Noorul-islam.NET :: ކަށުނަމާދުގެ ދުޢާތަކާއި މައްޔިތާއަށްޓަކައި ކުރުން ސުއްނަތް ދުޢާތައް

ކަށުނަމާދުގެ ދުޢާތަކާއި މައްޔިތާއަށްޓަކައި ކުރުން ސުއްނަތް ދުޢާތައް
Category »  ފިޤްހު

ތާރީޚް: 22 ސެޕްޓެމްބަރ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

1- މުސްލިމަކު މަރުވެއްޖެނަމަ އެމީހާގެ ކަށުކަމާކެމީގެ ކަންތަކުގައި ބައިވެރިވެ އުޅުމަކީ އެއްމުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށްވާ ޙައްޤުތަކުގެ ތެރެއިން އެއް ޙައްޤެވެ.[1] އަދި އެމީހާގެ މައްޗަށް ނަމާދުކޮށް ދުޢާކުރުމީ އެދިވެގެންވާ ކަމެކެވެ. އަދި މަރަށް ޙާޟިރުވެފައި އޮތް މީހަކަށް ޒިޔާރަތްކޮށްފިނަމަ އޭނާއަށްޓަކާ ހެއުދުޢާކުރުމީ ވެސް ސުއްނަތެކެވެ. މާތްﷲ ރުއްސުންލެއްވި އުއްމުލްމުއުމިނީނަ އުއްމު ސަލަމާގެ ކިބައިން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ. ތިޔައިންމީހަކު ބަލިމީހެއްގެ ގާތަށް އަތުވެއްޖެނަމަ އެމީހާއަށްޓަކާ ހެއުދުޢާކުރާށެވެ. މިހެނީ ތިޔަބައިމީހުންގެ ދުޢާ ޤަބޫލުކުރެއްވުން އެދި މަލާއިކަތުން އާމީން ވިދާޅުވެއެވެ.[2]

 

2- މީހާ މަރުބަލީގައި އޮވެ މަރަށް ޙާޟިރުވާ ވަގުތު ޝަހާދަތް ލައިދިނުމީ ސުއްނަތް ވެގެންވާ ކަމެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދުރީގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރެއްވިއެވެ. ތިޔަބައިމީހުން ތިޔަބައިމީހުންގެ ތެރެއިން މަރަށް ޙާޟިރުވެފައިތިބޭ މީހުންނަށް ޝަހާދަތް ލައިދޭށެވެ.[3] އެއީ:

أَشْهَدُ أَن لاَّ إِلَهَ إِلاَّ اللَّهُ وَأَشْهَدُ أَنَّ مُحَمَّدًا رَّسُولُ اللَّهِ .

މާނައީ: ﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އަދި ހަމަކަށަވަރުން މުޙައްމަދުގެފާނީ ﷲގެ ރަސޫލާކަމަށް އަޅު ހެކިވަމެވެ.

 

3- މުސްލިމަކު މަރުވި ޚަބަރު ލިބުމުން އެކަމާ ދެރަވެ، ތިމާގެ މަރު ހަނދާކޮށް، އެމީހާއަށްޓަކާ ދުޢާކުރުމީ ސުއްނަތްވެގެންވާ ކަމެކެވެ. އެދުޢާގައި ކިޔުން ސުއްނަތްވެގެންވަނީ إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ މިފަދައިންނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘު ކުރައްވާފައި ވެއެވެ. ތިޔައިން މީހަކަށް މުޞީބަތެއް ދިމާވުމުން މިފަދައިން ދަންނަވާށެވެ.[4] އެދުޢާއަކީ:

إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ اَللَّهُمَّ عِنْدَكَ أَحْتَسِبُ مُصِيبَتِي فَآجِرْنِي فِيهَا وَأَبْدِلْ لِي بِهَا خَيْرًا مِنْهَا

މާނައީ: އަޅަމެން މިލްކުވެ ވޮޑިގެންވަނީ ﷲ އަށެވެ. އަދި އަޅަމެން އެނބުރިދިއުން އޮތީ އެއިލާހުގެ ޙަޟުރަތަށެވެ. އޭﷲ! ތިޔައިލާހުގެ ޙަޟުރަތުން އަޅުގެ މުޞީބަތުގެ ބަދަލުގައި ދަރުމައަށް އެދެމެވެ. ފަހެ އޭގެ ބަދަލުގައި އަޅަށް ހެއުޖަޒާ ދެއްވާނދޭވެ. އަދި އެމުޞީބާތުގެ ބަދަލުގައި އެއަށްވުރެ ހެއުގޮތް ދައްކަވާނދޭޥެ.

 

4- މުސްލިމަކު މަރުވުމުން އެމީހާގެ މައްޗަށް ނަމާދު ކުރުމާއި އެމީހާ ވަޅުލުމުގައި ބައިވެރިވުމަކީ ވަރަށް ގިނަ ދަރުމައާއި ސަވާބު ލިބެނިވި ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައިވެއެވެ. "މީހަކު ޖަނާޒާއަކާ އެކީ ނިކުމެގެން ގޮސް އެމީހާގެ މައްޗަށް ނަމާދުކޮށްފިނަމަ އެމީހަކަށްޓަކާ ބޮޑުވެގެންވާ ދަރުމައެއް ހުއްޓެވެ. އަދި އޭނާ ވަޅުލައި ނިމެންދެން އެތާނގައި މަޑުކޮށްމީހާއަށްޓަކާ އެފަދަ ދެދަރުމަ ހުއްޓެވެ. އަދި މިއިން ކޮންމެ ދަރުމައެއް އުޙުދު ފަރުބަދައާ އެއްވަރު ވެގެން ވެއެވެ.[5]

 

5- ޖުމްހޫރު ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ކަށުނަމާދުގައި އޮންނަނީ ހަށަންބަން ތަކްބީރާއެކު ހަތަރު ތަކުބީރެވެ. މިގޮތަށް ހަތަރު ތަކްބީރު ކިއުއްވާފައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ކަށުނަމާދު ކުރެއްވިކަމުގައި އެތަކެއް ޞައްޙަ ރިވާޔަތެއްގައި އައިސްފައިވެއެވެ. ނަމާދުކުރާނެގޮތަކީ، ފުރަތަމަ ތަކްބީރު ކިޔާފައި ސޫރަތުލް ފާތިޙާ ކިޔަވާނީއެވެ. ދެވަނަ ތަކްބީރަށްފަހު ކީރިތި ރަސޫލާގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. ތިންވަނަ ތަކްބީރަށްފަހު މައްޔިތާގެ މައްޗަށް ދުޢާ ކުރާނީއެވެ. ހަތަރުވަނަ ތަކްބީރަށްފަހު ދުޢާކުރުމަށް ފަހު ސަލާމް ދޭނީއެވެ.

ސަލާމް ދިނުމާމެދު އިމާމް ޝާފިޢީ ސަޢީދު އިބްނު މުސައްޔިބުގެ އަރިހުން ރިވާކުރައްވަނީ އެއްސަލާމްކަމުގައެވެ. އަދި އެކަލޭގެފާނު ވިދާޅުވަނީ ދެސަލާމް ދިންކަމުގައި ވިއަސް މައްސަލައެއް ނެތްކަމުގައެވެ. ފުރަތަމަ ސަލާމް ފަރުޟެއްގެ ގޮތުގައެވެ. ދެވަނަ ސަލާމް ޛިކުރެއްގެ ގޮތުގައެވެ. އެހެނިހެން ޢާއްމު ނަމާދުތަކެކޭވެސް އެއްފަދައިންނެވެ. ތަކްބީރުތަކާއި ސަލާމް ދިނުން ސުއްނަތް ވެގެންވަނީ އަޑު ހަރުކޮންނެވެ. ދުޢާތަކާއި ފާތިޙަތު ސޫރަތް ކިޔެވުން އޮންނަނީ ސިއްރުންނެވެ.[6] ތިންވަނަ ތަކްބީރުގައި މައްޔިތާގެ މައްޗަށް ދުޢާކުރުމުގައި ވަކި ޚާއްޞަ ދުޢާއެއްނޯވެއެވެ. ބޭނުމަކީ މައްޔިތާގެ މައްޗަށް ހެއުދުޢާ ކުރުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘުކުރައްވާފައި ވެއެވެ. ތިޔަބައިމީހުން މައްޔިތާގެ މައްޗަށް ނަމާދު ކުރާއިރު އޭނާއަށްޓަކައި އިޚްލާޞްތެރިކަމާއި އެކު ހެވަށް އެދިތިބެ ދުޢާކުރާށެވެ.[7] ދުޢާކުރުމުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ބައެއް ސުއްނަތް ދުޢާތައް ވާރިދުވެފައި ވެއެވެ. އޭއީ:

(ހ) اَللَّهُمَّ أَنْتَ رَبُّهَا وَأَنْتَ خَلَقْتَهَا وَأَنْتَ هَدَيْتَهَا لِلْإِسْلاَمِ وَأَنْتَ قَبَضْتَ رُوحَهَا وَأَنْتَ أَعْلَمُ بِسِرِّهَا وَعَلاَنِيَتِهَا جِئْنَاكَ شُفَعَاءَ فَاغْفِرْ لَهُ[8]

މާނައީ: އޭﷲ! ތިޔައީ އޭނާގެ ވެރި ރަސްކަލާނގެއެވެ. އޭނާ އުފެއްދެވީ ތިޔައިލާހެވެ. އަދި އޭނާއަށް އިސްލާމް ދީނުގެ ހިދާޔަތުން ހިދާޔަތު ދެއްވީ ވެސް ތިޔައިލާހެވެ. އޭނާގެ ފުރާނަ ހިއްޕެވީވެސް ތިޔައިލާހުގެ އަމުރުފުޅަށެވެ. އޭނާއާބެހޭ ހުރިހާ ކަމެއްގެ ސިއްރާއި ފާޅު ދެކެދެނެވޮޑިގެންވަނީ ހަމަ ތިޔައިލާހެވެ. އަޅަމެން ތިޔައިލާހުގެ ދަރުބާރަށް މިއައީ އޭނާއަށް ޝިފާޢަތްތެރިވެ، އިތުރުކޮށް ދެއްވުން އެދި ދެންނެވުމަށެވެ. ފަހެ އޭނާގެ ފާފަ ފުއްސަވާނދޭވެ.

 

(ށ) اَللَّهُمَّ اغْفِرْ لِحَيِّنَا وَمَيِّتِنَا وَشَاهِدِنَا وَغَائِبِنَا وَصَغِيرِنَا وَكَبِيرِنَا وَذَكَرِنَا وَأُنْثَانَا اَللَّهُمَّ مَنْ أَحْيَيْتَهُ مِنَّا فَأَحْيِهِ عَلَى اْلإِسْلاَمِ وَمَنْ تَوَفَّيْتَهُ مِنَّا فَتَوَفَّهُ عَلَى اْلإِيمَانِ اَللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تُضِلَّنَا بَعْدَهُ[9]

މާނައީ: އޭﷲ! އަޅަމެންގެ ތެރެއިން ދިރިތިބި މީހުންނާއި މަރުވެފައިތިބި މީހުންނާއި ޙާޟިރުވެތިބި މީހުންނާއި ޙާޟިރުވެ ނެތް މީހުންނާއި ކުޑަކުދިންނާއި ބޮޑެތި މީހުންނާއި ފިރިހެނުންނާއި އަންހެނުންގެ ފާފަ ފުއްސަވާނދޭވެ. އޭﷲ! އަޅަމެންގެ ތެރެއިން ތިޔައިލާހު ދިރިބެއިތިއްބި މީހުން އިސްލާމް މަތީ ދިރިލަހައްޓަވާނދޭވެ. އަދި އަޅަމެންގެ ތެރެއިން ތިޔައިލާހު މަރުގަންނަވާމީހުން އީމާންކަންމަތީ މަރުގަންނަވާނދޭވެ. އޭﷲ! އޭނާއަށް (އެބަހީ މައްޔިތާއަށް) ދެއްވާ އުޖޫރައިން އަޅަމެން މަޙްރޫމު ނުކުރައްވާނދޭވެ. އަދި އޭނާ އަޅާމެނާ ވަކިވުމަށްފަހު އަޅަމެން މަގުނުފަރައްދަވާނދޭވެ.

 

(ނ) ތިރީގައިމިވާ ދުޢާއަކީ އިމާމް ޝާފިޢީ އަލްއުއްމުގައި ވިދާޅުވެފައިވާ ދުޢާއެކެވެ. މިދުޢާގެ ބައެއް، އިމާމު މާލިކު މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާކުރައްވާފައި ވެއެވެ. އެއީ:

اَللَّهُمَّ إِنَّهُ عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ كَانَ يَشْهَدُ أَن لاَّ إلَهَ إلاَّ أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ وَأَنْتَ أَعْلَمُ بِهِ اَللَّهُمَّ إنْ كَانَ مُحْسِنًا فَزِدْ فِي إحْسَانِهِ وَارْفَعْ دَرَجَتَهُ وَقِهِ عَذَابَ الْقَبْرِ وَكُلَّ هَوْلٍ يَوْمَ الْقِيَامَةِ وَابْعَثْهُ مِنَ اْلآمِنِينَ وَإِنْ كَانَ مُسِيئًا فَتَجَاوَزْ عَنْ سَيِّئَاتِهِ وَبَلِّغْهُ بِمَغْفِرَتِكَ وَطَوْلِكَ دَرَجَاتِ الْمُحْسِنِينَ اَللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتِنَّا بَعْدَهُ اَللَّهُمَّ فَارَقَ مَنْ كَانَ يُحِبُّ مِنْ سَعَةِ الدُّنْيَا، وَاْلأَهْلِ وَغَيْرِهِمْ إلَى ظُلْمَةِ الْقَبْرِ وَضِيقِهِ، وَانْقَطَعَ عَمَلُهُ، وَقَدْ جِئْنَاك شُفَعَاءَ لَهُ وَرَجَوْنَا لَهُ رَحْمَتَكَ، وَأَنْتَ أَرْأَفُ بِهِ اَللَّهُمَّ ارْحَمْهُ بِفَضْلِ رَحْمَتِكَ فَإِنَّهُ فَقِيرٌ إلَى رَحْمَتِكَ وَأَنْتَ غَنِيٌّ عَنْ عَذَابِهِ[10]

މާނައީ: އޭﷲ! އެއީ ތިޔައިލާހުގެ އަޅެކެވެ. ތިޔައިލާހުގެ އަޅެއްގެ ދަރިއެކެވެ. އަޅުއަންހެނެއްގެ ދަރިއެއްމެއެވެ. ތިޔައިލާހު ފިޔަވައި ޙައްޤު އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނަކީ ތިޔައިލާހުގެ އަޅާކަމަށާއި ރަސޫލާ ކަމަށް އޭނާ ހެކިވާކަން އަޅަމެން ދެނެތިބީމެވެ. ތިޔައިލާހު މިކަން މޮޅަށް ދެނެވޮޑިގެން ވަމުއެވެ. އޭﷲ! އޭނާއަކީ ތިޔައިލާހުގެ ޙަޟުރަތުގައި ޤަބޫލުކުރަނިވި ހެއުޢަމަލު ކޮށްފައިހުރި މީހެއްކަމުގައި ވާނަމަ އޭނާއަށް އެކަމުގެ ދަރުމަ އިތުރުކޮށް ދެއްވާނދޭވެ. އަދި އޭނާގެ ދަރަޖަ އުފުއްލަވާނދޭވެ. އަދި ކަށްވަޅުގެ ޢަޛާބުންނާއި ބަރުޒަޚުގެ އެންމެހާ ބިރުވެރިކަމަކުން އޭނާ މިންޖުކުރައްވާނދޭވެ. އަދި އަމަންއަމާންކަން ލިބިގެންވާ މީހުންގެ ތެރޭގައި އޭނާ ފޮނުއްވާނދޭވެ. އަދި އޭނާއަކީ ނުބައި ޢަމަލުގެ ވެރިއެއްކަމުގައިވާނަމަ އޭނާގެ ފާފަތައް އޭނާގެ ކިބައިން ދުރުކުރައްވައި، ތިޔައިލާހުގެ މަޣުފިރަތުގެ ގޮވައްޗަށް އޭނާ ފޮނުއްވާނދޭވެ. އަދި ހެއުޢަމަލުކުރި ޢަޅުންގެ ތެރެއިން ލައްވައި އޭނާއަށް މަތިވެރި ދަރަޖަ ދެއްވާނދޭވެ. އޭﷲ! އޭނާއަށް ދަރުމަކުރައްވާ ސަވާބުން އަޅަމެން މަޙްރޫމު ނުކުރައްވާނދޭވެ. އަދި އޭނާއަށް ފަހު އަޅަމެން މަގުނުފަރައްދަވާނދޭވެ. އޭﷲ! އޭނާއެވަނީ ދުނިޔޭގައި އޭނާ ލޯބިކުޅަ ތަކެއްޗާއި މީހުނާއި އަހުލުވެރިން ދޫކޮށްގޮސް ކަށްވަޅުގެ އުނދަގުލާއި އަނދިރީގައެވެ. އޭނާގެ ޢަމަލާއި އޭނާއާ ވަކިވެއްޖެއެވެ. އަޅަމެން މިއައީ އޭނާއަށް ތިޔައިލާހުގެ ރަޙްމަތް އިތުރުކުރެއްވުން އެދި ދެންނެވުމަށެވެ. އަޅަމެން ތިޔައިލާހުގެ ޙަޟުރަތުން އުއްމީދުކުރަނީ އޭނާއަށް ރަޙްމަތް ލެއްވުމަށެވެ. ތިޔައީ އޭނާއަށް އެންމެ އޯގާވެވޮޑިގެންނަވާނެ ފަރާތެވެ. އޭﷲ! ތިޔައިލާހުގެ ރަޙްމަތުގެ ވާރޭ އޭނާއަށް ވެއްސަވާނދޭވެ. އޭނާވަނީ ތިޔައިލާހުގެ ރަޙްމަތަށް އިންތިހާއަށް ބޭނުންޖެހިފައެވެ. އޭނާގެ ފާފައަށް އޭނާއަށް އަޒާބުދެއްވުމުން ތިޔައިލާހުގެ ޒާތުފުޅަށް ލިބިވޮޑިގަންނަވާނެ އިތުރުވުމެއްނެތެވެ. ތިޔަ އިލާހު އެފަދަ ކަމަކަށް ބޭނުންވެ ވޮޑިގެނެއްވެސް ނުވަމުއެވެ.

 

(ރ) اَللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنْ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ اْلأَبْيَضَ مِنْ الدَّنَسِ وَأَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلاً خَيْرًا مِنْ أَهْلِهِ وَزَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذْهُ مِنْ عَذَابِ الْقَبْرِ وَمِنْ عَذَابِ النَّارِ[11]

މާނައީ: އޭﷲ! އޭނާގެ ފާފަ ފުއްސަވައި، ޢާފިޔަތު ދެއްވައި ކުށްތައް މާފުކުރައްވާނދޭވެ. އޭނާއަށް ރަޙްމަތު ގޮވައްޗެއް ދެއްވައި އޭނާގެ ކަށްވަޅު ތަނަވަސް ކުރައްވާނދޭވެ. އަދި އޭނާ ފެނުންނާއި ގަނޑުފެނުންނާއި ފިނިފެނުން ދޮވެ ފާފަތަކުން ސާފުކުރައްވާނދޭވެ. ހުދުހެދުން މިލައާއި ހަޑިތަކެތިން ދޮވެސާފުވެވޭ ފަދައިން އޭނާގެ ފާފަު ފުއްސަވައި ތާހިރުކުރައްވާނދޭވެ. އޭނާގެ ގެއަށް ވުރެ ރަނގަޅު ގެއެއް އޭނާއަށް މިންވަރުކުރައްވައި، އޭނާގެ އަހުލުވެރިންނަށް ވުރެން އޭނާއަށް ދައްކަވާނދޭވެ. އަދި އޭނާގެ ބައިވެރިޔާއަށް ވުރެން ރަނގަޅު ބައިވެރިއަކު ތިޔައިލާހުގެ ޙަޟުރަތުން އޭނާއަށް ދެއްވާނދޭވެ. އަދި އޭނާއަށް ސުވަރުގޭގެ ނިޢުމަތް ދެއްވައި ކަށްވަޅާއި ނަރަކައިގެ ޢަޛާބުން މިންޖުކުރައްވާނދޭވެ.

 

    (ބ) އަދިވެސް އިމާމް ޝާފިޢީގެ ކިބައިން އިމާމު މުޒުނީ ބަޔާންކުރައްވާފައިވާ ކަމަށް، އިމާމު ނަވަވީ އަލްމަޖްމޫޢުގައި ލިއުއްވާފައިވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވަނީ މިއީ ޙަދީޘުތަކުގައި ވާރިދުވެފައިވާ ތަފާތު ރިވާޔަތްތައް އެއްކުރައްވައިގެން އިމާމު ޝާފިޢީ އެކުލަވާލެއްވި ދުޢާއެއްކަމުގައެވެ. އެދުޢާއަކީ:

اَللَّهُمَّ هَذَا عَبْدُكَ وَابْنُ عَبْدِكَ خَرَجَ مِنْ رَوْحِ الدُّنْيَا وَسَعَتِهَا وَمَحْبُوبِهَا وَأَحِبَّائِهَا فِيهَا إِلَى ظُلْمَةِ الْقَبْرِ وَمَا هُوَ لاَقِيهِ كَانَ يَشْهَدُ أَنْ لاَ إلَهَ إلاَّ أَنْتَ وَأَنَّ مُحَمَّدًا عَبْدُكَ وَرَسُولُكَ اَللَّهُمَّ نَزَلَ بِكَ وَأَنْتَ خَيْرَ مَنْزُولٍ بِهِ وَأَصْبَحَ فَقِيرًا إِلِى رَحْمَتِكَ وَأَنْتَ غَنِيٌّ عَنْ عَذَابِهِ وَقَدْ جِئْنَاكَ رَاغِبِينَ إِلَيْكَ شُفَعَاءَ لَهُ اَللَّهُمَّ إنْ كَانَ مُحْسِنًا فَزِدْ فِي إحْسَانِهِ وَإِنْ كَانَ مُسِيئًا فَتَجَاوَزْ عَنْ سَيِّئَاتِهِ وَلَقِّهِ بِرَحْمَتِكَ رِضَاكَ وَقِهِ فِتْنَةَ الْقَبْرِ وَعَذَابِهِ وَافْسِحْ لَهُ فِي قِبْرِهِ وَجَافِ اْلأَرْضَ عَنْ جَنْبَيْهِ وَلَقِّهِ بِرَحْمَتِكَ اْلأَمْنَ مِنْ عَذَابِكَ حَتَّى تَبْعَثَهُ إِلَى جَنَّتِكَ يَا أَرْحَمَ الرَّاحِمِينَ[12]

މާނައީ: އޭﷲ! މިއީ ތިޔައިލާހުގެ އަޅެކެވެ. ތިޔައިލާހުގެ އަޅެއްގެ ދަރިއެކެވެ. އޭނާއެވަނީ ދުނިޔޭގައި އޭނާ ލޯބިކުޅަ ތަކެއްޗާއި މީހުނާއި އަހުލުވެރިން ދޫކޮށްގޮސް ކަށްވަޅުގެ އުނދަގުލާއި އަނދިރީގައެވެ. ތިޔައިލާހު ފިޔަވައި ޙައްޤު އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނަކީ ތިޔައިލާހުގެ އަޅާކަމަށާއި ރަސޫލާ ކަމަށް އޭނާ ހެކިވާކަން އަޅަމެން ދެނެތިބީމެވެ. އޭﷲ! އޭނަ އެދިޔައީ ތިޔައިލާހުގެ މެހުމާނަކަށެވެ. ތިޔައީ އެންމެ ހެއު މެހުމާންނަވާޒެވެ. އޭނާވަނީ ތިޔައިލާހުގެ ރަޙްމަތަށް އިންތިހާއަށް ބޭނުންޖެހިފައެވެ. އޭނާގެ ފާފައަށް އޭނާއަށް އަޒާބުދެއްވުމުން ތިޔައިލާހުވަނީ ފުދިވޮޑިިގެންނެވެ. ހަމަކަށަވަރުން އަޅަމެން މިއައީ އޭނާއަށް ތިޔައިލާހު ރަޙްމަތް އިތުރުކުރެއްވުން އެދި ދެންނެވުމަށެވެ. އަޅަމެން ތިޔައިލާހުގެ ޙަޟުރަތުން އެކަމުގެ އުއްމީދުކުރަމެވެ. އޭﷲ! އޭނާއަކީ ތިޔައިލާހުގެ ޙަޟުރަތުގައި ޤަބޫލުކުރަނިވި ހެއުޢަމަލުކޮށްފައި ހުރިމީހެއްކަމުގައި ވާނަމަ އޭނާއަށް އެކަމުގެ ދަރުމަ އިތުރުކޮށް ދެއްވާނދޭވެ. އަދި އޭނާއަކީ ނުބައި ޢަމަލުގެ ވެރިއެއްކަމުގައިވާނަމަ އޭނާގެ ފާފަތައް އޭނާގެ ކިބައިން ދުރުކުރައްވައި، ތިޔައިލާހުގެ ރަޙްމަތުގެ ވާރޭ އޭނާގެ މައްޗަށް ވެއްސަވައި އޭނާ ދެކެ ރުހިވޮޑިގަންނަވާނދޭވެ. އަދި ކަށްވަޅުގެ ޢަޛާބުންނާއި ބަރުޒަޚުގެ އެންމެހާ ފިތުނަތަކުން އޭނާ މިންޖުކުރައްވާނދޭވެ. އޭނާއަށްޓަކައި ކަށްވަޅު ތަނަވަސް ކުރައްވައި، ބިންގަނޑު އޭނާގެ ދެއަރިކަށްޓާ ފޭކުރައްވާނދޭވެ. އޭ ރަޙްމަތްވަންތަ، އެންމެ އޯގާވަންތަ ރަސްކާނގެއެވެ.  ތިޔައިލާހުގެ ނިޢުމަތު ގޮވަތި ކަމުގައިވާ ސުވަރުގެއަށް އޭނާ ވާޞިލުވަންދެން ތިޔައިލާހުގެ އަޒާބުން ސަލާމަތްވެ އަމާންކަން ލިބިގެންވާ މީހެއްކަމުގައި އޭނާ ލައްވާނދޭވެ.

 

(ޅ) އަދިވެސް އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. މައްޔިތާއަކީ ކުޑަކުއްޖެއްކަމުގައިވާނަމަ اللَّهُمَّ اغْفِرْ لِحَيِّنَا .... މިދުޢާއިން ފުއްދާލުމަށްފަހު ތިރީގައިވާ ދުޢާ އިތުރުކޮށްލުމަށް ދަންނަބެއިކަލުން ވިދާޅުވެފައި ވެއެވެ. އެދުޢާގެ ބައެއް ބުޚާރީގައި ރިވާވެގެން ވެއެވެ.[13] އެދުޢާއަކީ:

اَللَّهُمَّ اجْعَلْهُ فَرَطًا ِلأَبَوَيْهِ وَسَلَفًا وَذُخْرًا وَعِظَةً وَاعْتِبَارًا وَشَفِيعًا وَثَقِّلْ بِهِ مَوَازِينَهُمَا وَافْرَغِ الصَّبْرَ عَلَى قُلُوبِهِمَا وَلاَ تَفْتِنْهُمَا بَعْدَهُ وَلاَ تَحْرِمْهُمَا أَجْرَهُ .

މާނައީ: އޭﷲ! އޭނާއަކީ އޭނާގެ މައިބައިންނަށްޓަކައި ހުށަހެޅުނު ފުރަތަމަ ހުށަހެޅުންކަމުގައި ލައްވައި އެއުރެންނަށްޓަކައި ރައްކާކުރެވޭ އަޖުރަކަށް ލައްވާނދޭވެ. އަދި އެއުރެންނަށް ދުނިޔެމަތީގައި ހުރި ނަސޭހަތަކަށާއި ޢިބްރަތަކަށް ލައްވައި، މާދަމާގައި އެއުރެންނަށްޓަކާ ތިޔައިލާހުގެ ޙަޟުރަތުގައި ޝިފާޢަތްތެރިވާނެ ސަބަބަކަށް ލައްވާނދޭވެ. އޭނާގެ ސަބަބުން އެދެމީހުންގެ ތިލަފަތް ބުރަކުރައްވައި އެއުރެންގެ ހިތަށް ކެތްތެރިކަން ވެރިކުރައްވައި އޭނާ ދިއުމަކީ އެމީހުން މަގުފުރެދި ގެއްލިދާ ފަދަ ކަމަކަށް  ނުލައްވައި، އޭނާއަށް ދެއްވާ ދަރުމައިން އެއުރެން މަޙްރޫމު ނުކުރައްވާނދޭވެ.

 

6- މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މައްޔިތާ ކަށްވަޅަށް ތިރިކުރެވޭ ހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ވިދާޅުވަތެވެ. بِسْمِ اللَّهِ وَبِاللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ[14]

މާނައީ: ﷲގެ އިސްމުފުޅުން، ﷲގެ މަދަދާއި ނަސްރަށް އެދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންނެވި ދީނުގައިވާ ގޮތުގެ މަތީގައި މިކަން ފަށަމެވެ.

 

އަދިބައެއް ރިވާޔަތްތަކުގައި އައިސްފައި ވެއެވެ. ކަށްވަޅުގައި މައްޔިތާ ބޭއްވުމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ވިދާޅުވަތެވެ. އެއީ: بِسْمِ اللَّهِ وَبِاللَّهِ وَعَلَى سُنَّةِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ[15] ނުވަތަ މިފަދައިން ވިދާޅުވަތެވެ. بِسْمِ اللَّهِ وَفِي سَبِيلِ اللَّهِ وَعَلَى مِلَّةِ رَسُولِ اللَّهِ[16]

މާނައީ: ﷲގެ އިސްމުފުޅުން، ﷲގެ މަގުގައި އެއިލާހުގެ ޙަޟުރަތުން ވާގިއެދިހުރެ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ގެންނެވި ދީނުގައިވާ ގޮތުގެ މަތީގައި މިކަން ފަށަމެވެ.

 

7- މާތްﷲ ރުއްސުންލެއްވި އަބޫއުމާމާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުންގެ ދަރިކަނބަލުން، މާތް ﷲ ރުއްސުންލެއްވި އުއްމު ކުލްސޫމް ފަސްދާނުލެއްވި ވަގުތު ވެލިމުށްކޮޅު ނަންގަވައި، ތިންފަހަރުމަތިން އެޅުއްވިއެވެ. ކޮންމެ ވެލިމުށްކޮޅެއް އަޅުއްވަމުން މިކަލިމައިން ބައެއް ވިދާޅުވަމުން އާޔަތް ފުރިހަމަ ކުރެއްވިއެވެ. އެއާޔަތަކީ :

مِنْهَا خَلَقْنَاكُمْ - وَفِيهَا نُعِيدُكُمْ - وَمِنْهَا نُخْرِجُكُمْ تَارَةً أُخْرَى[17] މިއެވެ.

މާނައީ: ތިޔަވެލިން އަހުރެން ތިޔަބައިމީހުން އުފެއްދެވީމެވެ. އަދި ތިޔަވެއްޔަ ތިޔަބައިމީހުން ރުޖޫޢުވާނޫއެވެ. އަދި ތިޔަވެލިން ދެވަނަ ފަހަރަށް ތިޔަބައިމީހުން ދިރުއްވައި ނެރުއްވާހުށީމެވެ.

 

8- އަދިވެސް މާތްﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މައްޔިތާ ވަޅުލައި ފަސްއަޅައި ނިމިމުން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިފަދައިން ވިދާޅުވިއަޑު ތިމަން އެއްސެވީމެވެ. اَللَّهُمَّ أَجِرْهَا مِنَ الشَّيْطَانِ وَمِنْ عَذَابِ الْقَبْرِ اَللَّهُمَّ جَافِ اْلأَرْضَ عَنْ جَنْبَيْهَا وَصَعِّدْ رُوحَهَا وَلَقِّهَا مِنْكَ رِضْوَانًا[18]

މާނައީ: އޭﷲ! ޝައިޠާނާގެ ނުބައިކަމުންނާއި ކަށްވަޅުގެ ޢަޛާބުން އޭނާ ސަލާމަތްކުރައްވާނދޭވެ. އޭﷲ! އޭނާގެ ދެއަރިކަށީގެ ތެރެއިން ބިންނެރުއްވައި އޭނާގެ އަރިކަށްޓާ ފޭކުރައްވާނދޭވެ. އަދި އޭނާގެ ފުރާނަ ތިޔައިލާހުގެ ޙަޟުރަތަށް އުފުއްލަވާނދޭވެ. އަދި ތިޔައިލާހު އޭނާއަށް ރުހިވޮޑިގެންވާ ޙާލު، ތިޔައިލާހުގެ ޙަޟުރަތަށް އޭނާ ކުއްތަންކުރައްވާނދޭވެ.

 



 [1]މުއްތަފަޤުން ޢަލައިހި

 [2]އައްނަސާއީ

 [3]އަޙްމަދު، ޝާފިޢީ، ބުޚާރީ ފިޔަވައި ފަސް އިމާމުން

 [4]މާލިކް، އަޙްމަދު، ބުޚާރީ ފިޔަވައި ފަސްއިމާމުން

 [5]އަޙްމަދު، ހައިމާމުން

 [6]ޝާފިޢީ (އަލްއުއްމުގައި)

 [7]އަބޫދާއޫދު، އިބްނުމާޖާ

 [8]އަބޫދާއޫދު، އިބްނުމާޖާ

 [9]ބުޚާރީއާއި މުސްލިމް ފިޔަވައި ހަތަރު އިމާމުން

[10]   މާލިކް، އައްޝާފިޢީ، އައްނަވަވީ

 [11]އަޙްމަދު، ބުޚާރީއާއި އަބޫދާއޫދު ފިޔަވައި ހަތަރު އިމާމުން

 [12]އަލްމުޒްނީ (އަލްމުޚްތަޞަރާއި، އައްތަންބީހުގައި) އަލްބައިހަޤީ، އަލްމުތަވައްލީ،

 [13]ބުޚާރީ، ނަވަވީ (އަލްމަޖްމޫޢު) ، ފިޤްހުއްސުއްނާ

 [14]ބުޚާރީ ފިޔަވައި ފަސް އިމާމުން

 [15]ބުޚާރީ ފިޔަވައި ފަސް އިމާމުން

 [16]އަބޫދާއޫދު، އިބްނުމާޖާ

 [17]ޠާހާ ސޫރަތް (55) ، އަޙްމަދު

 [18]އިބްނުމާޖާ


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި