Noorul-islam.NET :: އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 2 - ތަޢާރަފް
އެންމެ ރިވެތިވެގެންވާ އިސްމުފުޅުތައް - 2 - ތަޢާރަފް
Category »  أسماء الله الحسنى

ތާރީޚް: 29 ޖޫން 2016

ދިވެހިބަހަށް ގެނައީ : އައްތާއިބާތު

 

އައްސަލާމު ޢަލައިކުމް ވަރަޙްމަތުﷲ ވަބަރަކާތުހޫ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ އެންމެހައި ލޮބުވެތި އުޚްތުންނާއި ބައްދަލު ކޮށްލުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި މިބައްދަލުވުމަކީ ﷲއަށްޓަކައި ވެވޭ ބައްދަލުވުމަކަށް ވާކަމީ އަދި ވަކިންބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭ ކަމެކެވެ.

އެންމެ ފުރަތަމަ އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުމެންގެ ޓީމު ތަޢާރަފްކުރުމަށެވެ. އަޅުގަނޑުމެން މިމަސައްކަތް ފެށީ ކީޢްވެގެންކަމާއި އަދި އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ކޮބައިކަމާއި އަދި މަސައްކަތާއިގެން ކުރިޔަށްދާނީ ކިހިނެއްކަން ޙިއްސާކޮށްލުމަށެވެ.

ވަރަށް މަޝްހޫރު ޙަދީޘެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ﷲތަޢާލާއަށް 99 އިސްމުފުޅުވެއެވެ. އެއިސްމުފުޅުތައް ދަސްކޮށް ދިރިއުޅުމުގައި ބޭނުންކޮށްފިމީހާ ސުވަރުގެވަންނާނެއެވެ.

މަތީގައި އެވަނީ ޙަދީޘުގެ މާނަ އަޅުގަނޑުގެ އަމިއްލަ ޢިބާރާތުންނެވެ. އަޅުގަނޑުގެ ގުރޫޕުން މަސައްކަތްފެށީ ﷲގެ ރީތިވެގެންވާ ނަންފުޅުތައް ދަސްކުރުމުގެ ނިޔަތުގައެވެ. މި އިސްމުފުޅުތައް ދަސްކުރުމުގެ މާނައަކީ އިސްމުފުޅުތައް ހިތުން ދަސް ކުރުމެއް ނޫނެވެ. މީގެ މާނައަކީ އެއިސްމުފުޅުތަކުގެ މާނަ ތަފްޞީލުކޮށް ފަހުމުވާ މިންވަރަށް ފުންކޮށް ދަނެގަތުމެވެ. އަދި އެއިސްމުފުޅުތަކުގެ މާނަ ފަހުމުވުމުގެ ސަބަބުން އަޅުގަނޑުމެންގެ ޙަޔާތަށް ހެޔޮބަދަލުތަކެއް ގެނައުމެވެ.

ﷲ ތަޢާލާގެ ނަންފުޅުތައް ދަސްކުރުމަކީ އެއިލާހު މަޢުރިފާކޮށް ދެނެގަތުމެވެ. މިހިތްގައިމު ދަތުރު ފެށިއިރު އަޅުގަނޑު ހިތަށްއެރީ މިހުރިހާ ދުވަސްވީއިރު އަޅުގަނޑު އުފެއްދެވި ފަރާތަކީ ކޮންފަރާތެއްކަން ކޮންކަހަލަ ފަރާތެއްކަން ހޯދަން ނޫޅޭ މިކުރީ ކީއްބާވައެވެ. އެއިލާހު ނޭނގި އަޅުގަނޑުމެންނަކަށް އެއިލާހަށް ޙައްޤުގޮތުގައި އަޅުކަން ނުކުރެވޭނެއެވެ. މިދުނިޔޭގެ މިސާލެއް ނަގަމާ ހިނގާށެވެ. އަޅުގަނޑުމެން ވިޔަފާރިއެއް ފަށަން ބައިވެރިއަކު އިޚްތިޔާރުކުރާނަމަ އެއީ ކޮންކަހަލަ މީހެއްކަން ނޭނގޭ މީހަކާއެކު އެކަމެއް ނުކުރާނެއެވެ. ހަމަޔަޤީނުންވެސް އެއީ ކޮންކަހަލަ މީހެއްތޯއާއި ކިހާ އިތުބާރު ކުރެވޭ މީހެއްތޯ އާއި އެހެންގޮސް އެތައްކަމެއް ބަލާނެއެވެ.

އަޅުގަނޑުމެންގެ ޙަޔާތަކީ ﷲއާއި މެދުވެފައިވާ އެއްބަސްވުމެއް ފަދަކަމެކެވެ. މިވަގުތީ ޙަޔާތުގެ އުފާތަކުގެ ބަދަލުގައި ﷲވަނީ ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވަން ވަޢުދުވެވޮޑިގެންފައެވެ. އެހެންކަމުން މިއެއްބަސްވުން އަޅުގަނޑުމެން ޤަބޫލުކުރާއިރު އެފަރާތަކާއި ދެމެދު އެއްބަސްވެވޭ ފަރާތަކީ ކޮންފަދަ ފަރާތެއްކަން އަޅުގަނޑުމެންނަށް އެނގެންނުޖެހޭ ތޯއެވެ؟ ހޯދާ ބަލަން ނުޖެހޭތޯއެވެ؟

ﷲތަޢާލާގެ މިރީތި އިސްމުފުޅުތަކުގެ ޒަރީޢާއިން އެއިލާހު މަޢުރިފާވެ އެއިލާހުދެކެ ލޯބިއިތުރުވެގެންދާކަމީ މިއިސްމުފުޅުތަކުގެ ފުރިހަމަކަމާއި ރީތިކަން ހާމަވެގެންދާކަމެކެވެ. މި ބިންމަތީގައި އެއްވެސް މީހަކަށް އެއިލާހަކީ ކޮންފަރާތެއްކަން އެނގުމަށްފަހު އެފަރާތްދެކެ ލޯބިނުވުމަކީ ވާނެކަމެއް ނޫނެވެ. އަދި ތިބާއަށް އެއިލާހުދެކެ ލޯބިވެވުމުން އެއިލާހު ތިބާގެ ފަރާތުން އެދޭ ހުރިހާ ކަމެއް ރަނގަޅަށް ފުރިހަމައަށް ކުރަން މަގުފަހިވެގެންދެއެވެ. ހުރިހާ އަޅުކަމެއް ހިތުގެ އެންމެ ފުންމިނުން ކުރެވޭނެއެވެ. އަޅުކަންތައް ބުރައަކަށްވުމުގެ ބަދަލުގައި އުފަލަކަށް ވެގެންދާނެއެވެ.

ލޯތްބަކީ އަޅުގަނޑުމެންގެ މައްޗަށް ކިހާ ނުފޫޒު ފޯރުވާ އެއްޗެއްކަން އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް އެނގޭނެއެވެ. ލޯތްބައްޓަކައި އަޅުގަނޑުމެންނަށް ކޮންމެފަދަ ޤުރުބާނީއެއްވެސް ވެވިދާނެއެވެ. އެއްވެސް ބުރަކަމެއް އިޙްސާސްނުވެ ހިތްހަމަޖެހިގެންވާ ޙާލު ލޯތްބަށްޓަކައި ކޮންމެ ކަމެއްވެސް ކުރެވިދާނެއެވެ.

ލޮބުވެތި އުޚްތުންނޭވެ! ޤަބޫލުކުރާށެވެ! މިފަދަ ލޯތްބެއް ﷲތަޢާލާދެކެ ވެވިއްޖެނަމަ އެއިގެ ސަބަބުން ކުރާނެ އަސަރު މާ ބޮޑުވާނެއެވެ. ޙާޞިލްވާނެކަންތައް މާ ގިނަވާނެއެވެ. އަޅުގަނޑުމެންނަށް އެނގިގެން މިދިޔައީ އަސްމާއުލް ޙުސްނާގެ ސަބަބުން އަޅުގަނޑުމެންނަށް ސުވަރުގެ ވަދެވޭ ސަބަބެވެ.

އަސްމާއުލް ޙުސްނާ ރީތިވެ ފުރިހަމަވެގެންދާ އަނެއްކަމަކީ އަޅުގަނޑުމެން ދިރިއުޅުމުގައި ކުރިމަތިލާ ކޮންމެ ކަމަކާއި ގުޅުންހުރި އިސްމުފުޅެއް އިސްމުފުޅުތަކުގެތެރެއިން ފެންނަކަމެވެ.

ޝުކުރުވެރިނުވެވޭ ޙާލަތް އަންނައިރު ތިބާއަށް (الشكور) ވެއެވެ. (ޝުކުރުވެރިފަރާތް)

ރަޙުމާއި އޯގާވެރިކަން ބޭނުންވާޙާލު ތިބާއަށް (الرحمن) ވެއެވެ. (އެންމެ ރަޙްމަތްވަންތަ)

ވަޒީފާއާއި ދަރަންޏާއި ރިޒްޤާއި ކަންބޮޑުވާޙާލު ތިބާއަށްޓަކައި (الرزّاق) ވެއެވެ. (ރިޒުޤު ދެއްވާ ފަރާތް)

ހީނުކުރާފަދަ ހަދިޔާއެއް ލިބޭއިރު ތިބާއަށް (الوهاب)  ވެއެވެ.

އަސްމާއުލް ޙުސްނާ ފަހުމުވެއްޖެނަމަ ހިތާމައާއި ކަންބޮޑުވުމާއި މާޔޫސްވުމަށް އޮންނަ ޖާގަ މުޅިން ހަނިވެގެންދާނެއެވެ. އަދި ހެޔޮކޮށް ވިސްނުމާއި، ހަމަޖެހުމާއި އުފާވެރިކަން ކޮޅުނެތް ކޮޅަށް އިތުރުވެގެންދާނެއެވެ.

އަޅުގަނޑުގެ ލޮބުވެތި އުޚްތުންނޭވެ! ﷲތަޢާލާ އެއިލާހުގެ އިސްމުފުޅުތަކަށް 'الحسنى (އެންމެ ރީތި)' ޚިޔާރުކުރެއްވީ ކީއްވެތޯއެވެ؟ އެއިލާހަށް 'އެންމެ މަތިވެރި' ދެއްވަންވެސް ޚިޔާރު ކުރެއްވުނީސް ނޫންތޯއެވެ؟ އެކަމަކު އެއިލާހު ޚިޔާރުކުރެއްވީ ' الحسنى (އެންމެ ރީތި)' އެވެ. ﷲގަންދީ ބުނަމެވެ. ﷲއަކީ އެންމެ ރީތި ފަރާތެވެ. އެއިލާހުގެ އިސްމުފުޅުތައް ހުރިހާ ގޮތަކުން ފުރިހަމަވެފައި ޗާލުވެގެންވެއެވެ.

މިކަން އަޅުގަނޑުމެންނާއެކު މިދަތުރު ފެއްޓުމުން ތިޔަބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އަޅަމެންގެ ނިޔަތް ސީދާކުރެއްވުމަށް ﷲއަށް ދުޢާ ދަންނަވަމެވެ. އަދި މިމަސައްކަތުގެ ފައިދާ އަޅުގަނޑަށާއި ތިޔަ އެންމެ ބޭފުޅުންނަށް ލިބި އަޅުގަނޑުމެންނަށް އަލް ފިރުދައުސުލް އަޢުލާ ޙާޞިލުކުރުމުގެ ވަޞީލަތެއް ކަމުގައި މިމަސައްކަތް ލައްވާށިއެވެ.

އަޅުގަނޑުމެންގެ މަސައްކަތް ފެށުމުގެ ކުރިން ބައެއްކަހަލަ ކަންތަކުގައި އޮޅުންއެރިޔަ ނުދިނުމަށްޓަކައި އެނގެންޖެހޭ ބައެއްކަންތައް ފާހަގަކޮށްލާނަމެވެ.

ރަސޫލުﷲ ޞައްލަﷲޢަލައިހި ވަސައްލަމަގެ ހަދީޘް ގައިވަނީ ﷲއަށް 99 އިސްމުފުޅުވާ ވާހަކައެވެ. އެކަމަކު ﷲއަށް ވަނީ ހަމައެކަނި 99 އިސްމުފުޅު ނޫންކަން ހަނދާން ކުރަންޖެހެއެވެ. 99 އިސްމުފުޅަށްވުރެ ގިނަ އިސްމުފުޅުތައް ﷲއަށްވެއެވެ. ބައެއް އިސްމުފުޅުތައް ޤުރުއާނުން އަނެއްބައި އިސްމުފުޅުތައް ޙަދީޘުން އަޅުގަނޑުމެންނަށް އެނގެއެވެ. އަދި އަނެއްބައި އިސްމުފުޅުތަކަކީ އަޅުގަނޑުމެންނާއި ހަމައަށް އައިސްފައިނުވާ އެއިލާހުގެ ޙަޟުރަތުގައި ވަންހަނާ ކުރެވިފައިވާ އިސްމުފުޅުތަކެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ދުޢާ ކުރައްވަމުން، ﷲތަޢާލާ އެއިސްމުފުޅުތައް ހާމަކުރައްވާފައިވާ އިސްމުފުޅުތަކާއި އެއިސްމުފުޅުތައް ވަންހަނާ ކުރައްވާފައިވާ އިސްމުފުޅުތަކުން އެއިލާހަށް  ދުޢާ ކުރެއްވި ވާހަކަ އައިސްފައިވާ ޙަދީޘުން މިކަން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. ޤުރުއާނާއި ސުންނަތުގައި އައިސްފައިވާ އިސްމުފުޅުތަކުގެ ޖުމްލަ ޢަދަދު ގާތްގަޑަކަށް 120 ކަމަށްވެއެވެ. އެއިގެ ތެރެއިން 99 އިސްމުފުޅަކީ ވަރަށް ޚާއްޞަ އިސްމުފުޅުތަކެކެވެ.

ހަމައެހެންމެ އެކި ޢިލްމުވެރިން ލިސްޓުކުރައްވާފައިވާއިރު މިޚާއްޞަ ނަންފުޅުތަކުގެތެރޭގައި ހިމަނުއްވާފައިވާ ބައެއް ނަންފުޅުތައް ތަފާތުވެފައިވެއެވެ. މިއީ މި 99 އިސްމުފުޅުކަކީ ކޮބައިކަން ލިސްޓުކުރެވިގެން އައިސްފައިވާ ޙަދީޘެއް ނެތުމުގެ ސަބަބުންނެވެ. އެހެންކަމުން ވަރަށް މަދު އިސްމުފުޅުތަކަކާއި މެދު ޢިލްމުވެރިންގެ މެދުގައި ކޮންމެވެސް ވަރެއްގެ ތަފާތެއްވެއެވެ. އެހެންނަމަވެސް މިހުރިހާ ނަންފުޅުތަކަކީވެސް ﷲގެ އިސްމުފުޅުތައް ކަމާއިމެދު ހުރިހާ ޢިލްމުވެރިންވެސް އިއްތިފާޤު ވެފައިވެއެވެ.

އަޅުގަނޑުމެން ބޭނުންކޮށްފައިވަނީ ޝެއިޚް އުޘައިމިން ލިސްޓު ކުރައްވާފައިވާ އިސްމުފުޅުތަކެވެ. ވަރަށް ގިނަ ޢިލްމުވެރިން އެގޮތުގެ މައްޗަށް ބުރަވެފައިވެއެވެ. ދުޢާ އަކީ ﷲތަޢާލާ އަޅުގަނޑުމެންގެ މިމަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބުދެއްވުމެވެ. މިމަސައްކަތް ފުރިހަމަ ކުރައްވައި މިހުރިހާ ނަންފުޅުތައް ދަސްވަންދެން ހިތްވަރު ކުރުމުގެ ތައުފީޤު ދެއްވައި މިޢަޒުމުގައި ޘާބިތުކުރެއްވުމެވެ.


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި