ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރައްވާފައިވެއެވެ. (الفطرة خمس : الختان وقص الشارب وقلم الظفر ونتف الابط وحلق العانة) މާނައަކީ: " ފަސްކަމެއް ފިޠްރަތުގެ ތެރޭގައި ހިމެނިގެންވެއެވެ. އެއީ: ޚިތާނު ކުރުމާއި، މަތިމަސް ކޮށުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތީގައި ހުންނަ އިސްތަށި އުފުރުމާއި، ޢާނަތުގެ އިސްތަށި (ފޮރުވިފައިވާ ގުނަވަނުގައި ހުންނަ އިސްތަށި) ބޭލުމެވެ."
މިކަންތައްތައް ނުކޮށް ސާޅީސް ދުވަހަށް ވުރެ އިތުރު ނުކުރުމަށް ސުންނަތުގައި ބާރުއަޅުއްވާ އަމުރު ކުރައްވާފައިވެއެވެ. މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކް ވިދާޅުވިއެވެ. (وُقِّتَ لَنَا فِي قَصِّ الشَّارِبِ وَتَقْلِيمِ الْأَظْفَارِ وَنَتْفِ الْإِبِطِ وَحَلْقِ الْعَانَةِ أَنْ لَا نَتْرُكَ أَكْثَرَ مِنْ أَرْبَعِينَ لَيْلَةً) މާނައަކީ: މަތިމަސް ކުރުކުރުމާއި، ނިޔަފަތި ކެނޑުމާއި، ކިހިލިފަތީގައި ހުންނަ އިސްތަށި އުފުރުމާއި، ޢާނަތުގެ އިސްތަށިބޭލުމުގައި ސާޅީސްދުވަހަށްވުރެ އިތުރު ނުކުރުމަށް ތިމަންމެންނަށް ވަގުތު ކަނޑައެޅުއްވުނެވެ".
އެހެންކަމުން ސާޅީސްދުވަހަށްވުރެ އިތުރުވަންދެން މިދެންނެވިކަންތައް ނުކޮށް ހުރުމަކީ ޙަރާމް ކަމެކެވެ. ވީމާ، މި މުއްދަތުގެ ތެރޭގައި މިކަންކަން ފުރިހަމަ ކުރެވޭތޯ މަސައްކަތް ކުރަންވާނެއެވެ. މީހަކާ އިނުމުން މިކަން ކުރަން ފަސްކޮށްގެން ނުވާނެއެވެ.
އަމިއްލަ އަށް ނުބޭލެނީނަމަ މީހަކު ލައްވާ ޢައުރަ ނޫން ތަންތަނުގެ އިސްތަށި ބޭލުވުމުގެ މައްސަލަ އެއް ނެތެވެ. ނަމަވެސް ޢައުރަ ދައްކަންވާނީ ހަމައެކަނި އަނބިމީހާ އަށެވެ. ޙަދީޘް ގައި އައިސްފައިވަނީ ޢާނަތުގެ އިސްތަށި ބޭލުމަށެވެ. ކުރުކޮށް ކޮށުމަކަށް ނޫނެވެ. ވީމާ ޢާނަތުގެ އިސްތަށިޖެހޭނީ ބާލާށެވެ. ކޮށުމަށްވުރެ ބޭލުން ފަސޭހަވެސް ވާނެއެވެ. ބާލަން އުނދަގޫނަމަ ހެޔަރ ރިމޫވަރ ބޭނުން ކުރުމަކުން މައްސަލަ އެއް ނެތެވެ.
ކިހިލިފަތުގެ އިސްތަށި އުފުރުމުގެ ބަދަލުގައި ބޭލުމުން ނުވަތަ ހެޔަރ ރިމޫވަޜ ޖަހައިގެން އިސްތަށިތައް ރިމޫވް ކުރުމަކުން މައްސަލައެއް ނެތެވެ. ސަބަބަކީ އުފުރުމުގެ ބޭނުމަކީ އެތަކެތި ނައްތާލުން ކަމަށްވާތީވެއެވެ. ނަމަވެސް ކިހިލިފަތުގެ އިސްތަށި އުފުރުން މޮޅު އިތުރުވެގެންވެއެވެ.
|