ޖަބީރާ (ދަގަނޑުބޭސް) ނުވަތަ ބެންޑޭޖު ނުވަތަ މަލަންފަދަތަކެތީގެމަތީގައި ފެންފޮހުމަކީ ޝަރުޢުކުރެވިގެންވާ ކަމެކެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ ކިބައިންރިވާވެގެންވެއެވެ. އެކަލޭގެފަނު ވިދާޅުވިއެވެ. އަހުރެމެން ދަތުރެއްގައި ނިކުމެއްޖައީމުއެވެ. ފަހެއަހުރެމެންގެތެރެއިން މީހެއްގެބޮލުގައި ހިލަޔަކުންޖެހި އޭނާގެ ބޯޒަޚަމުވެއްޖެއެވެ. އަދި އެޙާލަތުގައި އޭނާއޮއްވައިއޭނާ އިޙުތިލާމުވެއްޖެއެވެ. ދެން އޭނާ، އޭނާގެ އެކުވެރިންނާ އޭނާއަށް ތަޔައްމުމުކުރުން ހުއްދަވާނެތޯ ސުވާލުކުރިއެވެ. ފަހެ އެމީހުން ބުނެފިއެވެ. ހުއްދައެއްނުވާނެއެވެ. އެހެނީ ފެންއިސްތިޢުމާލުކުރުމަށް ކަލޭކުޅަދާނަވެގެންވަމުއެވެ. ދެން އޭނާ ފެނުން ހިނައިގެންފިއެވެ. ފަހެ އެހިނދު އޭނާ ނިޔާވެއްޖެއެވެ. ދެންއަހުރެމެން ދަތުރުނިންމާފައި رسول الله صلّى الله عليه وسلّم ގެ އަރިހަށް އަތުވެއްޖައީމުއެވެ. ދެންއެކަލޭގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުން ޙަދީޘްފުޅުކުރެއްވިއެވެ. " އެބައިމީހުން އޭނާޤަތުލުކުރީއެވެ. الله تعالى އެބައިމީހުން ޤަތުލުކުރައްވާށިއެވެ! އެބައިމީހުންނަށް ނޭނގޭޙާލު އެބައިމީހުން ސުވާލުނުކުރީ ކީއްވެހެއްޔެވެ؟ ފަހެހަމަކަށަވަރުން ޖާހިލުކަމުގެ ޝިފާއަކީ ސުވާލުކުރުމެވެ. އޭނާ ތަޔައްމުމުކޮށް އެޒަޚަމުވީތަނުން ވެލިކޮޅުފޮޅައިލިނަމަ ނުވަތަ އެތާނގައި ފޮތިކޮޅެއްބަނދެފައި އެފޮތިކޮޅުމަތީ ފެންފޮހެލައިފައި ދެން ހަށިގަނޑުގެބާކީބަޔަށް ފެންއަޅައިލިނަމަ އެނާއަށް އެގޮތް ފުދުނީހެވެ." (رواه أبو داود وابن ماجه والدّارقطني)
ޖަބީރާމަތީ ފެންފޮހުމުގެ ޙުކުމް
ބިނދިފައިވާ ނުވަތަ ޒަޚަމުވެފައިވާ ގުނަވަން ދޮވުމުގެބަދަލުގައި ނުވަތަ ގުނަވަންމަތީ ފެންފޮހުމުގެ ބަދަލުގައި އެގުނަވަންމަތީ އަޅައިފައިވާ ޖަބީރާ ނުވަތަ ބެންޑޭޖު ނުވަތަ މަލަންފަދަތަކެތީގެ މަތީގައި ފެންފޮހުމަކީ ވާޖިބުވެގެންވާކަމެކެވެ.
ޖަބީރާމަތީ ފެންފޮހުން ވާޖިބުވެގެންވާ ޙާލަތު
ގުނަވަނެއް ބިނދިފައިވާމީހާ ނުވަތަ ގުނަވަނެއް ޒަޚަމުވެފައިވާމީހާ ވުޟޫކުރަން ނުވަތަ ހިނައިގަންނަން ބޭނުންވާހިނދު ފަހެ އެގުނަވަން ދޮވުން އޭނާގެމައްޗަށް ވާޖިބުވެގެންވެއެވެ. އެއީ ހޫނުފެނުން ކަމުގައިވިޔަސްމެއެވެ. ދެން ދޮވުމުން އިތުރަށް ގެއްލުންވެދާނެކަމަށް ނުވަތަ ވޭންއިތުރުވެދާނެކަމަށް ބިރުގެންފިނަމަ އެގުނަވަންމަތީ ފެންފޮހޭހުށިކަމެވެ. އަދި ފޮހުމުންވެސް އިތުރަށް ގެއްލުންވެދާނެކަމަށް ނުވަތަ ވޭންއިތުރުވެދާނެކަމަށް ބިރުގެންފިނަމަ އެގުނަވަންމަތީ ޖަބީރާ ނުވަތަ ބެންޑޭޖު ނުވަތަ މަލަންފަދައެއްޗެއް އަޅައި އެމަތީގައި ފެންފޮހޭހުށިކަމެވެ. ގުނަވަންމަތީ ޖަބީރާއަޅާއިރު ކުރިން ގުނަވަންދޮވުން އެއީ ޝަރުޠެއްނޫނެވެ. އަދި އޭގެމަތީ ފެންފޮހުމަށް ވަކިމުއްދަތެއްވެސް ކަނޑައެޅިފައެއްނުވެއެވެ. އަދިކިއެއްތަ! ޢުޛުރު ދެމިއޮތްހައިހިނދަކު ވުޟޫކުރުމުގައިވެސް އަދި ހިނައިގަތުމުގައިވެސް އޭގެމަތީ ފެންފޮހެވޭނެއެވެ.
ޖަބީރާމަތީ ފެންފޮހުން ބާޠިލުވާ ކަންތައްތައް
ގުނަވަނުން ޖަބީރާ ނައްޓައިލުމާއި، ނުވަތަ ގުނަވަން ފަސޭހަވެގެން ޖަބީރާ ވެއްޓުމާއި، ނުވަތަ ނުވެއްޓުނަސް ގުނަވަން ފަސޭހަވުމާއި، މިކަންކަމުން ޖަބީރާމަތީ ފެންފޮހުން ބާޠިލުވާނެއެވެ.
ނޯޓް: މިއީ ފަޟީލަތުއްޝައިޚް މުޙައްމަދު އިބްރާހީމް (ޅ. ނައިފަރު) ލިޔުއްވާފައިވާ ކިތާބުއްޠަހާރާއިން ނަގާފައިވާ ލިޔުމެކެވެ. މިފޮތް ނޫރުލްއިސްލާމް ލައިބްރަރީ އިން ހިލޭ ޑައުންލޯޑު ކުރެއްވޭނެއެވެ.
|