Noorul-islam.NET :: އަޅުގަނޑު އިންޞާފުގެ މަގުން އެއްކިބާވެއްޖެ ނަމަ ހަމަމަގަށް އަޅުވާ ދެއްވާށެވެ! - އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު

އަޅުގަނޑު އިންޞާފުގެ މަގުން އެއްކިބާވެއްޖެ ނަމަ ހަމަމަގަށް އަޅުވާ ދެއްވާށެވެ! - އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު
Category »  މުޝްރިފްގެ ޤަލަމުން

ތާރީޚް: 28 ފެބްރުއަރީ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

އަބޫބަކުރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު އަކީ އާދަޔާ ޚިލާފު އިންސާނެކެވެ. އެކަލޭގެފާނުގެ އަޞްލު ނަންފުޅަކީ އަބްދުﷲ އެވެ. އިސްލާމްވެވަޑައިގެންނެވުމުގެ ކުރީން ދުވަހަކު ވެސް ބުދަށް އަޅުކަމެއް ނުކުރައްވައެވެ. ރަލެއް ނުހިއްޕަވައެވެ. އެކުގައި އުޅުއްވި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަށް ވަޙީ ބާވާލެއްވުނު ޚަބަރު އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި އެއްބޭކަލަކީ އެއީއެވެ. އެންމެ ފުރަތަމަ އިސްލާމްވެވަޑައިގެންނެވި ފިރިހެންބޭކަލަކީ އެއީއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަގެ ދުވަސްވަރުގައި އެކަލޭގެފާނަށް އެންމެ ބޮޑަށް ނަޞްރުދެއްވައި އަމިއްލަފުޅު މުދަލުން އިސްލާމްދީނަށްޓަކައި ޚަރަދުކުރައްވައި އަޅުން މިނިވަންކުރައްވައި ގިނަގުނަ ޤުރްބާނީ ވެވަޑައިގެންނެވިއެވެ. އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ހިޖުރަކުރެއްވިއެވެ. ހިޖުރަކުރެއްވުމުގައި އިތުރުއެކަލޭގެފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވުމުގެ ނަޞީބު ލިބިވަޑައިގަތުމުން އެކަމާ އުފާފުޅުވެގެން ކީރިތި ކުރެއްވިއެވެ. އެއީ ހިޖުރައިގެ ނާމާން ދަތުރުގެ ބައިވެރިޔާއެވެ. ބިރުވެރި ހޮހަޅައިގެ އެކުވެރިޔާއެވެ. އޯގާތެރި މާތް އިންސާނާއެވެ. މުޙައްމަދުގެފާނުގެ އުންމަތްދެކެ އެންމެ ލޯބިވާ ޞަޙާބީއެވެ. އެންމެ އޯގާތެރި ޞަޙާބީއެވެ. އެންމެ ތަޤުވާވެރި ޞަޙާބީއެވެ. އެންމެ ތެދުވެރި ޞަޙާބީއެވެ. މުޅި މުދާ އެއްކޮށް ޞަދަޤާތްކުރެއްވި ޞަޙާބީއެވެ.

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތް ދުވަހު މުޅި މަދީނާ އޮތީ ޙަޤީޤަތުގައި ވެސް އަނދިރިވެފައެވެ. އެންމެހާ މުސްލިމުންގެ ހިތްތަށް ވަނީ ހިތާމައިން ފުރިފައެވެ. ވަޙީ މެދުކެނޑިގެންދިއުމާއި އެމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއުރެންނާ ވަކިވެގެން ދިއުމުގެ ސަބަބުންނެވެ. މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެން ޚަބަރު ލިބިވަޑައިގަތުމުން ބައެއް ޞަޙާބީންނަށް އެކަން ޤަބޫލުކުރެއްވުމަށް ދަތިވެވަޑައިގަތެވެ. ޢުމަރު ރަޟިޔަﷲ ޢަންހު ވިދާޅުވީ މުޙައްމަދުގެފާނު އަވަހާރަވެއްޖޭ ބުނި ކޮންމެ މީހެއްގެ ބޯ ކަނދުރާއާ ވަކިކޮށްލާނެ ކަމަށެވެ. ނަމަވެސް އަބޫބަކުރުއްޞިއްދީޤަށް މިޚަބަރު ލިބިވަޑައިގަތުމުން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ވަޑައިގެން އެކަލޭގެފާނުގެ މޫނު ފުޅަށް ބޮސް ދެއްވައި ވިދާޅުވިއެވެ" އޭ މުޙައްމަދުގެފާނެވެ! ކަލޭގެފާނު ދިރިހުންނެވި އިރާއި، އަވަހާރަވުމަށް ފަހުގައި ވެސް މޫނުފުޅުގެ ރީތިކަމާއެވެ." ދެން އެބޭފުޅުން އަވަސްވެވަޑައިގަތީ އެކަލޭގެފާނު ފަސްދާނުލެއްވުމުގެ ކަންތަކާއެވެ. އެވަގުތު އަންޞާރިއްޔަބޭކަލުންގެ ތެރެއިން އިސްވެރިން ޖަމަޢަވެވަޑައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަ އަށް ފަހު އުންމަތުގެ ވެރިކަމަށް އިސްކުރާނޭ ބޭފުޅަކާ މެދު ދިޔައީ މަޝްވަރާކުރައްވަމުންނެވެ. މާގިނަ އިރު ތަކެއް ނުވަނީސް އެތަނަށް އަބޫ ޢުބައިދަތުގެފާނާއި، ޢުމަރުގެފާނާއި، އަބޫބަކުރުގެފާނު ވަޑައިގެންނެވިއެވެ. ގިނަގުނަ މަޝްވަރާތަކަށް ފަހު، މުސްލިމުން އަބޫބަކުރުގެފާނަށް ބައިޢަތު ހިފިއެވެ. އެއީ ވަރަށް ގިނަގުނަ ސަބަބުތަކަށްޓަކައެވެ. އޭގެ ތެރޭގައި އިތުރުއެކަލޭގެފާނުގެ އެންމެ އަރިހުގައި އުޅުއްވުމާއި، އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ޖަމާޢަތުގައި ނަމާދުކުރެއްވުމަށް އެކަލޭގެފާނުގެ ބަދަލުގައި އަބޫބަކުރުއްޞިއްދީޤު އިސްކުރެއްވުމާއި، ހިޖުރައިގައި ބައިވެރިކުރެއްވުމާއި، މިފަދަ އެތައް އެތައް ސަބަބު ތަކާހުރެއެވެ.

އަބޫބަކުރުގެފާނު އުއްމަތުގެ ވެރިކަމާ ޙަވާލުވެވަޑައިގެން އެންމެ ފުރަތަމަ އުންމަތާ މުޚާޠަބުކުރައްވައި ދެއްވި ތަޤުރީރުގައި ވިދާޅުވީ އަންނަނިވި ބަސްފުޅުތަކެވެ. " އޭ މީސްތަކުންނޭވެ! ތިޔަބޭފުޅުންގެ މައްޗަށް ވެރިޔަކު ކަމުގައި އަޅުގަނޑު ޚިޔާރުކުރެވިއްޖެއެވެ. އަޅުގަނޑަކީ ތިޔަބޭފުޅުންގެ ތެރެއިން މިކަމަށް އެންމެ އެކަށީގެންވާ މީހާކަމުގައި އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑު އިންޞާފާއި ޙައްޤުގެ މަގުގައި ހުރިހާ ހިނދަކު ތިޔަބޭފުޅުން އަޅުގަނޑަށް އެހީތެރިވެދެއްވާށެވެ! އަޅުގަނޑު އިންޞާފުގެ މަގުން އެއްކިބާވެއްޖެ ނަމަ މަގަށް އަޅުވާދެއްވާށެވެ! އަޅުގަނޑު ﷲ އަށް ކިޔަންތެރިވާ ހާ ހިނދަކު ތިޔަބޭފުޅުން އަޅުގަނޑަށް ކިޔަމަންގަންނާށެވެ! އަޅުގަނޑު ﷲގެ މަގުން އެއްކިބާވެއްޖެ ނަމަ ތިޔަބޭފުޅުން އަޅުގަނޑަށް ކިޔަމަންތެރިކަން އަދާކޮށްގެންނުވާނެއެވެ. ތިޔަބޭފުޅުންގެ ތެރެއިން އަޅުގަނޑުގެ ގާތުގައި އެންމެ ޢިއްޒައްތެރި މީހަކީ ތިޔަބޭފުޅުންގެ ތެރެއިންވާ އެންމެ ނިކަމެތި މީހާއެވެ. އެއީ އޭނާގެ ޙައްޤު އޭނާ އަށް ހޯދައިދިނުމުގައެވެ. އަދި ތިޔަބޭފުޅުންގެ ތެރެއިން އަޅުގަނޑުގެ ގާތުގައި އެންމެ ނިކަމެތި މީހަކީ ތިޔަބޭފުޅުންގެ ތެރޭގައިވާ އަނިޔާވެރިމީހާއެވެ. އެއީ އެހެންމީހުންގެ ޙައްޤުތައް އޭނާގެ ކިބައިން ހޯދައިދިނުމުގައެވެ. " ވައްސަލާމް.

ބުއްދީގެ އަހުލުވެރިންނޭވެ! މި ތަޤުރީރުން ހާމަވެގެންދަނީ ކޮންފަދަ މަތިވެތި ދިމުޤުރާޠީ، ޢަދުލުވެރި ހަމަތަކެއްތޯއެވެ! މީގެ 1400 އަހަރު ކުރީންގެ ވެރިޔަކު ޤައުމާ މުޚާޠަބުކުރައްވައި ވިދާޅުވި ބަސްފުޅުތަކެވެ. ވެރިޔާ އެދިވަޑައިގަންނަވަނީ ތިމަންމަނިކުފާނު މަގުން ކަސިޔާރުވެއްޖެ ނަމަ ތިމަން މަނިކުފާނު މަގަށް އަޅުވާ ދެއްވުމަށެވެ! މިއީ ވަރަށް ރީތި މިސާލެކެވެ. މިޒަމާނުގެ ވެރިން މިއިން ޢިބްރަތް ހޯދަންޖެހޭނެއެވެ. ތިމަންނާ އަށް ހެޔޮއެދިގެން ބަހެއް ބުނާ މީހާއީ ދުޝްމަން މީހާ ކަމުގައި ހީކޮށްގެންނުވާނެވެ. ތިމަންނާ އަށް އެންމެ ހެޔޮއެދޭ މީހަކީ ތިމަންނާ އަށް ޚުޝާމަދުކޮށް ތިމަންނާ ވިއްކައިގެން ކާމީހާކަމުގައި ދެކިގެން ނުވާނެއެވެ. މިޒަމާނުގެ ވެރިންނާއި ރައްޔިތުން ވެސް އަބޫބަކުރު ރަޟިޔަﷲ ޢަންހުގެ ތަޤުރީރުން ފިލާވަޅު ލިބިގަތުމަކީ ވަރަށް މުހިންމުކަމެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި