ދެޙަރަމުގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާ، ރިޔާސަތުލް ޢާއްމާ ލި ޝުއޫނިލް މަސްޖިދިލްޙަރާމް ވަލް މަސްޖިދިއްނަބަވީ، (ޕްރެސިޑެންސީ އޮފް އަލްމަސްޖިދުލްޙަރާމް އެންޑް އަލްމަސްޖިދުއްނަބަވީ) ގެ ރައީސެއްގެ މަޤާމަށް، އަލްމަސްޖިދުއްނަބަވީގެ އިމާމު އަދި ޚަޠީބު، ފަޟީލަތުއްޝައިޚް ޑރ. ޢަބްދުއްރަޙްމާން ބުނު ޢަބްދުލްޢަޒީޒް އައްސުދައިސް، ޢައްޔަން ކުރައްވައިފިއެވެ.
ރަސްގެފާނު ޢަބްދުﷲ ބުނު ޢަބްދުލްޢަޒީޒް، 2012 ވަނަ އަހަރުގެ މޭއި މަހުގެ 8 ވަނަ ދުވަހު ނެރުއްވި ޤަރާރެއްގައިވާ ގޮތުން، ދެޙަރަމްގެ ކަންތައްތައް ބަލަހައްޓާ މުއައްސަސާގެ ރައީސްގެ މަޤާމަށް ޝޭޚް ސުދައިސް ޢައްޔަން ކުރައްވާފައިވަނީ، ވަޒީރެއްގެ ފެންވަރުގައެވެ.
ޝޭޚް ސުދައިސް އެމަޤާމަށް ޢައްޔަން ކުރައްވާފައިވަނީ، މީގެ ކުރިން އެމަގާމުގައި ހުންނެވި މަޢާލީ އައްޝައިޚް ޞަލިޙް ބުނު ޢަބްދުއްރަޙްމާން އަލް ޙުޞައިން އެމަޤާމުން އިސްތިއުފާ ދެއްވުމުންނެވެ. ޝައިޚް ޞާލިޙު އެމަޤާމުން އިސްތިޢުފާ ދެއްވީ އެމަނިކުފާނުގެ ޞިއްޙީ ޙާލަތު ހުރިގޮތުން ކަމަށް މަޢުލޫމާތު ލިބެއެވެ.
މަޢާލީ އައްޝައިޚް ޑރ. ޢަބްދުއްރަޙްމާން އައްސުދައިސް އަކީ އެމަނިކުފާނުގެ ޤުރްއާން ކިޔަވާވިދާޅުވުމުގެ އަޑުގެ ސަބަބުން ދުނިޔޭގެ އެތައް މިލިޔަން މުސްލިމުންނެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ.
ހިޖުރައިން 1382 ވަނަ އަހަރު ސަޢުދީ ޢަރަބިއްޔާގެ ވެރިރަށް ރިޔާޟުގައި ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި، ޝޭޚް ސުދައިސް ޤުރްއާން ހިތުދަސް ކުރައްވާފައިވަނީ، ޢުމުރުފުޅުން އެންމެ 12 އަހަރު ފުޅުގައެވެ. ހިޖުރައިން 1403 ވަނަ އަހަރު ރިޔާޟުގެ ފެކަލްޓީ އޮފް ޝަރީޢާއިން ފުރަތަމަ ޑިގްރީ ޙާޞިލު ކުރެއްވުމަށްފަހު، 1416 ވަނަ އަހަރު، މައްކާގެ އުއްމުލްޤުރާ ޔުނިވާސިޓީއިން އުޞޫލުލްފިޤްހުން ޕީއެޗްޑީ ހާޞިލު ކުރައްވާފައިވެއެވެ.
މައްކާގެ އަލްމަސްޖިދުލް ޙަރާމްގެ އިމާމެއްގެ ގޮތުގައި ޝޭޚް ސުދައިސް ޢައްޔަން ކުރެވުނީ ހިޖުރައިން 1404 ވަނަ އަހަރުގައެވެ.
|