Noorul-islam.NET :: ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ!

ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ!
Category »  محمد صلى الله عليه وسلم

ތާރީޚް: 16 އޮކްޓޯބަރ 2008

ލިޔުއްވީ : މުޙައްމަދު އަނީލް



 

އާނއެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެކަލޭގެފާނަށްޓަކައި އަހަރެންގެ މަންމައާއި ބައްޕަ ފިދާ އެވެ.

އިމާމް ބުޚާރީ ރިވާކުރައްވާފައިވާ މި ޙާދިޘާއާމެދު ވިސްނާލަމާ ހިނގަވާށެވެ. އެއްދުވަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ ލޮބުވެތި ޞަހާބީންނާއެކުގައި ހުންނެވިއެވެ. އެކަލޭގެފާނު އެވަގުތު ހުންނެވީ ﷲ ރުއްސުންލެއްވި ޢުމަރުލްފާރޫޤުގެ އަތްޕުޅުގައި ހިއްޕަވައިގެންނެވެ. އެހިނދު ޢުމަރުގެފާނު، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ނަފްސު ފިޔަވައި އެހެން ހުރިހާ އެއްޗަކަށްވުރެ، ތިމަންކަލޭގެފާނުގެ އަރިހުގައި، ކަލޭގެފާނު ލޮބުވެތިވެގެންވެއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ނޫނެކެވެ. އެއިލާހުގެ ބާރުގެ ދަށުގައި ތިމަންކަލޭގެފާނުގެ ފުރާނަފުޅުވާ އިލާހު ގަންދެއްވާ ޙަދީޘްކުރައްވަމެވެ. ކަލޭގެފާނުގެ ނަފްސަށްވުރެ ތިމަންކަލޭގެފާނު ލޮބުވެތިވެއްޖައުމަށް ދާނދެނެވެ. އެހިނދު ޢުމަރުގެފާނު ވިދާޅުވިއެވެ. ﷲ ގަންދީ ދަންނަވަމެވެ. ފަހެ ހަމަކަށަވަރުން މިހާރު ތިމަންކަލޭގެފާނުގެ އަރިހުގައި ތިމަންކަލޭގެފާނުގެ ނަފްސަށް ވުރެ ކަލޭގެފާނު ލޮބުވެތިވެގެންވެއެވެ. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. އޭ ޢުމަރެވެ. ފަހެ މިހާރުއެވެ.

ވިސްނަވާށެވެ. އެފަދަ މަޤާމެއް އެކަލޭގެފާނަށް ޙައްޤު ނުވާންވީ ސަބަބަކީ ކޮބައިތޯއެވެ. އަހަރެމެން ޖަހާލަތުގެ އަނދިރިކަމުގެ ތެރޭގައި ތިއްބާ އަލިކަމުގެ ތެރެއަށް ނެރުއްވުމަށް ﷲ މެދުވެރި ކުރެއްވީ އެ ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެވެ.

ﷲ ގެ ކޯފާގެ ގޯތި، ނަރަކައިގެ ތުންފަތްމަތީގައި އަހަރެމެން ތިއްބާ އަހަރެމެން ސަލާމަތް ކޮށްދެއްވީ އެކަލޭގެފާނެވެ. އެކަލޭގެފާނު އަހަރެމެންގެ އުނަގަނޑުގައި ހިއްޕަވައި އަހަރެމެން އެ ނަރަކައިގެ އަލިފާނުން ސަލާމަތް ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް އަހަރެމެން އެކަލޭގެފާނުގެ އަތްޕުޅުން ވީއްލިގެން ގޮސް އެނަރަކައަށް ވެއްޓިގަންނަނީއެވެ.

އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަހަރެމެންނަށް އެނަރަކައިން ސަލާމަތް ވާނޭ މަގު ދައްކަވާފައި ވެއެވެ. އެހެންނަމަވެސް އަމިއްލަ އެދުމާއި ދުނިޔަވީ ކުޑަކުޑަ ފައިދާއަކަށް މިއަދު އަޅުގަނޑުމެން މިވަނީ ދީން ވިއްކާލާފައެވެ.

އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އުއްމަތުގެ މީހުންނަށް ހިދާޔަތަށް އެދިވަޑައިގެންނެވީ ނިހާޔަތަށެވެ. އެކަމަށްޓަކައި ރެއާއި ދުވާލު، ސިއްރާއި ފާޅުގައި މަސައްކަތް ކުރެއްވިއެވެ.

މި ދީން އަޅުގަނޑުމެންނާއި ހަމައަށް ގެނެސްދެއްވުމަށް އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ކުރެއްވި މަސައްކަތްޕުޅާއި ވެވަޑައިގެންނެވި ޤުރުބާނީ ހަނދާންކޮށްލާށެވެ. އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ތަޙައްމަލް ކުރެއްވި ވޭނާއި ކެކުޅުންތަކުން ސިޔަރަތުގެ ޞަފްޙާތައް ވަނީ ފުރިފައެވެ.

އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ޠާއިފަށް ވަޑައިގެންނެވި ދުވަހުގެ މަތިން ހަނދާންކޮށްލާށެވެ. އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ދެފައިންޕުޅު އެކަލޭގެފާނުގެ ބަރަކާތްތެރި ލޭފޮދުން ތެމިގެން ދިޔައެވެ. އެކަލޭގެފާނަށް (ޞައްލަﷲ ޢަލައިހި ވަސައްލަމް) ފުރައްސާރަކޮށް އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ އަބުރުފުޅާއިބެހޭ ގޮތުން ބޮޑެތި ބުހުތާންތައް ހަދައި އުޅުނު ޔަހޫދީންގެ ވާހަކަ ހަނދުމަ ކުރައްވާށެވެ. އިފްކުގެ ޙާދިޘާގައި އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އެންމެ ލޯބިފުޅުވާ އަނބިކަނބަލުން އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާ އާ ބެހޭގޮތުން ދެއްކި ނުބައި ދޮގު ބުހުތާންތައް ހަނދާންކޮށްލާށެވެ. އުޙުދުގެ މައިދާނުގައި އެކަލޭގެފާނު(ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ އިސްތަށިފުޅު ޒަޚަމްވެ ވަޑައިގެންނެވިއެވެ.

މިހުރިހާ ކަމަކާއި އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ކުރިމަތި ލައްވަން ޖެހިވަޑައިގެންނެވީ މިއިސްލާމްދީން އަހަރެމެންނަށް ފޯރުކޮށްދެއްވުމަށްޓަކައެވެ. އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ވަނީ އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ވަޒީފާ ފުރިހަމައަށް އަދާ ކުރައްވާފައެވެ. އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ލޮބުވެތި ޞަހާބީން ވަނީ އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) ދޫކުރެއްވި ގޮތުގައި ހިފައި އެގޮތަށް ޢަމަލުކޮށްފައެވެ. އޭގެ ސަބަބުން ދުނިޔޭގެ މަޝްރިޤާއި މަޣްރިބުގައި މުސްލިމުން ވެރިކަން ކުރިއެވެ.

ނަމަވެސް މިއަދު މުސްލިމުން އެބައިމީހުންގެ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ﷲގެ ޙަޟްރަތުން ގެނެސްދެއްވި ވާފަށް ދޫކޮށްލައި، އަމިއްލަ އެދުމަށް ތަބާވާން ފެށުމުގެ ނަތީޖާ ހަމަލޮލުން ބައްލަވާށެވެ. މުސްލިމުންގެ ބިންތައް ޔަހޫދީންނާއި ނަޞާރާއިންގެ މިލްކަކަށް ވެގެން ދާއިރު މުސްލިމުން މި ތިބީ "އަނގަ މައްޗަށް ނަގައިގެން" ބަލަހައްޓައިގެންނެވެ. އޮހިގެންދާ ސައިލެއްގެ މަތީގައި ހުންނަ ކުނިތަކެއް ފަދަ ބަޔަކަށް މިއަދު މުސްލިމުން މިވަނީ ވެފައެވެ. މިއަދު ޣައިރު މުސްލިމުން އެންމެން އެއްބައިވެ، ބަނޑުހައިވެފައި ތިބޭ ބަޔަކު ކާއެއްޗެއްގެ މައްޗަށް އަރައިގަންނަފަދައިން މި އުއްމަތުގެ މައްޗަށް މިދަނީ އަރައިގަންނަމުންނެވެ.

މުސްލިމުންގެ ލޭ އޮހޮރުވާލިމާއި، އެބައިމީހުންގެ އަނބީންގެ ޢިއްފަތް ފޭރިގަތުމާއި މުސްލިމުންގެ ބިންތައް ފޭރުމާއި، މިހެންގޮސް ނުކުރެވޭ ކަމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެންމެފަހުން އެބައިމީހުން ފެށީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަބުރުފުޅަށް ހުތުރުވާ ފަދަ ކަންތައްތަކެއް ކުރާށެވެ. ހަނދަށް ކިސަޑު އުކިއަސް އެހަނދަށް ކިލަނބުކަމެއް ނާންނާނެކަން އެ މީހުންނަށް ނޭނގެއެވެ.

ﷲގެ ވަޙީ ބަސްފުޅު ޙައްޤެވެ. وَكَذَلِكَ جَعَلْنَا لِكُلِّ نَبِيٍّ عَدُوًّا مِنَ الْمُجْرِمِينَ (سورة الفرقان :31 )  (( ހަމަ އެފަދައިން ތިމަން އިލާހު ކޮންމެ ނަބިއްޔަކަށްވެސް މުޖުރިމުން (ކުށްވެރިން) ގެ ތެރެއިން ޢަދާވާތްތެރިންތަކެއް ލެއްވީމެވެ. ))

އެ ދުވަސްވަރު އުޅުނީ އަބޫޖަހުލެވެ. އުބައްޔު ބުނު ޚަލަފެވެ. ޢަބްދުﷲ ބުނު އުބައްޔު ބުނު ސަލޫލެވެ.

މިއަދު އަޅުގަނޑުމެންނަށް މި ފެންނަ ޢަދުއްވަކީ؛ ޑެންމާކެވެ. ފަރުދެއް ނޫނެވެ. މުޅި ޤައުމެކެވެ. އެ ޤައުމުގެ ރަސްކަމާއި ވިޔަފާރިއާއި ނޫސްތައް އެއްބައިވެގެންނެވެ. 2005 ވަނައަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޑެންމާކުގެ ނޫހެއްގައި ޝާއިޢު ކުރެވުނު ކާޓޫނުތައް ފާއިތުވި ފެބްރުއަރީ މަހު (2008 ފެބްރުއަރީ)ގެ ކުރީކޮޅުގައި 17 ނޫހެއްގައި ވަނީ ޝާއިޢުކޮށްފައެވެ.

މުސްލިމު އަޚުންނޭވެ! މުސްލިމު އުޚްތުންނޭވެ! ﷲގެ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)އެވެ. ތިޔަބައިމީހުންގެ މައްޗަށް ﷲ ފޮނުއްވި ރަޙްމަތެވެ. ޢާލަމްތަކަށް ފޮނުއްވި ރަޙްމަތެވެ. ތިޔަބައިމީހުންގެ ޙައްޤުގައި އެތަކެއް ޤުރުބާނީ ތަކެއް ވެ ވަޑައިގެންނެވި އެ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެ ދިފާޢުގައި ތިޔަބައިމީހުން ކުރީ ކޮން ކަމެއް ހެއްޔެވެ؟ ހަމަ ނިދާފައި ތިޔަހެން ތިބޭނީ ހެއްޔެވެ؟

ނޫނެކެވެ. ހޭލާށެވެ! ޣާފިލު ކަމުން ހޭލާށެވެ! ތިޔަބައިމީހުންގެ ދިރިއުޅުމުގައި އެ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެނެސްދެއްވި ކަންތައް ތަންފީޒު ކުރާށެވެ. އެ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ލޮލުގެ ފިނިކަން ކަމުގައިވި ނަމާދަށް ރައްކާތެރިވާށެވެ! ތިޔަބައިމީހުންގެ ދަރިން އެނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް) ގެނެސްދެއްވި ހިދާޔަތުގެ މަތީގައި ތަރުބިއްޔަތު ކުރާށެވެ! އެ ނަބިއްޔާ (ޞައްލަﷲ ޢަލައިހި ވަސައްލަމް)ގެ ލޯބި އެދަރިންގެ ހިތްތަކުގައި ބިންވަޅު ނަގާށެވެ! ނަމާދަށް އެކުދިން ހާނުވާށެވެ. ލޯތްބާއި އޯގާތެރިކަމާއެކުގައެވެ.

އޭ މުސްލިމު އަޚުންނާއި އުޚްތުންނޭވެ! ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ!

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި