Noorul-islam.NET :: ޝައްވާލު މަހުގެ ހަރޯދައިގެ މާތްކަން

ޝައްވާލު މަހުގެ ހަރޯދައިގެ މާތްކަން
Category »  މުޖުތަމަޢު

ތާރީޚް: 18 އޯގަސްޓް 2012

ލިޔުއްވީ : މުޙައްމަދު އަނީލް (ނޫރުލްއިސްލާމްގެ އެޑިޓަރ)

ލޮބުވެތި މުސްލިމު އަޚާއެވެ. ލޮބުވެތި މުސްލިމު އުޚްތާއެވެ.

ހެޔޮކަންތަކުގެ މަތީގައި ދެމިހުރުމަކީ ކޮންމެ މުސްލިމެއްގެ ކިބައިން ނުހަނުބޮޑަށް އެދެވިގެންވާ ކަމެކެވެ. އޭނާގެ ނަފްސު ޠާހިރުކޮށް، އޭނާގެ އާޚިރަތް ބާއްޖަވެރިކޮށް، އޭނާ ހައްދަވާ ގެންގުޅުއްވާ އިލާހުގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައެވެ.

މިގޮތުން ރޯދައަކީ ހިތްތަކުގައި ޖަހާ ދަބަރު ފިލުވާލާ މުހިއްމު އަޅުކަމެކެވެ. ހިތްތަކުގެ ބަލިތަކުން ޝިފާލިއްބައިދޭ ބޭހެކެވެ. އެހެންކަމުން ރަމަޟާން މަސް ލެއްވިގެންވަނީ ހިތްތަކުގެ ކޮންސަލްޓޭޝަން ހައްދަން ލިބޭ މުހިއްމު މޫސުމެއްކަމުގައެވެ. އަދި ހިތްތަކަށް ލިބޭ ޠަހާރަތެއް ކަމުގައެވެ.

ރަމަޟާން މަސް ނިމުމަށްފަހު ޝައްވާލުމަހުން 6 ދުވަހު ރޯދަ ހިފުމަކީ މިގޮތުން ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ. އެހެނީ ރަމަޟާން މަހުގެ ރޯދައަށްފަހު، ޝައްވާލުމަހުން 6 ރޯދަ ހިފުމުގެ ސަބަބުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ތެރޭގައި އޭނާއަށް ހުރެވޭތީއެވެ.

ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަހިފުމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އުއްމަތަށް އިރުޝާދު ދެއްވާފައެވެ. އޭގެ މާތްކަން ބަޔާން ކުރައްވާފައެވެ. މި ހަ ރޯދަ ހިފުމަށް ބާރުއަޅުއްވާފައިވެއެވެ.

ރަސޫލުﷲ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتاًّ مِنْ شَوَّال كَانَ كَصِيَامِ الدَّهْرِ [رواه مسلم وغيره]

މިބަސްފުޅުގެ މާނައީ 'ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.'

الإمام النووي رحمه الله ވިދާޅުވިއެވެ.

ޢިލްމުވެރިން ވިދާޅުވިއެވެ. މުޅި އަހަރުގެ ރޯދަ ހިފި ކަމުގައި ވަނީ، އެއީ ހަމަކަށަވަރުން ހެޔޮކަމެއް ވަނީ އޭގެ 10 ގުނަ ފަދައިންނެވެ. ފަހެ ރަމަޟާން މަހަކީ 10 މަސް ފަދައެވެ. 6 ދުވަހަކީ ދެމަސް ފަދައެވެ."

އޭގެ މާނައަކީ؛ ކޮންމެ ހެޔޮކަމެއް އެއީ އޭގެ 10 ގުނަ ފަދައިން ސަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ. އެގޮތުން މުޅި ރަމަޟާންމަހުގެ ރޯދަ ހިފުމުން އޭގެ 10 ގުނަ ސަވާބާއި ދަރުމަ ލިބިގެން ދެއެވެ. އެއީ 10 މަސް ދުވަހެވެ.

6 ރޯދަ ހިފުމުން އެއީ 60 ރޯދަ ހިފި ފަދައެވެ. އެއީ ދެމަސް ދުވަހެވެ.

އެހެން ކަމުން މުޅި އަހަރުގެ ރޯދަ ހިފުމާއި އެއްފަދަ ކަމަށް ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވަނީ އިރުޝާދު ދެއްވާފައެވެ.

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. މި މަތިވެރި ބޮޑު ދަރުމައިން އަމިއްލަ ނަފްސާއި ގާތްތިމާގެ މީހުންނާއި އެކުވެރިން މަޙްރޫމު ނުކުރައްވާށެވެ. އަމިއްލައަށް މި 6 ރޯދަ ހިއްޕަވާށެވެ. އަދި އެހެންމީހުންނަށްވެސް މީގެ މާތްކަމާއި މަތިވެރިކަން ބަޔާންކޮށްދެއްވާށެވެ.

ހަނދުމަ ކުރައްވާށެވެ. ހެޔޮ ކަމަކަށް މަގުދައްކައިފި މީހާއަށް އެ ހެޔޮކަމެއް ކުރާ މީހާއަށް ލިބޭ މިންވަރަށް ސަވާބާއިދަރުމަ ލިބޭނެއެވެ. އެއީ އެ ޢަމަލު ކުރާމީހާގެ ސަވާބާއި ދަރުމައިން އެއްވެސް މިންވަރެއް އުނި ނުވާ ޙާލުގައެވެ. މިއީ ނަބަވީ ދޫފުޅުން އަޅުގަނޑުމެންނަށް ދެއްވާފައިވާ އުފާވެރި ޚަބަރެކެވެ.

އެހެންކަމުން ތިމާއަށް ވީ މިންވަރަކުން، ބޭނުން ކުރެވުނު ކޮންމެ ވަޞީލަތެއް ބޭނުންކޮށްގެން، މި ހެޔޮކަމަށް މީސްތަކުންނަށް މަގު ދައްކަވާށެވެ.

ތިޔަބޭފުޅާގެ އީމެއިލްގެ ހުރިހާ ކޮންޓެކްޓްސް އަށް އީމެއިލް ކުރައްވާށެވެ. ފޯނުގެ ފޯންބުކްގެ ހުރިހާ ކޮންޓެކްޓްސް އަށް އެމްއެމްއެސް ފޮނުއްވާށެވެ. ފޭސްބުކްގެ ވޯލްގައި ލިޔުއްވާށެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ އަޅުގަނޑުމެން އެންމެންނަށް ހެޔޮކަންތައް ކުރުމުގެ ތައުފީޤް ދެއްވާށި! އާމީން.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި