Noorul-islam.NET :: ޣައިރުމުސްލިމުންނަށްވިޔަސް ގޯނާ ކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ.




ޣައިރުމުސްލިމުންނަށްވިޔަސް ގޯނާ ކުރުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެކެވެ.
Category »  އެޑިޓޯރިއަލް

ތާރީޚް: 7 ޖެނުއަރީ 2012

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

އިސްލާމްދީނަކީ ރަޙްމަތުގެ ދީނެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވިގެންވަނީ ޢާލަމްތަކަށް ރަޙްމަތެއްގެ ގޮތުގައެވެ. އިސްލާމްދީން ދަސްކޮށްދީފައިވަނީ އަޅުތަކުންނަށް އޯގާތެރިވުމަށެވެ. ލޮބުވެތި ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ((ارْحَمُوا مَنْ فِي الْأَرْضِ يَرْحَمْكُمْ مَنْ فِي السَّمَاءِ)) (رواه الترمذي : 1844 ) މާނައީ: ތިޔަބައިމީހުން ބިމުގައިވާ މީސްތަކުންނަށް ރަޙުމު ކުރާށެވެ. އޭރުން އުޑުގައިވާ ﷲ ތަޢާލާ ތިޔަބައިމީހުންނަށް ރަޙުމު ކުރައްވާނެއެވެ.

އިސްލާމްދީނުގައި އަނިޔާވެރިކަމަކީ ޙަރާމް ކުރެއްވިގެންވާ ކަމެކެވެ. އެއީ އިންސާނަކަށް ކުރެވޭ އަނިޔާއެއް ކަމުގައި ވިޔަސް އަދި ޖަނަވާރަކަށް ކުރެވޭ އަނިޔާއެއް ކަމުގައިވީނަމަވެސްމެއެވެ. ޤުދުސިއްޔަ ޙަދީޘެއްގައި ﷲ ގެ ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. ((يَا عِبَادِيْ إِنِّيْ حَرَّمْتُ الظُّلْمَ عَلَى نَفْسِيْ وَجَعَلْتُهُ بَيْنَكُمْ مُحَرَّمَاً فَلا تَظَالَمُوْا)) (رواه مسلم : 2577) މާނައީ: އޭ ތިމަން އިލާހުގެ އަޅުތަކުންނޭވެ. ހަމަކަށަވަރުން ތިމަންއިލާހު ތިމަންއިލާހުގެ ޛާތުފުޅުގެ މައްޗަށް އަނިޔާވެރިކަން ޙަރާމް ކުރައްވަވައިފީމުއެވެ. އަދި ތިޔަބައިމީހުންގެ މެދުގައިވެސް އަނިޔާވެރިވުން ޙަރާމް ކަމެއް ކަމުގައި ލައްވަވައިފީމުއެވެ. ފަހެ ތިޔަބައިމީހުން އެކަކު އަނެކަކަށް އަނިޔާވެރި ނުވާށެވެ.

މުސްލިމުންގެ ތެރެއަށް ކަނޑައެޅިފައިވާ ޤަވާޢިދުގެ ދަށުން ވިސާ ހޯދައިގެން އަންނަ ޣައިރު މުސްލިމުންނަކީ އެބައިމީހުންނަށް ޙިމާޔަތްދެވެން ޖެހޭ ބައެކެވެ. މިއީ މުޅި އިސްލާމީ އުއްމަތް އެކަމެއްގެ މައްޗަށް އިޖުމާޢު ވެފައިވާ ކަމެކެވެ. އަލްއިމާމް އިބްނު ޙަޒްމު ރަޙިމަހުﷲ އެކަލޭގެފާނުގެ "مراتب الإجماع" މިފޮތުގައި ވިދާޅުވެފައިވެއެވެ. މުޅި އިސްލާމީ އުއްމަތް ވަނީ ޛިއްމަތުގެ އަހުލުވެރިންނަށް (އެބަހީ: މުސްލިމުންގެ ބިމުގައި ހުއްދަ ލިބިގެން ދިރިއުޅޭ ޣައިރު މުސްލިމުންނަށް) ޙިމާޔަތްދިނުމަކީ މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވާ ކަމެކެވެ.

އަދި ލޮބުވެތި ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. " أَلَا مَنْ ظَلَمَ مُعَاهِدًا أَوِ انْتَقَصَهُ أَوْ كَلَّفَهُ فَوْقَ طَاقَتِهِ أَوْ أَخَذَ مِنْهُ شَيْئًا بِغَيْرِ طِيبِ نَفْسٍ فَأَنَا حَجِيجُهُ يَوْمَ الْقِيَامَةِ " (رواه أبو داود : 2658 ) [މާނައީ: މުޢާހިދަކަށް (އެބަހީ؛ އެއްބަސްވުމެއްގެ ދަށުން މުސްލިމުންގެ ތެރެއަށް އައިސް ތިބޭ ޣައިރު މުސްލިމުންގެ ތެރެއިން މީހަކަށް) އަނިޔާވެރިވެއްޖެ މީހާ، ނުވަތަ އޭނާގެ ޙައްޤުން އުނިކޮށްފި މީހާ، ނުވަތަ އޭނާއަށް ކުޅަދާނަވެގެން ނުވާމިންވަރަށް ބުރަ ޖައްސައިފި މީހާ، ނުވަތަ އޭނާގެ ރުހުމާއި ނުލައި އޭނާގެ އަތުން އެއްޗެއް ހިފައިފި މީހާ ދަންނާށެވެ! ފަހެ ޤިޔާމަތްދުވަހު އެމީހަކާއި ދެކޮޅު ޚަޞްމެއް ކަމުގައި ވެވަޑައިގަންނަވާހުށީ ތިމަން ނަބިއްޔާއެވެ.]

އަޅުގަނޑުމެންގެ ތެރެއިން ﷲ އާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވާ އެއްވެސް މުސްލިމަކަށް، އޭނާއާއި ދެކޮޅު ޚަޞްމަކަށް ޤިޔާމަތް ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވުމަށް ރުހެވޭނީ ކޮންފަދައަކުން ހެއްޔެވެ؟

އަދިވެސް ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. " مَنْ قَتَلَ مُعَاهَدًا لَمْ يَرِحْ رَائِحَةَ الْجَنَّةِ ، وَإِنَّ رِيحَهَا تُوجَدُ مِنْ مَسِيرَةِ أَرْبَعِينَ عَامًا " (رواه أبو داود : 2658 ) [މާނައީ: މުޢާހިދަކު (އެބަހީ؛ އެއްބަސްވުމެއްގެ ދަށުން މުސްލިމުންގެ ތެރެއަށް އައިސް ތިބޭ ޣައިރު މުސްލިމުންގެ ތެރެއިން މީހަކު) މަރާލައިފި މީހަކަށް ސުވަރުގޭގެ ވަސްވެސް ނުލިބޭހުއްޓެވެ. އަދި ހަމަކަށަވަރުން ސުވަރުގޭގެ ވަސް (ސުވަރުގެއާ) ސާޅީސް އަހަރުގެ ދުރުން ދުވާނެއެވެ.] އޭގެ މާނައަކީ އެހިސާބަށްވެސް އެފަދަ މީހަކަށް ސުވަރުގެއާ ކައިރި ނުވެވޭނެއެވެ.

މިކަމުގައި އަޅުގަނޑުމެންގެ މި އުއްމަތުގެ ހެޔޮލަފާ ޞާލިޙުން އަޅުގަނޑުމެންނަށް ނަމޫނާ ދައްކަވާފައިވެއެވެ. މުސްލިމުންނާއި ތަތާރުންނާ ކުރެވުނު ހަނގުރާމައިގައި އަސީރުންގެ ގޮތުގައި ތަތާރުންގެ އަތްދަށުގައި ހައްޔަރުވި އަސީރުން މިނިވަން ކުރެއްވުމަށް ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވަޑައިގެންނެވިއެވެ. އެހިނދު ތަތާރުންގެ ލަޝްކަރުގެ ކޮމާންޑަރު ޝައިޚުލްއިސްލާމަށް ދެންނެވިއެވެ. ތިމަންމެންގެ އަސީރުންގެ ގޮތުގައި ތިބި މުސްލިމުން މިނިވަންކޮށްފާނަމެވެ. އެހެނެއްކަމަކު އަސީރުންގެ ގޮތުގައި ތިބި ޣައިރު މުސްލިމުން ދުލެއް ނުކުރާނަމެވެ. އެހިނދު ޝައިޚުލްއިސްލާމް ވިދާޅުވިއެވެ. ތިމަންމެންގެ މިއްލަތުގެ (އެބަހީ ދީނުގެ) އަހުލުވެރިންނަށް ވުރެ ކުރިން ޒިންމާގެ ދަށުގައިވާ މީހުން (އެބަހީ ނަޞާރާއިންނާއި ޔަހޫދީން) ދޫކުރާށެވެ.

އެހެންކަމުން އިސްލާމްދީނުގައި އިސްލާމީ ޤައުމެއްގައި ދިރިއުޅޭ ޣައިރު މުސްލިމުންނަކީ އެންމެ ފުރިހަމަ ޙިމާޔަތް ލިބިފައިވާ ބައެކެވެ.

މިއީ އިސްލާމްދީނުގައި މުސްލިމު ޤައުމުތަކުގައި އުޅޭ ބިދޭސީންނަކީ ފުރިހަމަ ޙިމާޔަތާއި ރައްކާތެރިކަން ލިބިގެންވާ ބައެއްކަމުގައި ވީނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރޭގައި މި ފެންނަނީ އަޅުގަނޑުމެންނަށް ބޭސްފަރުވާކުރުމަށް އަންނަ ޑޮކްޓަރުންނާއި ކިޔަވައިދޭން އަންނަ ޓީޗަރުން، އެމީހުންގެ މުދަލާއި ޖާނާމެދު ރައްކާތެރިކަން ނެތުމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމު ދޫކޮށް ދިޔުމަށް މަޖުބޫރުވެފައިވާ މަންޒަރެވެ. މިއީ މުޖުތަމަޢުގެ އިސްލާމީ އަޚްލާޤު ނެތި ދިޔުމުގެ ސަބަބުންނާއި ޒުވާނުން އިސްލާމްދީނުގެ ތަޢުލީމުތަކުން މަހުރޫމު ކުރެވިފައި ތިބުމާއި ޢަޤީދާ ބަލިކަށި ކުރެވިފައިވުމުގެ ނަތީޖާކަމާމެދު ޝައްކެއް ނެތެވެ.

މުސްލިމުންގެ ތެރޭގައި، އިސްލާމީ ދައުލަތެއްގައި، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، ޚިދުމަތުގައި ދިރިއުޅޭ ޣައިރު މުސްލިމުންނަށް ޙިމާޔަތާއި ޙައްޤުތަކެއް ދިނުމަށާއި، އަދި އެބައިމީހުންނަށް ގޯނާކުރުން އިސްލާމްދީނުގައި ވަރަށްބޮޑަށް ނަހީކުރައްވާފައިވާއިރު، އެފަދަ ޣައިރު މުސްލިމުންވެސް މުސްލިމުންގެ މައްޗަށް އަދާކުރަންޖެހޭ ޙައްޤުތަކާއި ވާޖިބުތަކެއް ވާކަން ކަށަވަރެވެ.

މިފަދަ މީހުން މުސްލިމު ޤައުމުތަކަށްއައިސް، މުސްލިމު ދައުލަތުގެ ދީނާއި މިނިވަންކަމަށް ނުރައްކާވާފަދަ ކަންތައް ހިންގަމުންދާނަމަ، އެބައިމީހުން ޤައުމުން ބޭރުކޮށްލުން، ނުވަތަ އެބައިމީހުންނަށް ޤައުމުގެ ޤާނޫނުތަކުގައިވާ އަދަބު ދިނުމަކީ ދައުލަތުގެ ވާޖިބެކެވެ. އިސްލާމްދީނުގެ ޤަދަރުކުޑަކޮށް، އެހެން ދީންތަކަށް ގޮވާލައި، އެހެން ދީންތައް މުސްލިމު ދައުލަތުގައި، ޚާއްޞަކޮށް ރާއްޖެފަދަ ހަމައެކަނި މުސްލިމުންނަށް މެނުވީ ރައްޔިތަކަށް ވުމުގެ ޙައްޤު ނެތް ދައުލަތްތަކުގައި، ފެތުރުމަށް މަސައްކަތްކުރާ މީހުންނަށް އޮތީ ދައުލަތުގެ ފަރާތުން ދައުލަތުގެ ޤާނޫނީ ހަމަތަކުގެ މަތިން އެބައިމީހުންނަށް ފިޔަވަޅު އެޅުމެވެ. އެކަމުގައި ދައުލަތް އިހުމާލުވާނަމަ ދައުލަތް ހަމަ މަގަށް އެޅުވުމަކީ ރައްޔިތުންގެ ތެރޭގައި ތިބި ހަމަބުއްދީގެ އަހުލުވެރިންގެ ޒިއްމާއެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި