Noorul-islam.NET :: އިސްލާމާއި ޑިމޮކްރަސީ އަކީ އެއްފައިސާ ފޮއްޗެއްގެ ދެފަރާތް ހެއްޔެވެ؟

އިސްލާމާއި ޑިމޮކްރަސީ އަކީ އެއްފައިސާ ފޮއްޗެއްގެ ދެފަރާތް ހެއްޔެވެ؟
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 1 މާޗް 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

އިސްލާމްދީނަކީ އެންމެ ފުރިހަމަ ނިޒާމެވެ. އިންސާނުންގެ ޙަޔާތުގައި ބޭނުންވާ އެންމެހާ ކަމެއްގައި އިސްލާމްދީންވަނީ އިންސާނާއަށް މަގުކޮށާދީފައެވެ. މަދަނީ ކަންކަމާއި ޖިނާއީ ކަންކަމާއި އަލްއަޙްވާލުއްޝަޚްޞިއްޔާއާއި، އިޤްތިޞާދީ ކަންކަމާއި ސީސާސީކަންކަމާއި ދައުލަތްހިނގުމާއި ބައިނަލްއަޤުވާގުޅުންތަކާއި ތަރުބަވީ ކަންކަމާއި އަޚްލާޤާއި އަޤީދާއާއި މުޢާމަލާތާއި މިއެންމެހާ ކަންކަމަކީ މިއީ އިސްލާމްދީން ގެނެސްދީފައިވާ ކަންކަމެވެ. ނަބީބޭކަލުން ނަކީ ﷲގެ ޙަޟްރަތުން އެކަލާނގެ ރިސާލަތު ފޯރުކޮށްދެއްވި މަތިވެރި ލީޑަރުންނެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަކީ ދުނިޔެއަށް އެންމެ ވަރުގަދަ އިޞްލަޙީ އިންޤިލާބެއް ގެނެސްދެއްވި ލީޑަރުކަމަށް ޣައިރު މުސްލިމުން ވެސް އެއްބަސްވެއެވެ. އެ އިޞްލާޙީ މަޝްރޫޢު ބިނާވެގެން ދިޔައީ ﷲގެ އެއްކައުވަންތަކަމުގެ މައްޗަށެވެ. އަޅުކަމުގައި ވެސް ﷲ އެއްކައުވަންތަކުރުމެވެ. ޤާނޫނުގައި ވެސް ﷲ އެއްކައުވަންތަކުރުމެވެ. އިޤްތިޞާދުގައި ވެސް ﷲ އެއްކައުވަންތަކުރުމެވެ. ވެރިކަން ހިންގުމުގައި ވެސް ﷲ އެއްކައުވަންތަކުރުމެވެ.

އިސްލާމްދީނުގައި އިންސާނާ އަށް ފުރިހަމަ މިނިވަންކަމެއް ހޯދާދީފައިވެއެވެ. އޭގެ ތެރޭގައި އެންމެ މަތިވެރި މިނިވަންކަމަކީ ވިސްނާ ފިކުރުކުރުމާއި ދުލުގެ މިނިވަންކަމެވެ. މިއީ އެއްވެސް ވަރަކަށް އިސްލާމްދީނުގައި ހިފަހައްޓާފައިވާ ކަމެއްނޫނެވެ. ނަމަވެސް ކޮންމެ މިނިވަންކަމަކަށް ވެސް އިސްލާމްދީން ކަނޑައަޅުއްވާފައިވާ އިމަކީ އަޚްލާޤީ އިމެވެ. ދުލުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި މީހުންގެ އަބުރާ ބެހުމާއި ދޮގުވާހަކަތައް ފެތުރުމާއި މީހުންނަށް އެކި ނަންނަމުން ގޮވުމާއި މިކަންކަމަކީ މިއީ އިސްލާމްދީން މަނާކުރާ ކަމެކެވެ. އަދި މީހުންގެ ކާޓޫނު ކުރެހުމާއި މިނިވަންކަމުގެ ނަމުގައި މީސްތަކުންގެ ޙައްޤުތަކަށް އެރުމަކީ އިސްލާމްދީނުގައި ދީފައިވާ ޙައްޤެއްނޫނެވެ.

އަދި ކަންކަން ނިންމުމުގައި ވެސް އަޣްލަބިއްޔަތަކީ އިސްލާމްދީން ވަރަށް ބޮޑަށް ރިޢާޔަތްކުރާ އެއްޗަކަށް ވިޔަސް ﷲގެ ޝަރީޢަތުގެ އަޞްލަކާ ޚިލާފަށް ގިނަބަޔަކު އެއްބަސް ވިޔަސް އެކަމެއް އެގޮތަކަށް ނުނިންމޭނެއެވެ. ދީނަކީ އިސްލާމީ ނިޒާމުގައި ދައުލަތުގެ އެންމެ މަތީ ރުކުނެވެ. ދީން ޙިމާޔަތްކުރުމާއި ދީނަށް ގޮވާލުމާއި ޝަރީޢަތުގެ ޙުކުމްތައް ތަންފީޒުކުރުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެވެ. އިސްލާމީ ނިޒާމުގެ ދަށުގައި އެހެން ދީންތަކުގެ މީހުންނަށް ވެސް އިންޞާފު ލިބިގެންވެއެވެ. އަމާންކަން ލިބިގެންވެއެވެ. އެހެންބަޔަކު އިސްވެ ދުޝްމަން ނުވާހާ ހިނދަކު އިސްލާމްދީން އެބަަޔަކީ ދުޝްމަނެއް ނުވާނެއެވެ. ނުހައްޤުން ލޭއޮހޮރުވާލުން ފަދަ ކަންކަމީ އިސްލާމްދީނަށް ނަހީކޮށްފައިވާ ކަންކަމެވެ.

ޑިމޮކްރަސީ އަށް ބަލާއިރު އޭގައި ހުރި އެންމެ ބޮޑު އުނިކަމަކީ އެއީ އިންސާނީ އަމިއްލަ އުފެއްދުމެއްކަމެވެ. އެއީ ﷲ ވަޙީގެ މަތީގައި ބިނާވެފައިވާ ނިޒާމެއްނޫނެވެ. އެއްވެސް ދީނަކަށް ބަލާ ނިޒާމެއްނޫނެވެ. އެމީހަކު އުޅެންވީ ގޮތަކަށް އުޅެންދޫކޮށްފައިވާ ފަލްސަފާއެކެވެ. ފިޠުރަތުގެ ހަމަތަކާއި އިންސާނީ ހެޔޮވިސްނުމާ ޚިލާފަށް ވެސް އަޣްލަބިއްޔަތުން ކަމެއް ނިންމައިފި ނަމަ އެކަމެއް ނިމެއެވެ. ތަންފީޒުކުރެވެއެވެ. އެއްޖިންސު ކައިވަންޏާއި މިފަދަ އެތައް ކަމެއް ހުޅަނގުގެ ޤައުމުތަކުން ފެންނަމުންދާ ކަމީ ޙަޤީޤަތެކެވެ. އަދި މީގެ އިތުރުން ހުޅަނގުގެ ޑިމޮކްރަސީގައި އިންސާނީ ޙައްޤުތަކަށް ދަޢުވާކުރަމުން ދާއިރު ބައިނަލްއަޤުވާމީ ހަމަތަކާއި އިންސާނީ ހެޔޮ ވިސްނުމާ ޚިލާފަށް އެއުރެންގެ ލަޝްކަރުތަކުން އަންހެނުންނާއި މުސްކުޅިންނާއި ކުޑަކުދީން މަރައި ބަރު ހަތިޔާރުގެ ބޭނުންކޮށްގެން ފައްޅިތަކާއި މިސްކިތްތަކާއި ފުނޑުފުނޑުކުރަމުންދާކަމީ ހުޅަނގުގެ ޑިމޮކްރަސީ އޮރިޔާންވެފައިވާ ކަމުގެ އެންމެ ވަރުގަދަ އެއް ހެއްކެވެ. އިސްލާމްދީނުގައި ކުޑަކުދިނާއި އަންހެނުންނާއި މުސްކުޅިން މެރުމާއި ފައްޅިތައް ހަލާކުކުރުމާއި ގަސްގަހާ ގެއްސާއި ޖަނާވާރަށް ގެއްލުން ދިނުމަކީ ހަނގުރާމައިގެ ވަގުތުގައި ވެސް މަނާވެގެންވާ ކަމެކެވެ. ހުޅަނގަށް ފެތުރިފައިވާ ޑިމޮކްރަސީގެ ސަބަބުން އެތައް އެތައް އިޖްތިމާޢީ މައްސަލަކެއް ހުޅަނގުގައި ފެތުރެމުން އެބަދެއެވެ. މިޑިމޮކްރަސީ ދެކެ ހުޅަނގުގެ އިންޞާފުވެރި ރައްޔިތުން ވަނީ ފޫހިވެފައެވެ. ހުޅަނގުގެ ގިނަ ރައްޔިތުންނަކީ ރިވެތި އަޚްލާޤު ހުރި ބައެކެވެ. ވަޢުދަށް ހުރުމަތްތެރިކޮށް ހިތުމާއި އިންޞާފަށް ލޯބިކުރުމާއި ވަގުތަށް ކަމޭހިތުމަކީ އެމީހުންގެ ކިބައިގައި ހުރި ވަރަށް ރީތި ސިފަތަކެކެވެ. މިކަންކަމުގެ ސަބުން އެމީހުން އަބަދުވެސް ޙަޤީޤަތް ހޯދަށް މަސައްކަތްކުރެއެވެ. ދިރާސާތައް ހަދައެވެ. ޢިލްމީގޮތުން ކުރިއަރައިދިޔައީ އެހެންވެގެންނެއެވެ،. އަދި އެބައިމީހުން ދީންތަކާ ބެހޭ ގޮތުން ވެސް ދިރާސާތައް އިންތިހާ އަށް ކުރެއެވެ. މިކަމުގެ ނަތީޖާ އަކީ ހުޅަނގު އިސްލާމްވަމުން ދިއުމެވެ. މިއަދު ހުޅަނގުގެ ޤައުމުގެ ތަކުގެ ވެރިންނަަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހުޅަނގު އިސްލަމައިޒް ވަމުން ދިއުމެވެ. މިކަމާ ކުރިމަތިލާނެ ގޮތްތަކެއް ހޯދުމަށް ޔޫރަޕިއަން ޔޫނިއަނުންވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މަޢްލޫމާތު ހާމަވެފައިވެއެވެ.  

މިއަދު ހުޅަނގުގެ ރައްޔިތުންގެ ވިސްނުން ވަނީ އިރުމައްޗާ ހަމަ އަށް ކުރިމަތިލާފައެވެ. 2007 ވަނަ އަހަރާ ހަމައަށް އައިއިރު ހުޅަނގުގައި މުސްލިމުންގެ އަދަދީ 53 މިލިޔަނެވެ. އޭގެ ތެރެއިން 16 މިލިޔަން އުޅެމުންދިޔައީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކުގައެވެ. ޔޫރަޕިއަން ޔޫނިއަނުން ހާމަކުރަމުން ދަނީ 2025 ވަނަ އަހަރު ޔޫރަޕިއަން ޔޫނިއަންގެ ތިންބައިކުޅަ އެއްބައި ރައްޔިތުންނަކީ މުސްލިމުންކަމުގައި ވެގެންދާނެކަމުގައެވެ. އެމެރިކާގައި އަހަރަކު ފަންސަވީސްހާސް މީހުން އިސްލާމްވާ ކަމަށް ދިރާސާތައް ބުނެއެވެ. 1970 ވަނަ އަހަރު އެމެރިކާގައި މުސްލިމުންގެ ޢަދަދަކީ އެއްލައްކައެވެ. މިއަދު އެމެރީކާގެ މުސްލިމުންގެ ޢަދަދލު 9 މިލިޔަނަށް އަރާކަމަށް ދިރާސާތައް ބުނެއެވެ. އެމެރިކާގައި އެންމެ ބޮޑަށް ފެތުރިގެންދާ ދީނަކީ އިސްލާމްދީނެވެ. އިނގިރޭސިވިލާތުގައި އަހަރަކު ދިހަހާއާއި ވިހިހާހާ ދެމެދުގެ އަދަދަކަށް މީހުން އިސްލާމްވެއެވެ. މީގެ ތިރީސް އަހަރުކުރީގައި މުސްލިމުންގެ ޢަދަދަކީ އިނގިރޭސިވިލާތުގައި 85 ހާހެވެ. ނަމަވެސް މިއަދު އެޤައުމުގައި މުސްލިމުންގެ ޢަދަދަކީ 2.5 މިލިޔަނެވެ. އަދި މިހާރު އެޤައުމުގައި އެއްހާހަށް ވުރެ ގިނަ މިސްކިތްވެއެވެ. އޭގެ ގިނަތަންތަނަކީ ކުރީގައި ފައްޅިތަކެވެ. އޮސްޓްރޭލިޔާގައި އަހަރަކު ފަނަރަހާސް އިސްލާމްވެއެވެ. ޖަރުމަނުވިލާތުގައި އަހަރަކު ހަތަރު  ހާސް އިސްލާމްވެއެވެ. ބައެއް ދިރާސާތައް ހާމަކުރާ ގޮތުން ފްރާންސްގައި އަހަރަކު ފަންސާސްހާހާއި ގާތްކުރާ ވަރަކަށް އިސްލާމްވެއެވެ. އަދި ފްރާންސްގައި ދެވަނައަށް އެންމެ ބޮޑު ދީނަކީ އިސްލާމްދީނެވެ. 2027 ވަނަ އަހަރު ފްރާންސްގައި މުސްލިމުންގެ ނިސްބަތް 45% އަށް އަރާނެކަމަށް ދިރާސާތައް ހާމަކުރެއެވެ. މީގެ ނަތީޖާ އަކަށް ވެގެންްދާނީ ފްރާންސް އިސްލާމިކް ރިޕަބްލިކަކަށް ބަދަލުވެގެން ދިއުންކަމަސް ވެސް މުޙައްލިލުން ބުނެއެވެ. ސްވިޑްންގައި އަހަރަކު ފަނަރަ ހާސް އިސްލާމްވެއެވެ. ރަޝިޔާގައިވާ އެންމެ ބޮޑު މައިނޯރިޓީއަކީ މުސްލިމުންނެވެ. އެއީ 30% އެވެ. 2050 ވަނަ އަހަރު ރަޝިޔާއަކީ މުސްލިމު ދައުލަތަށް ބަދަލުވެގެންދާނެ ކަމަށް ދިރާސާތައް ހާމަކުރެވިފިވެއެވެ. އަދި 2006 އާއި 2007 ދެމެދު ފަންސާސްހާސް މީހުން އިޓަލީގައި އިސްލާމްވެފައިވެއެވެ. ވޭތުވެ ދިޔަ އަހަރުތަކުގައި މުސްލިމުންގެ ނިސްބަތް 21% އިން 25% ވަނީ އިޓަލީގައި އަރާފައެވެ. ނަވާރަ ވަނަޤަރުނުގައި ހޮލެންޑުގައި ތިބީ 48 މުސްލިމުންނެވެ. މިއަދު އެޤައުމުގައި މުސްލިމުންގެ ޢަދަދަކީ އެއް މިލިޔަނެވެ. އެއީ 6% އެވެ. ފާހަނގަކުރެވޭ ގޮތުގައި ހުޅަނގުގެ ޤައުމުތަކުގައި އަލަށް އިސްލާމްވާ މީހުން އިސްލާމްދީނުގެ ކަންކަމުގައި ހިފައިގެން ތިބޭލެއް މާ ވަރުގަދައެވެ. ހުޅަނގުގައި އިސްލާމްވާ މީހުންގެ 75% އެއީ އަންހެނުންނެވެ. އޮސްޓްރޭލިޔާގައި އިސްލާމްދީން ފެތުރިގެންދާލެއް ބާރު ކަމުން އަހަރުތަކަކަށް ފަހު އެތަން އިސްލާމީ ދައުލަތަކަށް ބަދަލުވެގެން ހިނގައިދާނެކަމުގެ އަލާމާތްތައް ފެންނަކަމަށް އެތަނުގެ ރަސްމީ ބައެއް ފަރާތްތަކުން ހާމަކޮށްފައިވެއެވެ.

ދެން އަޅުގަނޑުމެން ދިވެހިރާއްޖެއަށް ބަލާލަމާ ހިނގާށެވެ! ދިވެހިރާއްޖެ އިސްލާމްވިތާ މިހާރު މިދަނީ އެއްހާސް އަހަރުވަމުންނެވެ. މިއަދު ދިވެހިން މިތިބީ އިސްލާމްދީނާ ކިހާ ހިސާބެއްގައިތޯއެވެ؟ އާދެ! އަޅުގަނޑު ދަންނަވާނީ އިސްލާމްދީނުގެ ތަނބުތައް ދިވެހިރާއްޖޭގައި ދަނީ ވަރަށް ބޮޑަށް ވަރުގަދަވަމުން ކަމުގައެވެ. ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން ރާއްޖެއަކީ "އިސްލާމީ އުޞޫލުތަކުގެ މައްޗަށް ޤާއިމުވެފައިވާ" ދައުލަތެކެވެ. މިއުޞޫލުތައް ދިވެހި ސިޔާސީ ނިޒާމުގެ ތެރެއަށް ދަނީ ވަރުގަދަ އަށް ވަންނަމުންނެވެ. ދިވެހިރާއްޖޭގައި ހުޅަނގުގެ ޑިމޮކްރަސީގެ ބަރަނިން ވިޔެފައިވާ ސިޔާސީ ނިޒާމެއް ޤާއިމުކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ބައެއް ފަރާތްތަކަށް މި ދެނިޒާމަކީ އެކައްޗެކޭ ބުންޏަސް ހަޤީޤަތުގައި މިއީ ދޭއްޗެކެވެ. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ހޯދާ ދީފައިވަނީ ޒަމާނީ އިސްލާމީ ސިޔާސީ ނިޒާމެކެވެ. ދިވެހިރާއްޖޭގައި މިއޮތީ ނަމޫނާ ނިޒާމެކެވެ. ޚާއްޞަކޮށް އިސްލާމީ ޤައުމުތަކަށް ހުރި ނަމޫނާއެކެވެ. ބާރުތައް ވަކިވެފައި ވުމާއި މިފަދަ ކަންކަނަކީ ޢުމަރުގެފާނުގެ ވެރިކަމުއި އުފެއްދި ކަންކަމެވެ. ލާމަރުކަޒީއަކީ ވެސް ޢުމަރުގެފާނުގެ ވެރިކަމުގައި އުފެދުނު ނިޒާމެކެވެ. އެއީ ހުޅަނގުގެ ޑިމޮކްރަސީ އަށް ވުރެން ދޮށީ ނިޒާމެކެވެ.

ދިވެހިރާއްޖެއަށް ބަޔަކު ގެންނަން އުޅުނީ ހުޅަނގުގެ ނިޒާމެވެ. ނަމަވެސް އާޚިރުގައި ނިމިގެން ދިޔައިރު ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އިސްލާމްދީނާ ޚިލާފަށް އެއްވެސް ޤާނޫނެއް ނުހެެދޭނެއެވެ. ތަޢްލީމާއި ތަރުބިޔަތު އޮންނަންވާނީ އިސްލާމްދީނަށް ލޯބި އުފެދޭ ގޮތަށެވެ. ޚިޔާލުފާޅުކުރެވެންވާނި އިސްލާމްދީނާ ފުށުނާރާގޮތަށެވެ. އިންސާނީ ޙައްޤަކީ އިސްލާމްދީން ސާބިތުކޮށްދީފައިވަ ޙައްޤެވެ. އިސްލާމްދީނާ ފުށުއަރާނަމަ ވަކި ޙައްޤެއް ހިފެހެއްޓިދާނެއެވެ. ރައީސުލްޖުމުހޫރިއްޔާއަކަށް ހުންނަންވާނީ ސުންނަތް ޖަމާޢަތުގެ މީހެކެވެ. ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމީ ޝަރީޢަތެވެ. ރައްޔިތުންގެ މަޖްލީހުން އިސްލާމްދީނާ ޚިލާފަށް އެއްވެސް ޤާނޫނެއް ފާސްކޮށްގެން ނުވާނެއެވެ. އިސްލާމްދީނުގެ އަޞްލަކީ ޤުރްއާނާއި ސުންނަތެވެ. މައްސަލައެއްގައި ދަންނަބޭކަލުން ޚިލާފުވެއްޖެ ނަމަ ޖުމުހޫރު ދަންނަބޭކަލުންގެ ރައުޔަކީ ބުރަވެވޭ ރައުޔެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ހުރި ވާހަކަތަކެކެވެ. މިއަށް ޑިމޮކްރަސީ ކިޔާނެ ހެއްޔެވެ؟ ހުޅަނގުގެ އެއްވެސް ދައުލަތެއްގައި އެދައުލަތެއްގެ މެޖޯރިޓީ ރައްޔިތުން ޤަބޫލުކުރާ ދީނުގައިވާ ކަމަކާ މެދު މި ފަދަ ގޮތަކަށް ޤާނޫނު އަސާސީއެއްގައި ވޭހެއްޔެވެ؟ ޑިމޮކްރަސީއާއި އިސްލާމް އަކީ އެއްފައިސާ ފޮއްޗެއްގެ ދެފަރާތެއްނޫނެވެ. އިސްލާމްއަކީ ނިޒާމެކެވެ. އެއީ އޭގައި އަޅުކަމާއި ވެރިކަމާއި ދީނާއި ދުނިޔޭގެ ކަންކަން ހިމެނޭ ﷲ ގެ ވަޙީއެވެ. ޑިމޮކްރަސީއަކީ ވަޟްޢީ ފަލްސަފާއެކެވެ.

 

 

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި