Noorul-islam.NET :: ޝަރުޢީ ނަޒަރަކުން ޑީއެންއޭ ޤަރީނާ
ޝަރުޢީ ނަޒަރަކުން ޑީއެންއޭ ޤަރީނާ
Category »  ކުރީގެ މުޝްރިފްގެ ޤަލަމުން

ތާރީޚް: 28 ފެބްރުއަރީ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު

 

ހެއްކާ ޤަރީނާގެ ތެރޭގައި ހިމެނެނީ ހަމައެކަނި ލޮލުން ފެނުމާއި، ކަންފަތުން އަޑުއިވުމާއި މިކަންކަން އެކަނި ހެއްޔެވެ؟ މިފަދަ ތަރައްޤީ ވެފައިވާ ޒަމާނެއްގައި މި ނޫން ކަންކަން ހެއްކާ ޤަރީނާގެ ތެރެއަށް ވަންނާނެ ހެއްޔެވެ؟ މީގެ ޖަވާބު ހޯދުމަށް އަޅުގަނޑުމެން ދާންވީ މީގެ 6 ޤަރުނުކުރީން ދުނިޔޭގައި އުޅުއްވި އިމާމު އިބުނުލްޤައްޔިމު ރަޙިމަހުﷲ ގެ ފޮތްތަކަށެވެ. އިމާމު ވިދާޅުވެފައިވެއެވެ. އިސްލާމީ ޝަރީޢަތުގެ މަޤްޞަދަކީ އަދުލުވެރިކަން ޤާއިމުކުރުމެވެ. ޙަޤީޤަތާ ހައްޤާއި އިންޞާފަށް ވާޞިލްކޮށްދޭ ކޮންމެ އެއްޗަކީ ހެއްކާ ޤަރީނާގެ ތެރޭގައި ޝަރުޢީ ގޮތުން ހިމެނޭނެ އެއްޗެކެވެ. އެހެންކަމުން އަޞްލަކީ ޢަދުލުވެރިކަން ޤާއިމުކުރުމެވެ. އެއަށް ވާޞިލްކޮށްދޭ ކޮންމެ ކަމަކީ ނުވަތަ ވަސީލަކީ އޭގައި ހިފިދާނެ އެއްޗެކެވެ.

މިގޮތުން ބަލާއި މިއަދު ޓެކޮނޮލެޖީގެ އަލީގައި އިންސާނުންވަނީ ޢިލްމީ ގޮތުން އުސްމިނަށް ދަރުކޮށްފައެވެ. އަދި އިންސާނާގެ ހަށިގަނޑުން ވަނީ ވަރަށް ގިނަގުނަ ޙަޤީޤަތްތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެކައްޗަކީ ޑީއެންއޭ އެވެ. އިންސާނާގެ ވިރާސީ ކުރެހުމެވެ. މިއިން ބަޔާންކޮށްދެނީ އިންސާނާގެ ޙަޤީޤަތެވެ. ވިރާސީ ކުރެހުން އެކުލެވިގެންވަނީ ކްރޮމޮޒޯމްތަކެއްގެ މައްޗަށެވެ. އިންސާނާގެ ކިބައިގައި އޭނާގެ މައްމައާއި ބައްޕަގެފުށުން ސިފަތައް ވާރުތަވެފައިވެއެވެ. އެއީ މަންމަގެ ފުށުން ތޭވީސް ވިރާސީ ސިފައާއި ބައްޕަގެ ފަރާތުން ތޭވީސް ވިރާސީ ސިފައެވެ. މުޅި ޖުމްލަ ސަޅީސް ހަ ވިރާސީ ސިފަ އިންސާނާގެ ކިބައިގައި ވެއެވެ. އެއީ އިންސާނާ އުފެދިފައިވަނީ އެއްކުރެވިފައިވާ މަނި ތިއްކަކުންކަމުގައި ﷲ ބަޔާންކުރައްވާފައިވެއެވެ. އެއީ ބައްޕަގެ ނުޠްފާ( މަނި) އާއި މައްމަގެ ނުޠްފާ އެވެ. މިކަން ޤުރްއާނުން އެނގެން އެބައޮތެވެ. އަލްއިންސާން ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ އަންގަވާފައިވަނީ " ހަމަކަށަވަރުން، އެއްކުރައްވާފައިވާ މަނިތިއްކަކުން، ތިމަންރަސްކަލާނގެ އިންސާނާ ހެއްދެވީމެވެ. (އެއީ) އޭނާ އިމްތިޙާން ކުރެއްވުމަށްޓަކައެވެ. ފަހެ، ކަންފަތަށް އިވޭ، ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ. " އެވެ. މިއަދުގެ ޢިލްމުވަނީ މި ޙަޤީޤަތް ހޯދާފައެވެ.

ޑީއެންއޭ އަކީ ހަޤީޤީ ތެދު އެއްޗެކެވެ. އޭގެ ތަޙްލީލު ރަނގަޅަށް ހެދިއްޖެ ނަމަ ޙަޤީޤަތަށް ވާޞިލްކޮށްދޭނެ އެއްޗެކެވެ. އޭގެ ނަތީޖާ އެއް އިންސާނަކާ އަނެއް އިންސާނަކާ ތަފާތުވާނެއެވެ. ކޮންމެ މީހަކާމެދު ވެސް ހާމަކޮށްދެނީ ހަމަ އެމީހާއަކީ ކާކުގެ ކާކު ކަމެވެ. ޑީއެންއޭ ހެދުމަށް އިންސާނާގެ ކޮންމެ ސެލް އެއްވެސް ފުދެއެވެ. އިސްތައްޓާއި، ކުޅާއި. ލެއާއި، މަންޏާއި، ކޮންމެ މާއްދާއަކުން ވެސް ހެދިދާނެއެވެ.

މިޒަމާނުގައި ވަރަށް ގިނަ ޤައުމުތަކުގައި މައްސަލަތަކާއި ތަފާތު ޖަރީމާތައް ތަޙްޤީޤުކުރުމުގައި ދަނީ ޑީއެންއޭގެ ބޭނުން ކުރަމުންނެވެ. ޚާއްޞަކޮށް ޖިނާއީ މައްސަލަތައް ތަޙްޤީޤުކުރުމުގައްޔާއި ރޭޕްކުރުމުގެ މައްލަތަކާއި މިފަދަ ކަންކަމުގައި ބޭނުންކުރެވެއެވެ. އަދި ގެއްލިފައި ފެންނަ މީހުންނާއި ހަނގުރާމަތަކުގައި ކޮންބައެއްކަން ނޭނގޭ ވަރަށް ހަލާކުވެފައިވާ މީހުން ދެނެގަތުމާއި މިފަދަ ކަންކަމުގައި ބޭނުން ކުރެއެވެ. މިކަންކަމުގައި މިގޮތައް ޑީއެންއޭ ބޭނުންކުރުމަކީ ޝަރުޢީ ގޮތުން މަނާކަމެއްނޫނެވެ. ނަމަވެސް ޝަރުޢީ ކައިވެންޏަކުން ލިބިފައިވާ ދަރިއެއްގެ ނަސަބު އިތުރަށް ޑީއެންއޭ މެދުވެރިކޮށް ސާބިތުކުރުމަކީ ހުއްދަކަމެއް ނޫންކަމުގައި ފިޤުވެރިން ދެކެލައްވައެވެ. އެހެނީ ޑީއެންއޭ އަށް ވުރެން ކައިވެނީގެ ޝަރުޢީ ޙުއްޖަތް ވަރުގަދަ ކަމުގައި އެބޭކަލުން ދެކިލައްވާތީއެވެ. ހަމަ އެއާއެކު ދަރި ނަފީކުރުމުގެ މައްސަލަ ( ލިޢާންކުރުން) ގައި ވެސް ޑީއެންއޭ ބޭނުންކުރުން ހުއްދަ ނޫންކަމުގައި ގިނަ ޢިލްމުވެރިން ދެކިލައްވައެވެ. އެއީ ލިޢާންގެ ޙިކުމަތަކީ ދަރީގެ ނަސަބު ނަފީކުރުމާއެކު ދެމަފިރިންގެ އަބުރު ޙިމާޔަތްކޮށް ސިއްރުކޮށް ކަންކަން ﷲ އާއި ޙަވާލު ކުރުމެވެ. ޙަޤީޤަތް ހާމަކުރަށްވަނީ ޤިޔާމަތް ދުވަހުން ﷲ އެވެ. މި ފަދަ މައްސަލައެއްގެ ތެރެއަށް ޑީއެންއޭ ވަދެފި ނަމަ ސިއްރުވެފައިވާ ޙަޤީޤަތް ދުނިޔެ މަތީގައި ހާމަވެގެންދާނެއެވެ. އަންހެނާ ޒިނޭކުރިކަން ހާމަވެގެންދާނެއެވެ. އެއީ ލިޢާންގެ ޙިކުމަތާ ފުށުއަރާ ކަމެއްކަމުގައި ފިޤުވެރިން ބަޔާންކުރައްވައެވެ. ނަމަވެސް ލިޢާންގެ މައްސަލައިގައި އަންހެނާ އަށް އޭނާގެ ތެދުވެރިކަން ޔަޤީންކުރެވޭ ނަމަ އެކަން ކަށަވަރުކުރުމަށް ޑީއެންއޭ ހެދުމުގެ އަމުރަށް ކޯޓްމެދުވެރިކޮށް އެދެވިދާނެކަމުގައި ބައެއް ޢިލްމުވެރިން ދެކިލައްވައެވެ. ލިޢާންކުރުމަކީ ވަރަށް ބޮޑުކަމެކެވެ. ހަމަ ހީވާ ހީވުމަކަށް، ނުވަތަ ކުރެވޭ ޝައްކެއްގެ މައްޗަށް ބުރަވެ ލިޢާނަކަށް ގޮސްގެން ނުވާނެއެވެ. އަޅުގަނޑަށް މިކަމުގައި ބުރަވެވޭ ޙަޤީޤަތަކީ އެއްވެސް ޙާލެއްގައި ލިޢާންގެ މައްސަލައިގައި ޑީއެންއޭ ނުހެދޭނެކަމަށެވެ. އެގޮތައް ޝަރީޢަތުގެ ޙުކުމްތަކުގެ ތެރެއަށް ވަންނަންވެއްޖެ ނަމަ ޙުކުމްތަކުގެ ބާރު ކެނޑިގެން ހިނގައިދާނެއެވެ. ނަމަވެސް ކަށަވަރު ކުރަންބޭނުންވާ ޙަޤީޤަތަކީ ވައްކަމާއި، މާރާމާރީއާއި، ރޭޕްކުރުމާއި މިނޫންވެސް ޖަރީމާތަކާއި، ގެއްލިފައި ފެންނަމީހުންގެ ޢާއިލާ ހޯދުމާއި ހަނގުރާމަތަކުގައި މަރުވާމީހުން ދެނެގަތުމާއި މިކަންކަމުގައި ކުރެވޭ ތަޙްޤީޤުތަކުގައި ޑީއެންއޭ ތަޙްލީލު ކުރުމަކީ ހުއްދަކަމެއްކަމަށެވެ. ނަމަވެސް ޑީއެންއޭ ތަޙްލީލު ކުރަންޖެހޭނީ އެކަމަށް އެކަށީގެންވާ މެޝިންތަކުންނާއި އިތުބާރު ހުރި ކަމުގެ ތަޖުރިބާ ލިބިފައިވާ ޑޮކްޓަރުން ތިބެގެންނެވެ. އެނޫން ގޮތަކުން ކުރެވޭ ތަޙްލީލަކީ މުއްތަބަރު އެއްޗެއްނޫނެވެ. އަދި ޑީއެންއޭގެ ތަޙްލީލުގެ ނަތީޖާގެ މައްޗަށް ބިނާކޮށް އެއްވެސް ޙައްދެއް ޤާއިމު ނުކުރެވޭނެ ކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. ޑީއެންއޭއަކީ ވަރުގަދަ ޤަރީނާއެކެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި