Noorul-islam.NET :: އިސްލާމީ ނިޒާމުގެ ފުރިހަމަކަމާއި މަތިވެރިކަން

އިސްލާމީ ނިޒާމުގެ ފުރިހަމަކަމާއި މަތިވެރިކަން
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 2 މާޗް 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އިސްލާމީ ޝަރީޢަތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ އަޅުތަކުން އެކަލާނގެ އަށް ފުރިހަމަގޮތުގައި އަޅުވެތިވުމަށްޓަކައި ތަބަޢަވުމަށް ރުހިވޮޑިގެން ކަނޑަ އަޅުއްވާފައިވާ މަތިވެރި މަންހަޖެވެ. އެއީ މާތްވެގެންވާ އިސްލާމްދީނެވެ. އެދީނުގެ އުޞޫލުތަކެވެ. އެއީ ދިރިއުޅުމުގެ މަގެވެ. ދީނުގެ ޙުކުމްތަކާއި ދައުލަތް ހިންގުމުގެ ނިޒާމު އެޝަރީއަތުގައި ފުރިހަމައަށް ލައްވާފައިވެއެވެ.

ޝިރުކުގެ ނުބައިކަމާ ޖަހާލަތުގެ އަނދިރިކަމުގެތެރެއަށް އިންސާނިއްޔަތު ޣަރަޤުވެފައިވަނިކޮށް އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނިއްޔަތަށް ބޭނުންވާ އަދި އެންމެ ފައިދާހުރި ހުރިހާ ކަމަކާއިގެންނެވެ. އެއީ އިންސާނީ ޙަޔާތުގެ ހުރިހާ ދާއިރާއެއް ޝާމިލުވާގޮތުގެ މަތިން ބާވާލެއްވިފައިވާ ޝަރީޢަތެކެވެ.

މިޝަރީޢަތް ބާވާލެއްވުނުއިރު އިންސާނިއްޔަތުގެ ޙާލަތު އޮތީ ކޮންފަދަގޮތަކަށްތޯއެވެ؟ ދަރީން މައިން ފަދަ މީހުންނާ ކައިވެނިކުރެއެވެ. ނިކަމެތިން ވަނީ އަނިޔާވެރިންގެ ޗާބޫކުތަކުގެ ދަށުގައެވެ. ޙައްޤަކީ ކޮންއެއްޗެއްކަމެއް ދަންނަނީ މަދުބައެކެވެ. ޢަދުލުއިންސާފެއްނެތެވެ. ލޭއޮހޮރުވުމާއި، މީހުންގެ މުދާތައް ނުޙައްޤުން ކެއުމާއި ޚިޔާނާތް އޮތީ އިންތިހާއަށް ފެތުރިފައެވެ. އަންހެންދަރީން ދިރިތިއްބާ ވަޅުލައެވެ. އަންހެނުންގެ ޙައްޤުތަކީ އޮތް އެއްޗެއްނޫނެވެ. ބަނގުރާއަކީ އެބައިމީހުންގެ އެންމެގާތް އެކުވެރިޔާއެވެ. ޒިނޭކުރުމާއި ފާޙިޝްކަންތައްތަކުން މުޖުތަމަޢުތައްއޮތީ ގުގުމާލާފައެވެ. ދީލަތިކަމާއި ވަޢުދަށް ވަފާތެރިވުމާއި ގެފުޅަށްއަންނަ މީހުންނަށް ފެންދިނުމާއި މިފަދަ މަދު ރީތި އާދަތަކެއް މެނުވީ ނެތެވެ. މާތްވެގެންވާ ކަޢުބާގައި އެތައްސަތޭކަ ބުދު ބެހެއްޓިފައިހުއްޓެވެ. ދުނިޔެ އޮތީ އިޞްލާޙީ އިންޤިލާބަކަށް ބޭނުންވެފައެވެ. ތެދުވެރި މުޞްލިޙަކަށް އެދިއެދިއެވެ. ޝާއިރުންނާއި، ޙަކީމުންނާއި ރާހިބުންގެ ދުލުން ނަބިއްޔެއްގެ ޚަބަރުތައް އަންނަމުންދިޔައެވެ. އިންތިޒާރުތައް ކުރެވުނެވެ. މާގިނަ ދުވަސްތަކެއްނުވަނީސް ޤުރައިޝު ވަންހައިގެ ސާހިބާ މާތް މުޙައްމަދުގެފާނު ނަބީކަމާއިގެން ފޮނުއްވައިފޫއެވެ.

އާދެ! މިޝަރީޢަތް އިޢުލާންކުރެއްވީ އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައެވެ. ވަރަށް މަތިވެރި ނިދާއަކުންނެވެ. ދެ ދުނިޔޭގެ ފަލާޙާއި ކާމިޔާބު އެދޭނަމަ އެކަލޭގެފާނު ގެނެސްދެއްވި ޝަރީޢަތަށް ތަބާވުމަށް ގޮވާލެއްވިއެވެ.

އިސްލާމީ ޝަރީޢަތް ބާވާލެއްވުނީ އިންސާނާގެ ދުނިޔަވީ ޙަޔާތް ބާއްޖަވެރިކުރުމާއި އުޚުރަވީ ޙަޔާތުގެ ފަލާޙަށް މަގުދައްކާ ނޫރެއްގެ ގޮތުގައިވެސްމެއެވެ. އަދި އެމަތިވެރި  ޝަރީޢަތަކީ ވަކި ޖަމާޢަތަކަށް ނުވަތަ ވަކި ޤައުމަކަށް ނުވަތަ ވަކި ޖިންސަކަށް ބާވާލެއްވުނު ޝަރީޢަތެއް ނޫނެވެ. އެއީ އެންމެހައި އިންސާނުންނަށާ އަދި ކިއެއްތޯ ޖިންނީން ވެސް ޝާމިލްވާ ގޮތަށް ބާވާލެއްވުނު މާތްވެގެންވާ ހިދާޔަތުގެ ނޫރެވެ. އަލިގަދަ ދަންމަރެވެ. ޔޫނުސް ސޫރަތުގެ 57 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. يَا أَيُّهَا النَّاسُ قَدْ جَاءَتْكُم مَّوْعِظَةٌ مِّن رَّبِّكُمْ وَشِفَاءٌ لِّمَا فِي الصُّدُورِ وَهُدًى وَرَحْمَةٌ لِّلْمُؤْمِنِينَ މާނައީ: " އޭމީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންގެ ގާތަށް ވަޢުޡަކާއި ހިތްތަކުގައިވާ ބަލިތަކަށް ޝިފާއަކާއި މުއުމިން ތަކުންނަށް ތެދުމަގަކާއި ރަޙްމަތެއް އަތުވެއްޖެކަން ކަށަވަރެވެ."

މިފަދަ މަތިވެރި ނިދާއަކުން އިންސާނިއްޔަތާ މުޚާޠަބު ކުރެއްވައި ﷲ އެކަލާނގެ ޝަރީޢަތް އިޢުލާންކުރެއްވިއެވެ. ޝައްކެއްނެތް ގޮތުގައި އިސްލާމީ ޝަރީޢަތަކީ އެހެނިހެން ސަމާވީ ޝަރީޢަތްތަކުގެ މައްޗަށާއި ފަލްސަފީ ވަޟްޢީ ހުރިހާ ނިޒާމެއްގެ މައްޗައް ﷲ މާތްކުރައްވާފައިވާ ޝަރީޢަތެވެ. މަތިވެރި ނިޒާމެކެވެ. އަދި ހަމަ އެހެންމެ މިފަދަ މަތިވެރި ސިފަތަކެއް ލިބިގެންވާ އެހެން އެވެސް ފަލްސަފީ ނިޒާމެއް ދުވަހަކުވެސް މިދުނިޔެއަށް އައިސްފައި ނުވެއެވެ. އަދި ނުވެސް އަންނާނެއެވެ. އިސްލަމީ ޝަރީޢަތަށް ލިބިގެންވާ އެންމެ މާތް ސިފައަކީ އެއީ އިލާހީ އަދި ރައްބާނީ ޝަރީޢަތަކަށް ވުމެވެ. މި މާތް ޝަރީޢަތުގެ ޙުކުމްތަކާއި ޤާނޫނުތައް ފެށިގެން އަންނަނީ ރައްޔިތުން ނުވަތަ ރައްޔިތުންގެ ފަރާތުން ކަނޑައެޅޭ މަންދޫބުންގެ އަޣުލަބިއްޔަތަކުންނޫނެވެ. މަތިވެރި ﷲގެ ޙަޟުރަތުންނެވެ.

އިންސާނާ އަކީ ﷲގެ ޝަރީޢަތް ބިންމަތީގައި ޤާއިމު ކުރުމަށް ލެއްވިގެންވާ ޚަލީފާއެވެ. މިހެން ކަމުން އޭނާއަކީ ނާއިބެވެ. އަސްލު ވެރިފަރާތަކީ ﷲ އެވެ. ޙުކުމް ކަނޑައަޅުއްވަނީ ﷲ އެވެ. އެޝަރީޢަތުގައި ޙާކިމަށް ނުވަތަ ވެރިޔާ އަށް ވަޙީ ކުރައްވާފައިވާ ބަސްފުޅު އަލްމާއިދާ ސޫރަތުގެ 49- 50 އަށް ވަޙީކުރައްވާފައިވެއެވެ.  وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ ﴿٤٩﴾ أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ ﴿٥٠﴾  މާނައީ : '' އަދި ﷲ ބާވައިލައްވާފައިވާ ޙުކުމަށް އެބައިމީހުންގެ މެދުގައި ކަލޭގެފާނު ޙުކުމް ކުރަށްވާށެވެ! އަދި، އެބައިމީހުންގެ އެދުންތަކަށް ތަބަޢަވެވަޑައި ނުގަންނަވާށެވެ! އަދި ﷲ ކަލޭގެފާނަށް ބާވައިލެއްވި ބައެއް ޙުކުމްތަކުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެބައިމީހުންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ އެބައިމީހުން ޤުރުއާނުގެ ޙުކުމަށް ފުރަގަސް ދީފިނަމަ، ކަލޭގެފާނު ދެކެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲ އިރާދަކުރައްވާފައިވަނީ، އެބައިމީހުންގެ ބައެއް ފާފަތަކުގެ ސަބަބުން، އެބައިމީހުންނަށް ޢުޤޫބާތް ދެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުން ކަންކަށަވަރެވެ. ފަހެ އެބައިމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ އަދި ޔަޤީން ކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމްކުރެއްވުމުގައި މޮޅީ ކާކުހެއްޔެވެ؟

އަދި، ހަމައެފަދައިން  ޙުކުމަށް ތަބާވާންތިބި ރައްޔިތުންނަށް އަމުރުކުރައްވައި ވަޙީ ކުރައްވަނީ މިފަދައިންނެވެ. އައްނޫރު ސޫރަތުގެ 51 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވެއެވެ. إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ ﴿٥١﴾ މާނައީ : " އެބައިމީހުންގެ މެދުގައި ޙުކުމެއް ކުރެއްވުމަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް އެބައިމީހުންނަށް ގޮވައިލައްވައިފި ހިނދަކު މުއުމިނުންގެ ބަހެއްކަމުގައި ވާކަންކަށަވަރީ ތިމަންމެން އަހައިފީމުއޭ، އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ ބުނުމެވެ. އަދި ދިންނަވައި ނަޞީބުލިބޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ.''

އިސްލާމީ ޝަރީޢަތަށް ލިބިގެންވާ އެންމެ މަތިވެރި އަނެއް ސިފައަކީ އެޝަރީޢަތަކީ މާތް އަޚުލާޤާއި ރީތި އަދަބުތަކުގެ މައްޗައް އެކުލެވިގެންވާ ދެވަނައެއް ނެތް މަތިވެރި ޝަރީޢަތަކަށް ވުމެވެ. މިހެންކަމުން މިޝަރީޢަތުގައި އިންސާނާ އަށް ގެއްލުންދެނިވި ހުރިހާ ޢަމަލުތަކުން އޭނާ އަށް ސަލާމަތްކަން ހޯދާ ދިނުމަށް ގޮވާލައްވާފައިވެއެވެ. މިގޮތުން އެންމެފުރަތަމަވެސް އަޚްލާޤީ ބަލިމަޑުކަމުގެ އަޞްލުކަމުގައިވާ  އުއްމުލް ޚަބާއިޘް ގެ ނަމުން ނަންދެވިފައިވާ ހުރިހާ ފާހިޝްކަންކަމުގެ މަންމަކަމުގައިވާ ރާ ޙަރާމް ކުރެއްވިއެވެ. އަލްމާއިދާ ސޫރަތުގެ 90- 91 އަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ: يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾ إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾ މާނައަކީ: " އޭ އީމާންވީ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާ އާއި ޖުވާ ކުޅުމާއި އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބު ހުރި ގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ، ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ ތިޔަބައި މީހުން އެކަންތަކާ ދުރުވެގަންނާށެވެ! އެއީ ތިޔަބައިމީހުން ދިންނަވައި ނަސީބުލިބޭތޯއެވެ. ޝައިޠާނާ އެދޭ ކަން ކަށަވަރީ ރާ އާއި، ޖުވާގެ ސަބަބުން ތިއަބައި މީހުންގެ މެދުގައި ޢަދާވާތްތެރިކަމާ، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި ﷲ ހަނދުމަކުރުމާއި ނަމާދު ކުރުމަށް ތިޔަބައިމީހުންނަށް ހުރަސް އެޅުމަށެވެ. ފަހެ ތިޔަބައިމީހުން އެކަންތައްތައް ހުއްޓައިލާށެވެ."

ރާ ޙަރާމްކުރެއްވުމަށް ފަހު އަދި ރަލުގެ އެކުވެރިއާކަމުގައިވާ ޒިނޭ ޙަރާކުރައްވައި އިސްލާމީ މުޖްތަމަޢުގެ ނަސްލު ޙިމާޔަތް ކޮށްދެއްވިއެވެ. އަލްއިސްރާއު ސޫރަތުގެ 32 ވަނަ އާޔަތުގައި އެކަލާނގެ ވަޙީކުރެއްވިއެވެ: وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا މާނައީ: " އަދި ތިޔަބައި މީހުން ޒިނޭއާއި ގާތްނުވާށެވެ! ހަމަކަށަވަރުން އެއީ ހުތުރުކަންބޮޑުވެގެންވާ ފާފައެއްކަމުގައިވިއެވެ. އަދި މަގެއްގެގޮތުން އެކަންތައް ހާދަހާ ނުބައި ވެގެންވެއެވެ."

އަދި ހަމަ އެއާއެކު އީމާންތެރި، ހެޔޮލަފާ، އަދި މައިންބަފައިންނަށް ކަމޭހިތާ، ކުޑަކުދިންނަށްއޯގާތެރި ފާހިޝް ކަންކަމުން ދުރުވެގެންވާ، ރަނގަޅުމުޖްތަމަޢެއްބިނާކުރެއްވުމަށް ބާރު އަޅުއްވައި އިޖުތިމާޢީ އަޚްލާޤީ އަސާސްތަކެއް ބަޔާންކުރައްވައި އަލްއަންޢާމް ސޫރަތުގެ 151 ވަނަ އާޔަތުގައި ވަޙީކުރަށްވާފައިވެއެވެ: قُلْ تَعَالَوْا أَتْلُ مَا حَرَّمَ رَبُّكُمْ عَلَيْكُمْ ۖ أَلَّا تُشْرِكُوا بِهِ شَيْئًا ۖ وَبِالْوَالِدَيْنِ إِحْسَانًا ۖ وَلَا تَقْتُلُوا أَوْلَادَكُم مِّنْ إِمْلَاقٍ ۖ نَّحْنُ نَرْزُقُكُمْ وَإِيَّاهُمْ ۖ وَلَا تَقْرَبُوا الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ ۖ وَلَا تَقْتُلُوا النَّفْسَ الَّتِي حَرَّمَ اللَّـهُ إِلَّا بِالْحَقِّ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَعْقِلُونَ ﴿١٥١﴾ މާނައީ: " ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން އަންނާށެވެ! ތިޔަބައިމީހުންގެ މައްޗަށް ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަރާމްކުރެއްވި ކަންތައް ކިޔައިދެއްވާނަމެވެ. ތިޔަބައިމީހުން އެކަލާނގެ އަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާށެވެ! މައިންބަފައިންނަށް ހެޔޮކޮންހިތާށެވެ! ފަޤީރުކަމުގެ ސަބަބުން ތިޔަބައިމީހުން ދަރީން ނުމަރާށެވެ! ތިޔަބައިމީހުންނަށާއި އެދަރީންނަށްވެސް ރިޒުޤު ދެއްވަނީ ތިމަން ރަސްކަލާނގެއެވެ. އަދި ފާޙިޝް ކަންތައްތަކާ ތިޔަބައިމީހުން ކައިރި ނުވާށެވެ! އޭގެތެރެއިން  ފާޅުވެގެންވާ ކަންތަކާއި ވަންހަނާވެގެންވާ ކަންތަކެވެ. ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ނަފްސެއް ޙައްޤަކާއި ނުލައި ނުމަރާށެވެ! މިކަންތައްތަކާމެދު އެކަލާނގެ ތިޔަބައިމީހުންނަށް ވަޞިއްޔަތް ކުރެއްވީ ތިޔަބައި މީހުން ވިސްނުމަށްޓަކައެވެ."

އިސްލާމީޝަރީޢަތަކީ އިންސާނާ އަށް ހުރިހާކަމެއްގައި ވެސް ލުއިފަސޭހަ ގޮތްތަކެއް އައިސްފައިވާ މަތިވެރި ޝަރީޢަތެކެވެ. އަލްބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ ﴿١٨٥﴾ މާނައީ:" ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އެދިވޮޑިގަންނަވައެވެ. އަދި ދަތި އުނދަގޫގޮތްތައް ތިޔަބައިމީހުންނަށް މެދުވެރިކުރައްވާކަށް އެދިވޮޑިނުގަންނަވައެވެ."

އަދި އައްނިސާއު ސޫރަތުގެ 28 ވަނަ އާޔަތުގައި ވެސް ވަޙީކުރައްވާފައިވެއެވެ. يُرِيدُ اللَّـهُ أَن يُخَفِّفَ عَنكُمْ ۚ وَخُلِقَ الْإِنسَانُ ضَعِيفًا ﴿٢٨﴾ މާނައީ: " ﷲ އެދިވޮޑިގެންވަނީ، ތިޔަބައިމީހުންނަށް ލުއިކޮށްދެއްވުމަށެވެ. އަދި އިންސާނާ ހައްދަވާފައިވަނީ އެދުންތަކުގެ ކުރިމަތީގައި ނިކަމެތިވެގެންވާ މީހެއްކަމުގައެވެ."

    މި ލުއިފަސޭހައިގެ މާނައަކީ ފަހަރެއްގައި ވެސް ދީނުގެ ބައެއް ކަންކަމުގައި ހިފައި އަނެއްބައި ކަންތައްތައް ދޫކޮށްލުމެއްނޫނެވެ. މީގެ މާނައަކީ އިންސާނުންނަށް ތަޙައްމުލްކުރެވޭ ހެޔޮ ތަކްލީފުތަކެއް ކަނޑައެޅުއްވާފައިވާ ވާހަކައެވެ. ފެން ނުލިބުމުން ތަޔައްމުމު ކުރުމާއި ކޮށްޅަން ހުރެ ނަމާދު ނުކުރެވޭ މީހާ އިށީނދެ އިނދެ ނަމާދު ކުރެވުމާއި، ދަތުރުވެރިޔާ ނަމާދު ޤަޞްރުކުރުމާއި ޖަމްޢުކުރުމާއި، ރޯދަ ދޫކޮށްލުމާއި ބަލިމީހާ ނުވަތަ މާ ބަނޑުމީހާ ނުވަތަ ކިރުމައިގެ ރޯދަ ފަސްކޮށްލުން ފަދަ ލުއިކަންކަމެވެ.

    މިފަދަ މަތިވެރި ޝަރީޢަތެއްގެ އަހުލުވެރިބަޔަކަށް އަޅުގަނޑުމެންވި ކަމީ މާތް ﷲ އަޅުގަނޑުމެންނަށް ދެއްވި ވަރަށް މަތިވެރި ރަޙްމަތެވެ. މި އުސޫލު ތަކަކީ މުޅިއިންސާނިއްޔަތުގެ މަޞްލަޙަތަށްޓަކައި ﷲ ބާވާ ލައްވާފައިވާ މަތިވެރި  އުސޫލުތަކެކެވެ. މިހެންކަމުން މިކަންކަމާއި މެދު ވިސްނާ ފިކުރު ހިންގައި ﷲ އަށް ބިރުވެތިވެ ދީނުގައި ހިފަހައްޓައިގެން ޘާބިތުވެ ތިބޭށެވެ. އަޅުގަނޑުމެންނީ މިޝަރީޢަތުގެ ޚާދިމުންގެ ގޮތުގައި ލައްވާާށިއެެވެ. އަޅަމެންނަށް ކެތްތެރިކަން ދެއްވައި ސާބިތުކަން ދެއްވައި ފާފަތައް ފުއްސަވައި ﷲގެ ލޯބިވެވޮޑިގަތުން ދެއްވާންދޭވެ! އާމީން.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި