Noorul-islam.NET :: ނަމާދު އަޅައިފި މީހާގެ ޙުކުމް
ނަމާދު އަޅައިފި މީހާގެ ޙުކުމް
Category »  ފިޤްހު

ތާރީޚް: 30 ޑިސެމްބަރު 2010

ލިޔުއްވީ : ފަޟީލަތުއްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

އަރަހުށި ހުސްޠާހިރުވަންތަ މާތްﷲ ވަޙީކުރައްވާފައި ވެއެވެ. وَأَقِيمُوا الصَّلاةَ وَلا تَكُونُوا مِنَ الْمُشْرِكِينَ[1]  މާނައީ: ތިޔަބައިމީހުން ނަމާދު ޤާއިމުކުރާށެވެ! އަދި ތިޔަބައިމީހުން މުޝްރިކުން ކަމުގައި ނުވާށެވެ!

ލޮބުވެތި رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. بَيْنَ الرَّجُلِ وَبَيْنَ الشِّرْكِ وَالْكُفْرِ تَرْكُ الصَّلاَةِ[2] (މީހާއާއި ކުފުރާ ނުވަތަ ޝިރުކާ ދެމެދު ހުރި އިންފާރަކީ ނަމާދު އަޅައިފުމެވެ. މިއެވެ.

رَسُولُ اللَّهِ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ.   الْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاَةُ فَمَنْ تَرَكَهَا فَقَدْ كَفَرَ [3] މާނައީ: ތިމަންމެނާއި ޣައިރުމުސްލިމުންނާ ދެމެދު ވަކިކޮށްދޭން އޮންނަ ޢަހްދަކީ ނަމާދެވެ. ފަހެ ނަމާދު އަޅައިފިމީހާ ކުފުރުވެރި ވެއްޖެކަން ކަށަވަރެވެ. މިއެވެ.

ނަމާދަކީ އިސްލާމްދީނުގައި ފަރްޟުކުރެވުނު އެންމެ ފުރަތަމަ އަޅުކަމެވެ. ފަސްނަމާދު ވާޖިބު ކުރަށްވާފައިވަނީ އިސްރާއާއި މިޢުރާޖުގެ ރޭގައެވެ. ނަމާދު އަޅާމީހާއަކީ ކީރިތި ޤުރްއާނާއި މާތްރަސޫލާގެ ޙަދީޘާއި އުއްމަތުގެ ދަންނަބޭކަލުންގެ އިޖްމާޢާއި ކަނޑައެޅިގެން ޚިލާފުވާ މީހެކެވެ.

އަލްޙާފިޡު އަލްމުންޛަރީ ވިދާޅުވެފައި ވެއެވެ.[4] އަޞްޙާބު ބޭކަލުންގެ ތެރެއިންނާއި އެބޭކަލުންގެ ފަހުގެ ދަންނަބޭކަލުންގެ ތެރެއިން ބޮޑު ޖާމަޢަތެއްގެ ބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި ނަމާދުގެ ވަގުތު ފާއިތުވަންދެން ދަނެގެން އެނަމާދުނުކޮށް ހުރެއްޖެ މީހާއަކީ ކާފިރެކެވެ. އެބޭކަލުންގެ ތެރޭގައި ޢުމަރު ބުނުލް ޚައްޠާބާއި، ޢަބްދުﷲ ބުނު މަސްޢޫދާއި، ޢަބްދުﷲ ބުނު ޢައްބާސާއި، މުޢާޛު ބުނު ޖަބަލާއި، ޖާބިރު ބުނު ޢަބްދުﷲއާއި، އަބުއްދަރުދާއާއި، އަޙްމަދު ބުނު ޙަންބަލާއި، އިސްޙާޤު ބުނު ރާހުވައިއާއި، ޢަބްދުﷲ ބުނު މުބާރަކާއި، އައްނަޚްޢީއާއި، އިބްނު ޢުތައިބަތާއި، އަބޫއައްޔޫބު އައްސިޚްތިޔާނީއާއި، އަބޫދާއޫދާއި، އިބުނު އަބީޝައިބާއާއި، ޒުހައިރު ބުނު ޙަރަބާއި މިނޫންވެސް އެތަކެއް ބޭކަލުން ހިމެނިވަޑައިގަންނަވައެވެ. މަޛްހަބުތަކުގެ އިމާމުވެރި ބޭކަލުންގެ ތެރެއިން އަޙްމަދާއި އިސްޙާޤާއި ޢަބްދުﷲ އިބްނު މުބާރަކް ވިދާޅުވަނީ ނަމާދު އަޅައިފިމީހާއީ ކާފިރެއް ކަމަށާއި އޭނާއަކީ ޤަތުލު ވާޖިބުވެއްޖެ މީހެއް ކަމަށެވެ.

ނަމަވެސް ދީނުގެ ގިނަ ދަންނަބެއިކަލުން ދެކެވަޑައިގަންނަވާ ގޮތުގައި ނަމާދާ އިންކާރުކުރުމެއްނެތި، ނަމާދު ނުކުރާ މީހާއަކީ، ކަނޑައެޅިގެން ހުރި ކާފިރެއް ނޫންކަން މިތާނގައި ފާހަގަކޮށްލަމެވެ. އިމާމު އަބޫޙަނީފާއާއި އިމާމު މާލިކާއި އިމާމު ޝާފިޢީގެ މަޛްހަބަކީ ވެސް މިއީއެވެ. މިބޭކަލުން ވިދާޅުވަނީ އޭނާއަކީ ކާފަރެއް ނޫންކަމަށާއި ކުފުރުގެ ހައްދަށް ވާސިލުވެފައިވާ ފާސިޤެއްކަމަށެވެ. އަދި މާލިކާއި ޝާފިޢީ ވިދާޅުވަނީ މިޙާލަތުގައި އޭނާއަށް ވިސްނައިދީ، އެއަށްފަހު ނަމާދުނުކުރަނީނަމަ ޙައްދެއްގެ ގޮތުގައި އޭނާ ޤަތުލުކުރަންޖެހޭނެ ކަމަށެވެ. އިމާމު އަބޫ ޙަނީފާއާއި އެކަލޭގެފާނަށް ތަބަޢަވެ ވަޑައިގަންނާ ބޭކަލުން ވިދާޅުވަނީ ނަމާދު ޢަމުދުން އަޅައިފިމީހާ ފާސިޤެއް ކަމަށާއި އޭނާއަށް އޮތް ޙުކުމަކީ ތަޢުޒީރުކުރުން ކަމަށެވެ. އަދި އޭނާ ނަމާދުކުރަންދެން އިސްލާމީ ސަރުކާރެއް އޮތްތަނެއްނަމަ، އަދަބެއްގެ ގޮތުގައި ޖަލުގައި އޭނާ ބަންދުކުރަންޖެހޭނެ ކަމަށެވެ. އަދި ބަންދުކުރުމުން ވެސް ނަމާދު ނުކުރަނީނަމަ ދެން ޤަތުލު ވާޖިބުވާނެކަމަށެވެ. ކޮންމެއަކަސް ނަމާދު ނުކުރުމާއި ދީނުގެ މިފަދަ ރުކުންތަކަށް ޢަމަލުނުކުރުމަކީ ކުފުރުވެރިވާ ކަމެއް ނޫންކަމުގައ ދީނުގެ ޖުމްހޫރު ދަންނަބެއިކަލުން ދެކެވަޑައިގަތް ކަމުގައި ވިއަސް، ނަމާދު އަޅައިފުމުގެ ނުބައިކަމުގެ ބޮޑުކަން ޢިލްމުވެރިންގެ ބަސްފުޅުތަކުން އެނގި ސާބިތުވެއެވެ.

މަތީގައި ބަޔާންވެދިޔައީ ހަމައެކަނި ކަންނެތް ކަމާއެކު ނަމާދު އަޅާމީހާއާ މެދު އޮތް ޙުކުމެވެ. މިގޮތުން ނަމާދު ނުކުރާމީހާއަކީ ކަނޑައެޅިގެން ހުރި ކާފަރެއްކަމުގައި ދަންނަބޭކަލުން އެއްބަސްވެ ވަޑައިނުގަތްކަމުގައި ވިއަސް ނަމާދަކީ ފަރުޟެއް ނޫންކަމާއި އިސްލާމްދީނުގެ އަޅުކަމެއްނޫން ކަމުގައި ބުނެފި ކޮންމެ މީހަކީ ނުވަތަ އެގޮތަށް ދެކެފި ކޮންމެ މީހަކީ ކަނޑައެޅިގެން ހުރި ކާފިރެއްކަމާމެދު ދަންނަބޭކަލުންގެ އިޖްމާޢުން ސާބިތުވެފައި ވެއެވެ. އަދި މިފަދަ މީހަކު މަރުވެއްޖެނަމަ އޭނާއަކަށް ހިނެވުމެއް، ނަމާދުކުރުމެއް ނެތެވެ. މުސްލިމުންގެ ޤަބުރުސްތާނެއްގައި ވަޅުލުމެއް ވެސް ނެތެވެ. އޭނާއަކަށް ވާރުތަ މުދާ ލިބުމެއް ނުވެއެވެ. އަދި އޭނާގެ ކިބައިން ވާރުތައެއްވެސް ނުލިބޭނޭ މެއެވެ. އޭނާގެ ޙުކުމަކީ މުރުތައްދުވެއްޖެ މީހާގެ ޙުކުމެވެ.[5]

 [1] ސޫރަތުއްރޫމް (31)

[2] އަޙްމަދު، ބުޚާރީ ފިޔަވައި ފަސްއިމާމުން، ދާރަމީ

[3] އަޙްމަދު، ތިރްމިޛީ، އަބޫދާއޫދު

[4] އައްތަރްޣީބު ވައްތަރްހީބު، ފިޤްހުއްސުއްނާ.

[5] ނަވަވީ (އަލްމަޖްމޫޢު) އިބްނުތައިމިޔާ (އަލްފަތާވާ)


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި