެޅުވުމަކީ އެންމެ އަސާސީ އެއް ބޭނުމެވެ. އިސްލާމީ ގިއުގަނޑުގެ ތެރެއިން މީސްތަކުން ފަހަނައަޅައި ދިޔަދީގެން ނުވާނެއެވެ. އެފަދަ މީހުން ކޮންޓްރޯލް ކުރުމަށްޓަކައި ކަނޑައެޅިފައިވާ ޙައްދުން ބޭރުނުވާ ގޮތަށް އަދަބުދީ އިސްލާޙު ކުރުމަކީ އިސްލާމީ ސިޔާސަތުގައި އެކުލެވޭކަމެކެވެ.
· ދައުލަތުގެ ކަންކަން ރައްޔަތުންނަށް ފަސޭހަކޮށްދިނުމަކީ އިސްލާމީ ސިޔާސަތުގެ ދެވަނަ ބޭނުމެވެ. ދައުލަތުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތުތަކުގެ ތެރެއިން ރައްޔަތުންގެ މަސްލަހަތާއި ދީނާއި ދުނިޔެވީ ކަންކަމާއި ގުޅުންހުރި ސިޔާސަތަކީ ރައްޔަތުންނަށް އޮޅުން ފިލާފައި އޮތުން އިސްލާމީ ސިޔާސަތެއްގައި ކޮންމެހެން މުހިއްމު ކަމެކެވެ. އަދި އަމާންކަމާއެކު ނުވަތަ ހަނގުރާމަވެރި ނުވަތަ ހަނގުރާމަ އިޢްލާން ކޮއްގެން ތިބި އެހެން ބިދޭސީ ގައުމުތަކާއި އެކު އޮންނަ ގުޅުންވެސް އެނގެން ޖެހެއެވެ.
· ފަރުދީ މަސްލަހަތަށް ވުރެ ޖަމާއަތުގެ މަސްލަހަތު ކުރިއަށްނެރެ، ގައުމަށް ލާބަޔާއި ފައިދާ ހުރި ކަންކަން ރާވައި ހިންގައި، އިޖުތިމާއީ ތަރައްގީއަށް މަސައްކަތްކޮށް ރައްޔަތުންނަށް ބޭނުންވާ މިންވަރަށް ފަހުގެ ޓެކްނޮލޮޖީ އެކަށީގެންވާ ހައިސިއްޔަތަކުން ފޯރުކޮށް ދިނުމަކީ އިސްލާމީ ސިޔާސަތު ގޮވާލާ ކަމެކެވެ.
· އިސްލާމީ ސިޔާސަތެއްގައި، ކޮންމެ ތަނަކަށާއި ކޮންމެ ޒަމާނަކަށް އިސްލާމީ ޝަރީޢަތް ފުދޭކަން ބަޔާންކޮށް އެކަން ޔަގީންކޮށް އަދި ރައްޔަތުންނަށް އެކަން ޔަގީކޮށް ދިނުމަކީ ލާޒިމް ކަމެކެވެ.
|