Noorul-islam.NET :: އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 4 - اللَّـهٌ

އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 4 - اللَّـهٌ
Category »  أسماء الله الحسنى

ތާރީޚް: 15 ޖުލައި 2016

ދިވެހިބަހަށް ގެނައީ : އައްތާއިބާތު

 

"اللَّـهٌ"  މިއިސްމުފުޅުގެ މާނައަކީ ހަމައެކަނި އަޅުކަން ޙައްޤުވެގެންވާ ފަރާތެވެ. ﷲގެ މިނަންފުޅަކީ ﷲގެ އެންމެމަތިވެރި ނަންފުޅެވެ. އަދި އެންމެ ތަފާތު (unique) ނަންފުޅުވެސްމެއެވެ. އިލާހުގެ މާނަ ދޭހަވުމުގެ އިތުރުން، މިއިސްމުފުޅަކީ ﷲގެ ޒާތުފުޅަށް އެއިސްމުފުޅަކުން ނަންދެއްވާފައިވާ އިސްމުފުޅެވެ. ދުޢާ ކުރުމުގައި، އިލާހު ނުވަތަ ކަލާނގެ ބޭނުންކުރުމުގެ ބަދަލުގައި މިއިސްމުފުޅު ބޭނުންކުރުމުން, އެދެންނެވެނީ އެއިލާހުގެ ޒާތުފުޅަށް އެއިލާހު ދެއްވާފައިވާ ޚާއްޞަ ނަންފުޅުންނެވެ. އެއީ އިންސާނާއާއި އޭނާގެ ވެރިއިލާހާއި ދެމެދު ގުޅުވައިދޭ ބާރެކެވެ.

އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވާ ގޮތުގައި ﷲ އައިސްފައި ވަނީ "الإله" މިބަހުންނެވެ. "الـ" ޢަރަބި ބަހުގައި ބޭންކުރަނީ ނަން ޚާއްޞަ ކުރުމަށެވެ. އަދި އިލާހަކީ އަޅުކަންވެވޭ ފަރާތެވެ. ދުނިޔޭގެ އެކިބަސްބަހުން އިލާހަށް ބޭނުންކުރާ ނަންތަކަށް ބަލާލާއިރު ގިނަކުރެވެންނޯންނަ އަދި ޖިންސަކަށް ނިސްބަތްވާގޮތަށް ބަދަލުކުރެވެން ނޯންނަ ހަމައެކަނި ނަމަކީ ﷲއެވެ. މިއިސްމުފުޅު ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲއެވެ.

މި އިސްމުފުޅަކީ ﷲއަށް ލިބިވޮޑިގެންވާ މަތިވެރިކަމާއި ބާރާއި އެއިލާހުގެ އެންމެހައި ސިފަފުޅުތަކެއް އެއިސްމުފުޅެއްގެ ދަށަށް ވަދެގެންދާ މަތިވެރި އިސްމުފުޅެވެ. މި އިސްމުފުޅު ފިޔަވައި، އެއިލާހުގެ ހުރިހާ އިސްމުފުޅުތަކަކީ "ﷲ" މިއިސްމުފުޅު ބަޔާންކޮށް، ޝަރަޙަކޮށްދޭ އިސްމުފުޅުތަކެވެ.

ﷲތަޢާލާ އެއީ ކޮންފަރާތެއްތޯ ސުވާލުކުރުމުންވެސް ހިތް ތުރުތުރު އަޅައިގެންދެއެވެ. އަޅުގަނޑުމެން ކުރަންމިއުޅޭ މަސައްކަތަކީ އާދައިގެ ކަމެއްނޫނެވެ. އަޅުގަނޑުމެން ދަސްކުރަން މިއުޅެނީ ﷲއަކީ ކޮންފަރާތެއްކަމެވެ. އެއީ އަޅުގަނޑުމެން ނެތުމުގެ ތެރެއިން އުފެއްދެވިފަރާތެވެ. އެއިލާހުގެ މައްޗަށް އެހެން އެއްވެސް ފަރާތަކަށް ބާރު ނުފޯރުވޭނެ މަތިވެރި ފަރާތެވެ. އަޅުގަނޑުމެންގެ  މިދަތުރަކީ، އަޅުގަނޑުމެންނަށް މީގެ ކުރީގައި ދުވަހަކުވެސް ﷲތަޢާލާ މަޢުރިފާކޮށް ދެނެގަނެވިފައި ނުވާ މިންވަރަށް އެއިލާހު މަޢުރިފާކޮށް ދަސްކުރުމަށް ފަށާ ދަތުރެކެވެ. އެންމެ ފުރަތަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ އެއްކަމަކީ އެއިލާހަކީ އަޅުގަނޑުމެންނަށް ވިސްނޭނެ ވަރަށްވުރެ މާ މާތް، މަތިވެރި ފަރާތެއްކަމެވެ. އެހެންނަމަވެސް އަޅުގަނޑުމެން މިތިބީ އެއިލާހަށް ހެޔޮގޮތުގައި އަޅުކަން ކުރުމަށްޓަކައި އެއިލާހު ތަޢާލާ ދެނެގަތުމަށް އަޅުގަނޑުމެންގެ ކުޅަދާނަކަންހުރި އެންމެ މަތީ ދަރަޖައަކަށް މަސައްކަތް ކުރުމަށެވެ. ގަދައަޅާ މަސައްކަތްކުރާ އަޅުންދެކެ ﷲތަޢާލާ ލޯބިވެވޮޑިގަންނަވައެވެ.

އެންމެ ފުރަތަމަ އެއިލާހުގެ ވަޙީބަސްފުޅުގެ ޒަރީޢާއިން އެއިލާހު ދަނެގަތުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ޤުރުއާނުގެ ބައެއް އާޔަތްތަކުގައި ﷲތަޢާލާ އެއިލާހުގެ ޒާތުފުޅު ތަޢާރަފުކޮށް ދެއްވާފައިވެއެވެ.

ﷲ ވަޙީކުރައްވަނީ:

اللَّـهُ لَا إِلَـٰهَ إِلَّا هُوَ الْحَيُّ الْقَيُّومُ ۚ لَا تَأْخُذُهُ سِنَةٌ وَلَا نَوْمٌ ۚ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ مَن ذَا الَّذِي يَشْفَعُ عِندَهُ إِلَّا بِإِذْنِهِ ۚ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ ۖ وَلَا يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلَّا بِمَا شَاءَ ۚ وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالْأَرْضَ ۖ وَلَا يَئُودُهُ حِفْظُهُمَا ۚ وَهُوَ الْعَلِيُّ الْعَظِيمُ ﴿٢٥٥﴾

اللَّه އީ، އެކަލާނގެ ފިޔަވައި حق ވެގެން އަޅުކަމެއް ވެވޭ إله އަކުނުވާ ރަސްކަލާނގެއެވެ. ދިރިދެމިވޮޑިގެންވާ، دائم އަށް قائمވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އަވަހާރަފުޅު އައުމެއް އަދި، އަވަހާރަފުޅު ލެއްޕެވުމެއްވެސް އެކަލާނގެއަކަށް ނުވެއެވެ. އުޑުތަކުގައި ވާހައި އެއްޗަކާއި، އަދި، ބިމުގައި ވާހައި އެއްޗެއް މިލްކުވެގެންވަނީ އެކަލާނގެއަށެވެ. އެކަލާނގެ إذن ފުޅާ ނުލައި އެކަލާނގެ حضرة ގައި شفاعة ތެރިވާނޭ މީހަކީ ކާކުހެއްޔެވެ؟ އެއުރެންގެ ކުރިން (އެބަހީ: خلق ތަކުންގެ ކުރިން) އިސްވެގޮސްފައިވާހައި ކަމަކާއި، އެއުރެންގެ ފަހުން ވާނޭހައި ކަމެއްވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި، އެކަލާނގެ علم ފުޅުގެ ތެރެއިން އެކަލާނގެ އިރާދަކުރެއްވިކަމެއް ފިޔަވައި، އެއްވެސް އެއްޗެއް އެއުރެންނަކަށް އެނގިގެނެއް ނުވެއެވެ. އެކަލާނގެ كرسى، އުޑުތަކާއި، ބިމުގެ އެންމެހައި ކަންކޮޅުތަކަށް ތަނަވަސް ވެގެންވެއެވެ. އެ އުޑުތަކާއި، ބިން، ރައްކާތެރި ކުރައްވައި ހިފެހެއްޓެވުމަށް އެކަލާނގެ حضرة އަކަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި، އެކަލާނގެއީ، އެންމެ މަތިވެރި އެންމެ މާތް ރަސްކަލާނގެއެވެ.

 

اللَّـهُ نُورُ السَّمَاوَاتِ وَالْأَرْضِ ۚ مَثَلُ نُورِهِ كَمِشْكَاةٍ فِيهَا مِصْبَاحٌ ۖ الْمِصْبَاحُ فِي زُجَاجَةٍ ۖ الزُّجَاجَةُ كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِن شَجَرَةٍ مُّبَارَكَةٍ زَيْتُونَةٍ لَّا شَرْقِيَّةٍ وَلَا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ وَلَوْ لَمْ تَمْسَسْهُ نَارٌ ۚ نُّورٌ عَلَىٰ نُورٍ ۗ يَهْدِي اللَّـهُ لِنُورِهِ مَن يَشَاءُ ۚ وَيَضْرِبُ اللَّـهُ الْأَمْثَالَ لِلنَّاسِ ۗ وَاللَّـهُ بِكُلِّ شَيْءٍ عَلِيمٌ ﴿٣٥﴾

اللَّه އީ، އުޑުތަކާއި، ބިމުގެ نور އެވެ. އެކަލާނގެ نور ފުޅުގެ مثال އަކީ، އެއްފަރާތުން އަނެއްފަރާތަށް ފޫވެއްޓިފައިނުވާ، އާނގެއްގެ مثال އެވެ. އެ އާނގުގެ ތެރޭގައި، ބައްތިއެއްވެއެވެ. އެ ބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެ ބިއްލޫރިގަނޑު، ރަންމުތުގެ ތަރިއެއްފަދައެވެ. އެ ބައްތި ދިއްލެނީ، بركات ތެރި ޒައިތޫނި ގަހަކުންނެވެ. އިރުމަތީގެ ގަހެއްނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެ ގަހުގެ ތެޔޮ، އޭގައި އަލިފާން ނުބީހުނަސް އަލިކުރާން ގާތްވެފައިވެއެވެ. އަލިކަމެއްގެ މައްޗަށްހުރި އަލިކަމެކެވެ. އަދި اللَّه، އެކަލާނގެ އިރާދަކުރެއްވި މީހަކަށް، އެކަލާނގެ نور ފުޅަށް މަގުދައްކަވަތެވެ. އަދި اللَّه، މީސްތަކުންނަށް مثال ތައް ޖައްސަވައިދެއްވަތެވެ. اللَّه އީ، ކޮންމެކަމެއްމެ، މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

 

قُلْ هُوَ اللَّـهُ أَحَدٌ ﴿١﴾ اللَّـهُ الصَّمَدُ ﴿٢﴾ لَمْ يَلِدْ وَلَمْ يُولَدْ ﴿٣﴾وَلَمْ يَكُن لَّهُ كُفُوًا أَحَدٌ ﴿٤

ކަލޭގެފާނު ވިދާޅުވާށެވެ! އެއީ އެއްކައުވަންތަ اللَّه އެވެ. اللَّه އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ. އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ. އަދި އެކަލާގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.

މިއާޔަތްތަކުގައި ﷲތަޢާލާ އެވަނީ އެއިލާހަކީ ކޮންފަރާތެއްކަން ބަޔާންކޮށްދެއްވައި އަޅުގަނޑުމެންގެ ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ. އެއިލާހަކީ ފެށުމެއްނެތި އިސްވެ ވޮޑިގެންވާ، އަދި ނިމުމެއްނެތި ދެމިވޮޑިގެންވާ އިލާހެވެ. ﷲގެ ޢިއްޒަތްވަންތަކަމާއި މަތިވެރިކަމުގެ ބޮޑުކަމުން އެއިލާހު ދެނެގަތުން ޙައްޤުވެގެންވާގޮތަށް ދެނެގަތުމަކީ އެއިލާހު ފިޔަވައި އެހެން ފަރާތަކަށް ކުޅަދާނަވެގެންވާކަމެއް ނޫނެވެ. އެއިލާހު ކަންތައް ކުރައްވަނީ މެޝިންތަކުގެ އެހީއަކު ނޫނެވެ. އެއިލާހު ކަންތައްތައް މިންކުރައްވަނީ އަޅުގަނޑުމެން އިންސާނުން ގޮތަށް، ސިކުނޑީގެ ބޭނުންކޮށްގެންނެއްނޫނެވެ. އެއިލާހަށް މުއްސަނދިކަން ލިބިވޮޑިގެންވަނީ އެކަން ހޯދައިގަންނަން މަސައްކަތް ކޮށްގެނެއްނޫނެވެ. ނޫނެވެ. ވަގުތަކީ އެއިލާހަށް އެއިން އަސަރެއް ކުރާނެކަމެއް ނޫނެވެ. އެހެނީ ވަގުތު އުފެއްދެވީ ﷲއެވެ. އެއިލާހު ކަމެއްވުމަށް އިރާދަކުރައްވައިފިނަމަ ވާށޭ ވަޙީ ކުރެއްވުމުން އެކަމެއް ވެދެއެވެ.

ﷲގެ ޒާތުފުޅަކީ، އެ ޒާތުފުޅުގެ ޙަޤީޤަތް އަޅުގަނޑުމެންނަށް ވިސްނޭފަދަ ޒާތުފުޅެއްނޫނެވެ. އެހެނީ އަޅުގަނޑުމެންގެ ޚިޔާލަށް ގެނެވޭނީ އަޅުގަނޑުމެންނަށް ފެނިފައި ތަޖުރިބާ ކުރެވިފައި ހުންނަ ތަކެއްޗެވެ. އެކަމަކު ﷲ ތަޢާލާއަކީ އެއިލާހު ހެއްދެވި އެއްވެސް އެއްޗަކާއި އެއްފަދަވެގެންވާ ފަރާތެއްނޫނެވެ.

ސުވަރުގޭގައި އަޅުގަނޑުމެންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކަށް ވެގެންދާނީ ﷲތަޢާލާގެ ޒާތުފުޅު ފެނުންކަމުގައިވަނީ މިހެންވެގެންނެވެ. ﷲތަޢާލާ އެއިލާހުގެ އަޅުތަކުންގެ ލޯތަކަށް ފަރުދާވެވޮޑިގެންވީ ނަމަވެސް އެއިލާހުގެ މަތިވެރިކަން އެއިލާހު ޚަލްޤުކުރެއްވި ތަކެތިން ފެނި ހާމަވެގެންދެއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ލޯތަކަށް އެއިލާހުގެ ޒާތުފުޅު ނުފެނުނުކަމުގައިވިޔަސް އެއިލާހު ވޮޑިގެންވާކަމާމެދު ދެކޮޅުހެދޭނެ އެއްވެސް ޖާގައެއް ނެތެވެ.

އެނގޭހެއްޔެވެ؟ ﷲތަޢާލާގެ ޒާތުފުޅު ފެނި އެއިލާހާ މުޢާމަލާތު ކުރެވޭނެނަމައޭ އަޅުގަނޑުގެ ހިތަށްއެރި ދުވަސްތަކެއް އައެވެ. އޭރު އަޅުގަނޑަށް ހިތްދަތިކަމެއް ދިމާވެގެން އުޅޭވަގުތުތަކުގައި އެމައްސަލައިގެ ހައްލަކީ ކޮބައިކަން ވަގުތުން އެއިލާހުގެ ހަޟްރަތުން އެނގޭނެ ނަމައޭ ހިތަށް އަރައެވެ. ނަމަވެސް ދަންނަވަންތޯއެވެ. އަޅުގަނޑު ﷲއަށް ދުޢާކޮށް އަޅުގަނޑުގެ ހުރިހާ އުދާސްތަކެއް ބޭރުކޮށްލުމާއެކު އަޅުގަނޑަށް ދިމާވެގެން އުޅޭކަމެއްގެ ޙައްލު ލިބެއެވެ. އަދި ބައެއްފަހަރު ޙައިރާންވާފަދަ ގޮތްގޮތަށް ވަގުތުން އެއިލާހުގެ އެހީތެރިކަން ލިބެއެވެ. ﷲތަޢާލާގެ ޚާއްޞަކަމަކީ އެއީއެވެ. އެއިލާހު އިރާދަ ކުރައްވާ ކަންތައް ވެގެން ދިއުމަކަށް، އަޅުގަނޑުމެންނަށް އެއިލާހުގެ ޒާތުފުޅު ފެނި އެއިލާހުގެ އަޑުފުޅު އިވޭކަށްނުޖެހެއެވެ. އެއީ އަލް ޤަދީރެވެ. ކުޅަދުންވަންތަ އިލާހެވެ. އެއިލާހު އަޅުގަނޑުމެންގެ ލޯތަކަށް ފަރުދާވެވޮޑިވެގެން ވީނަމަވެސް އަޅުގަނޑުމެންގެ މައްސަލަތަކަށް ޙައްލު ހޯއްދަވައިދެއްވައި އަޅުގަނޑުމެންނަށް ހަމަޖެހުންގެނެސްދެއްވައެވެ. އަޅުގަނޑުމެންނަށް ފެންނަ އަޅުގަނޑުމެންނަށް އެބައެއްގެ އަޑުއިވޭ ފަރާތްތަކަށް ނުކޮށްދެވޭ ކަންތައްތައް އެއިލާހު އަޅުގަނޑުމެންނަށް ފަހިކޮށްދެއްވައެވެ. ސުބުޙާނަﷲ.......

އަޅުގަނޑަށް ވަރަށް ރީތި ވަރަށް ގަޔާވާ އެއް ދުޢާއަކީ بِسْمِ اللَّهِ الَّذِي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الْأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ الْعَلِيمُ މާނައީ: ﷲގެ އިސްމުފުޅުގެ ބަރަކާތުން ރައްކާތެރިކަން ލިބިގަންނަމެވެ. އެއިލާހުގެ އިސްމުފުޅުގެ ބަރަކާތާއެކު ބިމާއި އުޑުން އެއްވެސް އެއްޗެއްގެ ގެއްލުމެއް ނުފޯރާނެއެވެ. އަދި އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ ދެނެވޮޑިގެންވާ އިލާހެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ޙަދީޘްފުޅެއްގައިވާ ގޮތުން މިދުޢާ ހެނދުނު ކިޔައިފިމީހަކަށް ހަވީރުވުމާ ޖެހެންދެން އެއްވެސް އެއްޗެއްގެ ފަރާތުން ގެއްލުމެއް ކުރިމަތި ނުވާނެއެވެ. އަދި ހަވީރު ތިންފަހަރު ކިޔައިފިނަމަ ހެނދުނާ ހަމައަށް އެއްވެސް އެއްޗެއްގެ ފަރާތުން ގެއްލުމެއް ކުރިމަތި ނުވާނެއެވެ. މިއީ ﷲގެ އިސްމުފުޅުގެ ބާރުގަދަކަމެވެ. އެއިލާހުގެ ނަންފުޅު ޒިކުރުކޮށްލުމުންވެސް އެފަދަ އަމާންކަމެއް ލިބިގެންދެއެވެ.

ﷲގެ އިސްމުފުޅުން ކަންކަން ފެށުމަށް އަންގަވާފައިވަނީ މިސަބަބަށްޓަކައެވެ. މި އިސްމުފުޅުގެ ބާރު ހިތްމައްޗަށް ގެނެސްގެންވާޙާލު ދުލުން މިއިސްމުފުޅު ކިޔުމުން މުޞީބާތްތަކުން ސަލާމަތްވެ އަމާންކަން ލިބިގެންދެއެވެ. މިއިސްމުފުޅު ޒިކުރުކޮށްލުމާއެކުވެސް ވަގުތުން ޝައިޠާނާ އެތަނަކުން ނިކުމެގެންދެއެވެ. ﷲގެ އިސްމުފުޅު ކިޔަވައިފި އެއްޗެއް ނުވަތަ ތަނެއް ނުވަތަ މީހެއްގެ ގައިން ޝައިޠާނާއަކަށް ޖާގައެއް ނޯންނާނެއެވެ. މިއިން ދޭހަކޮށްދެނީ ﷲގެ މަތިވެރިކަމާއި ޝައިޠާނާގެ ކެތްތެރިކަމެއް ނެތް މިންވަރެވެ. ހަމައެކަނި ﷲގެ އިސްމުފުޅު ކިޔާލުމުން އެ ޝައިޠާނާ ބިރުން ފިލައިރައްކާވެއެވެ. އަޅުގަނޑުމެން ކިތަންމެ ގިނައިރަކު ﷲތަޢާލާ އާއި ބެހޭގޮތުން ވާހަކަދެއްކިޔަސް އެވާހަކަތައް ފުރިހަމައެއް ނުވާނެއެވެ. ﷲތަޢާލާ މަޢުރިފާކޮށް ދަސްކުރުމަށް އަޅަމެން ކުރާ މަސައްކަތުގައި ބަރަކާތްލައްވައި އެމަސައްކަތުގެ ފައިދާ މިންވަރުކޮށްދެއްވާށި! އާމީން


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި