ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މި އަހަރު އައްޑޫ ސިޓީން ދަތުރުކުރާ މީހުންނަށް ޚާއްޞަ ކޮށްގެން "ޙައްޖު ފޯރަމް 1433" މި ނަމުގައި އެއްދުވަހުގެ ފޯރަމެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.
“މި ފޯރަމަކީ ހިތަދޫ ނޫރުލްއިސްލާމް ޖަމްޢިއްޔާ އިން އިންތިޒާމްކޮށްގެން މަރަދޫފޭދޫ ޖަމްޢިއްޔަތުލްމުވައްހިދީންއާއި ގުޅިގެން ހިންގާ ފޯރަމެކެވެ.
ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ރައީސް ޝައިޚް މުޙައްމަދު އަނީލް ވިދާޅުވި ގޮތުގައި މި ފޯރަމްގެ މަޤްޞަދަކީ މި އަހަރު ޙައްޖަށްދާ ފަރާތްތަކަށް ޙައްޖުގެ އަޅުކަމާ ބެހޭ ގޮތުންނާއި އެ ދަތުރަށް ތައްޔާރުވުމާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމެވެ.
މިއީ އައްޑޫގައި އަލަށް ފަށާ ޕްރޮގްރާމަކަށްވާތީ، ވީހާ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށް ޝައިޚް އަނީލް ވިދާޅުވި އެވެ.
ފޯރަމް ބޭއްވުމަށް ރާވާފައި ވަނީ ސެޕްޓެމްބަރު 15 ވަނަ ދުވަހު ހިތަދޫގަ އެވެ.
ފޯރަމްގައި ބައިވެރިވުމުގެ ފުރުޞަތު އައްޑޫ ސިޓީގެ ހުރިހާ އަވަށްތަކަށް ވެސް އާއްމުކޮށް މިހާރު ވަނީ ސެޕްޓެމްބަރު 8 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފަ އެވެ.
ފޯރަމްގައި ބައިވެރިވެވޭނީ ނަން ނޯޓްކުރާ ފަރާތްތައް އެކަނި ކަމަށް ނޫރުލްއިސްލާމްއިން ހާމަކުރެ އެވެ.
ހެނދުނުން ފެށިގެން ހަވީރުގެ ނިޔަލަށް ކުރިއަށްގެންދާ ގޮތަށް ބޭއްވުމަށް ހަމަޖައްސާފައިވާ މިފޯރަމްގައި މަޢުލޫމާތު ދެއްވާނީ ޝައިޚް އަނީލްގެ އިތުރުން ޝައިޚް މުހައްމަދު އަފީފާއި ޝައިޚް ޢަބްދުﷲ ޞިއްދީޤް އެވެ. މި ޝައިޚުންނަކީ މަދީނާ އިސްލާމިކް ޔުނިވާސިޓީގައި ކިޔަވާ ވިދާޅުވަމުންދިޔަ ދުވަސްވަރު ޙައްޖުގެ ކަންކަމުގައި މައްކާގައި ހަރަކާތްތެރިވެ ތަޖުރިބާ ލިބިލައްވާފައިވާ ބޭފުޅުންނެވެ.
ކުރިއަށް އޮތްތަނުގައި އައްޑޫގައި ކޮންމެ އަހަރަކު ވެސް “ހައްޖު ފޯރަމް” ބާއްވަން ވިސްނާފައިވާ ކަމަށް ވެސް ނޫރުލްއިސްލާމް ޖަމްޢިއްޔާއިން ހާމަކުރެ އެވެ.
|