Noorul-islam.NET :: ޞަޙީޙް މުސްލިމް - ޙަދީޘު ނަންބަރު 82

ޞަޙީޙް މުސްލިމް - ޙަދީޘު ނަންބަރު 82
Category »  محمد صلى الله عليه وسلم

ތާރީޚް: 10 ޖެނުއަރީ 2011

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

عَنْ تَمِيمٍ الدَّارِيِّ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ الدِّينُ النَّصِيحَةُ قُلْنَا لِمَنْ قَالَ لِلَّهِ وَلِكِتَابِهِ وَلِرَسُولِهِ وَلِأَئِمَّةِ الْمُسْلِمِينَ وَعَامَّتِهِمْ

ތަރުޖަމާ:

މާތް ﷲ ރުއްސުންލެއްވި ތަމީމުއްދާރީގެ އަރިހުން ރިވާވެގެން ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘު ކުރެއްވިއެވެ. އިސްލާމް ދީން ބިނާވެގެންވަނީ ނަޞީޙަތް ދިނުމުގެ މަތީގައެވެ. ދެން ތަމީމު ވިދާޅުވަނީ، އިތުރު އެކަލޭގެފާނަށް ތިމަންމެން ދެންނެވީމެވެ. ނަޞީޙަތް ދިނުންވަނީ ކާކަށްތޯއެވެ؟ އެހިނދު އިތުރު އެކަލޭގެފާނު ޙަދީޘު ކުރެއްވިއެވެ. އެކަން ކުރަންވަނީ ﷲއަށާއި އެއިލާހުގެ ރަސޫލާއަށާއި މުސްލިމްތަކުންގެ ވެރިންނަށާއި ޢާއްމު މުސްލިމުންނަށެވެ.

 

ބައެއް ތަޙްޤީޤުތައް:

(1) ތަމީމުއްދާރީއަކީ ކޮންބޭކަލެއް؟:

(ހ) ތަމީމުއްދާރީ އަކީ ސޫދުގެ ފުތް ޚާރިޖާގެ ފުތް އައުސްގެ ފުތް ތަމީމެވެ. ނަސަބުފުޅަކީ ދާރީ ނުވަތަ ދައުރީއެވެ. ކުއްނިއްޔަތަކީ އަބޫ ރުޤައްޔާއެވެ. އަކަލޭގެފާނަކީ ކީރިތި ރަސޫލާގެ އަޞްޙާބު ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ދިރިއުޅުއްވީ މަދީނާގައެވެ. އަވަހާރަވީ ޝާމު ކަރައަށެވެ. އެއީ ހިޖުރައިން 40 ވަނަ އަހަރުއެވެ.

(ށ) ތަމީމުއްދާރީގެ އަރިހުން އިމާމު މުސްލިމު ރިވާކުރައްވާފއިވަނީ މިޙަދީޘު އެކަންޏެވެ. މިނޫން އެއްވެސް ޙަދީޘެއް އެކަލޭގެފާނުންގެ އަރިހުން މުސްލިމު ރިވާކުރައްވާފއި ނުވެއެވެ. މީގެ ސަބަބަކީ ކޮބައިކަމާއި އޭގެ ތަފްޞީލު އިމާމު މުސްލިމު ވަނީ އެކަލޭގެފާނުންގެ މިފޮތުގެ މުޤައްދަމާގައި ބަޔާންކުރައްވާފއެވެ. ހަމައެހެންމެ އިމާމު ބުޚާރީ ތަމީމުއްދާރީގެ އަރިހުން އެއްވެސް ރިވާޔަތެއް ރިވާކުރައްވާފއި ނުވެއެވެ. އެއީ އެކަލޭގެފާނުންގެ އުޞޫލަށް ނުފެތޭތީއެވެ.

(2) ނަޞީޙަތުގެ މާނައަކީ ކޮބާ؟:

އިމާމު ނަވަވީ އިމާމު ޚައްޠާބީއާއި އެނޫންވެސް ޢިލްމުވެރިންގެ ކިބައިން ނަޞީޙަތުގެ މާނައަކީ ކޮބައިކަން ބަޔާންކުރަށްވަމުން ވިދާޅުވެފައިވާ ވާހަކަފުޅުގެ ޚުލާޞާ ބަޔާންކޮށްލާނަމެވެ. އޭގައި މިވަނީ ނަޞީޙަތުގެ ފަސް ބައެކެވެ. ﷲ އަށް އޮންނަ ބަޔަކާއި ކީރިތި ޤުރުއާނަށް އޮންނަ ބަޔަކާއި ކީރިތި ރަސޫލާއަށް އޮންނަ ބަޔަކާއި މުސްލިމު ވެރިންނަށް އޮންނަ ބަޔަކާއި ޢާއްމު މުސްލިމުންނަށް އޮންނަ ބަޔެކެވެ.

(ހ) ނަޞީޙަތުގެ ބައިތަކުގެ ތެރެއިން މާތް ﷲގެ ޙަޟުރަތަށް ޓަކައި އޮންނަ ނަޞީޙަތަކީ އެއިލާހަށް އީމާންވުމާ ގުޅިފައިވާ ކަމެކެވެ. އެހެންކަމުން އެއިލާހަށް ޝަރީކު ކުރުމާއި އެއިލާހާއި އެއްވެސް އެއްޗެކާ އެއްފަދަކުރުމާއި އެއިލާހުގެ އެއްވެސް ސިފަފުޅަކަށް އުނިކަމެއް އަތުވެދާނެ ކަމެއް ކުރުމާއި އެފަދަ ކަމެއް ހިތަށް ގެނައުމާއި މިހުރިހާ ކަމަކަށް މުސްލިމެއްގެ އީމާންކަން އެބަ ގޮވާލައެވެ. ހަމައެއާއެކު އެއިލާހުގެ އެންމެހައި ސިފަފުޅުތައް ޤަބޫލުކުރުމުގައި ފުރިހަމަ ކަމާއެކު ޤަބޫލުކުރުމާއި އުނި އެއްވެސް ސިފައަކުން އެއިލާހު ސިފަކުރުމުން އެއްކިބާވެ، އެކަންތައްތަކުން އެއިލާހު ހުސްޠާހިރު ކުރުމާއި އެއިލާހަށް ބޯލަނބައި ކިޔަމަންގަތުމާއި އެއިލާހުގެ އެންމެހައި ނަހީތަކުން ދުރުހެލިވެ އެއްކިބާވުމާއި އެކަންކަން މަތީ މުވާލާތްކެނޑި ދިއުމެއްނެތި ދެމިހުރުމާއި ތިމާގެ ލޯތްބާއި ރުޅިވެރިކަމާއި ޙަސަދަވެރިކަމާއި މިފަދަ ހުރިހާ ކަމެއްވެސް އެއިލާހަށްޓަކައި ނޫނީ ނުވުމާއި މިކަންތައްތަކާ އިންކާރުކުރާ މީހުންނާ ދެކޮޅުހެދުމާއި އެއިލާހުގެ އެންމެހައި ނިޢުމަތްތައް ދެނެގަނެ އެކަމަށް އިޢުތިރާފުވެ އެކަންކަމަށް ޝުކުރުވެރިވުމާއި ދީނުގެ އެންމެހައި ކަންކަމުގައި އިޚްލާޞްތެރިވުމާއި ދީނުގެ އެންމެހައި ކަމެއް ފަހިކުރުމަށް އެދޭއިރު ﷲގެ ޙަޟުރަތުން ނޫނީ އެކަމަށް ނޭދުމާއި އެއިލާހަށް ދުޢާ ދެންނެވުމުގައި ދެމިހުރުމާއި ދިރިއުޅުމުގެ ކަންތައް ތަކުގައި މީސްތަކުންނާ މުޢާމަލާ ކުރާއިރު ތިމާއަށް ވެވުނު މިންވަރަކުން އޯގާތެރިވުމާއި އިންސާނިއްޔަތުކަން ދެމެހެއްޓުމާއި އިންސާނުން ފިޔަވައި ﷲގެ އެހެނިގެން މަޚްލޫޤުންނާމެދުވެސް ހެއުގޮތުގައި މުޢާމަލާތް ކުރުމާއި މިފަދަ އެންމެހައި ކަންތައްތައް ކުރުންމަތީ ދެމިހުރުމެވެ. ދެން އިމާމު ޚައްޠާބީ ވިދާޅުވެފައި ވެއެވެ. ﷲ އަކީ އެއިލާހަށް ނަޞީޙަތް އަރުވާނެ ފަރާތަކަށް ބޭނުންވެ ވޮޑިގަތުމުން ހުސްދުރުވެ ވޮޑިގެންވާ ފަރާތެކެވެ. އެހެންކަމުން އެއިލާހަށް ނަޞީޙަތަކަށް ބޭނުންވެ ވޮޑިގެނެއް ނުވެއެވެ. އެހެނަސް އެއިލާހަށް މިހުރިހާ ކަމެއް ނިސްބަތްވެގެންވަނީ އަޅާ އޭނާގެ ނަފްސާމެދު މުޢާމަލާތް ކުރަންޖެހޭ ކަންކަމުގެ ތެރެއިންނެވެ.

(ށ) ދެން އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. ﷲގެ ފޮތުން ނަޞީޙަތް ދިނުމުގެ މާނައަކީ، ﷲ ބާވައިލެއްވި އެއިލާހުގެ ފޮތަށް އަޅާ އީމާންވުމެވެ. އަދި މިކަލާމްފުޅު ފިޔަވައި  އެފަދަ އެއްވެސް ފޮތެއް، އެއްވެސް ކަލާމެއް، ނެތްކަމާއި އެންމެހައި އުނިސިފަތަކުން އެއިލާހުގެ ކަލާމްފުޅު ޠާހިރުވެ، ސަލާމަތްވެގެންވާ ކަމާއި މަޚްލޫޤެއްގެ އެއްވެސް ވާހަކައެއް، ކަލާމެއް، މިކަލާމްފުޅާ އެއްފަދަ ވެގެންނުވާނެ ކަމާއި އެފަދަ ބަހެއް އެކުލަވާލުމުގެ ކުޅަދާނަކަން އެއްވެސް މަޚްލޫޤަކަށް ލިބިގެން ނުވާކަމާއި އެހެންކަމުން ކީރިތި ޤުރުއާނަށް ޤަދަރުކުރުމާއި ޢިއްޒަތްކުރުމާއި އެފޮތް ކިޔަވަން އަންގަވާފައިވާ އުޞޫލުން ތިލާވަތުކޮށް ކިޔެވުމަކީ މުސްލިމުން ކުރަންޖެހޭ އަޅުކަމެއްކަމާއި އެކަމާމެދު އިދިކޮޅު ނެހެދުމާއި އެކަމަށް ޝައުޤުވެރިވުމާއި މަޑުމައިތިރި ކަމާއި ޚުޝޫޢުވެރިކަމާއެކު، މަޑުމޮޅިވެ އިނދެ، ރީތި ރާގުގައި ޤުރުއާން ކިޔެވުމާއި އޭގެ އެންމެހައި އަކުރުތަށް ފުރިހަމައަށް އަދާކުރުމާއި އެއާޚިލާފުވާ ފަދަ ގޮތަށް ޤުރުއާން ކިޔަވާ މީހުންނަށް ތަބާނުވުމާއި ޤުރުއާނުގެ ކަލިމަތަކާއި ޢިބާރަތްތައް ތިމާ ހިތުހުރިގޮތްގޮތަށް ނުބައި މާނަ ދޭހަވާފަދައިން ތައުވީލުކޮށް ބަދަލުނުކުރުމާއި ޤުރުއާނަށް ފާޑުކިޔައި ވާހަކަދައްކާ މީހުންނަށް ތަބާނުވުމާއި އެމީހުންނާ އިދިކޮޅުހެދުމާއި ޤުރުއާނުން އަންގައިދޭ ޙުކުމްތަކާއި ޢިލްމުތަކާއި ފިކުރުތައް އުނގެނިގަތުމާއި އެއިން އަންގާ ކަންތައްތަކާމެދު ފިކުރުކޮށް ތަދައްބުރު ކުރުމާއި ޤުރުއާނާ މެދު ވިސްނައި ފިކުރުކޮށް ތިމާގެ ސިކުނޑި އެއާމެދު ހިންގައިއުޅުމާއި އެކަންތައްތަކުން ޢިބުރަތާއި ނަޞީޙަތް ލިބިގަތުމާއި އޭގައި މުޙްކަމު އާޔަތްތަކާއި މުތަޝާބަހު އާޔަތްތައް ވާކަން ދެނެގަނެ، މުޙުކަމު އާޔަތްތަކަށް ފުރިހަމައަށް ޢަމަލުކުރުމާއި ތިމާ އަމިއްލައަށް މުތަޝާބަހު އާޔަތްތަކުގެ ތައުވީލުކުރަން ނޫޅުމާއި އިތުބާރު ހުރި ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުމުގެ މަތިން އެފަދަ މާނަތައް ޤަބޫލުކޮށް އެއަށް ޢަމަލުކުރުމަށް މަސައްކަތް ކުރުމާއި އޭގައި ޢާއްމު ޙުކުމްތަކާއި ޚާއްޞަ ޙުކުމްތަކާއި ނާސިޚާއި މަންސޫޚާއި މުޠްލަޤާއި މުޤައްޔަދާއި މިނޫންވެސް ތަފާތު އުޞޫލުތަކާއި ޢިލްމުތައް ހިމެނިފައި ހުރިކަމާއި އެގައި ބަޔާންވެގެންވާ ތާރީޚީ ވާޤިޢާތައް ހަމަ އެމިންވަރަށް ފުރިހަމައަށް ޤަބޫލުކުރުމާއި އެފަދަ ކަންތައްތަކާ އިންކާރު ނުކުރުމާއި ޤުރުއާނުގެ ދަޢުވަތްތަކަށް ގޮވާލުމާއި މިނޫންވެސް މިފަދަ އެތަކެއް ކަންތައްތަކެވެ.

(ނ) ކީރިތި ރަސޫލާގެ މައްޗަށް އޮންނަ ނަޞީޙަތްތަކަކީ އެންމެ ފުރަތަމައިން އަޅުގަނޑުމެން އެކަލޭގެފާނުގެ ރިސާލަތު ނުވަތަ ރަސޫލުކަން ތެދުކޮށް ޤަބޫލުކުރުމެވެ. އަދި އެކަލޭގެފާނު ގެންނެވިހާ ކަންތައްތަކަށް އީމާންވުމާއެކު އެކަލޭގެފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތައް ޤަބޫލުކޮށް އެއަށް ޢަމަލުކުރުމެވެ. އެކަލޭގެފާނުގެ އަމަރުފުޅުތަކާއި ނަހީތައް ޤަބޫލުކޮށް، އެކަންތައްތަކަށް ބޯލަނބައި ކިޔަމަން ގަތުމެވެ. އެކަލޭގެފާނުންގެ އަރިހުން އައިސްފައިހުރި ޞައްޙަ ޙަދީޘުފުޅުތަކަކީ ﷲގެ ކަލާމްފުޅުކަމާއި އަދި އެއީ ކީރިތި ޤުރުއާނުގެ ޝަރަޙައާއި ތަފްސީރުކަން ޤަބޫލުކޮށް ޔަޤީން ކުރުމެވެ. އަދި އެކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވެސް އަދި ސުވަރުގެ ވަޑައިގަތުމަށް ފަހުގައިވެސް މިބުނެވުނު އެންމެހައި ކަންތައްތަކަށް ތާއީދުކޮށް އެކަންކަން ދިރުވަން މަސައްކަތްކުރުމެވެ. ހަމައެއާއެކު އެކަލޭގެފާނުދެކެ ލޯބިވުމާއި ތިމާގެ ހިތުގައި އެންމެ ޤަދަރު ދެވިފައިވާ މީހަކީ އެކަލޭގެފާނު ކަމުގައި ހެދުމާއި އެކަލޭގެފާނާ އިދިކޮޅުވެ ބަދުބަސް ބުނާ މީހަކު ދެކެ ރުޅިވެރިވުމާއި އެކަމުން އެމީހާ ދުރުހެލި ކުރުމާއި އެކަލޭގެފާނަށާއި އެކަލޭގެފާނުގެ ސުއްނަތަށް ދިމާވާ ކޮންމެ ދެރައަކުން ސުއްނަތް ސަލާމަތް ކުރުމަށް މަސައްކަތްކުރުމާއި އެކަލޭގެފާނުގެ ޝަރީޢަތަށް ޢަމަލުކުރުމާއި އެޝަރީޢަތް ފަތުރައި ދިރުވުމާއި އެކަލޭގެފާނު ދެއްވާފައިވާ ޢިލްމުތަކަށް ލޯބިވުމާއި އެކަންކަން އުނގެނިގަނެ އެޢިލްމުތައް ފެތުރުމާއި އެއިން ތިމާގެ ދީނީ ފިކުރާއި ފިޤުހުވެރިކަން އިތުރުކުރުމާއި އެކަލޭގެފާނު ގެންނެވި ކަންތައްތައް ފެތުރުމަށް މަސައްކަތްކުރުމާއި އެކަމުގެ ދަޢުވަތު ދިނުމާއި އެކަލޭގެފާނު ގެންނެވި ހުރިހާ ޢިލްމެއް ފެތުރުމާއި އެކަން ދެނެގަތުމާއި އެކަންތައްތަކަށް އިޙްތިރާމުކޮށް އަދަބުވެރިވުމާއި ދީނީ ކަމެއް ފުރިހަމައަށް ތިމާއަށް ނޭގޭއިރު އެއާމެދު ވާހަކަދެއްކުމުން ދުރުހެލިވުމާއި އެކަލޭގެފާނުގެ ޢިލްމު އުނގެނިގެން ތިބި މީހުންނަށް އިޙްތިރާމް ކުރުމާއި އެމީހުންގެ ބަސް ޤަބޫލުކުރުމާއި އެކަލޭގެފާނުންގެ އަޚްލާޤުން އަޚްލާޤު ލިބިގަނެ، އިސްލާމީ އަދަބުން އަދަބުވެރިވުމާއި އެކަލޭގެފާނުގެ ނަސަބުފުޅަށާއި އަޙްލު ބައިތު ބޭކަލުންނާއި އަނބިއަނބި ކަނބަލުންނާއި އަޞްޙާބު ބޭކަލުންނަށް އިޙްތިރާމްކޮށް ޢިއްޒަތްކުރުމާއި އެބޭކަލުންދެކެ ލޯބިވުމާއި އެކަލޭގެފާނުގެ ސުއްނަތްތަކުގެ ނަމުގައި ބިދުޢަވެރިވާ މީހުންނާއި އަޞްހާބު ބޭކަލުންނާއި އާލުވެރިބޭކަލުންނާއި މުއުމިންތަކުންގެ މައިކަނބަލުންނަށް ބަދުބަސް ބުނާ މީހުންގެ ކިބައިން ދުރުހެލިވުމާއި އެމީހުންނަށް ތަބާނުވުމާއި އެކަންތައްތަކުގެ ޙަޤީޤަތް މީހުނަށް އަންގައިދިނުމަށް މަސައްކަތް ކުރުމާއި އެނޫންވެސް މިފަދަ ކަންތައް ތަކުގައި ދެމިހުރުމެވެ.

(ރ) މުސްލިމުންގެ ވެރިންނަށް ނަޞޭޙަތްތެރިވުމަކީ ޙައްޤާ އެއްކޮޅަށް އެމީހުންނަށް އެހީތެރިވުމާއި އެކަންކަމުގައި އެމީހުންނަށް ކިޔަމަންގަތުމާއި ދީނުގެ ކަންކަމުގައި އޯގާތެރިކަމާއި ޙިކުމަތްތެރިކަމާއެކު އެމީހުންގެ ގާތުގައި ބަސްބުނުމާއި މުސްލިމުންގެ ޙައްޤުތަކުގެ ތެރެއިން އެމީހުންނަށް ޣާފިލުވެވޭ ކަންތަކާމެދު އެމީހުންނާ ހަމައަށް އެކަންކަން ފޯރުކޮށްދީ އެމީހުން ހޭލެއްވުމާއި އެމީހުންނާ އިދިކޮޅަށް ނުނިކުތުމާއި އެމީހުންނަށް ކިޔަމަންގަތުމާމެދު މީސްތަކުންނަށް ވިސްނައިދީ އެކަންކަމާމެދު އެމީހުންގެ ހިތްތައް މައިތިރިކުރުމާއި އެމީހުންނާ އިދިކޮޅަށް ބަސްބުނުމަށް ކީރިތި ރަސޫލާގެ އަރިހުން ވާރިދުވެފައިވާ ގޮތަކަށް އަދި ވާރިދުވެފައިވާ މިންވަރަށް ނޫނީ އެމީހުންނާ އިދިކޮޅަށް ބަސްނުބުނުމާއި އެމީހުންނާ އިދިކޮޅަށް ބަސްބުނުމުގައި ޙިކުމަތްތެރިކަން އިސްކުރުމާއި މިކަންކަމެވެ. ދެން އިމާމު ޚައްޠާބީ ވިދާޅުވެފައިވާ ކަމުގައި އިމާމު ނަވަވީ ލިއުއްވާފައި ވެއެވެ. އަދިވެސް އެމީހުންނަށް ނަޞީޙަތް ދިނުމުގެ ތެރޭގައި ނަމާދު ކުރުމުގައި އެމީހުންގެ ފަހަތުގައި ނަމާދު ކުރުމާއި އެމީހުން ޖިހާދަކަށް ގޮވާލައިފުމުން އެމީހުންނާއެކު ނިކުތުމާއި ތިމާމެން ނެރެންޖެހޭ ޒަކާތާއި ޞަދަޤާތް އެމީހުންނާ ޙަވާލުކުރުމާއި އެމީހުންނާ އިދިކޮޅު ޙަރަކާތެއް ނިކުމެއްޖެ ކަމުގައިވާނަމަ، އިދިކޮޅު މީހުންނާއެކު ވެރިންނާ އިދިކޮޅަށް ހަނގުރާމައަކަށް ނުނިކުތުމާއި އެމީހުންނަށް ތަޢުރީފާއި ޘަނާ ކިއުމުގައި ޙަޤީޤަތާ ޚިލާފަށް ޘަނާ ނުކިއުމާއި އެމީހުންގެ އިޞްލާޙަށް އެދި ދުޢާކޮށް އުޅުމެވެ. މިތާގައި އިސްލާމުންގެ ވެރިންގެ މުރާދަކީ އިސްލާމީ ޚިލާފަތްތަކުގެ އެންމެހައި ޚަލީފާއިންނާއި އިސްލާމީ ޤައުމުތަކުގެ ވެރިންނާއި މުސްލިމުންގެ ސަރަހައްދުތަކުގެ ވެރިންނާއި މިނޫނަސް އިސްލާމުންގެ ކަންތައްތައް ހިންގައިއުޅޭ މީހުންނެވެ. މިއީ ދަންނަބޭކަލުންގެ އަރިހުގައި މިތާގައިކުރެވޭ އެންމެ މަޝްހޫރު މާނައެވެ. ދެން އިމާމު ޚައްޠާބީ ވިދާޅުވެފައި ވެއެވެ. މިތާގައި މުސްލިމުންގެ އިމާމުންގެ ތެރޭގައި އިސްލާމުންގެ ތެރޭގައި ތިއްބަވާ ދީނުގެ ޢިލްމުވެރިން ހިމެނިވަޑައިގަންނަވައެވެ. އެބޭކަލުންނަށް ނަޞީޙަތްތެރި ވުމަކީ އެބޭކަލުން ރިވާކުރައްވާފއިވާ ރިވާޔަތްތައް ޤަބޫލުކުރުމާއި އެބޭކަލުންގެ ޢިލްމަށާއި ރައުޔަށް އިޙްތިރާމްު ކުރުމާއި އެބޭކަލުންނާމެދު ކުށްހީތަކުން ދުރުހެލިވެތިބެ، ހެއުގޮތުގައި ވިސްނުމާއި ދީނުގެ މައްސަލަތަކުގެ ތެރެއިން އެބޭކަލުން އިސްތިންބާޠުކޮށް ނެރުއްވާފައިވާ ޙުކުމްތައް ޤަބޫލުކޮށް އެއަށް ޢަމަލުކުރުމެވެ.

(ބ) ޢާއްމު މުސްލިމުންގެ ނަޞީޙަތަކީ، ވެރިންނާއި ޢިލްމުވެރިންގެ ނަޞީޙަތްތަކަށް ފަހު، ދެން އިސްލާމުންގެ ދީނާއި ދުނިޔޭގެ ހެވާއި ލާބައަށް ޓަކައްޔާއި އިޖްތިމާޢީ ކޮންމެ މައިދާނަކާއި ޢާއްމު ކޮންމެ މަޞްލަޙަތެއް ތަންދޭ ގޮތަކަށް ތިމާމެންގެ މުސްލިމު އަޚުންނާއި އުޚްތުންދޭ ނަޞީޙަތުގައި ހިފުމެވެ. އަދި އެންމެހައި މުސްލިމުންގެ ހެވަށްޓަކައި މަަސައްކަތްކޮށް، އެމީހުންނަށް ލިބޭ ނުވަތަ ލިބިދާނެ ކޮންމެ ނުރައްކަލަކާއި ދެރައަކާއި ގެއްލުމަކުން އެމީހުން ސަލާމަތްކުރަން ތިމާއަށް ވެވުނު މިންވަރަކުން އެހީތެރިވެދީ މަސައްކަތް ކުރުމެވެ. އަދި އެމީހުންގެ އައިބުތައް ފޮރުވައި ސިއްރުކުރުމާއި އެމީހުންގެ އައިބުތައް ފާޅު ނުކުރުމާއި ތިމާގެ ބަހާއި ޢަމަލުން އެމީހުންނަށް އެހީތެރިވުމާއި އެމީހުންނަށް ހެވަށް އެދޭފަދައިން އެމީހުންނަށް ލިބިދާނެ ކޮންމެ ގެއްލުމަކުން އެމީހުން ސަލާމަތް ކުރުމަށް މަސައްކަތް ކުރުމެވެ. އަދި އިޚްލާޞްތެރިކަމާއި އޯގާތެރިކަމާއި ޙިކްމަތްތެރިކަމާއެކު ހެއުކަންކަމަށް އެމީހުންނަށް ގޮވާލުމާއި މުންކަރާތްތަކުން އެމީހުން ދުރުހެލިކުރުމާއި އެމީހުންގެ ތެރެއިން ތިމާއަށްވުރެން ޅަމީހުންނަށް އޯގާތެރިވުމާއި ތިމާއަށް ވުރެން ދޮށީމީހުންނަށް އިޙްތިރާމް ކުރުމާއި ތިމާގެ ނަފްސަށް އެދޭކަންކަމަށް އެމީހުންނަށްޓަކައި އެދުމާއި ތިމާގެ ޒާތީ ބޭނުންތަކަށް ވުރެން އެމީހުންގެ މުހުތާދުތަކަށް އިސްކަން ދިނުމާއި ތިމާ އެކަންކަމަށް ނުރުހޭ ކަންކަން ތިމާއަށް މެދުވެރިވުމަށް ނުރުހޭ ފަދައިން އެމީހުންނަށް ވެސް މެދުވެރިވުމަށް ނުރުހުމާއި މިނޫންވެސް ކަންކަމުގައި ތިމާގެ ބަހުންނާއި ޢަމަލުން އެމީހުންގެ ދުނިޔެއާއި އާޚިރަތުގެ ކަންކަން ފަހިކޮށްދިނުމަށް އެހީތެރިވެ ދިނުމެވެ. ވަކިން ޚާއްޞަކޮށް ހުރިހާ ފަރާތްތަކަށް ކިޔަމަންގަތުމާއި ބޯލެނބުމުގެ އުޞޫލު އެމީހުންގެ މެދުގައި ފެތުރުމަށް މަސައްކަތް ކުރުމާއެކު އެކަންކަމަށް އެމީހުންނަށް ހިތްވަރު ދިނުމެވެ.

(ޅ) އިމާމު އިބްނުލްބައްޠާލް ވިދާޅުވެފައި ވެއެވެ. މިތާގައި މިއޮތް ނަޞީޙަތް އޮތީ ދީނަށޭ އޮތުމުގެ މުރާދަކީ އިސްލާމް ދީނެވެ. އެހެނީ އިސްލާމް ދީން ޢަމަލުގެ މައްޗަށް ބިނާ ވެގެންވާ ފަދައިން ބަހުގެ މައްޗަށްވެސް ބިނާވެގެން ވެއެވެ. އެހެންކަމުން ދީނަށްޓަކައި ނަޞީޙަތްދީ ހެދުމަކީ އެކަން ކުރާ މީހުންގެ މައްޗަށް ފަރުޟުވެގެންވާ ކަމެކެވެ. އެމީހުންގެ އެމަސައްކަތުގެ ސަބަބުން އެކަމުން އެހެން މީހުން ސަލާމަތްވެދެއެވެ. ހަމައެހެންމެ ނަޞީޙަތްތެރިވާ މީހާއަށް ތިމާގެ ނަޞީޙަތުން މިވެނި މީހަކަށް ފައިދާ ކޮށްފާނެކަން އެނގޭ ކަމުގައިވާނަމަ ތިމާއަށް ކުޅަދާނަވީ މިންވަރަކުން އެމީހަކަށް ނަޞީޙަތް ދިނުން ލާޒިވުގެން ވެއެވެ. އަދި ނަޞީޙަތް ލިބިގަންނަ މީހާއަށް ލާޒިމުވެގެންވަނީ ނަޞީޙަތް ދޭމީހާގެ ބަސް ޤަބޫލުކުރުމާއެކު އެއަށް ޢަމަލުކުރުމާއި އެންމެހައި ނުރައްކައުތަކުން ތިމާއަށް ވެވުނު މިންވަރަކުން ނަޞީޙަތްތެރިޔާ ސަލާމަތްކޮށް، ޙިމާޔަތްކޮށްދީ އެމީހާއަށް ތާއީދުކުރުމެވެ. މިއެވެ.

(3) ޙަދީޘު ރިވާކުރެއްވި ބޭކަލުން:

މިޙަދީޘު ރިވާކުރެއްވީ އިމާމު މުސްލިމު ފިޔަވައި އިމާމު އަޙްމަދެވެ. އަދި ހައިމާމުންގެ ތެރެއިން އިމާމު ނަސާއީއާއި އަބޫދާއޫދެވެ. އަދި މިޙަދީޘު އެހެން މަގަކުންވެސް އިމާމު މުސްލިމު ރިވާކުރައްވާފައި ވެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި