އިސްލާމިކް މިނިސްޓަރު ކަމުގެ މަޤާމަށް ނޫރުލްއިސްލާމްގެ މުޝްރިފް، ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު މިއަދު ޢައްޔަން ކުރެއްވުމާ ގުޅިގެން، ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ ނަމުގައި އެމަނިކުފާނަށް މަރުޙަބާ ދަންނަވަމެވެ.
މިފުރުޞަތުގައި، މީގެ ކުރިންވެސް ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ދެމުން ގެންދިޔަ އެއްބާރުލުމާއި އެހީތެރިކަން ހަމަ އެގޮތުގައި، ﷲ އިރާދަކުރެއްވިއްޔާ، ބަދަލުވުމެއް ނެތި ކުރިއަށް ދާނެކަންވެސް ހާމަކުރަމެވެ.
ފަޟީލަތުއްޝައިޚް ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީގެ ވަޒީރުކަމުގައި މިނިސްޓްރީގެ ފަރާތުން ދިވެހި ޤައުމުގެ އިސްލާމީ ހޭލުންތެރިކަމާއި އިސްލާމީ ވަޙުދަތު ރައްކާތެރި ކުރެއްވުމަށް ކުރައްވާފައިވާ އަގުހުރި މަސައްކަތްޕުޅުތައް ފާހަގަކޮށް، މި ފުރުޞަތުގައި އެމަނިކުފާނަށް އިޚްލާޞްތެރި ޝުކުރު ދަންނަވަމެވެ. އެމަނިކުފާނު ދިވެހި ޤައުމަށް ކޮށްދެއްވި އަގުހުރި ޚިދުމަތް ދިވެހި ޤައުމުން ފޮހެވިގެން ނުދާނެކަމުގެ ޔަޤީންކަން އަރުވަމެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ، އިސްލާމިކް މިނިސްޓްރީއަށް އާ ޒަޢާމަތާއެކު ކުރިއެރުން ދެއްވުމެވެ.
އަދި މި ފުރުޞަތުގައި ހައުސިން މިނިސްޓަރ އަކަށް އައްޔަން ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒަށްވެސް މަރުޙަބާ ދަންނަވަމެވެ. ހަވާލުވެވަޑައިގެންނެވި މަސްއޫލިއްޔަތުތައް ޒިންމާދާރުކަމާއެކު އަދާކުރެއްވުމުގެ ތައުފީޤް މާތް ﷲ ތިޔަ ދެބޭފުޅުންނަށްވެސް ދެއްވުން އެދި ދުޢާ ކުރަމެވެ.
|