ނޫރުލްއިސްލާމް

www.noorul-islam.net


އިސްލާމީ ދައުލަތެއް ދެކެ ބިރު ގަންނަނީ ކީއްވެ؟

Category »  މުޝްރިފްގެ ޤަލަމުން
Saturday, October 18, 2008
ލިޔުއްވީ : މުޙައްމަދު ޝަހީމް ޢަލީ ސަޢީދު


އިސްލާމީ ޝަރީޢަތަކީ ފުރިހަމަވެފައިވާ ޝަރީޢަތެކެވެ. ދައުލަތާއި ވެރިކަމުގެ ވާހަކަ އިސްލާމީ ޝަރީޢަތުގައި އައިސްފައިވެއެވެ. މުޙައްމަދުގެ ފާނު މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު، އެންމެ ފުރަތަމަ ވެސް ކުރެއްވި ކަންކަމުގެ ތެރޭގައި އިސްލާމްދީނާއި، މުސްލިމުން ޙިމާޔަތްކުރާނޭ ދައުލަތެއް އިޢުލާންކުރެއްވިއެވެ.

އިސްލާމްދީން ޙިމާޔްތަކޮށް، ދީނުގެ ޙުކުމްތަށް ތަންފީޒުކުރާ ދައުލަތެއް އޮތުމަކީ ދީނުގެ އެއްބައެވެ. އެއާ ނުލާ ދީނަށް ފުރިހަމަ ކަމެއް ނާންނާނެއެވެ. އިސްލާމްދީނާއި، ސިޔާސަތާ އެއްވެސް ގުޅުމެއް ނުވާކަމަށް ދެކެވެމުންދާ ވާހަކަތަކީ އެއްވެސް އަސްލެއް އުސޫލެއް އޮތް ވާހަކަތަކެއްނޫނެވެ.

އެހުރިހާ ވާހަކަތަކެއް ނިކުންނަނީ ޔަހޫދީންނާއި، ނަޞާރާއިންގެ ނަޒަރިއްޔާތަކުންނެވެ. އެއީ އިސްލާމްދީނާއި، މުސްލިމުން ފަހަތަށް ޖައްސާލުމަށްޓަކައި ދައްކަމުންދާ ވާހަކަތަކެކެވެ. އިސްލާމްދީނަކީ ހަމަ އެކަނި މިސްކިތަށް އޮންނަ ދީނެއްނޫނެވެ. އެއީ އަޅުކަމާއި، ވެރިކަމުގެ ދީނެވެ. ދީނުގެ އުޞޫލުތަކަށް ނަޒަރު ހިންގާލުމުން މިކަންތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފާހަގަކުރެވޭނެއެވެ.

އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ޤިޞާޞްއާއި، ޙުދޫދުތަކާއި، އަދި އެހެނިހެން ތަޢުޒީރީ އަދަބުތަކަކީ އެ ޤާއިމުކުރުން ވެރިކަމުގެ މަސްއޫލިއްޔަތުގެ ތެރޭގައިވާ ލައްވާފައިވާ ކަންކަމެވެ. އަދި ހެޔޮކަންތަކަށް އަމުރުކުރުމާއި، ނުބައި ކަންތައްތައް ނަހީކުރުމާއި، ޒަކާތްނެގުމާއި، އެ ޒަކާތް ބެހުމަކީ ޙާކިމުގެ އިސް ވާޖިބު ތަކެވެ.

އަދި ޢަދުލުވެރިކަން ޤާއިމު ކުރުމާއި، ޙައްޤުތަށް ހޯދައި ދިނުމަކީ ޙާކިމުގެ ވާޖިބުތަކުގެ ތެރެއިން ވާކަންކަމެވެ. ވީމާ އިސްލާމްދީނާއި، ސިޔާސަތާ، ނުވަތަ ވެރިކަމާ ގުޅުމެއް ނެތް ކަމަށް ބުނުމަކީ ބާޠިލު ވާހަކަތަކެކެވެ.

ޔަހޫދީންނާއި، ނަޞާރާއިންގެ މަންސޫޚުވެފައިވާ ޝަރީޢަތްތަކުގައި ވެރިކަމެއްގެ ވާހަކަ، ނުވަތަ ދައުލަތެއްގެ ވާހަކަ ބަޔާންކުރެވިފައި ނުވެއެވެ. އިސްލާމްދީނުގައި ޙާކިމާއި، ރައްޔިތުންގެ ވާޖިބުތަށް ވަރަށް ރަނގަޅަށް ބަޔާންކުރައްވާފައިވެއެވެ. އަދި ދީން ޤާއިމުކުރުމުގެ ވަރަށް ބޮޑު ބާރެއް ޙާކިމަށް ދެއްވާފައިވެއެވެ.

އިސްލާމްދީންވަނީ އެދީނުގެ ޝަރީޢަތް ޤާއިމުކުރާ ވެރިންނަށް އިޙުތިރާމާއި، ޤަދަރު ދެއްވާފައެވެ. އެފަދަ ވެރިންނަށް ކިޔަމަންތެރިކަން އަދާކުރުމަކީ އީމާންކަމުގެ ތެރެއިންވާ ކަމެއްކަމުގައި ލައްވާފައެވެ.

ނަމަވެސް ޝަރުޢުގެ ހަމަތަކުން ބޭރުވެ، އިސްލާމްދީނުގެ މަގުން އެއްކިބާވެ، މުސްލިމުންގެ ޙައްޤުތަކާމެދު އިހުމާލުވެއްޖެ ވެރިޔާ ޢަޒުލުކުރުމުގެ ޙައްޤު އިސްލާމްދީނުގައި މުސްލިމުންނަށް ދީފައިވެއެވެ. އަނިޔާވެރި ވެރިއަކަށް މުސްލިމު ޖަމާޢަތުގެ ވެރިކަމުގައި ހުރުމުގެ ފުރްޞަތު އެއްވެސް ޙާލެއްގައި ދީގެން ނުވާނެއެވެ.

މިއަދު މުސްލިމު ޤައުމުތަކަށް ކުރިމަތިވެގެން އުޅޭ، ދީނީ، އަޚުލާޤީ، ސިޔާސީ ، އިޖުތިމާޢީ މައްސަލަތަކަކީއިސްލާމީ ނިޒާމު ނެތުމުގެ ސަބަބުން ކުރިމަތިވެގެން އުޅޭ މައްސަލަތަކެއްކަމުގައި އަޅުގަނޑަށް ފެނެއެވެ. ނަމަވެސް ޔަހޫދީންނާއި، ނަޞާރާއިން މިފަދަ ދައުލަތެއް ދުނިޔޭގައި ޤާއިމުވެގެން ދިއުމަށް ބިރުގަނެއެވެ. މިހެންކަމުން މުސްލިމުންގެ ބޮލުގައި ތަފާތު ބަދުނާމުތަށް އަޅުވަމުން، މުސްލިމުންނާއި، އިސްލާމީ ޤައުމުތަކާ ހަނގުރާމަކޮށް އިނދަޖައްސަމުންދާކަމީ ދުނިޔެ ދައްކަމުން ދާ ޙަޤީޤަތެކެވެ.

ޢިރާޤު ހަނގުރާމައަށް ލަޝްކަރު ފޮނުވަމުން، އެމެރިކާގެ ރައީސް އިޢުލާންކުރެއްވީ އެއީ މުސްލިމު އުންމަތާ އެކު ކުރެވޭ ޞަލީބީ ހަނގުރާމައެއްކަމެވެ. ނަމަވެސް މުސްލިމުންގެ ފުށުން އައި ރައްދު ތަކުގެ ސަބަބުން އެއީ އޮޅިގެން ވިދާޅުވެވުނު އެއްޗެއްކަމުގައި ހެއްދެވިއެވެ. ދެން އައީ އެހެން ނަމެއްގައެވެ. އެއީ ޑިމޮކްރަސީގެ ނަމެވެ. މިނަމުގައި ޢިރާޤަށް އަރައި، އެތަން އަޅުވެތިކޮށް، އެތަށް ހާސްމުސްލިމުންނެއް ކަތިލައި، އެތާގެ ޚަޒާނާތަށް ފޭރި، މުސްލިމް އަންހެނުންގެ ޢިއްފަތްތެރިކަން ފޭރި، އެޤައުމު ބައިބައިކޮށް، އެތަށް ޖަރީމާއެއްވަނީ ހިންގާފައެވެ. މިކަމުގައި އެމެރިކާގެ އެންމެ ބޮޑު ބައިވެރިޔަކީ އިނގިރޭސިވިލާތެވެ.

ދެން އޮތީ އަފްޣާނިސްތާނެވެ. ޓެރަރިޒަމް ނައްތާލުމުގެ ނަމުގައި އެޤައުމުވަނީ އަޅުވެތިކޮށްފައެވެ. ދެން އޮތީ ފަލަޞްތީނެވެ. އެހެން ބަޔަކަށް އެތަނުގައި ދައުލަތެއް ޤާއިމުކޮށްދީ، އެތަނުގެ ރައްޔިތުން އެތަނުން ފައްސާލާފައިވެއެވެ. އަދި އެތަނުގަ ދިރިއުޅޭ ރައްޔިތުން އެބައިމީހުންގެ ޙައްޤުތަށް ހޯދައި، ބައިނަލްއަޤުވާމީ ޤާނޫނުގެ ދަށުން، ފަލަޞްޠީނޭ ކިޔުނު ދައުލަތެއް ޤާއިމުކުރުމަށް  ކުރަމުންދާ މަސައްކަތަށް ހުރަސް އަޅައި، އިސްލާމްދީން ޙިމާޔަތްކުރާ ބަޔަކު އެތަނުގެ ވެރިކަމަށް އައުމުން އެޤައުމުގެ ރައްޔިތުންގެ މައްޗަށް ވަނީ ދަތިކުރުމުގެ ފިޔަވަޅު އަޅާފައެވެ. އިންސާނީ ޙައްޤުތަކާއި، އަންހެނުންގެ ޙައްޤުތަކާއި، މުސްކުޅިންނާއި، ކުދަކުޑީންގެ ޙައްޤުތަކަށް ބަލާލުމެއްނެތި، އެބައިމީހުން އެދަނީ ބިންމަތީގައި ފަސާދަކުރަމުނެވެ. މިސިލްސިލާ އަޅުގަނޑުމެންނާ ހަމައަށް ވެސް އަންނާނޭ ކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. ނަމަވެސް އަސްކަރީ ގޮތުން ހުޅަނގުން އަޅުގަނޑު މެންނާ ހަނގުރާމަ ނުކުރާނެއެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ސިޔާސީ، އިޖުތިމާޢީ، ކަންތައްތަށް ބައްޓަން ކުރުމުގައި، ވީހާވެސް ބޮޑަށް ދީނާއި ޢަޤީދާ އާ ދުރުކުރުމަށް ހިއްވަރުދީ މަސައްކަތްކުރާނެއެވެ.

މާތް ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ޤައުމުގައި ދެވަނަ ދީނަކަށް ޖާގައެއްނެތެވެ. ނަމަވެސް އަޅުގަނޑުމެން ޣައިރު މުސްލިމުންނަށް އިޙުތިރާމްކުރަމެވެ. އެބައިމީހުންނާ މެދު ޢަދުލުވެރިވަމެވެ. މިއީ މުޅިން އެހެންކަމެކެވެ.

އިސްލާމްދީނަކީ، ޢަދުލުވެރިކަމުގެ ދީނެވެ. ޓެރަރިޒަމްގެ ދީނެއްނޫނެވެ. ރަޙުމަތުގެ ދީނެވެ. ވީމާ އިސްލާމްދީން ބަދުނާމުކުރުމަކަށް އެއްވެސް ޖާގައެއްނެތެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގެ އަފުރާދުން ދީނުގެ ނަމުގައި ހިންގަމުންދާ ބައެއް ހަރުކަށި ޢަމަލުތަކަކީ އެއީ ދީނީ ނަޒަރަކުން ބަލާއިރު، ދީނުގެ މިންގަނޑަށް ފެތޭ ކަންކަމެއްނޫނެވެ. ބަޔަކު ހިންގާ އެފަދަ ޢަމަލަކުން އަދި ދީނާ މެދު ނަފުރަތު އުފެދިގެން ނުވާނެއެވެ.

އަޅުގަނޑުމެންގެ ޤައުމަށް ވެސް އިޞްލާޙީ ބަދަލު ތަކެއް އަންނަމުންދާއިރު، އަޅުގަނޑުމެންގެ ޢަޤީދާ ޙިމާޔަތްކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ވާޖިބެއް ކަމަށް އަޅުގަނޑު ދެކެމެވެ.

ވަކިން ޚާއްޞަކޮށް ޤާނޫނު ހަދާ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. ދީނާ ތަޢާރުޟްވާ ގޮތަށް ޤާނޫނުތަށް ހެދުމުގެ ފުރްޞަތު އެބޭފުޅުން ދެއްވައިގެން ނުވާނެއެވެ.

މިހާރުވެސް ދީނުގެ ދިފާޢުގައި ވަކާލާތު ކުރައްވާ ވަރަށް ޢިއްޒަތްތެރި ބޭފުޅުން އެތަނުގައި ތިއްބަވާކަމީ އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެން އަބަދުވެސް އެބޭފުޅުންނަށް ހެޔޮ ދުޢާކުރަމެވެ. ސާބިތުކަން މަތީ ލައްވާތޯ އެވެ. މާތް ﷲ މި ދިވެހި ޤައުމު އަބަދުގެ އަބަދަށް އިސްލާމްދީނުގެ އަހުލުވެރި ބައެއްގެ ގޮތުގައި ލަހައްޓަވާށި، އާމީން.

 




ނޫރުލްއިސްލާމް

www.noorul-islam.net