Noorul-islam.NET :: މުސްލިމުންނާމެދު ކުށް ހީނުކުރާށެވެ.
މުސްލިމުންނާމެދު ކުށް ހީނުކުރާށެވެ.
Category »  އެޑިޓޯރިއަލް

ތާރީޚް: 10 މާޗް 2014

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ﴿يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ ۖ﴾ (سورة الحجرات: 12) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ހީގެތެރެއިން ގިނަކަންތަކާ ދުރުވެގަންނާށެވެ! ހަމަކަށަވަރުން، ބައެއް ހީއަކީ ފާފައެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު އަނެއްބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމްވަންތަ ރަސްކަލާނގެއެވެ."

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. ﴿إِن يَتَّبِعُونَ إِلَّا الظَّنَّ ۖ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا (سورة النجم: 28) މާނައީ: "ހީއަކަށް މެނުވީ އެއުރެން ތަބާވާކަމުގައެއް ނުވެތެވެ. އަދި ހަމަކަށަވަރުން، ހީއަކީ ޙައްޤުގެ ބަދަލުގައި އެއްވެސްކަމެއް ފުއްދައިދޭނެ އެއްޗެއްނޫނެވެ."

ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ.  (إِيَّاكُمْ وَالظَّنَّ فَإِنَّ الظَّنَّ أَكْذَبُ الْحَدِيثِ ) (رواه البخاري) މާނައީ: "ތިޔަބައިމީހުން ހީތަކުން ދުރުހެލިވެގަންނާށެވެ. ފަހެ ހަމަކަށަވަރުން ހީ އަކީ އެންމެ ދޮގު ވާހަކައެވެ."

އިބްނު ސީރީން ރަޙިމަހުﷲ ވިދާޅުވިކަމަށް ރިވާވެގެންވެއެވެ. إِذَا بَلَغَكَ عَنْ أَخِيْكَ شَيْءٌ فَالْتَمِسْ لَهُ عُذْراً، فَإِنْ لَمْ تَجِدْ لَهُ عُذْراً فَقُلْ لَعَلَّ لَهُ عُذْراً މާނައީ: ތިބާއާ ހަމައަށް ތިބާގެ އަޚާއާއި ބެހޭގޮތުން ވާހަކައެއް ފޯރައިފިނަމަ، ތިބާއޭނާއަށްޓަކައި ޢުޛުރު ހޯދާށެވެ. ތިބާއަށް ޢުޛުރެއް ނުފެނިއްޖެނަމަ ފަހެ ތިބާ ބުނާށެވެ. ފަހަރެއްގައި އޭނާއަށް (ތިމަންނައަށް ނޭނގޭ) ޢުޛުރެއް އޮވެދާނެއެވެ.

އަދި ހަމަ މިފަދަ ގޮތަކަށް، ޖަޢުފަރު ބުނު މުޙައްމަދު ރަޙިމަހުﷲ ވިދާޅުވިކަމަށް އިމާމް އަލްބައިހަޤީ އެކަލޭގެފާނުގެ އައްޝުޢަބުގައި ރިވާކުރައްވާފައިވެއެވެ. "ތިބާއާ ހަމައަށް ތިބާގެ އަޚާއާއި ބެހޭގޮތުން ތިބާ ނުރުހޭފަދަ ވާހަކައެއް ފޯރައިފި ނަމަ، ތިބާއޭނާއަށްޓަކައި، އެއް ޢުޛުރުން ފެށިގެން ހަތްދިހަ ޢުޛުރާ ހަމައަށް ޢުޛުރު ހޯދާށެވެ. އޭރުން ޢުޛުރު ހޯދުމުގެ ސަބަބުން ތިބާއަށް އެއަޚާއަށް ޢުޛުރު ހޯދުމުގައި ރަނގަޅު ޢުޛުރު ހޯދިދާނެއެވެ. އެހެން ނޫންނަމަ، ތިބާ ބުނާށެވެ! ފަހަރެއްގައި ތިމަންނައަށް ނޭނގޭ ޢުޛުރެއް އޭނާއަށް އޮވެދާނެއެވެ."

މި މާނައިގައި ވާރިދުވެގެންވާ އިހާއި ފަހުގެ ޢިލްމުވެރިންގެ ބަސްތައް ގިނަވެގެން ވެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި އެކަކު އަނެކަކާމެދު ހެޔޮކޮށް ދެކޭ މީހުން ވަރަށްވެސް މަދެވެ. އެއީ އިސްލާމްދީނަށާއި ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތަށް ތަބާވެވޭތޯ މަސައްކަތްކުރާ މީހެއް ކަމުގައިވިޔަސް ވެސްމެއެވެ. އެއީ ވެރިންނާއި، ރައްޔިތުންމެއެވެ. މުދައްރިސުންނާއި ދަރިވަރުން މެއެވެ. ﷲ ރަޙްމަތް ލެއްވި މަދު ބަޔަކު މެނުވީ މި އިޖުތިމާޢީ ބަލީގެ ޝިކާރައަކަށް ވަނީ ވެފައެވެ.

ގޭ ފާރު ކައިރިން މީހަކު ހިނގާފައި ދާތަން ފެނިއްޖެނަމަ ހިތަށް އަރަނީ، އޭނާ މިގެއިން އެއްޗެއް ވަގަށް ނެގުމުގެ ދަހިވެތިކަމުގައި ކަމަށެވެ. ފުޅަށްބުޑުން ދަންޏާ ހަސަނަށް ހީވާނީ ކެޔޮގަނޑު ކަނޑާލާނެ ހެންނޭ ބުނެވޭ ބީދައިންނެވެ. ނުވަތަ މިގޭ މީހުން ދައްކާ ވާހަކައެއް އަޑުއެހުމުގެ ނިޔަތުގައި އެހެން ދަނީއޭއެވެ. ދެމީހަކު ދުރުގައި ވާހަކައެއް ދައްކާނަމަ، ހިތަށް އަރަނީ އެދެމީހުން އެދައްކަނީ މަގޭ ނުބައި ވާހަކައޭ އެވެ. ނިކަމެތި މީހަކު މަގުންދަމުން ބަލާލާފައި ހީލައިފިނަމަ، މުއްސަނދި މީހާގެ ހިތަށް އަރަނީ، އޭނާ އެހީލީ އަހަރެންގެ އަތުން އެހީއަކަށް އެދެން ޖެހިދާނެތީއެވެ. ފިރިމީހާ ގެއަށް އައުމުން އަނބިމީހާ ހީލައިފިނަމަ ފިރިމީހާގެ ހިތަށް އަރަނީ، ކޮންމެވެސް ކަންތައްގަނޑެއް ސިއްރުކުރަން އަހަރެންނަށް އޮޅުވާލަނީއެވެ. ފިރިމީހާ ހިނިތުންވެފައި ގެއަށް އައިސް ވަދެއްޖެނަމަ އަނބިމީހާ ހިތަށް އަރަނީ، އެވާނީ ހިލޭ އަންހެނަކާއެކު އޭނާ ހިންގާ ކަންތައްގަނޑެއް އަހަންނަށް ސިއްރުކުރަނީ ކަމަށޭއެވެ. ދަރިވަރުން މާބަސްއަހައިގެން ތިބެއްޖެނަމަ ޓީޗަރަށް ވިސްނެނީ ދަރިވަރުން ކޮންމެވެސް ގޯހެއް ހިނގަނީ ކަމަށެވެ. ޓީޗަރު ދަރިވަރުންނާއި މާ އޯގާތެރިކޮށް މުޢާމަލާތްކޮށްފިނަމަ ދަރިވަރުންނަށް ވިސްނެނީ، އޭނާ މިހާރު އެއުޅެނީ އަހަރެމެން ހައްދާލަންވެގެންނޭއެވެ. ރައްޔިތުމީހާއާއެކު ތަންކޮޅެއް އާދައިގެ ގޮތަކަށް ވެރިން އުޅެން ފަށައިފިނަމަ ވިސްނެނީ، އެއީ އޭނާ ކެމްޕޭނަށް ކުރާ ކަމެއް ކަމަށެވެ. ރައްޔިތުން ވެރިންނާއެކު މަޑުމަޑުން އުޅެން ފަށައިފިނަމަ، ވެރިންނަށް ހީވަނީ މަގޭ ވެރިކަން ނިގުޅައިގަންނަން މިމީހުން އުޅެނީ ކަމަށެވެ.

ތުނބުޅި ލާފައި ހުރި މީހަކު ފެނިއްޖެނަމަ، "ފެޝަން" މީހާގެ ހިތަށް އަރައެވެ. އެއީ ޓެރަރިސްޓެކެވެ. ސުއްނަތަށް އުޅުމަށް މަސައްކަތްކުރާ މީހާގެ ހިތަށް އަރައެވެ. އެއީ، ތަބުލީޣީއެއް ބާވައެވެ. ސުޕަސަލަފީއެއް ބާވައެވެ. ނުވަތަ ޑޮޓެއް ބާވައެވެ. ނުވަތަ އަދާލަތު މީހެއް ބާވައެވެ. ސަލަފު މީހެއް ބާވައެވެ. ނުވަތަ .....

މިއީ ހިތާމައިގެ ކޮޅުނެތްކޮޅަށް ހިތާމަކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެން މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އިތުބާރާއި އެއްބައިވަންތަކަމާއި އުޚުއްވަތްތެރިކަމުގެ ގުޅުން މިއަދު މިވަނީ ނެތިގެން ގޮސްފައެވެ. އެކަކު އަނެކާއާމެދު ހިތް ނުބައިކޮށް، ނުބައި ހީތަށް ކުރުމުގެ ސަބަބުން، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމެއް ނެތެވެ. އެއްބައިވަންތަކަމެއް ނެތެވެ.

އަޅުގަނޑުމެންގެ ތެރޭގައި އުޅޭ ބައެއް އަޚުންނާއި އުޚްތުން، އަޅުގަނޑުމެންގެ ތެރެއިން މީހަކު ޚިޔާލު ތަފާތު ވެއްޖެ ހިނދެއްގައި އޭނާ އެޚިޔާލު ތަފާތުވީ ކީއްވެތޯ ސުވާލުކުރުމަކާއި ނުލައި، ޖަޖްމަންޓް ދެއެވެ. ހުކުމް ކޮށްލައެވެ. "ޔަޤީނެވެ. އޭނާ ވިކުނީއެވެ. ދުނިޔޭގެ ދަހިވެތިކަމުގައި ދިޔައީއެވެ. ދީނާއި އާޚިރަތް ވިއްކާލީއެވެ." މިގޮތަށް ބުނެވޭ މީހުންވެސް މަދެކޭ ނުބުނެވޭނެއެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މިއީ މިއަދު އަޅުގަނޑުމެން ވިސްނަން ޖެހިފައިވާ ބޮޑު މައްސަލައެކެވެ. އެހެނީ ޝިރުކާއި އަދި އެންމެހާ ނުބައި ކަންތައްތަކުން ސަލާމަތްވެގެންވާ ހިތެއްގެ އަހުލުވެރިއަކަށްމެނުވީ މާދަމާ ޤިޔާމަތްދުވަހުން ސަލާމަތްކަމެއް ނުވެއެވެ. ﷲ ވަޙީ ކުރައްވާފައިވަނީ ﴿يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ * إِلَّا مَنْ أَتَى اللَّـهَ بِقَلْبٍ سَلِيمٍ﴾ (سورة الشعراء:88-89) މާނައީ: އެދުވަހަކީ، "މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން ﷲ ގެ ޙަޟްރަތަށް އައިމީހަކަށް މެނުވީއެވެ."

މުސްލިމުންނާމެދު ހެޔޮކޮށް ހީކުރުމަށް އެހީތެރިވެދޭނެ 6 ކަމެއް މިތަނުގައި ބަޔާން ކޮށްލާނަމެވެ. އެއީ އޭގެ ސަބަބުން އަޅުގަނޑާއި، ތިޔަ ލޮބުވެތި އަޚުންނާއި އުޚްތުންނަށް މުސްލިމުންނާމެދު ހެޔޮކޮށް ހީކުރުމަށް އެހީތެރިވުމަށެވެ.

1.     އެންމެ ފުރަތަމަ ކަމަކީ ދުޢާކުރުމެވެ. މުސްލިމުންނާމެދު ހިތްހެޔޮކޮށްގެން ދިރިއުޅުން ވޭތި ކުރުމުގެ ތައުފީޤަށް އެދި ﷲއަށް ދުޢާކުރާށެވެ.

2.      އަނެކާ ހުރި މަޤާމުގައި ތިބާ ހުރިނަމަ، ތިބާއާއި މެދު މީހުން ދެކުމަށް ތިބާ އެދޭ ގޮތަށް ބަލައި، އެގޮތަށް އޭނާއާއިމެދު ދެކޭށެވެ. މިސާލަކަށް ފާރުބުޑުން ހިނގާފައިދާ މީހަކީ ތިބާކަމުގައި ބަލާށެވެ. އަދި ގޭގެ ވެރިޔާއަކީ އެހެން މީހެއް ކަމުގައި ބަލާށެވެ. އަދި މިޙާލަތުގައި ގޭގެވެރިމީހާ ތިބާއާއިމެދު ހީކުރަން ތިބާއެދެނީ ކޮންގޮތަކަށްތޯ ވިސްނާށެވެ.

3.      މުސްލިމު އަޚާ، ނުވަތަ އުޚްތާގެ ކިބައިން ފެންނަ ކަމެއް އެއީ ރަނގަޅު ކަމެއް ކަމުގައި ބެލޭނެ ކުޑަވެސް ޖާގައެއް އޮތްނަމަ، އެގޮތަކަށް ބަލާށެވެ.

އިމާމް ޝާފިޢީ ރަޙިމަހުﷲ އަށް ޖެހިވަޑައިގެންނެވި ބައްޔެއްގައި އެކަލޭގެފާނަށް ޒިޔާރަތްކުރި މީހަކު ދެންނެވިއެވެ. ކަލޭގެފާނުގެ ބަލި ﷲ ރަނގަޅުކޮށްދެއްވައި ގަދަކަން ދެއްވާށިއެވެ. އެހިނދު ވިދާޅުވިއެވެ. އެގޮތަށް ކަންތައް ވެއްޖެނަމަ އަހަރެން ޤަތުލުވެދާނެއެވެ. އޭނާ ދެންނެވިއެވެ. ﷲ ގަންދީ ވިދާޅުވަމެވެ. ހެވެއް މެނުވީ އަޅުގަނޑު ނޭދެމެވެ. އެހިނދު އިމާމް ޝާފިޢީ ވިދާޅުވިއެވެ. ކަލޭ ތިމަންކަލޭގެފާނަށް ނެތިނުބައި ގޮވިނަމަވެސް ތިބާ އެދެނީ ނުބައެއް ކަމުގައި ނުވީހެވެ.  

4.      ތިބާއަށް ހިތާމައެއް ނުވަތަ ހިތްދަތިކަމެއް ގެނެސްދޭފަދަ ކަމެއް މުސްލިމެއްގެ ކިބައިން އިވިއްޖެނަމަ، އެފަދަ މުސްލިމު އަޚުންނާއި އުޚްތުންނަށް ޢުޛުރު ހޯދާށެވެ.

5.      މީސްތަކުންގެ ނިޔަތާއިމެދު ޙުކުމް ކުރުމުން ދުރުހެލިވެގަންނާށެވެ.

6.      މީސްތަކުންނާމެދު ނުބައިކޮށް ހީކުރުމުން، އެއިން ނިކުމެދާނެ ނުބައި ނަތީޖާއަކާމެދު ވިސްނައި ފިކުރު ކުރުން.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި