ނޫރުލްއިސްލާމް

www.noorul-islam.net


ޤުރުއާނުގައިވާ ތެދު ސައިންޓިފިކް މައުލޫމާތު، ސައިންސްވެރީން އަންތަރީސްކޮށްފައި...!

Category »  މުޖުތަމަޢު
Tuesday, March 24, 2009
ލިޔުއްވީ : [ ބިލާލް ]


 

އިސްލާމް ދީނުގެ ޢަދުއްވުން ދަނީ އަބަދުވެސް ޤުރުއާނުން ކުށެއް ފެނޭތޯ ރެޔާއި ދުވާލު މަސައްކަތްކުރަމުންނެވެ. ހަމައެހެންމެ ޤުރުއާނުން މިޒަމާނުގެ ސައިންސާއި ފުށުއަރާ ކަމެއްވެސް ފެނޭތޯ އެމީހުން ދަނީ ބަލަމުންނެވެ. މިގޮތުން ބައެއް މީސްމީހުންވަނީ ޤުރުއާނުގެ ބައެއް އާޔަތްތަކަކީ ސައިންސާއި ފުށުއަރާ ކަންކަން ކަމަށް ދަޢުވާވެސް ކޮށްފައެވެ. ނަމަވެސް މުސްލިމުން، އެ ފަދަ އާޔަތްތަކުގެ މާނައާއި ތަފްސީރަށް ބަލައި ދިރާސާކޮށް ނިމޭ އިރު އަބަދުވެސް ކާފަރުންތައް އޮންނަނީ ނުހަނު ފާޅުކަންބޮޑު ގޮތެއްގައި ފަޟީޙަތްވެފައެވެ. މި ފަދަ ބައެއް އާޔަތްތަކާއި، އެ ފަދަ އާޔަތްތަކަށް މުސްލިމު ޢިލްމުވެރީން ދެއްވާފައި ހުންނަ ވަރުގަދަ ރައްދުތައް، މުޅި ދުނިޔެއަށް މަޝްހޫރު ދާޢީ- ޑރ ޒާކިރް ނައިކްގެ "ޤުރްއާން އެންޑް މޯޑާން ސައިންސް- ކޮންފްލިކްޓް އޯ ކޮންސިލިއޭޝަން" ބެއްލެވުމުން ފެނިގެންދާނެއެވެ.  

ކޮންމެއަކަސް ތިރީގައި މި އަލިއަޅުވާލަނީ ފަހުގެ ސައިންސްވެރީން، ކީރިތި ޤުރުއާނާއި މެދު ފާޅުކޮށްފައިވާ ބައެއް ޚިޔާލުތަކަށެވެ.

 

ޕްރޮފެސަރ ކެއިތް އެލް. މޫރް [Keith L. Moore]

މިއީ ޔުނިވާސިޓީ އޮފް ޓޮރޮންޓޯގެ ޑިޕާޓްމެންޓް އޮފް އެނެޓޮމީ އެންޑް ސެލް ބައޮލޮޖީގެ ޕްރޮފެސާއެކެވެ. މީނާއަކީ ބޭސްވެރިކަމާއި ބެހޭ ޢިލްމީ އެތަކެއް ފޮތްތަކެއްގެ މަޝްހޫރު މުޞައްނިފެވެ. މި ގޮތުން މީނާގެ "ކްލިނިކަލީ އޮރިއެންޓެޑް އެނެޓޮމީ" (ތިންވަނަ އެޑިޝަން) އާއި، ޕްރޮފެސާ ޓީ.ވީ.އެން ޕާސައުޑް އާއި އެކު ލިޔުނު "ދަ ޑިވެލޮޕިން ހިއުމަން" ފަސްވަނަ އެޑިޝަން ފާހަގަކޮށްލެވެއެވެ. މި ޕްރޮފެސަރު ކީރިތި ޤުރުއާނާއި ބެހޭގޮތުން ބުނެފައިވެއެވެ.

"ފާއިތުވެ ދިޔަ ތިން އަހަރު އަހަރެން ވާނީ ސުޢޫދީ ޢަރަބިއްޔާ، ޖިއްދާގެ ކިންގް އަބްދުލް ޢަޒީޒް ޔުނިވާސިޓީގެ އެންބްރިއޮލޮޖީ ކޮމިޓީގައި މަސައްކަތްކޮށްފައެވެ. އަދި އަހަރެންވާނީ ޤުރުއާނާއި ސުންނަތުގައިވާ އެންބްރިއޮލޮޖީއާއި ބެހޭ އާޔަތްތައް ތަފްސީރު ކުރުމުގައި އެހީތެރިވެދީފައެވެ. ޤުރުއާނުގައިވާ އެ ފަދަ އާޔަތްތައް ފެނިފައި އަހަރެން ހަމަ ހައިރާންވިއެވެ. ސަބަބަކީ ޤުރުއާނުގައި އެފަދަ އާޔަތްތައް ރިކޯޑް ކުރެވިފައިވަނީ އެންބްރިއޮލޮޖިކަލް ސައިންސްއާއި ބެހޭ އެއްވެސް އެއްޗެއް ހޯދިފައި ނެތް ދުވަސްވަރެއްގައި ކަމަށް ވުމެވެ. އެއީ ގާތްގަނޑަކަށް މީލާދީ ގޮތުން 7 ވަނަ ޤަރުނެވެ. އަހަރެންނަށް ކޮންމެވެސް ވަރަކަށް 10 ވަނަ ޤަރުނުގައި މުސްލިމް ސައިންޓިސްޓުންގެ އަގުހުރި ޚިދުމަތްތަކާއި ބެހޭ ޚަބަރު ލިބިފައިވިނަމަވެސް، ޤުރުއާނާއި ސުންނަތުގައިވާ މައުލޫމާތުގެ އެއްވެސް މިންވަރެއް އެނގިފައެއް ނެތެވެ."

ކައިރޯގައި އޮތް ކޮންފަރެންސެއްގައި، މި ޕްރޮފެސަރުގެ ދިރާސާއެއް ހާމަކޮށްފައި ބުންޏެވެ.

"ޤުރުއާނުގައިވާ އެންބްރިއޮލޮޖީގެ އާޔަތްތައް ތަފްސީރުކޮށް ދިނުމަށް އެހީތެރިވެ ދިނުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ޤުރުއާނުގައިވާ މިފަދަ އާޔަތްތައް މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އާއި ހަމައަށް އައިސްފައިވަނީ ﷲ ގެ ފަރާތުން ކަމަށް އަހަރެންނަށް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި އެނގިއްޖެއެވެ. ސަބަބަކީ ޤުރުއާނުގައިވާ މި މައުލޫމާތުތައް ސައިންސްވެރީނަށް ހޯދިފައިވަނީ ޤުރުއާން ބާވާލެއްވެވުމުގެ އެތައް ޤަރުނެއް ފަހުން ކަމަށް ވުމެވެ. އެހެންކަމުން މިކަން ދަލީލުކޮށްދެނީ މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ ﷲގެ ފަރާތުން ފޮނުވުނު ރަސޫލެއްކަމެވެ."

 

އީ. މާޝަލް ޖޯންސަން [E. Marshall Johnson]

މި ޕްރޮފެސާއަކީ ޑިޕާޓްމެންޓް އޮފް އެނެޓޮމީ އެންޑް ޑިވެލެޕްމެންޓަލް ބައޮލޮޖީގެ ޗެއާމަނެވެ. އަދި އެމެރިކާގެ ތޯމަސް ޖެފާސަން ޔުނިވާސިޓީގެ ޑެނިއަލް ބާ އިންސްޓިޓިއުޓްގެ ޑައިރެކްޓަރުވެސްމެއެވެ. މީނާ ވަނީ 200 އަށް ވުރެ ގިނަ ފޮތް ލިޔެފައެވެ. މީނާ ކީރިތި ޤުރުއާނާއި ބެހޭގޮތުން ބުނެފައިވެއެވެ.

" ކީރިތި ޤުރުއާނުގައި، ހަމައެކަނިވަނީ ރަޙިމުގައި ކުއްޖާ ހެދި ބޮޑުވަމުން ދާއިރު ބޭރުފުށުގެ ސިފަކުރުންތައް އެކަންޏެއް ނޫނެވެ. ކުއްޖާގެ އެތެރޭގެ ހެދި ބޮޑުވުމުގެ މަރުހަލާތަކަށް ދާންދެން ކިޔައިދީފައިވެއެވެ. މި ސިފަކުރުންތައްވަނީ އަދުގެ ސައިންސުން ސާބިތުވެފައެވެ."

"ސައިންސްވެރިއެއްގެ ހައިސިއްޔަތުން އަހަރެންނަށް ހަމައެކަނި އެއްޗެއް ބުނަން އެނގޭނީ ސާފުކޮށް ފެންނަން ހުރި ކަންތައްތަކާއި މެދުގައެވެ. އަހަރެންނަށް އެންބްރިއޮލޮޖީއާއި ޑިވެލޮޕްމެންޓަލް ބައޮލޮޖީ އެނގެއެވެ. ހަމައެހެންމެ އަހަރެންނަށް އެނގޭނީ ކީރިތި ޤުރުއާނުން ތަރުޖަމާ ކުރެވޭ ލަފުޒުތަކެވެ. ކުރިންވެސް އަހަރެން ދިން މިސާލުގައިވާ ގޮތަށް، މިއަދު އަހަރެންނަށް މި އެނގޭ އެއްޗެއްސާއި ކަންކަމާއިގެން ޤުރުއާން ބާވާލެއްވުނު ޒަމާނަށް ގޮސްގެން، އަހަރެންނަކަށް ޤުރުއާނުގައި ސިފަކުރައްވާފައި އެވާ ކަންތައްތަކެއް ސިފައެއް ނުކުރެވޭނެއެވެ....

މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މި މައުލޫމާތުތައް ލިބިވަޑައިގަތީ ކޮންމެވެސް ފަރާތަކުންނޭ ބުނާ ވާހަކައަށް ރައްދު ދޭނެ އެއްވެސް ދަލީލެއް އަހަރެންނަކަށް ނުފެނެއެވެ. އެހެންކަމުން އެކަލޭގެފާނު (ޞައްލަﷲ ޢަލައިހި ވަސައްލަމް) މި ވާހަކަތައް ލިޔުއްވުމުގައި ވަޙީ ލިބިވަޑައިގަތްކަމާ މެދު ދެކޮޅު ހެދޭނެ އެއްވެސް ޖާގައެއް ނެތެވެ."

 

ޓީ.ވީ.އެން. ޕާސައުޑް[T. V. N Persaud]

މިއީ އެނެޓޮމީގެ ޕްރޮފެސާއެކެވެ. އަދި ހަމައެހެންމެ މިއީ ކެނެޑާގެ ޔުނިވާސިޓީ އޮފް މެނިޓޮބާގެ ޕޭޑިއަޓްރިކްސް އެންޑް ޗައިލްޑް ހެލްތް ގެ ޕްރޮފެސާއެއް ވެސް މެއެވެ. މީނާ ވެސް ޕްރޮފެސަރ ކެއިތް އެލް. މޫރް އާއި އެކު "ދަ ޑިވެލޮޕިން ހިއުމަން" ގެ ފަސްވަނަ އެޑިޝަން ލިޔުމުގައި ބައިވެރިވިއެވެ. ކީރިތި ޤުރުއާނާއި ބެހޭގޮތުން މީނާ ބުންޏެވެ.

"ބެލެވޭ ގޮތުގައި މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ، ލިޔަން ކިޔަން ދެނެވަޑައި ނުގަންނަވާ ވަރަށް އާދައިގެ ބޭކަލެކެވެ. އަހަރެމެން މި ދައްކަނީ މި ފަދަ ބޭކަލަކު މީގެ 14 ޤަރުނު ކުރީން ބަޔާންކޮށްފައިވާ، ޒަމާނީ ސައިންސްގެ ގޮތުން ބަލާއިރު ވެސް އެއްވެސް ކަހަލަ ކުށެއް ނުފެންނަ ފަދަ ޖުމްލަތަކެއްގެ ވާހަކައެވެ.

އަހަރެންނަށް މިއީ ހަމަ އިއްތިފާގަކުން ބުނެވިފައިވާ ވާހަކަތަކެއް ކަމަކަށް އެއްގޮތަކަށްވެސް ޤަބޫލެއް ނުކުރެވެއެވެ. ސަބަބަކީ މި ހުރިހާ މައުލޫމާތެއް ހަމަ އެންމެ ކުށަކާ ނުލައި ރަނގަޅަށް ބަޔާންކޮށްފައިވުމެވެ. އެހެންކަމުން ޑރ މޫރް ފަދައިން މި ފަދަ ބަސްތަކެއް އައިސްފައިވަނީ ވަޙީގެ ޒަރީއާއިންނޭ ބުނާކަށް އަހަރެންނަކަށް އުނދަގުލެއް ނޫނެވެ."

 

ޕްރޮފެސާ ތެޖަތަތް ތެޖެސެން (Tejatat Tejesan)

މިއީ ތައިލެންޑްގެ ޔުނިވާސިޓީ އޮފް ޗިއާންގ މައިގެ ޑިޕާޓްމެންޓް އޮފް އެނެޓޮމީގެ ޗެއާމަނެވެ. އަދި ކުރީގެ ފެކަލްޓީ އޮފް މެޑިސިންގެ ޑީން އެވެ.

ޕްރޮފެސާ ތެޖެސަން ޤުރުއާނާއި އެންބްރިއޮލޮޖީއާއި ބެހޭ އެތަކެއް ލިޔުމެއް ކިޔެވެ. މީނާ ހަތަރު ދުވަސްވަންދެން މުސްލިމް އަދި ކާފަރު އެތަކެއް ޢިލްމުވެރީންނާއި އެކު ކީރިތި ޤުރުއާނާއި ޙަދީޘްތަކުގައިވާ ބައެއް ކަންތައްތަކާއި ބެހޭ ގޮތުން މަޝްވަރާކުރުމުގައި ހޭދަ ކުރިއެވެ. ސުޢޫދީ ޢަރަބިއްޔާގެ ރީޔާޟްގައި ބޭއްވުނު 8 ވަނަ ސައުދީ މެޑިކަލް ކޮންފަރެންސްގައި މީނާ ކޮޅަށް ތެދުވެފައި ބުންޏެވެ.

"ފާއިތުވެ ދިޔަ ތިން އަހަރު ތެރޭގައި ކީރިތި ޤުރުއާނާއި މެދު އަހަރެންގެ ޝަޢުޤުވެރިކަން ބޮޑުވިއެވެ. އަހަރެންގެ ދިރާސާތަކުންނާއި މި ކޮންފަރެންސްގެ ތެރެއިން ދަސްވި ކަންތައްތަކަށް ބަލާއިރު، މީގެ 1400 އަހަރު ކުރީން ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައި އެވާ ހުރިހާ ވާހަކަތަކަކީ އަދުގެ ސައިންސް ޤަބޫލުކުރާ ޙައްޤު ތެދުކަމަށް އެއްބަސްވަމެވެ.

މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ ލިޔަން ކިޔަން ދެނެވަޑައިގަންނަވާ ބޭކަލަކަށް ނުވުމާއި އެކު، އެކަލޭގެފާނު ވާނީ ޚާލިޤުވަންތަ އިލާހުގެ ފަރާތުން ވަޙީ ލިބިވަޑައިގަންނަވާ ރަސޫލަކަށެވެ. އެ އިލާހަކަށް ވާނީ ﷲ އެވެ.

އެހެންކަމުން އަހަރެން ދެކެނީ މިއީ لا إله إلاَّ الله، ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އިލާހަކު ނުވާކަމަށާއި محمد رسول الله، މުޙައްމަދު (ޞައްލަﷲ ޢަލައިހި ވަސައްލަމް) އަކީ ﷲގެ ރަސޫލާކަމަށް ބުނަންވީ ވަޤުތުކަމަށެވެ.

މި ކޮންފަރެންސްގެ ސަބަބުން އަހަރެންނަށް ލިބުނު އެންމެ އަގު ބޮޑު އެއްޗަކީ لا إله إلاَّ الله އެވެ. މުސްލިމަކަށް ވެވުމެވެ."

ދެކޭށެވެ. ސައިންސްވެރީންތައް އިސްލާމްވަނީއެވެ. މި ނޫންވެސް ހެޔޮ ބުއްދި ހުރި މީހެއް ވިއްޔާ އިސްލާމްދީން ޤަބޫލުކުރަމުން އެ ގެންދަނީއެވެ. ވީ އިރު ކީއްހެއްޔެވެ؟ އަދިވެސް އަހަރެމެން ތިބެންވީ މި ޙައްޤު ދީނަށް ޢަމަލު ނުކޮށްހެއްޔެވެ؟ އަދިވެސް އަހަރެމެންވީ ﷲ ޙަޟްރަތުން އަހަރެމެންނަށް ލިބިފައި މިވާ އަގު ބޮޑު ނިޢުމަތަށް ފުރަގަސްދީ، އެކަލާނގެ ކޯފާވެ ވޮޑިގަތުން ލިބޭނެ ކަންކަން ކުރަން ހެއްޔެވެ؟ ފަހެ އަހަރެމެންގެ މި މާތް ދީނަށްޓަކައި ފަޚުރުވެރިވާކަށް ނުވޭ ހެއްޔެވެ؟ އަހަރެމެންގެ މި ދީނަށް ރުޖޫޢަވާކަށް ނުވޭ ހެއްޔެވެ؟ ދީނުގެ ކަންކަން ދަސްކޮށް ޢަމަލުކުރަން ފެށުމުގެ ވަގުތު އަދިވެސް ނުޖެހެނީ ހެއްޔެވެ؟

 



ނޫރުލްއިސްލާމް

www.noorul-islam.net