ވިތުރި ނަމާދުގެ މާތްކަން
ވިތުރިއަކީ ގަދަ ސުންނަތެކެވެ. އެނަމާދު ކުރުމަށް ކީރިތި ރަސޫލާ ވަރަށް ބޮޑަށް ބާރު އަޅުއްވައި ހިތްވަރު ދެއްވާފައިވެއެވެ. ޢަލީ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ''[ ހަމަކަށަވަރުން ވިތުރަކީ ތިޔަބައިމީހުންގެ ފަރުޟު ނަމާދު ފަދައިން ވާޖިބު ނަމާދެއްނޫނެވެ. ނަމަވެސް ކީރިތި ރަސޫލާ ވަނީ އެނަމާދު ކުރައްވާފައެވެ. ]
އަދި ވިދާޅުވެފައިވެއެވެ. '[' އޭ ޤުރްއާނުގެ އަހުލުވެރިންނެވެ. ތިޔަބައިމީހުން ވިތުރި ކުރާށެވެ. ﷲ އީ އެއްކައުވަންތަ ފަރާތެވެ. އެކަލާނގެ ވިތުރު ދެކެ ލޯބިވެ ވޮޑިގެން ވެއެވެ.] '' މި ޙަދީޘް ރިވާކުރެއްވީ ، އިމާމު އަޙްމަދުއާއި އަދިވެސް ސުންނަތުގެ އިމާމުންނެވެ.
އިމާމު އަބޫ ޙަނީފާގެ އަރިހުގައި ވިތުރި ނަމާދަކީ ވާޖިބު ނަމާދެކެވެ. ނަމަވެސް އެކަލޭގެފާނުގެ މި ރައުޔަކީ ޞައްޙަ ރައުޔެއް ނޫނެވެ. އެއްވެސް އެހެން ފިޤްހީ މަޒްހަބެއްގެ އިމާމަކު މިހެން ވިދާޅުވެފައިނުވެއެވެ. މާތް ﷲ ވާޖިބު ކުރައްވާފައިވަނީ ފަސްނަމާދެވެ.
ވިތުރީގެ ވަގުތު
އިޝާނަމާދަށް ފަހުގައި ނޫނީ ވިތުރީގެ ވަގުތު ނުވަންނާނެކަމަށް ދަންނަބޭކަލުން އިޖުމާޢު ވެފައިވެއެވެ. އަދި އެވަގުތު ފަޖުރާ ހަމައަށް ދެމިގެންވާ ކަމަށް ވެސް އިޖުމާޢުވެފައިވެއެވެ.
ކީރިތި ރަސޫލާ ވިދާޅުވެފައިވެއެވެ. '' މާތް ﷲ ތިޔަބައިމީހުންނަށް ނަމާދެއް އިތުރުކޮށް ދެއްވިއެވެ. އެއީ ވިތުރެވެ. ތިޔަބައިމީހުން ޢިޝާނަމާދާއި ފަތިސްނަމާދާއި ދެމެދުގައި އެނަމާދު ކުރާށެވެ. ''
ނުހޭލެވޭނެކަމަށް ހިވާނަމަ ވިތުރި އަވަސްކުރުން
ނިދުމަށް ފަހު ފަތިސްކުރިން ނުހޭލެވޭނެކަމަށް ހީވާނަމަ އެނަމާދު ކޮށްގެން ނިދުމަކީ މުސްތަޙައްބުކަމެކެވެ. އަދި ހޭލެވޭނެކަމަށް ހީވާނަމަ ފަސްކުރުމަކީ ވެސް މުސްތަޙައްބު ގޮތެވެ. ކީރިތި ރަސޫލާ ވިތުރި ނަމާދު ކުރައްވާފައިވަނީ ދަމުނަމާދުގެ ވަގުތުގައެވެ. އެޢި އެންމެ މާތް ވަގުތަށް ވާތީއެވެ.
ވިތުރީގެ ޢަދަދު
އަލްއިމާމުއްތިރްމިޛީ ވިދާޅުވެފައިވެއެވެ. ކީރިތި ރަސޫލާގެ އަރިހުން ރިވާވެގެން ވެއެވެ. ވިތުރަކީ ތޭރަ ރަކުއަތެވެ. އަދި އެގާރަ ރަކުޢަތެވެ. އަދި ނުވަ ރަކުޢަތެވެ. އަދި ހަތް ރަކުޢަތެވެ. އަދި ފަސް ރަކުޢަތެވެ. އަދި ތިންރަކުޢަތެވެ.
އަދި އެއްރަކުޢަތެވެ. މިއިން ކޮންމެ ޢަދަދެއްވެސް ވިތުރީގައި ފުދެއެވެ. އެންމެ މަދުމިނީ އެއްރަކުޢަތެވެ.
އިބުނު އިސްޙާގު ރިވާކުރެއްވިއެވެ. ކީރިތި ރަސޫލާ ރޭގަނޑުގައި ވިތުރިއާއެކު ތޭރަ ރަކުއަތް ކުރައްވައެވެ.
ދެރަކުޢަތް ކުރުމަށް ފަހު ، ފަހުން ރަކުޢަތެއް ކޮށް އައްތަޙިއްޔށތު ކިޔައި ސަލާމް ދިނުން ވެސް ހުއްދަވެގެން ވެއެވެ. އަދި ހުރިހާ ރަކުޢަތެއް ގުޅުވައިގެން ކުރުމަށް ފަހު ފަހުރަކުޢަތުގެ ކުރީރަކުޢަތުގައި އިށީންދެ ފުރަތަމަ އައްތަޙިއްޔާތު ކިޔައި ، ފަހު ރަކުޢަތަށް ތެދުވެ އެރަކުޢަތް ފުރިހަމަކޮށް ސަލާމް ދިނުންވެސް ހުއްދައެވެ.
އަދި ހުރިހާ ރަކުޢަތެއް ގުޅުވައިގެން ކޮށް ފަހު ރަކުޢަތް ފުރިހަމަކޮށް ސަލާމް ދިނުންވެސް ހުއްދައެވެ. މިހުރިހާ ގޮތަކީ ވެސް ނަބިއްޔާގެ އަރިހުން ވާރިދުވެފައިވާ ގޮތެކެވެ.
ވިތުރީގައި ކިޔަވާ ސޫރަތްތައް
ވިތުރީގައި އަލްޙަމްދަށް ފަހު ކޮންމެ ތަނެއް ކިއުމަކީ މައްސަލައެއް އޮތް ކަމެއް ނޫނެވެ. ޢަލީގެފާނު ވިދާޅުވެފައިވެއެވެ. ކީރިތި ޤުރްއާނުގައި ދޫކޮށްލަން ޖެހޭ އެއްވެސް އާޔަތެއް ނުވެއެވެ. ތިބާއަށް ފެންނަ ތަނަކުން ކިޔަވާށެވެ.
ނަމަވެސް ތިން ރަކުޢަތުން ވިތުރިކުރާނަމަ މުސްތަޙައްބުވެގެންވަނީ ފުރަތަމަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްއަޢުލާ ކިޔެވުމަށެވެ. ދެވަނަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްކާފިރޫން ކިޔެވުމަށެވެ. އަދި ތިންވަނަ ރަކުޢަތުގައި ފާތިޙާއަށް ފަހު ސޫރަތުލްއިޚްލާޞްއާއި ، ފަލަޤި ނާސި ކިޔެވުމަށެވެ. މިގޮތަށް އިމާމު އަޙްމަދާއި ތިރުމިޛީ ޢާއިޝަތުގެފާނުގެ އަރިހުން ރިވާކުރައްވާފައިވެއެވެ.
ވިތުރީގައި ޤުނޫތުކިއުން
ޙަދީޘް ޢިލުމުގެ ދަންނަބޭކަލުން ވިދާޅުވާ ގޮތުގައި ވިތުރީގައި ޤުނޫތު ކިއުމަކީ ސުންނަތެކެވެ. ހަސަނުގެފާނުގެ އަރިހުން ރިވާވެގެންވާ ގޮތުގައި ކީރިތި ރަސޫލާ އެކަލޭގެފާނަށް ވިތުރީގައި ކިޔާނެ ގުނޫތެއް ދަސްކޮށްދެއްވާފައިވެއެވެ. އެއީ ރާއްޖޭގެ މީހުން ފަތިސްނަމާދުގައި މިކިޔާ އުޅޭ ގުނޫތެވެ.
ރާއްޖޭގެ މީހުން ފަތިސްނަމާދުގައި ކިޔާ ގުނޫތަކީ ފަތިސްނަމާދުގައި ކިޔުމަށް ރަސޫލާ ވިދާޅުވެފައިވާ ގުނޫތެއްނޫނެވެ. އެއީ ވިތުރީގައި ކިޔުމަށް އުނގަންނަވައިދެއްވި ގުނޫތެކެވެ. ފަތިސްނަމާދުގައި ދާއިމީ ގޮތެއްގައި ގުނޫތު ކިޔުމަކީ ސުންނަތުގައި އައިސްފައިވާ ގޮތެއްނޫނެވެ.
ގުނޫތު ކިޔަން ސުންނަތުގައި އައިސްފައިވަނީ ޤައުމަށް މުޞިބާތް މެދުވާ ހިނދުގައެވެ. އެހނދުވެސް ވަކި ފަތިހަށް ޚާއްޞަ ކުރުމެއްނުވެއެވެ. ކޮންމެ ނަމާދެއްގައި ، އަދި ފަސްނަމާދިގައިވެސް ގުނޫތު ކިއިދާނެއެވެ.
އަލްއިމާމުއްޝާފިޢީގެ މަޒުހަބުގައި ވިތުރީގައި ގުނޫތު ކިއުންވަނީ ރަމަޟާންމަހުގެ ފަހު ފަނަރައިގައެވެ. އެނޫން ގޮތަކުން ވިތުރީގައި ގުނޫތުކިއުމެއް މަޒްހަބުގައި ނޯވެއެވެ.
ވިތުރީގައި ގުނޫތު ކިޔަން ޖެހޭ މަޙައްލު
ވިތުރި ނަމާދުގައި ރުކޫޢަށް ދިއުމުގެ ކުރިން ، ގުނޫތު ކިޔުން ޖާއިޒު ވެގެން ވެއެވެ. އަދި ރުކޫޢުގެ ފަހުންވެސް ކިއުމަކީ ޖާއިޒު ގޮތެކެވެ. މި ދެގޮތް ވެސް ހުއްދަ ވެގެން ވެއެވެ. ބައެއް ދަންނަ ބޭކަލުން ވިދާޅުވާގޮތުގައި ގުނޫތު ކިޔާ އިރު ދުއާ އަށް އަތް އުފުލުކުމަކީ މުސްތަޙައްބުވެގެންވާ ކަމެކެވެ. އަނެއްބައި ބޭކަލުން އެއީ މުސްތަޙައްބުކަމެއް ކަމުގައި ނުދެކެއެވެ.
ވިތުރީގެ ފަހުން ދުޢާ ކުރުން
ވިތުރިން ސަލާމްދީ ނިމިގެން ( سُبْحَانَ الْمَلِكِ الْقُدُّوْسِ) މިހެން ތިންފަހަރުކިޔައި ، ތިންވަނަފަހަރަށް އަޑު ހަރުކޮށް އެއަށްފަހު ( رَبُّ الْمَلَائِكَةِ وَ الرُّوْحِ ) މިހެން ކިއުމަކީ ސުންނަތް ވެގެންވާ ގޮތެކެވެ. އަބުދާވޫދާއި އައްނަސާއީ މިގޮތަށް ރިވާ ކުރައްވާފައިވެއެވެ.
ރެގަނޑަކު ދެފަހަރު ވިތުރި ކުރުން
ރޭގަނޑު އަޅުކަން ކުރުމަށް ފަހު ވިތުރި ކޮށް ، އަނެއްކާ ވެސް ނަމާދު ކުރަން ބޭނުންނަމަ ނަމާދު ކުރެވިދާނެއެވެ. ނަމަވެސް ވިތުރި އަލުން ނުކުރެވޭނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. '' ރޭގަނޑަކު ދެ ވިތުރި ކުރުމެއް ނެތެވެ. ''
ވިތުރި ޤާޟާކުރުން
ޖުމުހޫރު ޢިލްމުވެރިން ވިދާޅުވާގޮތުގައި ވިތުރި ޤަޟާކުރެވިދާނެއެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.'' ހެނދުނުވާއިރު ވިތުރި ނުކޮށް މީހަކު ހުރެއްޖެނަމަ ، ފަހެ ވިތުރި ކުރާށެވެ. ''
މަޢްލޫމާތު ނަގާފައިވަނީ ފިޤްހުއްސުންނާ / އަލްއުސްތާޒު ސައްޔިދު ސާބިޤް ޞ : 284
|