Noorul-islam.NET :: ލުއިކަރުނަ

ލުއިކަރުނަ
Category »  ވާހަކަ

ތާރީޚް: 14 ފެބްރުއަރީ 2011

ލިޔުއްވީ : ޅޮހީ ޢަބްދުއްރަޙީމް / މަނަދޫގެ

ފެންކަޅިވެފައިވާ ޒުވާނާ އެނދުގައި އޮށޯވެގެން އޮތްއިރު، އެނބުރެމުންދާ ފަންކާއަށް ބަލަހައްޓައިގެން އޮތެވެ. ޒުވާނާގެ ޚިޔާލުތައް އެވަނީ އެނބުރެމުންދާ ފަންކާގެ ފިޔަތައްފަދައިން އެނބުރެން ފަށާފައެވެ. ބުރަކަށްފަހު ބުރެކެވެ. ހިނދު ހިނދު، ކޮޅުން ގިސްލުމުގެ އަޑުވެސް ގުގުމާލަ އެވެ.

މިއަދު އެޒުވާނާ އެވަނީ އެކަނިވެރިއަކަށް ވެފައެވެ. ޒަމާނުގެ އުފާތަކުން ލިބިގަންނަމުން އައި ލައްޒަތުތަކުން މަޙުރޫމުވެ އެއޮތީ ބަލިއެނދެއްގައެވެ.

ބަލާ ބެލުމަށް އެއީ ހަމައާދައިގެ ފަންސަވީހަކަށް އަހަރުގެ ޒުވާނެކެވެ. މޫނުމަތީންވެސް އެއްވެސް ބައްޔެއްގެ ނިޝާނެއް ފެންނާކަށެއް ނެތެވެ. އަދި ނުރައްކާތެރި ބައްޔެއްގައި އުޅޭ މީހެއްގެ ފުށުން ފެންނަ ފަދަ އެއްވެސް އަސަރެއްވެސް ފެންނާކަށް ނެތެވެ. މަޑުމަޑުން ކަޝްފުވަމުން ދިޔައީ ޒުވާނާގެ އުފާވެރި ދުވަސްތަކެވެ. އެހަނދާންތައް އާވުމުން ޒުވާނާގެ ލޮލުން ކަރުނަ ހިލުވާލާ ހިތްދަތި ފަސްމަގެވެ.

ޒުވާނާގެ އުފާވެރި ޙަޔާތުގެ ތަރި ފިޔަޖަހަންފެށީ، މީގެ ގާތް ގަނޑަކަށް އަށެއްކަ އަހަރުކުރީންނެވެ. ޒުވާނާއަކީ މާލޭ މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅެވެ.

ސުކޫލުދައުރުގައި ޒުވާނާއަކީ ރާއްޖޭގެ އެންމެ މަޝްހޫރު އެއްސުކޫލުގެ ބަސްވިކޭ، ތަޢުލީމީ ދާއިރާގައި ރަތްވަނަތަކެއް ހޯދާފައިވާ ކިޔަމަންތެރި ދަރިވަރެކެވެ. ސުކޫލުގައި ބޭއްވޭ ތަފާތު ހަރަކާތްތަކުގައި ހަރަކާތްތެރިވި، އަދި ސުކޫލުގެ ވެރިންނާއި މުދައްރިސުންގެ ރުހުން ލިބިފައިވާ ދަރިވަރެކެވެ. ސުކޫލުދައުރަށް ފަހު ޒުވާނާ ނުކުތީ މުޖުތަމަޢުގެ ތެރެއަށެވެ. އިތުރަށް ކިޔަވަން ލިބުނު ފުރުޞަތު ދޫކޮށްލީ، އޭނާ ދެކެ ލޯބިވާ ކަމަށްބުނާ ބައިވެރިޔާ ދޫކޮށްލާފައި ދާން ހިތް ނޭދޭތީއެވެ. އަދި މައިންބަފައިންވެސް މާބޮޑަށް "މަޖުބޫރު" ނުކުރާތީއެވެ. މަންމައާއި ބައްޕަވެސް ވިސްނައިދިނީ ދަރިފުޅު ބޭނުން ކަމެއް ކުރުމުގެ އިހުތިޔާރު ލިބިފައިވާ ކަމަށާއި، އެހެންނޫނަސް ބޮޑުވެފައިވާ ދަރިއެއްގެ މިނިވަންކަމަށް އަރައިގަތުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް ބުނަމުންނެވެ. ޙަޤީޤަތަކީ ހަމައެއީއެވެ.

ޒުވާނާ ބޭނުންވީ އޭނާގެ އާޢިލާގެ ވާރުތަވަމުން އައި ވިޔަފާރީގެ ތެރެއަށް ވަންނާށެވެ. ހުރިހާ ކަމަށްވެސް ވަރަށް ކާމިޔާބެވެ. ވިޔަފާރީގެ ވެރިޔަކީ ޒުވާނާގެ ބައްޕަކަމުން ޒުވާނާއަށް ވަކި މުސާރައެއް ކަނޑައެޅިފައެއް ނެތެވެ. " މިހުރިހާ އެއްޗަކީވެސް ދަރިފުޅުގެ އެއްޗެހި" އެއީ ޒުވާނާގެ ބައްޕަގެ އަތްމަތީ ބަހެވެ.

ޒުވާނާގެ ޅަ ސިކުނޑި ވަރަށް އަވަހަށް ފައިސާއަށް ހޭނިއްޖެއެވެ. ރަޙުމަތްތެރިންގެ ޢަދަދު އިތުރުވީ ހީކުރި ވަރަށްވުރެވެސް އަވަހަށެވެ. އެއީ ނަސީބުގަދަ ޒުވާނެކެވެ. ބޭނުންވާ ކޮންމެ ކަމެއް ކޮންމެވަޤުތަކު ކޮށްލެވެން ހުރެއެވެ. ބޭނުންވާ ވަރަކަށް ބޭނުން ޢަދަދަކަށް ފައިސާލިބެން ހުރެއެވެ. ޒުވާނާގެ އުޅުން ގޯހެކޭ މީހަކުނުބުނެއެވެ. އެހެން މީހުންނަށް ފެންނަނީ އުންމީދީ ޒުވާނެއްގެ ގޮތުގައެވެ.

ޒުވާނާގެ މައިންބަފައިންވެސް ޒުވާނާއަށް ހިތްވަރުދެމުން ދެއެވެ. ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، ހިތްހަމަ ޖެހިގެން އުފަލުގައި އުޅުމަށް ބާރު އަޅައެވެ. އެގޮތުން ޒުވާނާގެ ހުސް ވަގުތު ތަކާއި ޗުއްޓީތައް ހޭދަވެގެންދަނީ ތަފާތު ޕާޓީތަކާއި، ރޭގަނޑު ބޭއްވޭ ދެޖިންސުގެ ނެށުންތަކާއި، ރިސޯޓުތަކުގައި ބޭއްވޭ ކުލަގަދަ ހަފުލާތަކުންނެވެ. ޒުވާނާގެ މައިންބަފައިން ތިބެނީ އުފަލުންނެވެ. އެފަދަ ނަސީބުވެރި ދަރިޔަކު، އެފަދަ ނަސީބުވެރި ދެމަފިރިޔަކަށް ނޫނީ ނުލިބޭނެ ކަމަށް އެދެމަފިރިން ލޮލާއި ބޮލުން ޤަބޫލުކުރެއެވެ.

ނަމަވެސް ދުނިޔެމަތީގައި ގިނަފަހަރަށް މުއްސަނދީންގެ ނަސީބު ގުޅިފައި އޮންނަނީ ފައިސާއާއެވެ. ނަމަވެސް އެފައިސާތަކާއި މުދާތައް، ކިތަންމެ މަހުޖަނެއްގެ ހަލާކަށްވެފައިވެސް އެބަހުއްޓެވެ. ދުނިޔެ ހިނގަމުން ދަނީ އަބަދުވެސް މި ޢަޖާއިބުކުރަނިވި އުޞޫލުގެ މަތީންނެވެ.

ޒުވާނާގެ މުއްސަނދިކަމާއި ފާގަތިކަމުގެ ތަރި މެދުއުޑުގައި ފިޔަ ޖަހަމުން ދިޔައެވެ. ހަމައެޔާއެކު ޒުވާނާގެ އުޅުމަށްވެސް ބޮޑު ބަދަލުތަކެއް އަންނަން ފަށައިފިއެވެ. ސަބަބަކީ އެހާ ގިނަ ފައިސާތަކާއި، އުފަލާއި ތަނަވަސް ކަމުގައި އުޅޭއިރުވެސް ޒުވާނާގެ ޒަމީރަށް ލިބެމުންދިޔަ ނުތަނަވަސް ކަމެވެ. ދިރިއުޅުމުގައި ކޮންމެވެސް ކަމެއް މަދުވާ ކަމުގެ އިހުސާސް ކުރެވެނީއެވެ. ޒުވާނާ މިކަންކަމާއި ވަރަށް ފިކުރު ކުރިއެވެ. ނަމަވެސް ޒުވާނާއަކަށް މިކަމެއް އޮޅުންފިލާ ގޮތެއް ނުވިއެވެ. ފިކުރު ކުރަމުންގޮސް ކަންކަމާއި ހާސްވާންވެސް ފަށައިފިއެވެ.

މައިންބަފައިން ލަފާދިނީ މާބުރަކޮށް މަސައްކަތް ނުކޮށް، ތާޒާވެލާ އަރާމުކޮށްލުމަށް ދުނިޔޭގެ ކޮންމެވެސް ތަނަކަށް ދަތުރުކޮށްލުމަށެވެ. ދުނިޔެ ބަދަލުވަމުން ދަނީވެސް ވަރަށް އަވަހަށެވެ. ޒުވާނާއަށް ދުނިިޔެ ފެންނަމުންދަނީ ބަދަލުވަމުންދާ ތަނެއްގެ ގޮތުގައެވެ. ޒުވާނާ ވިސްނާ ވިސްނާވެސް މިއޮޅުންބޮޅުންގަނޑު ނިއުޅައިލެވޭނެ ގޮތެއް ނުވިއެވެ.

ޒުވާނާ އެހެން ޤައުމަކަށް ދިޔުމަށް ދަތުރުކުރަމުން ދިޔައެވެ. މަންޒިލަށް ދެވުމާއެކު ޒުވާނާ އެއާރޕޯޓަށް ފައިބައިފިއެވެ. ހުރިހާ މީހުންވެސް ހޭލަ މޭލަ ވަމުން ދިޔައިރު މުޅި ތަން "ރަކަ ރަކަ" އަޅާ ކަހަލައެވެ. ކުއްލިއަކަށް ޒުވާނާއަށް ހައިރާންކަމެއް ލިބުނީ ފަހަތުން އައި މީހެއްގެ އަތް ޒުވާނާގެ ކޮނޑުގެ މަތގައި ބާއްވާލުމުންނެވެ.

އެއީ ޒުވާނާގެ ކުޑަ އިރުގެ ރަޙުމަތްތެރިއެކެވެ. ހަމަ އެޒުވާނާއާއި އެއް ޢުމުރެއްގެ ދީންވެރި ޒުވާނެކެވެ. ޒުވާނާއަށް އޭނާގެ ރަޙުމަތްތެރިޔާއާއި ބައްދަލުކުރެވުނީ ހަމަ އެންމެރަނގަޅު ވަގުތުގައެވެ. ދެމީހުން ވާހަކަ ދައްކަމުންގޮސް ޒުވާނާގެ ހިތުގެ އުދާސްތައް ރަޙުމަތްތެރިޔާއަށް ހާމަކޮށްދިނެވެ. އެގޮތުގައި ވަގުތު ދެމިގެން ދާންފަށައިފިއެވެ.

ގަޑީގެ ވަގުތު އަބަދުވެސް އޮންނަނީ ކުރިޔަށް އޮތް ވަގުތު އަތުލައިގަތުމަށް ދަހިވެތި ވެފައެވެ. ނުހަނު މަޑު މަޑުން ސިކުންތަކަށް ފަހު ސިކުންތެއް ފަހަތަށް ލަނީ، އަޖަޢިބުވާހައި ވަރަށްވުރެވެސް އަވަހަށެވެ. ގިނަ ފަހަރަށް އިންސާނާއަށް އެނގުމަކާވެސް ނުލައެވެ. އަބަދުވެސް އޮންނަނީ ވަޤުތުގެ ފަހަތުން އިންސާނާއަށް ދުވަން ޖެހިފައެވެ. ބައެއް ފަހަރަށް ވަޤުތު ވެފައިވަނީ އިންސާނާގެ ހަތުރަކަށެވެ. އަނެއްބައި ފަހަރަށް ވަޤުތަކީ އިންސާނާގެ ލަނޑުދަނޑި ކަމަށްވެސް ވެދެއެވެ.

ޒުވާނާ ހިނގައިގަތީ ދެމީހުން ފަހުން ބައްދަލުވުމަށް ވަޢުދުވަމުންނެވެ. ހުންނަން ހަމަޖެހިފައިވާ ތަނަށް ދިޔުމަށްޓަކައި ސަވާރީގައި ދަތުރަށް ފަށައިފިއެވެ. ކާރޫބާރޫ ބޮޑުމަގުން ކާރު ދުއްވަމުން ދިޔައިރު، މަގުގެ ދެފަރާތުން ފެންނަމުން ދިޔައީ، އިންސާނާގެ މަސައްކަތްތެރި ކަމުގެ ކުޅަދާނަކަމެވެ. ނަމަވެސް އެއިން ލިބެނީ ކޮން ހިތަހަމަ ޖެހުމެއްބާވައޭ ޒުވާނާގެ ހިތަށް އަރައި ފައިބަމުންދިޔައެވެ. އޭރު ކާރުހުރީ އޭގެ ދުވެލި މެކުހަށް ޖަހާފައެވެ. އިރުކޮޅެއް ނުވެ އިވުނީ ގަދަފަދަ އަޑެކެވެ. ޒުވާނާއަށް ވީއެއް ނުވީއެއް ނޭންގުނެވެ. މޫނު މައްޗަށް އަނދިރިވެއްޖެއެވެ.

ޒުވާނާގެ ހޭވެރިކަން ރުޖޫޢަވީ އިރުގައި، ޒުވާނާއޮތީ މިހާރު އެއޮތް ބަލި ހާލަތަށް ރުޖޫޢަވެފައެވެ. ހަށިގަނޑުގެ ވާތްފަރާތް އެއްކޮށް ވާވުމުގެ ސަބަބުން މުޅި އުމުރަށްވެސް ހިނގާބިނގާވެ އުޅުމުން މަޙޫރޫމުވެފައެވެ.

މިއީ ކޮންކަހަލ ދުނިޔެއެއް ހެއްޔެވެ؟ ބައެއް ދުވަސް ދުވަހު ނުހަނު ރީތި ޗާލާކީ ކުލަތަށް އެކި ގޮތް ގޮތަށް ދައްކައިދެއެވެ. އަނެއްބައި ދުވަސް ދުވަހު ހަމަ އެކުލަތައް އަވާ މެންދުރަކަށްވަނީވެސް މަދެއްކޮށެއް ނޫނެވެ.

އެޔަށްފަހު ޒުވާނާގެ ދުނިޔެ ހަނިވެއްޖެއެވެ. ކިތަންމެ ފައިސާ ގިނަ ނަމަވެސް ޞިއްޙަތެއް ނުގަނެވުނެވެ. ވަށައިގެން ޕަރުވާނާތަކެއް ފަދައިން އުޅުނު ރަޙުމަތްތެރިން ލޮލުގެ ކުރިމަތީން ޣައިބުވެއްޖެއެވެ. އެކަނިވެރިޔެކޭ ބުނަން ބޭނުން ނުވި ކަމުގައިވިޔަސް ޙަޤީޤީ އެކަނިވެރިޔަކަށް ވެއްޖެއެވެ. ކަމަކަށް ބޭނުންވިޔަސް ތިބެނީ ތުން ފިއްތައިގެން، މުސާރަކޮޅުގެ ދަހިވެތިކަމުގައި މަސައްކަތްކުރާ ބިދޭސީންނެވެ.

ޒުވާނާ މިކަންތައްތަކާ މާބޮޑަކަށް އަޅައެއްނުލައެވެ. ޒުވާނާގެ ދުނިޔެވަނީ ފަންމީރިއެއްހާ ހަނިވެފައެވެ. ނަމަވެސް ޒުވާނާ ކަންބޮޑުވެ ހާސްވަނީ، ގަދަވެ ސަލާމަތުން ހުރިއިރު ޙައްޤު ގޮތް ނުވިސްނުނީތީއެވެ. ޒުވާން އުމުރުގެ އަގުހުރި ވަގުތުކޮޅު، ބޭކާރު ކަންކަމުގައި ނަގާލެވުނީތީއެވެ. އެކަމަކު ޒުވާނާ އަދިވެސް އުންމީދު ކަނޑައެއް ނުލައެވެ. ހެއްދެވި ފަރާތަށް ތައުބާވީ ހެޔޮހިތުންނެވެ. ދިމާވެފައިވާ ދަތި އުނދަގޫތަކަށް ކެއްކުރަމުންދަނީވެސް ކިޔަމަންތެރިކަމާއި ޙަޤީޤީ އީމާންތެރިކަމާއެކުއެވެ. ﷲ ސުބުޙާނާހޫ ވަތަޢާލާ ދެއްވާފައިވާ ނިޢުމަތްތައް ހާދަހައިވާ ގިނައެވެ. އެހުރިހާ ނިޢުމަތްތަކެއް ހަނދުމަކޮށް ، އެކަލާނގެ ކުޅަދުންވަންތަކަމާއި، ހައިބަތު ހިތަށް ގެނައުމުން ހިތަށް އެލިބޭ ހިތްހަމަޖެހުމެއްގެ ބޮޑުކަމާއެވެ. ޒުވާނާގެ ހިތުގައި މިހާރު އެއްވެސް އޮޅުން ބޮޅުމެއްނެތެވެ. ހިތްއެވަނީ އީމާންތެރިކަމުގެ ހުޅުކޮޅޫން އެކީ އެކައްޗަކަށް ދިއްލި ހުޅުދާންވެފައެވެ. ދުނިޔެއަކީ ފަނާވެދަނިވި ވަގުތީ ފާލަމެކެވެ. ފައިސާއާއި މުދަލަކީ އަވާމެންދުރެއް ފަދަ އެއްޗެކެވެ. ނުހަނު އަވަހަށް ބީވެގެން ހނގައިދާނެއެވެ. އޮށޯވެލައިގެން އޮތް ޒުވާނާގެ ހިތްވަނީ މަޑުމޮޅިވެފައެވެ. ތެދުމަގު ދެއްކެވީތީ ޝުކުރުކުރާ ހާލުގައެވެ. ނަމަވެސް ޒުވާނާގެ ފަސްމަގުގެ އަނދިިރ ދުވަސްތަށް ހަނދާންވުމުން ހިތް ގުޑުން އަރާ ކަހަލައެވެ. އަދިވެސް އެތަދު ހިތުގައި ނުފިލައި ހިނގާކަހަލައެވެ.

ފެންކަޅިވެފައިވާ ޒުވާނާގެ ލޮލުން ނުކުތް ވިދާ ވިދާ އިން ކަރުން ތިއްކެއް، ލުއި ލުއި ގޮތަކަށް ފުރޮޅިލާފައި ގޮސް ކޯތާފަތުގެ ދަށަށް ޣައިބުވެއްޖެއެވެ. ޒުވާނާ ނޭވާ ހިފަހައްޓާލިއެވެ. ނަމަވެސް ކަރުނަތައް ހިފަހައްޓައެއް ނުލެވުނެވެ. ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތަކާއެކު، ގިސްލުމުގެ އަޑު ކޮޓަރީގެ ހަތަރު ބިތަށް ހިނދިއްޖެއެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި