Noorul-islam.NET :: އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރަނގަޅު ނުވުމަކީ އަހަރެންގެ ޙަޔާތުގެ ނިމުމެއް ނޫނެވެ.
އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރަނގަޅު ނުވުމަކީ އަހަރެންގެ ޙަޔާތުގެ ނިމުމެއް ނޫނެވެ.
Category »  އެޑިޓޯރިއަލް

ތާރީޚް: 17 ޖެނުއަރީ 2020

ލިޔުއްވީ : އައްޝައިޚް މުޙައްމަދު އަނީލް

 

މި ދުވަސްކޮޅަކީ ފާއިތުވީ 2019 ވަނަ އަހަރުގެ އޯލެވެލް އިމްތިޙާނުގެ ނަތީޖާ ދޫކުރަންފަށާފައިވާ ދުވަސްކޮޅެކެވެ. މިއީ ބައެއް ކުދިންނަށް އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. އެކުދިންގެ ޙަޔާތުގެ ގިނަ ވަގުތުތަކެއް ހޭދަކޮށް، ގަދައަޅައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އުއްމީދު ކުރިފަދަ ހެޔޮ ނަތީޖާއެއް ޙާޞިލުވެވުމުގެ އުފާވެރިކަމެވެ. އަނެއްބައި ކުދިންނަށް، މިއީ އެކުދިން ކުރި މަސައްކަތާއި ހޭދަކުރި ވަގުތަށް ބަލާއިރު، ހިތްދަތިވާފަދަ ނަތީޖާއެކެވެ.

މި ލިޔުމުގައި އަޅުގަނޑު ގަސްތު ކުރަނީ މި އޯލެވެލް އިމްތިޙާނުގައި އުއްމީދު ކުރިފަދަ، ރަނގަޅު ނަތީޖާއެއް ނުނެރެވުނު ކުދިންނަށް ދެތިން ބަހެއް ރައްދު ކުރުމަށެވެ.

ލޮބުވެތި ދަރިވަރުންނޭވެ! ކޮއްކޮމެންނޭވެ!.

ތިޔަ ކުދިން ކުރީ މަސައްކަތެވެ. ފަހަރުގައި ތިޔަ ކުދިންނަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރެވުނީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ ތިޔަ ކުދިންނަށް މަސައްކަތްކުރުމުގައި ރަނގަޅުކޮށްލަން ޖެހޭ ބައެއް ކަންތައް ރަނގަޅު ނުކުރެވި އޮތީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އެނޫން އެހެން ސަބަބެއް މެދުވެރިވީ ކަމަށްވެސް ވެދާނެއެވެ.

ކޮންމެ ސަބަބަކާހުރެ ކަމުގައި ވިޔަސް، ﷲ މިންވަރު ކުރެއްވި ގޮތާމެދު ރުހި ޤަބޫލުވާށެވެ! ތިމާއަށް މި ލިބުނު ނަތީޖާއަކީ މިކަމުގައި ތިމާއަށް އޮތް އެންމެ ހެޔޮ ގޮތް ކަމުގައި ޤަބޫލުކުރާށެވެ! އަހަރެމެންނަށް އެންމެ ހެޔޮ ގޮތަކީ ކޮބައިކަން ﷲ، މޮޅަށް ދެނެވޮޑިގެން ވެއެވެ. ފަހަރުގައި މި ނަތީޖާ އަކީ، ކުރިއަށް އޮތް ތަނުގައި ހިތްވަރާއެކު މަސައްކަތް ކުރުމަށް ލިބޭ ފުރުޞަތަކަށް ވެގެން ހިނގައިދާނެއެވެ. ނުވަތަ މީގެ ކުރިން ފޯކަސް ނުކުރެވި އޮތް މުހިއްމު ކަމެއް އިޞްލާޙު ކުރުމަށް ލިބޭ ފިލާވަޅަކަށްވެސް ވެގެން ހިނގައިދާނެއެވެ.

ލޮބުވެތި ދަރިވަރުންނޭވެ! ކޮއްކޮމެންނޭވެ!

ތިޔަ ކުދިންގެ ވަށައިގެންވާ މާޙައުލަށް ވިސްނާލާށެވެ! ރާއްޖޭގެ މަސްރަހަށް ވިސްނާލާށެވެ. މުޅި ދުނިޔެއަށް ނަޒަރު ހިންގާލާށެވެ! އޯލެވެލް އިމްތިޙާނުގައި ތިޔަ ކުދިންނަށްވުރެ މާބޮޑަށްވެސް ދަށް ނަތީޖާ ލިބުނު އެތައް ބަޔަކު މަތީ މަޤާމުތަކުގައި، ކާމިޔާބުގެ ހަރުފަތްތަކުގައި ތިބިތަން ތިޔަ ކުދިންނަށް ސާފުކޮށް ފެންނާނެއެވެ. ހަމަ އެހެންމެ، އެމީހުންގެ ޒަމާނުގައި ރަނގަޅު ނަތީޖާއާއެކު ނިކުތް ބައެއް މީހުންގެ ވުޖޫދެއް، ކާމިޔާބު މީހުންގެ ލިސްޓުގައި ނުވާތަންވެސް ތިޔަ ކުދިންނަށް ފެނިގެން ދާނެއެވެ.

އެހެންކަމުން ދަންނާށެވެ! ތިޔަ ކުދިންގެ އޯލެވެލް ނަތީޖާއަކީ މުޅި ޙަޔާތުގެ ނިމުމެއް ނޫނެވެ. އެއީ ތިޔަކުދިންނަކީ ނާކާމިޔާބު ކުދިން ކަމުގައި ވުން ލާޒިމު ކުރާ ކަމެއް ވެސް ނޫނެވެ. އަދި ތިޔަ ކުދިންގެ މުސްތަޤްބަލު ބަނަ ކަމުގެ ޢަލާމާތެއް ވެސް ނުމެނޫން މެއެވެ.

ލޮބުވެތި ކޮއްކޮއިންނޭވެ! އާނއެކެވެ! މައިންބަފައިންނާއި މުދައްރިސުންގެ އުއްމީދެއް ފުރިހަމަ ނުކުރެވުނެވެ. އެހެނަސް އެއީ މި ޙަޔާތުގައި ހަމަ ދިމާވެދާނެ ކަމެކެވެ. އަހަރެމެން ބޭނުންވާ، ނުވަތަ އުއްމީދުކުރާ، ނުވަތަ އެކަމަކަށްޓަކައި މަސައްކަތްކުރާ ބައެއް ކަންތައް މި ޙަޔާތުގައި ޙާޞިލު ނުވެ ދާނެއެވެ. އެއީ އެކަމާ ގުޅިގެން އަހަރެމެން އިމްތިޙާނު ކުރެއްވުމަށްޓަކައެވެ.

މުއުމިނު އަޅާއަށް ދިމާވާ ކޮންމެ ހިތްދަތިކަމަކީ އެކަމަށް އޭނާ ކެތްތެރިވެއްޖެނަމަ، އޭނާއަށް ސަވާބާއި ދަރުމަ ލިބޭނެ ކަމެކެވެ.

އެކަމުން ޢިބުރަތް ޙާޞިލުކޮށް، ރަނގަޅު ކުރަންޖެހޭ ކަންތައް ރަނގަޅުކޮށް ކުރިމަގު އިޞްލާޙު ކުރުން އެއީ ޙަޤީޤީ ކާމިޔާބުގެ ފެށުމެވެ. އެއީ މަތީގައި ދެންނެވި، އޯލެވެލްގައި ފެއިލްވި ފެއިލްވުމަކީ ފަހުން ޙަޔާތުގެ ކާމިޔާބީގެ ތަޅުދަނޑި ކަމުގައި ހެދި މީހުންގެ ފަލްސަފާއެވެ.

ލޮބުވެތި ކޮއްކޮމެންނޭވެ!

ޙަޔާތުގައި ދިމާވާ މިފަދަ ބައެއް ކުޑަކުޑަ ކަންތަކާހެދި ބައެއް ކުދިން، އަމިއްލަ ނަފްސަށް ގެއްލުންދޭތަން، ނުވަތަ އަމިއްލައަށް މަރުވާން މަސައްކަތް ކުރާ ވާހަކަ އަހަރެމެންނަށް ވަރަށް ގިނައިން އިވޭނެއެވެ. އެހެންނަމަވެސް އެފަދަ ކަމެއް ނުކުރުމަށް ޢަޒުމު ކަނޑައަޅާށެވެ.

އަމިއްލަ ނަފްސަށް ގެއްލުން ދިނުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަމިއްލައަށް މަރު ވުމަކީ ވަރަށް ބޮޑުފާފައެކެވެ. އެފާފައިން ތައުބާވާނެ ފުރުޞަތެއް ނެތް ފާފައެކެވެ. ސަބަބަކީ އެފާފަ ކުރުމާއެކު މި ނަގާލެވެނީ ޙަޔާތެވެ. ގެއްލިގެންދަނީ ތިމާގެ ފުރާނައެވެ.

ލޮބުވެތި ދަރިންނޭވެ!

މިފަދައިން ވިސްނާލާށެވެ! އަމިއްލަ ނަފްސާ ސުވާލުކޮށްލާށެވެ!

"އަހަރެންގެ އޯލެވެލް ނަތީޖާ ދަށްވުމުގެ ސަބަބުން މަންމައާއި ބައްޕަގެ ހިތްހަމަ ނުޖެހުމާ ކުރިމަތިލާން ޖެހެއެވެ. އަދި ފަހަރުގައި ހިތްހަމަނުޖެހޭ ބައެއް ބަސްތައް އަޑުއަހަންވެސް ޖެހިދެއެވެ. ނަމަވެސް އެއީ ކުޑަ ދުވަސްކޮޅަކަށެވެ. އެކަން ރަނގަޅު ކުރުމަށް ކުރިއަށްއޮތް ތަނުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަހަރެންނަށް އެބަ އޮތެވެ. އޯލެވެލް އިމްތިޙާނުގައި އަލުން ބައިވެރިވެސް ވެވިދާނެއެވެ. ނުވަތަ ފައުންޑޭޝަން ކޯހެއް ހެދުމަށްފަހު ކުރިއަށްވެސް ދެވިދާނެއެވެ.

އެހެން ނަމަވެސް، މިކަމާ ގުޅިގެން އަހަރެން އަމިއްލައަށް މަރުވެއްޖެނަމަ، ނުވަތަ އަމިއްލަ ނަފްސަށް ގެއްލުމެއް ދީފިނަމަ، އަހަރެންނަށް އޯލެވެލް އިމްތިޙާނުގައި ލިބުނު މާކްސް ރަނގަޅެއް ނުކުރެވޭނެއެވެ. އަދި އަހަރެންގެ މައިންބަފައިންގެ ހިތްހަމަނުޖެހުމާއި ހިތާމަވެރިކަމުގެ މައްޗަށް، ދާއިމީ ހިތްދަތިކަމެއް ދީފައި ދުނިޔެ ދޫކުރި މީހަކަށް މެނުވީ އަހަރެން ނުވާނެއެވެ.

އޯލެވެލް އިމްތިޙާނުގެ ނަތީޖާ ރަނގަޅު ނުވުމަކީ އަހަރެންގެ ޙަޔާތުގެ ނިމުމެއް ނޫނެވެ.

އެއީ އަހަރެންގެ ޙަޔާތުގެ އާ ޞަފްޙާއެއް ލިޔަން ފަށަން ލިބުނު ހިތްވަރެކެވެ. ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއްގެ ފިލާވަޅުތަކެއް އަހަރެންނަށް ނަގައިދިން އަގުހުރި ޙާދިޘާއެކެވެ. ﷲ އިރާދަ ކުރެއްވިއްޔާ، އަހަރެންގެ ޙަޔާތުގެ ކާމިޔާބަށް އަހަރެން ވާޞިލުވާނެ ހަރުފަތަކީ، މިއީއެވެ."

 


 

 
ހެނދުނާއި ހަވީރުގެ ޛިކުރުތައް
އަމިއްލައަށް އެދުން ފުއްދުމަކީ ކޮންކަހަލަ ކަމެއް؟
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަމުރުކުރެއްވި 7 ކަމެއް
ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!
ލަވައާއި މިޔުޒިކްއަކީ .
ނަމާދަށް ހުރެ ގައިގެ ތަންތަން ކެހުން
އިމްތިހާނާމެދު ދަރިވަރުންނަށް ވިހި ނަސޭހަތް
ވަގުތު ފާއިތުވުމުގެ ކުރިން...
މާދަމާ ތިބާއަށް ހުރީ ކޮންގޮތެއް ހެއްޔެވެ.!!!!
މަންމަން ފަޞާޙާތްތެރިޔާ
 

----------------------------------------------------------------------------------------------------------------------------------------------------------

 :: Recomended by Noorul-islam

އެމްވީ އިސްލާމް ކިޔުއޭ
ދަރުސްލައިވް
 
 

 :: Noorul-islam Seasonal Pages

ނޫރުލްއިސްލާމް - ރަމަޟާން 1431
ނޫރުލްއިސްލާމް - ޙައްޖު 1431
ޣައްޒާ 2008-2009
 

 :: Noorul-islam Static Websites

ނޫރުލްއިސްލާމް - ކުޑަކުދިންގެ ކިއްލާ
 
 
 

 :: Noorul-islam Dynamic Websites

ނޫރުލްއިސްލާމް ކުޑަކުދިންގެ ޞަފްޙާ
ނޫރުލްއިސްލާމް ދީނީ ދަރުސް
ހިދާޔަތުގެ އަލި