Noorul-islam.NET :: ވެރިކަމެއް ނިމިގެން ދިޔައީއެވެ. ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ!




ވެރިކަމެއް ނިމިގެން ދިޔައީއެވެ. ޢިބުރަތް ލިބިގަންނަމާ ހިނގާށެވެ!
Category »  އެޑިޓޯރިއަލް

ތާރީޚް: 8 ފެބްރުއަރީ 2012

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

 

އަޅުގަނޑުމެންގެ ޙަޔާތުގައި ދެވަނަ ފަހަރަށް، މި ދިވެހި ރާއްޖޭގެ ވެރިކަމެއް ނިމިގެން ދިޔަ މަންޒަރު ފެނިގެން މިދިޔައީއެވެ. މީގެ ކުރިން ނިމިގެން ދިޔައީ 30 އަހަރުގެ ވެރިކަމެކެވެ. އެތައް ބަޔަކަށް އެތައް އަނިޔާއެއް ލިބިފައިވުމާއެކު އިސްލާމްދީނަށް އުޅުމާއި، ދީނުގެ ތަޢުލީމު ފެތުރުމަށް ހުރަސް އެޅުމުގެ ސަބަބުން 2008 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ބޭއްވުނު އިންތިޚާބުގައި އެ ވެރިކަން ނިންމާލީ ދިވެހި ރައްޔިތުންނެވެ. ﷲ ގެ މަދަދާއި ތައުފީޤަށްފަހުގައެވެ.

ދެން އިންތިޚާބު ކުރެވުނު ވެރިމީހާގެ ވެރިކަމަށް 3 އަހަރާއި 3 މަސް ވުމަށް އަދި 3 ދުވަހަށް ވެފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ދިވެހިރާއްޖޭގެ ފުލުހުންނާއި ސިފައިންނާއެކު ނިކުމެ ދިވެހި ރައްޔިތުން ވަނީ އެ ވެރިކަން ނިމުމަކަށް ގެނެސްފައެވެ. ﷲ ގެ މަދަދާއި އެއިލާހުގެ ތައުފީޤަށް ފަހުގައެވެ.

ވެރިކަމެއް ނިމިގެން ދިޔުމަކީ ކުޑަކަމެއް ނޫނެވެ. އެއީ ވަރަށްވެސް ބޮޑު ކަމެކެވެ. އެއީ މުޅި ޤައުމަށް ކުރިމަތިވާ މުހިއްމު ކަމެކެވެ. ސަބަބަކީ ވެރިކަމަކީ ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅި ލާމެހިފައިވާ ކަމެކެވެ.

ވެރިކަމެއް ނިކަމެތިކަމާއެކު ނިމި ދިޔުމުގައި އެ ވެރިކަމެއްގައި އަނިޔާ ލިބޭ މީހުންގެ ދުޢާއަކީ ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ.

އަނިޔާވެރިންނަށް ﷲތަޢާލާ މުހުލަތު ދެއްވުމުން، އެބައިމީހުން ދެކެނީ އެއީ އެއިލާހު ތިމާމެންގެ އަނިޔާވެރިކަމާމެދު އިހުމާލުވެ ވޮޑިގަންނަވަނީ ކަމަށެވެ. އެހެންނަމަވެސް ﷲ އެބައިމީހުން އިޞްލާޙުވުމަށް ފުރުޞަތު ދެއްވަނީއެވެ. އެ ފުރުޞަތުގެ ބޭނުން ނުހިފައިފި ނަމަ، ގަދަފަދަ ހިއްޕެވުމަކުން އެއިލާހު އެބައިމީހުން ހިއްޕަވައެވެ.

އަނިޔާ ލިބިގެންވާ މީހުންގެ ދުޢާގެ ސަބަބުން ވެރިންގެ ވެރިކަން އެބައިމީހުންގެ އަތުން ބީވެގެން ގޮސްފައިވެއެވެ. އެހާރާއި މިހާރުއެވެ. މިސާލެއް ކިޔާލަމާ ހިނގާށެވެ.

ބަރުމަކުންގެ ވެރިކަން ނިމި ދިޔުމަށްފަހު، އޭރު އެވެރިކަމުގެ ވެރިއަކަށް ހުރި، ޚާލިދު ބުނު ބަރުމަކު އޭނާގެ ދަރިއާއެކު ޖަލަށް ލެވުނެވެ. އެދެބަފައިންވެސް ތިބީ އެއް ގޮޅިއެއްގައެވެ. އެއީ އެދެބަފައިންގެ ބޮޑު ވެރިކަމާއި އާރާއި ބާރަށްފަހުގައެވެ.

އެވަގުތު އޭނާގެ ދަރި ބުންޏެވެ. އޭ ބައްޕާއެވެ. މަތިވެރި ޖާހާއި ބާރާއި ވެރިކަމަށްފަހު، (އަހަރެމެންނަށް މިއޮތީ) ޗެންޗޭނުތަކުން ބަނދެވިފައިވާ ހާލު، ޖަލެވެ.

އެހިނދު ޚާލިދު ބުނު ބަރުމަކު ބުންޏެވެ. އޭ ދަރިފުޅާއެވެ. އެއީ އަނިޔާ ލިބިފައިވާ މީހެއްގެ ދުޢާއެވެ. އެއްމެ ރެއަކުން ﷲގެ ޙަޟްރަތަށް އެދުޢާ އުފުލުނެވެ. އެދުޢާއާމެދު އަހަރެމެން ވީ ޣާފިލު ކަމުގައެވެ. އެހެނެއްކަމަކު ﷲތަޢާލާ އެ ދުޢާއާމެދު ޣާފިލުވެ ވޮޑިއެއް ނުގަންނަވައެވެ.

މިއީ އޭރުގެ ޙާދިޘާއެކެވެ. ނިކަން ބައްލަވާށެވެ. މިޞްރުގައި ތިރީހަކަށް އަހަރު ވެރިކަން ކުރި ޚުދުމުޚުތާރު ވެރިމީހާގެ ވެރިކަންވެސް ﷲތަޢާލާ ވަނީ އޭނާގެ އަތުން ގެންދަވާފައެވެ.

ޓިޔުނީޝިޔާއާއި ލީބިޔާއަށް ބައްލަވާށެވެ. ދިރިހުރި މިސާލުތަކެވެ.

މިފަދަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެން ޖެހޭނީ އަނިޔާލިބޭ މީހުންގެ ދުލުން ކޮންމެ ހިނދެއްގައިވެސް ނިކުމެދާނެ ދުޢާއަކާމެދު ރައްކާތެރިވާން ޖެހެއެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ބާވަތެއްގެ ވެރިކަމަކާ ޙަވާލުވެފައިވާ މީހުން މިކަމާމެދު ވިސްނުން މުހިއްމެވެ.

އަދި ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންގެ ސަރުކާރުތަކުން މިކަން ދަންނަން ޖެހެއެވެ.

އަލް އިމާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

إنَّ اللَّهَ يُقِيمُ الدَّوْلَةَ الْعَادِلَةَ وَإِنْ كَانَتْ كَافِرَةً ؛ وَلَا يُقِيمُ الظَّالِمَةَ وَإِنْ كَانَتْ مُسْلِمَةً .

ހަމަކަށަވަރުން ﷲތަޢާލާ ކާފަރު ދައުލަތެއް ވިޔަސް، އެއީ ޢަދުލު އިންސާފު ގާއިމުކުރާ އަދުލުވެރި ދައުލަތެއް ކަމުގައި ވާނަމަ، ދަމަހައްޓަވައި ދެއްވައެވެ. އަދި އެއީ މުސްލިމު ދައުލަތެއް ކަމުގައި ވިޔަސް، އަނިޔާވެރި، އަދުލުއިންސާފު ގާއިމު ނުކުރާ ދައުލަތެއް ކަމުގައިވާނަމަ، ދަމަހައްޓަވައި ނުދެއްވައެވެ.

އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ ވެރިކަމަށް މިކަން ހަނދުމަކޮށް އަރުވަމެވެ. ﷲތަޢާލާ އަޅުގަނޑުމެން އެންމެންނަކީ، އަނިޔާ ލިބިގެންވާ މީހުންގެ ދުޢާއިން ސަލާމަތް ވެފައިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި