Noorul-islam.NET :: އިޚްލާޞްތެރިކަން

އިޚްލާޞްތެރިކަން
Category »  ދީނީ ލިޔުން

ތާރީޚް: 15 މާޗް 2014

ލިޔުއްވީ : އައިމަން ޞާލިޙް (ނޫރުލްއިސްލާމްގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރު)

 

އިސްލާމްދީނުގެ އެންމެ މުހިއްމު އެންމެ މަތިވެރި އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމުގައި ތެދުވެރިވުމެވެ. ބަހުގެ ގޮތުން އިޚްލާޞްއަކީ ތެދުކުރުމެވެ. އަދި ދެއްކުންތެރިކަމުގެ އިދިކޮޅެވެ. ޝަރުޢުގައި ޢިޚްލާޞްތެރިކަމަކީ އަޅާ  ޢަމަލުކުޅައުމުގައި އެއްވެސް އެދުމެއްނެތި  ﷲ ތަޢާލާގެ ޙަޟްރަތުން ޘަވާބާއި ދަރުމައަށް އެދި ޢަމަލުކުރުމެވެ. ނުވަތަ ހަމައެކަނި ﷲ ތަޢާލާގެ ވަޖުހަފުޅަށް އެދި ޢަމަލުކުރުމެވެ. އިޚްލާޞްތެރިކަމަކީ ދީނުގެ ޙަޤީޤަތެވެ. އަދި ރަސޫލުބޭކަލުންގެ ދަޢުވަތުގެ ތަޅުދަނޑިއެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.{ وَمَا أُمِرُوا إِلا لِيَعْبُدُوا اللَّهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ}.{ البينة 5}.މާނައީ:" ބާޠިލްމަގުން އެއްކިބާވެތިބެ، ﷲ އަށް އަޅުކަން ޚާލިޞްކުރާ ޙާލު، ﷲ އަށް އަޅުކަންކުރަން މެނުވީ އެއުރެންނަށް އަމުރުވެވިގެނެއް ނުވެއެވެ". އަދިވެސް ވަޙީކުރައްވާފައިވެއެވެ.{ قُلِ اللَّهَ أَعْبُدُ مُخْلِصًا لَهُ دِينِي}.{ الزمر 14}. މާނައީ:" ކަލޭގެފާނު ވިދާޅުވާށެވެ! އެކަލާނގެއަށް އަހުރެންގެ ދީން ޚާލިޞްކުރާ ޙާލު، އަހުރެން އަޅުކަންކުރަނީ، ހަމައެކަނި ﷲ އަށެވެ". އަދިވެސް ވަޙީކުރައްވާފައިވެއެވެ.{ الَّذِي خَلَقَ الْمَوْتَ وَالْحَيَاةَ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلا وَهُوَ الْعَزِيزُ الْغَفُورُ}.{ الملك 2}. މާނައީ:" އެކަލާނގެއީ ތިޔަބައިމީހުންކުރެ އެންމެ ޢަމަލު ރަނގަޅީ ކާކުތޯ އިމްތިޙާންކުރެވުމަށްޓަކައި، މަރުވުމާއި، ދިރިހުރުން، އުފެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެއީ ޢަޒީޒްވަންތަ، ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ".

ފުޟައިލް ބުނު ޢިޔާޟް ރަޙިމަހުﷲ މިއާޔަތާއި ބެހޭގޮތުން ވިދާޅުވެފައިވެއެވެ. އެންމެ "ރަނގަޅު ޢަމަލު"ގެ މުރާދަކީ އެންމެ އިޚްލާޞްތެރި އަދި އެންމެ ސިދާ ޢަމަލެވެ. އަދި ވިދާޅުވިއެވެ. ހަމައެކަނި ޢަމަލު އިޚްލާޞްތެރިވެފައި ސިދާ ނުވަނީނަމަ ޢަމަލު ޤަބޫލުނުކުރެވޭ ހުއްޓެވެ. އަދި ހަމައެކަނި ޢަމަލު ސީދާވެފައި އިޚްލާޞްތެރިނުވަނީނަމަ ޢަމަލު ޤަބޫލޫ ނުކުރެއްވޭ ހުއްޓެވެ. އިޚްލާޞްތެރިކަމަކީ ﷲ އަށްޓަކައި ޢަމަލުކުރުމެވެ. އަދި ޢަމަލުގައި ސީދާވުމަކީ އެއިލާހުގެ ނަބިއްޔާގެ ސުންނަތާއި އެއްގޮތަށް ޢަމަލުކުރުމެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ.{ شَرَعَ لَكُمْ مِنَ الدِّينِ مَا وَصَّى بِهِ نُوحًا وَالَّذِي أَوْحَيْنَا إِلَيْكَ وَمَا وَصَّيْنَا بِهِ إِبْرَاهِيمَ وَمُوسَى وَعِيسَى أَنْ أَقِيمُوا الدِّينَ وَلا تَتَفَرَّقُوا فِيهِ كَبُرَ عَلَى الْمُشْرِكِينَ مَا تَدْعُوهُمْ إِلَيْهِ اللَّهُ يَجْتَبِي إِلَيْهِ مَنْ يَشَاءُ وَيَهْدِي إِلَيْهِ مَنْ يُنِيبُ }.{ الشورى 13}. މާނައީ:" ތިޔަބައިމީހުންނަށްޓަކައި އެކަލާނގެ ޝަރުޢުކުރެއްވި ދީނަކީ، އެކަލާނގެ ނޫޙުގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. އަދި ތިމަން ރަސްކަލާނގެ ކަލޭގެފާނަށް ވަޙީކުރެއްވި ދީނެވެ. އަދި އިބުރާހިމްގެފާނާއި، މޫސާގެފާނާއި، ޢީސާގެފާނަށް ވަޞިއްޔަތްކުރެއްވި ދީނެވެ. ތިޔަބައިމީހުން ދީން ޤާއިމްކުރާށެވެ! އަދި އޭގައި ތިޔަބައިމީހުން ބައިބައިނުވާހުށިކަމެވެ! ތިޔަބައިމީހުން އެކަމަކަށް ތިޔަގޮވާލާ ކަންތައް، މުޝްރިކުންގެ މައްޗަށް ބޮޑުކަމަކަށްވިއެވެ. ﷲ، އެކަލާނގެ އިރާދަކުރައްވާ އަޅަކު ޚިޔާރުކުރައްވަތެވެ. އަދި އެކަލާނގެއަށް ތައުބާވެ، ރުޖޫޢަވާމީހާއަށް ތެދުމަގު ދައްކަވަތެވެ."

އަބުލްޢާލިޔާ ރަޙިމަހުﷲ ވިދާޅުވިއެވެ. އެބައިމީހުންނަށް ވަޞިއްޔަތްކުރެވިގެން ވަނީ އަޅުކަމުގައި ޢިޚްލާޞްތެރިވުމަށެވެ. އިޚްލާޞްތެރިކަމަކީ ހިތްތަކުގެ އެންމެ މަތިވެރިވެގެންވާ ޢަމަލެވެ. އަދި އިބުނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އިސްލާމީ ޝަރީޢަތުގެ މަޞްދަރުތަކަށް ވިސްނައިފިކުރު ހިންގާލާ މީހަކަށް ހިތްތަކުގެ ޢަމަލުތަކާއި ގުނަވަންތަކުގެ ޢަމަލުތަކާއި ގުޅިލާމެހިފައި ވާކަން ދޭހަކޮށްދެއެވެ. ގުނަވަންތަކުގެ ޢަމަލުތަކަށްވުރެ ހިތްތަކުގެ ޢަމަލުތައް އަޅާއަށް މާބޮޑަށް ފަރުޟުވެގެންވެއެވެ. މުއުމިނު އަޅާއި މުނާފިޤު މީހާއި ދެމެދު ފަރަޤުކޮށްދޭ ކަމަކީ އެދެމީހުންގެ ހިތުގައި ބިންވަޅުނެގިގެންވާ ޢަމަލުނޫން ފަހެ ކޮންއެއްޗެއްބާވައެވެ. .ގުނަވަންތަކުން ކުރެވޭ ޢަމަލަށްވުރެ ހިތުންކުރެވޭ އަޅުކަން މާބޮޑުވެގެންވެއެވެ. އަދި މާގިނަވެ ދެމިހުރެގެންވެއެވެ. އެއީ ކޮންމެވަގުތެއްގައިވެސް ވުން ވާޖިބުވެގެންވާ ކަމެކެވެ.

އިޚްލާޞްތެރިކަމަކީ ޢަމަލުތައް ޤަބޫލުކުރެވުމުގެ ޝަރުތެކެވެ. ހަމަކަށަވަރުން ޢަމަލުތައް ދެޝަރުތަކާއި އެކީ މެނުވީ ޤަބޫލުނުކުރެވޭ ހުއްޓެވެ.

ފުރަތަމަ ޝަރުތަކީ ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ޝަރުޢުކުރައްވާފައިވާ ނުވަތަ ރަސޫލު ﷲ ޞައްލަﷲ ޞައްހަ ސުންނަތުން ޘާބިތުވާ ޢަމަލަކަށްވުމެވެ.{ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ }{ رَوَاهُ الْبُخَارِيُّ، وَمُسْلِمٌ}.މާނައީ:" ތިމަންނަމެންގެ ތެރެއަށް(އެބަހީ އިސްލާމްދީނަށް) އާކަމެއް ގެނެސްފިމީހާގެ ކަންތައްވަނީ މިދީނުގެ ތެރައަކުން ނޫނެވެ. ފަހެ އެކަންތައްވަނީ ރައްދުވެވިގެންނެވެ".

ދެވަނަ ޝަރުޠަކީ ﷲ ތަޢާލާގެ ވަޖުހަފުޅަށް ޢަމަލު ޚާލިޞްވެގެންވުމެވެ. ރަސޫލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.{ إِنَّمَا الْأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ إلى دُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ}{ مُتَّفَقٌ عَلَيْهِ}." ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތާ އެކީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ، އެމީހެއްގެ ހިޖުރައަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައެއްކަމަށް ވަނީނަމަ، އެހިޖުރަވަނީ ﷲއާއި އެއިލާހުގެ ރަސޫލާއަށެވެ. އަދި، އެމީހެއްގެ ހިޖުރައަކީ ދުނިޔެއަށްޓަކައި ނުވަތަ މީހަކާ ކައިވެނިކުރަން ކުރި ހިޖުރައެއްކަމަށް ވަނީނަމަ، އެމީހެއްގެ ހިޖުރަވަނީ އެހިޖުރަކުރި ކަމަކަށެވެ ".

އިޚްލާޞްތެރިކަން ނުވާ ޢަމަލަކީ ރައްދުވެވިގެންވާ ޢަމަލެކެވެ. ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ނިޔާއިއްވެވޭ މީހުންގެ ތެރެއިން ތިންމީހުންގެވެސް ނިޔާ އިއްވެވެނީ އިޚްލާޞްތެރިކަމާހުރެއެވެ.

{ إن أول الناس يقضى يوم القيامة عليه رجل استشهد فأتي به فعرفه نعمه فعرفها قال فما عملت فيها قال قاتلت فيك حتى استشهدت قال كذبت ولكنك قاتلت لأن يقال جريء فقد قيل ثم أمر به فسحب على وجهه حتى ألقي في النار ورجل تعلم العلم وعلمه وقرأ القرآن فأتي به فعرفه نعمه فعرفها قال فما عملت فيها قال تعلمت العلم وعلمته وقرأت فيك القرآن قال كذبت ولكنك تعلمت العلم ليقال عالم وقرأت القرآن ليقال هو قارئ فقد قيل ثم أمر به فسحب على وجهه حتى ألقي في النار ورجل وسع الله عليه وأعطاه من أصناف المال كله فأتي به فعرفه نعمه فعرفها قال فما عملت فيها قال ما تركت من سبيل تحب أن ينفق فيها إلا أنفقت فيها لك قال كذبت ولكنك فعلت ليقال هو جواد فقد قيل ثم أمر به فسحب على وجهه ثم ألقي في النار }{ مُسْلِمٌ}.މާނައީ:" ޤިޔާމަތްދުވަހު، މީސްތަކުންގެ ތެރެއިން އެންމެ ފުރަތަމަ ތިންމީހެއްގެ ފައިޞަލާކުރެވޭނެވެ. އޭނާ ﷲގެ ޙަޟްރަތަށް ޙާޟިރުކުރެވޭނެވެ. އަދި ﷲ އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަށް އަންގަވައި ދެއްވާނެވެ. އަދި އޭނާ އެނިޢުމަތްތައް ދެނެގަންނާނެވެ. ދެންﷲ ވަޙީކުރައްވާނެވެ. އެނިޢުމަތްތައް ތިބާ އިސްތިޢުމާލުކުރީ ކޮންގޮތަކަށްހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އިބަ ﷲގެ މަގުގައި މިއަޅާ ޝަހީދުވެއްޖެއުމަށް ދާންދެން ހަނގުރާމަކުރީމެވެ. ﷲ ވަޙީކުރައްވާނެވެ. ތިބާ ދޮގުހަދައިފިއެވެ. އެހެނެއްކަމަކު ތިބާ ހަނގުރާމަކުރީ މީސްތަކުން ތިބާއަކީ ކުޅަދާނަމީހެކޭ ބުނުމަށެވެ. އެނަން އޮތީ ތިބާއަށް ދުނިޔޭގައި ލިބިފައެވެ. ދެން އޭނާ ނަރަކައަށް އެއްލައިލުމަށް މަލާއިކަތުންނަށް ﷲ އަމުރުކުރައްވާނެވެ. އެހިނދު އޭނާ މޫނުވަތަށް ދަމަމުން ގެންގޮސް ނަރަކައަށް އެއްލައިލެވޭނެވެ. އެތިން މީހުންކުރެ އަނެކަކީ ޢިލްމި އުނގެނި އަދި އުނގަންނައިދީ އަދި ޤުރުއާން ދަސްކުރި މީހެކެވެ. އޭނާ ﷲގެ ޙަޟްރަތަށް ޙާޟިރުކުރެވޭނެވެ. އަދި ﷲ އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަށް އަންގަވައި ދެއްވާނެވެ. އަދި އޭނާ އެނިޢުމަތްތައް ދެނެގަންނާނެވެ. ދެންﷲ ވަޙީކުރައްވާނެވެ. އެނިޢުމަތްތައް ތިބާ އިސްތިޢުމާލުކުރީ ކޮންގޮތަކަށްހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. މިއަޅާ ޢިލްމު އުނގެނި އެޢިލްމު މީސްތަކުންނަށް އުނގަންނައިދިނީމެވެ. އަދި އިބަ ﷲ ގެ ރުހިވޮޑިގަތުން ޚާޞިލްކުރުމަށްޓަކައި ޤުރުއާން ކިޔެވީމެވެ. ﷲ ވަޙީކުރައްވާނެވެ. ތިބާ ދޮގުހަދައިފިއެވެ. އެހެނެއްކަމަކު ތިބާ ޢިލްމު އުނގެނުނީ މީސްތަކުން ތިބާއަކީ ޢިލްމުވެރިއެކޭ ބުނުމަށެވެ. އަދި ތިބާ ޤުރުއާން ކިޔެވީ މީސްތަކުން ތިބާއަކީ ޤާރީއެކޭ ބުނުމަށެވެ. އެނަން އޮތީ ތިބާއަށް ދުނިޔޭގައި ލިބިފައެވެ. ދެން އޭނާ ނަރަކައަށް އެއްލައިލުމަށް މަލާއިކަތުންނަށް ﷲ އަމުރުކުރައްވާނެވެ. އެހިނދު އޭނަ މޫނުވަތަށް ދަމަމުން ގެންގޮސް ނަރަކައަށް އެއްލައިލެވޭނެވެ. ތިންވަނަ މީހަކީ ﷲ ތަނަވަސްކަން ދެއްވި މީހެކެވެ. އެކި ވައްތަރު ވައްތަރުގެ މުދާ ﷲ އޭނާއަށް ދެއްވިއެވެ. އޭނާ ﷲގެ ޙަޟްރަތަށް ޙާޟިރުކުރެވޭނެވެ. އަދި ﷲ އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަށް އަންގަވައި ދެއްވާނެވެ. އަދި އޭނާ އެނިޢުމަތްތައް ދެނެގަންނާނެވެ. ދެންﷲ ވަޙީކުރައްވާނެވެ. އެނިޢުމަތްތައް ތިބާ އިސްތިޢުމާލުކުރީ ކޮންގޮތަކަށްހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އިބަ ﷲ އެމަގެއްގައި ހޭދަކުރުމަށް ރުހިވޮޑިގަންނަވާ އެންމެމަގެއްވެސް އެމުދާ ހޭދަނުކޮށް މިއަޅާ ދުލެއްނުކުރަމެވެ. ﷲ ވަޙީކުރައްވާނެވެ. ތިބާ ދޮގުހަދައިފިއެވެ. އެހެނެއްކަމަކު ތިބާ އެގޮތަށް ކަންތައްކުރީ މީސްތަކުން ތިބާއަކީ ދީލަތިމީހެކޭ ބުނުމަށެވެ. އެނަން އޮތީ ތިބާއަށް ދުނިޔޭގައި ލިބިފައެވެ. ދެން އޭނާ ނަރަކައަށް އެއްލައިލުމަށް މަލާއިކަތުންނަށް ﷲ އަމުރުކުރައްވާނެވެ. އެހިނދު އޭނަ މޫނުވަތަށް ދަމަމުން ގެންގޮސް ނަރަކައަށް އެއްލައިލެވޭނެވެ.

މިޙަދީޘްފުޅު މުޢާވިޔު ރަޟިޔަﷲ ޢަންހު އަޑުފުޅުއިވުމުން ވަރަށް ބޮޑަށް ކީރިތިކުރެއްވިއެވެ. ކީރިތިކުރައްވާ ނިމުމުން ވިދާޅުވިއެވެ. ﷲއާއި އެއިލާހުގެ ރަސޫލާގެ ބަސްފުޅު ތެދެވެ.{  مَنْ كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لا يُبْخَسُونَ . أُولَئِكَ الَّذِينَ لَيْسَ لَهُمْ فِي الآخِرَةِ إِلا النَّارُ وَحَبِطَ مَا صَنَعُوا فِيهَا وَبَاطِلٌ مَا كَانُوا يَعْمَلُونَ}{ هود 15,16}. މާނައީ: "ދުނިޔޭގެ ދިރިއުޅުމާއި، އެދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ(ދަންނާށެވެ!) އެއުރެންގެ ޢަމަލުތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުއްޓެވެ. އެއުރެންނީ އާޚިރަތުގައި ނަރަކަނޫން އެހެންތަނެއް އެއުރެންނަށް ނުވާ މީހުންނެވެ. އަދި އެއުރެންކުޅަ ކަންތައްތައް އެތާނގައި، ބޭކާރުވެގެންވެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައްތައް ބާޠިލުވެގެންވެއެވެ".

ފުޟައިލް ބުނު ޢިޔާޟް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މީސްތަކުންނަށްޓަކައި ޢަމަލު ނުކޮށްދޫކުރުމީ ދެއްކުންތެރިކަމެވެ. އަދި މީސްތަކުންނަށްޓަކައި ޢަމަލުކުރުމީ ޝިރުކެވެ. އިޚްލާޞްތެރިކަމަކީ ﷲތަޢާލާ ތިބާ އެދެކަންތަކުންވެސް ސަލާމަތް ކުރެއްވުމެވެ. އަދި ސަހްލުއްތަސްތުރީ ރަޙިމަހުﷲ އަށް ދެންނެވުނެވެ. ކަލޭގެފާނުގެ ނަފްސަށް އެންމެ އުނދަގޫވެގެންވަނީ ކޮންކަމެއްބާވައެވެ. ވިދާޅުވިއެވެ. އިޚްލާޞްތެރިކަމެވެ. ހަމަކަށަވަރުން އެއީ އެއްވެސް ނަފްސަކަށް އެކަމުގެ ނަސީބުލިބިގެންވާ ކަމެއްނޫނެވެ. ސަލަފުންގެ ބޭކަލަކު ވިދާޅުވެފައިވެއެވެ. އަޅާ އިޚްލާޞްތެރިވެއްޖެނަމަ އޭނަގެ ކިބައިން ވަސްވާސްތަކާއި ދެއްކުންތެރިކަން ހިނގައިދެއެވެ.

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި